5 ފެބުރުވަރީ 2018 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކޮށް ކަނޑައަޅުއްވާފައިވާ ޤަރާރު (ޤަރާރުގެ އިސްލާޙުތައް ހިމެނޭގޮތުގެ މަތިން) ފާސްކުރައްވައި، އެ ޤަރާރުގެ މުއްދަތު އިތުރުކޮށް، ޤާނޫނުއަސާސީގެ ހަނިކުރެވިފައިވާ މާއްދާތަކަށް ލުޔެއްދީ، ރައްޔިތުންގެ މަޖިލީހުން ވޯޓުދެއްވައި ފާސްކޮށްފިއެވެ. އަދި، އެ ޤަރާރު ހިނގާނީ، ޤަރާރުގައި ބަޔާންކޮށްފައިވާ މައްސަލައާ ގުޅިގެން ޤާނޫނާ ޚިލާފު ޢަމަލު ހިންގާކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްޗަށާއި އަދި އެފަދަ ފަރާތެއް ނުވަތަ ފަރާތްތަކެއް ތިބި ނުވަތަ ތިބޭ ތަނަކާއި ތަކެއްޗެއްގެ މައްޗަށް އެކަނިކަމުގައި ކަމަށްވެސް ނިންމަވާފައިވެއެވެ. ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރައްވާފައިވާ ޤަރާރާއި، (އެ ޤަރާރުގެ އިޞްލާޙުތައް ހިމެނޭގޮތުގެމަތިން)، އެ ޤަރާރުގައިވާ މުއްދަތުގެ އިތުރަށް 30 ދުވަސް އިތުރުކޮށް ރައްޔިތުންގެ މަޖިލީހުން ޤަރާރު ފާސްކުރައްވައިފިއެވެ.

ހަމައެއާއެކު، މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރައްވައި ކަނޑައަޅުއްވާފައިވާ ޤަރާރުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ އަންނަނިވި 4 މާއްދާއަށް ޢަމަލުކުރުން ހިފަހައްޓާފައިވާ ހިފެހެއްޓުން ނިމުމަކަށް ގެންނެވުމަށްވެސް ވަނީ ނިންމަވާފައެވެ.

  • 100 ވަނަ މާއްދާ (ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން ވަކިކުރުން)
  • 101 ވަނަ މާއްދާ (ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރުނެތްކަމުގެ ވޯޓު)
  • 113 ވަނަ މާއްދާ (ސުޕްރީމް ކޯޓުގެ ނިންމުން)
  • 228 ވަނަ މާއްދާ (ޕްރޮސިކިއުޓަރ ޖެނެރަލް މަޤާމުން ވަކިކުރުން)

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 38 ވަނަ މާއްދާގައި ރައްޔިތުން އެމައްޗަށް ޢަމަލުކުރުން ލާޒިމުކުރާ އެއްވެސްކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އަހަންވާނީ، އެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެބައިކުޅައެއްބަޔަށްވުރެ ގިނަ މެންބަރުން އެ ވޯޓެއް ނަގާ ޖަލްސާއެއްގައި ހާޒިރުވެތިބޭ ވަގުތެއްގައި ކަމަށް ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މާއްދާގައިވާ ޢިބާރާތް ބޭނުންކޮށް، އެ ޙާލަތުގައި ވޯޓަށް އަހަންޖެހޭ ކަންކަން ބަޔާންކުރިއިރު، ކުއްލި ޙާލަތު އިޢުލާންކުރާ ޤަރާރު އެ މާއްދާގައި ހިމެނިފައިނުވާތީ، އެކަމަށްވެސް ރިޢާޔަތްކޮށް، ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރައްވާފައިވާ ޤަރާރާއި، (އެ ޤަރާރުގެ އިޞްލާޙުތައް ހިމެނޭގޮތުގެމަތިން)، އެ ޤަރާރުގެ މުއްދަތު އިތުރުކުރުމާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމާއިރު، އެ މަޖިލީހުގެ ޤާނޫނީ އަދަދަކީ، ޤާނޫނުއަސާސީގެ 86 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޤާނޫނީ އަދަދުކަމަށް ބަލައި، ރައްޔިތުންގެ މަޖިލިސް ކުރިއަށް ގެންގޮސްފައިވެއެވެ.

އެހެންނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ކޯރަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ސުވާލު އުފައްދާކަމަށްޓަކައި، ޤާނޫނުއަސާސީގެ 95 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދި ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ނިންމާފައިވެއެވެ.