ޢާންމު އިންތިޚާބު ވެގެންދިޔައީ ދިވެހިރާއްޖޭގައި ރައްޔިތުންގެ ވެރިކަމެއް ނުވަތަ ޑިމޮކްރަސީއެއް ޤާއިމުކޮށް އަށަގެންނެވުމަށް ކުރެވޭ މަސައްކަތުގައި، އިތުރު ފުރިހަމަކަމެއް ގެނެސްދިން ކަމެއް ކަމުގައި ރައީސް ނަޝީދު ފާހަގަކުރައްވައިފިއެވެ. ރައީސް މިކަން ފާހަގަކުރައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ނޫސްބަޔާނެއްގައެވެ. މިދަންނަވާލަނީ އެ ނޫސްބަޔާނެވެ.

”ޢާންމު އިންތިޚާބުވެގެންދިޔައީ ދިވެހިރާއްޖޭގައި ރައްޔިތުންގެ ވެރިކަމެއް ނުވަތަ ޑިމޮކްރަސީއެއް ޤާއިމުކޮށް އަށަގެންނެވުމަށް ކުރެވޭ މަސައްކަތުގައި، އިތުރު ފުރިހަމަކަމެއް ގެނެސްދިން ކަމެއް ކަމުގައި ރައީސް ނަޝީދު ފާހަގަކުރައްވައެވެ. އެހެންކަމުން، މި އިންތިޚާބުގައި މޮޅުވީ ޑިމޮކްރަސީ ނުވަތަ ރައްޔިތުންގެ ވެރިކަން ކަމުގައި އެމަނިކުފާނު ދެކެވަޑައިގަންނަވައެވެ.

ޒަމާނުއްސުރެ ރާއްޖޭގައި ވެރިކަން ބަދަލުވުމުގެ ތެރޭގައި އަދި އޭގެ ކުރީގައާއި ފަހުން ސިޔާސީ ބޭނުންތަކަށް މީހުން ހައްޔަރު ކުރުން ވެގެން ގޮސްފައިވަނީ، ހެޔޮވެރިކަމުގެ ނިޒާމެއް ޤާއިމު ކުރުމަށް އެޅޭ އެންމެބޮޑު ހުރަހަށެވެ. އެމަގަށް ނުގޮސް، ދިވެހިންނަށް ކާމިޔާބުކަމާއެކު ޢާންމު އިންތިޚާބު ބޭއްވުނުކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އުފާފުޅު ކުރައްވައި، މާތްﷲ އަށް ޙަމްދު ކުރައްވައެވެ.

ދިވެހި ރައްޔިތުންނާއި ވާދަވެރި ސިޔާސީ ޕާޓީތަކުން ޤާނޫނުއަސާސީއަށް ބަހައްޓަވާ ޙުރްމަތާއި، ގިނަ ޕާޓީ އެކުލެވޭ ޑިމޮކްރަސީއަކަށް ކުރައްވާ އިތުބާރު ބޮޑުވެގެން ގޮސްފައިވާކަން ޢާންމު އިންތިޚާބުން ހާމަވާކަމުގައި ރައީސް ފާހަގަކުރައްވައި، އެކަމަށްޓަކައި ދިވެހި އެންމެހާ ރައްޔިތުންނަށް ރައީސް ތަހުނިޔާ ވިދާޅުވެ ޝުކުރު އަދާކުރައްވައެވެ.

މި އިންތިޚާބުގައި ވާދަވެރި ސިޔާސީ ޕާޓީތަކުން ވަރަށް އިސް ބޭފުޅުންނާއި އަދި އަމިއްލަ ބައެއް ބޭފުޅުންވެސް ވާދަކުރެއްވިކަމުން، އެ އިތުބާރު ހާމަވެގެންދެއެވެ. އަދި ވަކިން ޚާއްޞަކޮށް ޑީ.އާރު.ޕީ އާއި ޕީ.އޭ.ގެ ކާމިޔާބީއަށް ރައީސް ތަހުނިޔާ ވިދާޅުވެއެވެ. އަދި މި އިންތިޚާބަކީ، މިހާތަނަށް ބޭއްވުނު އެންމެ އިންޞާފުވެރި އެންމެ މިނިވަން އިންތިޚާބު ކަމާއި، ވާދަވެރި ސިޔާސީ ޕާޓީތަކުން މި ރާއްޖޭގައި އަދާކުރައްވަންޖެހޭ މުހިންމު ދައުރު ކުރިއަށް ގެންދެވުމުގެ މަގު ފަހިކޮށްދެއްވުމަށް ސަރުކާރުން އެންމެ ފުޅާ ދާއިރާގައި މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާނެކަން ރައީސް ފާހަގަކުރައްވައެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކޮށްފައިވަނީ ގުޅިފައިވާ އިއްތިހާދަކުން ކަމުން އެމް.ޑީ.ޕީ އަށް އޭރު ވަކިން ޙާޞިލު ކުރެވުނު ތާއީދަށްވުރެ، މި އިންތިޚާބުގައި ރައްޔިތުންގެ ތާއީދު އެޕާޓީއަށް އިތުރުވެ، އަޣްލަބިއްޔަތު ބޮޑުވެފައިވާތީ، އެޕާޓީއަށާއި، އެ ޕާޓީއިން އިންތިޚާބުގައި ވާދަކުރެއްވި ބޭފުޅުންނަށް ރައީސް ތަހުނިޔާ ވިދާޅުވެއެވެ. އަދި ސިޔާސީ ޕާޓީގެ ނިޒާމާ ދެކޮޅަށް ތަފާތު ވާހަކަ ދެކެވެމުންދާ ދުވަސްވަރެއްގައިވެސް ސިޔާސީ ޕާޓީގެ ނިޒާމަށް (ޚާއްޞަކޮށް ރާއްޖޭގެ ބައިބޯ އާބާދީތަކުގައި) ދިވެހި ރައްޔިތުން އިތުބާރު ކުރައްވާ މިންވަރު، މި އިންތިޚާބުން ހާމަވާކަމަށް ރައީސް ގަބޫލުފުޅު ކުރައްވައެވެ.

ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްވާތީ، ތަފާތު ކުރެއްވުމެއްނެތި ދިވެހި ހުރިހާ ރައްޔިތުންނަށް ހަމަހަމަގޮތުގައި ސަރުކާރުގެ ޚިދްމަތްތައް އަދާކޮށްދެއްވުމުގައި ހިންގަވަންޖެހޭ ޕްރޮގްރާމްތައް ވެވަޑައިގެންނެވި އެންމެ ހަލުވިމިނެއްގައި ކުރިއަށް ގެންދެވުމަށް ރައީސް ގަސްދުކުރައްވައެވެ.

ޢާންމު އިންތިޚާބުގައި ނާކާމިޔާބުވެވަޑައިގެންނެވި ފަރާތްތަކުން ހިތްވަރު ގަދަކުރެއްވުމަށާއި، ސިޔާސީ ނިޒާމުން ވަކިވެވަޑައިނުގެން މަސައްކަތް ކުރެއްވުމުގައި ކުރިއަށް ވަޑައިގަތުމަށް ރައީސް އިލްތިމާސް ކުރައްވައެވެ.“