ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި، ޤާނޫނު ނަންބަރު: 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) އާއި، ޤާނޫނު ނަންބަރު: 2008/12 (ރިޔާސީ އިންތިޚާބާ ބެހޭ ޤާނޫނު) ގެ ދަށުން 2018 ގެ ރިޔާސީ އިންތިޚާބު ޤާނޫނުއަސާސީގައިވާ ގޮތުގެމަތިން، މި އަހަރުގެ ސެޕްޓެންބަރުމަހުގައި ރިޔާސީ އިންތިޚާބު ބޭއްވުމަށް ތައްޔާރުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންގެންދާކަމަށާއި،
މި އިންތިޚާބު ރަސްމީކޮށް ޤާނޫނުގައިވާ ގޮތުގެމަތިން ޖުލައިމަހުގައި އިޢުލާނުކުރުމަށް ކުރަންޖެހޭ މަސައްކަތްވެސް ކުރަމުން ގެންދަވާކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ވިދާޅުވި ވިދާޅުވުމަށް ސަރުކާރު މަރުހަބާ ކިޔަމެވެ.
2008 ގެ ފަހުން ދިވެހިރާއްޖޭގައި މިހާތަނަށްވެސް ބާއްވާފައިވާ އިންތިޚާބުތަކަކީ، މިނިވަން އަދި އިންސާފުވެރި އިންތިޚާބުތަކެއްކަމުގައި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކާއި އަދި ބޭރުގެ ފަރާތްތަކުން ޤަބޫލުކޮށް އެކަން އިޢުލާނުކޮށްފައިވާކަން ފާހަގަކުރަމުން، މި އަހަރުގެ ރިޔާސީ އިންތިޚާބަކީވެސް، މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށް ހެދުމަށްޓަކައި ސަރުކާރުން ކުރަންޖެހޭ ކަންކަން ކުރާނެކަމުގެ ޔަގީންކަން ދިވެހި އެންމެ ރައްޔިތުންނަށާއި، އަދި ބޭރުގެ ފަރާތްތަކަށް ސަރުކާރުންދެމެވެ.
ހަމައެއާއެކު، އިންތިޚާބުތަކުގައި އެހެން ފަހަރުތަކެކޭ އެއްފަދައިން ބައިނަލްއަޤްވާމީ ފަރާތްތަކާއެކު މަސައްކަތް ކުރަމުންދާނޭކަމަށާއި، ޚާއްޞަގޮތެއްގައި ދައުލަތާއެކު އިންތިޚާބުގެ ޤާނޫނީ އަދި އިދާރީ އޮނިގަނޑު ދިރާސާކުރެއްވުމަށްފަހު، ޔޫރަޕިއަން ޔޫނިއަނުން ދެއްވާފައިވާ ހުށަހެޅުންތައް ތަންފީޛުކުރުމަށްޓަކައި ސަރުކާރުން މަސައްކަތްކުރަމުން ގެންދާކަމުގައިވެސް ދަންނަވަމެވެ.
ޑިމޮކްރެސީއެއްގެ ބިންގަލަކީ މިނިވަން އިންސާފުވެރި ޢަދުލުވެރި އިންތިޚާބަކަށްވީހިނދު، މިއީ ޤައުމުގެ ހަމަޖެހުމާއި ކުރިއެރުން ދެމިއޮތުމަށްވެސް އެހާމެ މުހިންމުކަމެކެވެ. ހަމައެއާއެކު ކުރީފަހަރުތަކެކޭ އެއްފަދައިން ރިޔާސީ އިންތިޚާބުގެ ކަންކަން ދިވެހިރާއްޖޭގައި ކުރިޔަށްދާގޮތް ބެލުމަށް، ދިވެހިރާއްޖެއަށް އަންނަ، ބޭރުގެ ފަރާތްތަކަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔާނެކަމަށްވެސް ދަންނަވަމެވެ. އަދި ޤައުމީ މަސްލަހަތު އިތުރަށް ގޯސްވެދާނެފަދަ ޢަމަލުތައް ނުކުރެއްވުމަށާއި، ރާއްޖޭގެ އާންމު ޙާލަތު އިޢާދަކުރުމަށް ދިވެހި ސަރުކާރުން ކުރާ މަސައްކަތްތަކަށް ހުރަސްއެޅޭފަދަ ކަންތައްތަކުން އެއްކިބާވެތިބުމަށް ސިޔާސީ ޕާޓީތަކަށާއި، ސިޔާސީ ފަރާތްތަކަށާއި، ބޭރުގެ ފަރާތްތަކަށް ދިވެހި ސަރުކާރުން އިލްތިމާސްކުރަމެވެ.