2009 އޭޕްރީލް 29 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 26 ވަނަ ޖަލްސާއިން ފާސްކުރެއްވި ”ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ބިލް“ ރައީސް މުޙަންމަދު ނަޝީދު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މި ޤާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢު ކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަކީ، ވަޒީފާ އަދާކުރާ މީހުންނަށް، ޕެންޝަން ލިބިދިނުމަށްޓަކައި، ވަޒީފާދޭ ފަރާތާއި، ވަޒީފާ އަދާކުރާ ފަރާތުން ކަނޑައެޅިފައިވާ ވަކި ޢަދަދަކަށް ފައިސާ ނަގައިގެން، އެފައިސާ އިންވެސްޓްކޮށްގެން ލިބޭ ފައިސާއިން ހިންގޭ ރިޓަޔަރމަންޓް ޕެންޝަން ސްކީމަކާއި، ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގޭ ޕެންޝަން ސްކީމްތައް ޤާއިމުކޮށް ހިންގުމާބެހޭ ޤާނޫނެވެ.

މި ޤާނޫނުގައިވާ ގޮތުގެ މަތިން، މި ޤާނޫނަށް ޢަމަލުކުރައްވަން ފަށްޓަވާނީ، މިއަދުން ފެށިގެންނެވެ. މި ޤާނޫނަށް ޢަމަލުކުރައްވަން ފެށްޓެވުމާއެކު ”މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް“ގެ ނަމުގައި ވަކި އޮފީހެއް އުފެދުނީއެވެ. މި ޤާނޫނުގައިވާ ގޮތުން ޕެންޝަން އޮފީސް ހިންގަންވާނީ، 8 މެންބަރުންގެ މައްޗަށް ހިމެނޭ ބޯޑަކުންނެވެ. އެ 8 މެންބަރުންނަކީ، ބޯޑުގެ ޗެއަރމަނާއި، ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރުގެ އިސް މުވައްޒަފަކާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ސިވިލް ސަރވިސްގައި ހިމެނޭ އިސް މުވައްޒަފަކާއި، ސޯޝަލް ސެކިއުރިޓީއާބެހޭ ކަންތައް ބަލަހައްޓާ މިނިސްޓްރީގެ ސިވިލް ސަރވިސްގައި ހިމެނޭ އިސް މުވައްޒަފަކާއި، ދައުލަތުގެ ވަޒީފާއެއް އަދާނުކުރާ ސަރުކާރުގެ ވަޒީފާގައި ނޫޅޭ، ޕްރައިވެޓް ސެކްޓަރުގެ 4 މީހުންނެވެ.

ޕެންޝަން އޮފީހުގެ މައިގަނޑު މަސައްކަތުގެ ތެރޭގައި ހިމެނެނީ، މި ޤާނޫނުގެ ދަށުން ޤާއިމުކުރެވޭ ޕެންޝަން ސްކީމްތައް ބެލެހެއްޓުމާއި، ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ފޯރުކޮށްދިނުމާއި، މިޤާނޫނުގެ ދަށުން ޤާއިމުކުރެވޭ ސްކީމްތައް ހިންގުމާބެހޭ ގަވާއިދުތައް ހެދުމާއި، އެކަމާބެހޭ މިންގަނޑުތަކާއި ގައިޑްލައިންތައް ހެދުމާއި، މިޤާނޫނުގެ ދަށުން ޤާއިމުކުރެވޭ ދިވެހިރާއްޖޭގެ ޢުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަންގެ ފައިސާ ދޫކުރުމެވެ. އަދި މިޤާނޫނުގެ ދަށުން ޤާއިމުކުރެވޭ ޕެންޝަން ސްކީމްތަކާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ޕްރޮގްރާމްތައް ހިންގުމާއި، މިޤާނޫނުގެ ދަށުން ޕެންޝަން އޮފީހުން ޙަވާލުވެފައިވާ މަސައްކަތްތައް ކުރުމަށްޓަކައި ބޭނުންވާ ކަމަށް ޕެންޝަން އޮފީހަށް ފެންނަ ކަންތައްތައް ކުރުމަކީވެސް ޕެންޝަން އޮފީހުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުން ކަނޑައެޅިފައިވާ ވަކި ޢަދަދަކަށް ފައިސާ ނަގައިގެން، އެފައިސާ އިންވެސްޓް ކޮށްގެން ލިބޭ ފައިދާއިން ހިންގޭ ރިޓަޔަރމަންޓް ޕެންޝަން ސްކީމެއް ”ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމް“ގެ ނަމުގައި މިޤާނޫނުގެ ދަށުން ޤާއިމު ކުރެވޭނެއެވެ.

ވަޒީފާ އަދާކުރާ މީހުންގެ ތެރެއިން ޕެންޝަން ލިބޭ ޢުމުރު ހަމަނުވާ ކޮންމެ މީހަކަށް، މިޤާނޫނުގައިވާ ގޮތުގެ މަތިން ޕެންޝަން ދިނުމަށްޓަކައި، ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމްގައި ބައިވެރިކުރުވުމަކީ، ވަޒީފާދޭ ފަރާތުގެ މައްޗަށް ލާޒިމު ކަމެކެވެ. އަދި މި ސްކީމްގައި ބައިވެރިވުމަކީ، ވަޒީފާ އަދާކުރާ ފަރާތުގެ މައްޗަށް ލާޒިމު ކަމެކެވެ.

ދައުލަތުގެ ވަޒީފާ އަދާކުރާ މުވައްޒަފުން، ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމްގައި ބައިވެރިކުރުމުގެ ކަންތައް، މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ ގިނަވެގެން 12 މަސްދުވަހުގެ ތެރޭގައި ސަރުކާރުން ހަމަޖައްސަންވާނެއެވެ. އަދި މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ލަސްވެގެން 12 މަސް ދުވަހުގެ ތެރޭގައި، ދައުލަތް ފިޔަވައި އެހެން ފަރާތްތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން، ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމްގައި ބައިވެރިކުރުމަށްޓަކައި ނަގާނެ މުއްދަތެއް ޕެންޝަން އޮފީހުން ކަނޑައަޅަން ވާނެއެވެ. އަދި ދައުލަތުގެ ވަޒީފާ ފިޔަވައި، އެހެން ވަޒީފާ އަދާކުރާ މުވައްޒަފުން، ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމްގައި، މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ ގިނަވެގެން ދެއަހަރު ދުވަހުގެ ތެރޭގައި ބައިވެރިކޮށް ނިންމަންޖެހެއެވެ.

ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ ބައިވެރިއަކު ކަމުގައިވާ ކޮންމެ މީހެއްގެ ޕެންޝަނަށް ބަލާ މުސާރައިގެ (ޕެންޝަނަބްލް ވޭޖްގެ) މަދުވެގެން %7 އެމުވައްޒަފަކު އަދި ޕެންޝަނަބްލް ވޭޖްގެ މަދުވެގެން %7 އެމުވައްޒަފަކަށް ވަޒީފާދީ ފަރާތުން ސްކީމަށް ދައްކަންވާނެއެވެ. މިގޮތުން ސްކީމަށް ފައިސާ ދެއްކުމަށް ހަމަޖެހިފައިވަނީ، ޢުމުރުން 16 އަހަރާއި 65 އަހަރާ ދެމެދުގެ ވަޒީފާ އަދާކުރާ މުވައްޒަފުންނަށެވެ. 65 އަހަރުން މަތީގެ މީހުންގެ މައްޗަށް ސްކީމަށް ފައިސާ ދެއްކުމަށް ހަމަޖެހިފައެއް ނުވެއެވެ.

މި ޤާނޫނުގެ ދަށުން ޕެންޝަން ލިބޭ ޢުމުރަކީ 65 އަހަރެވެ. ޕެންޝަން ލިބޭ ޢުމުރު ހަމަވުމުން، ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ ދަށުން ޤާއިމުކުރެވޭ އެމީހެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ބާކީ ހުންނަ ޢަދަދަށް ބިނާކޮށް، މި ސްކީމްގެ ބައިވެރިންނަށާއި، އެމީހުންގެ ވާރުތަވެރިންނަށް ޙައްޤުވާ ޢިނާޔަތްތަކުގެ ފައިސާ ފޯރުކޮށްދެވޭނެ ގޮތުގެ ގަވާއިދުތައް، ޕެންޝަން އޮފީހުގެ ބޯޑު ޢައްޔަން ކުރެވޭތާ 12 މަސް ދުވަހުގެ ތެރޭގައި ޕެންޝަން އޮފީހުން ނެރެންވާނެއެވެ.

ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ އެއްވެސް ބައިވެރިއަކު ޕެންޝަން ލިބޭ ޢުމުރު ހަމަވުމުގެ ކުރިން ނުވަތަ މި ޤާނޫނުގެ ދަށުން ޢިނާޔަތެއް ލިބުމުގެ ކުރިން މަރުވެއްޖެނަމަ، އެމީހެއްގެ ރިޓަޔަރމަންޓް ސޭވިންގ އެކައުންޓްގައި ހުންނަ ފައިސާ، އެމީހެއްގެ ވާރިޘަށް ނުވަތަ ވާރިޘުންނަށް ވާރުތަ މުދާ ބެހުމާބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން ޙަވާލުކުރަންވާނެއެވެ.