ނޭޝަނަލް ޕްލޭނިންގ ކައުންސިލްގެ މަސައްކަތްތައް ހިނގަމުންދާ ގޮތާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވައިފިއެވެ. ނޭޝަނަލް ޕްލޭނިންގ ކައުންސިލަކީ، ޤައުމީ ތަރައްޤީ ބައްޓަން ކުރުމަށް ސިޔާސަތު ކަނޑައަޅައި، މަގު ދައްކައިދިނުމާއި، ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތަކާއި މުއްދަތުތައް ކަނޑައެޅުމާއި، ރާއްޖޭގެ ސަރަޙައްދުތަކުގައި ހުރި މުހިންމު ވަސީލަތްތަކާއި ތަންތަން ކަނޑައަޅައި، އެތަންތަން ތަރައްޤީ ކުރުމަށް ލަފާދިނުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ކައުންސިލެކެވެ. އަދި ޤައުމީ ތަރައްޤީއަށް ބޭނުންވާ ޤާނޫނުތަކާއި ގަވާއިދުތައް ކަނޑައެޅުމާއި، ރާއްޖޭގެ ސަރަޙައްދުތަކުގެ ތަރައްޤީ ޙާޞިލުވާ މިންވަރު ދެނެގަނެ، އިތުރަށް ހަރުދަނާ ކުރުމަށް ލަފާދިނުމާއި، އިޤްތިޞާދީ ޙާލަތަށް ރިޢާޔަތްކޮށް، ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަކީވެސް މިކައުންސިލްގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. މި ކައުންސިލްގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާއެވެ.

މި ކައުންސިލްގައި ސިވިލް ސޮސައިޓީ ތަމްސީލު ކުރައްވާނެ މެންބަރަކާއި، ޕްރައިވެޓް ސެކްޓަރ ތަމްސީލު ކުރައްވާނެ މެންބަރަކު ކަނޑައެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވުމާއެކު، މިގޮތުން ކަނޑައަޅުއްވާނެ ބޭފުޅުން ހޮއްވަވާނެ ދާއިރާތަކާ ބެހޭގޮތުން މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރައްވައި، އެދާއިރާތައް ކަނޑައެޅުއްވިއެވެ.

ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ވަޒީރުން ރައީސުލްޖުމްހޫރިއްޔާއާ ކުރައްވަން ބޭނުންފުޅުވާ ސުވާލު ކުރެއްވުމުގެ ފުރްޞަތު ދެއްވާގޮތަށް ހަމަޖައްސަވާފައިވުމާއެކު، މިއަދުގެ ޖަލްސާގައިވެސް މިކަމަށް ފުރްޞަތު ހުޅުވާލެއްވިއެވެ.