2009 އޭޕްރީލް 29 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 26 ވަނަ ޖަލްސާއިން ފާސްކުރެއްވި ”ދިވެހި ރެޑްކްރެސެންޓްގެ ބިލް“ ރައީސް މުޙަންމަދު ނަޝީދު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މި ޤާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢު ކުރައްވައިފިއެވެ.

ދިވެހި ރެޑްކްރެސެންޓްގެ ޤާނޫނަކީ، ދިވެހި ރެޑްކްރެސެންޓްގެ ނަމުގައި އިންސާނިއްޔަތާބެހޭ ކަންކަމުގައި ހިލޭސާބަހަށް މަސައްކަތްކުރާ އަދި އެހީތެރިކަން ފޯރުކޮށްދޭ މިނިވަން މުސްތަޤިއްލު ޖަމާޢަތެއް އުފައްދައި، އެޖަމާޢަތް ދިވެހިރާއްޖޭގައި ހިންގުމުގެ ޤާނޫނީ ހައިސިއްޔަތުދީ އަދި އެޖަމާޢަތާބެހޭ މައިގަނޑު އަސާސްތައް ބަޔާންކުރާ ޤާނޫނެވެ. ދިވެހި ރެޑްކްރެސެންޓަކީ، އަމިއްލަ ނަމުގައި ދަޢުވާ ކުރުމާއި، ދަޢުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުޢާމަލާތްކުރުމުގެ ޙައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މިނިވަން ޤާނޫނީ ޝަޚުޞެކެވެ.

ދިވެހި ރެޑްކްރެސެންޓްގެ އަސާސީ މަޤްޞަދަކީ، ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އިންސާނިއްޔަތުގެ އެހީތެރިކަން ފޯރުކޮށްދީ، އެފަރާތްތައް އެފަދަ ޙާލަތްތަކުން ސަލާމަތްކޮށްދީ ރައްކާތެރިކޮށްދިނުމެވެ. ދިވެހި ރެޑްކްރެސެންޓްގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، ހަނގުރާމައިގެ ވަގުތުތަކުގަޔާއި، ހަމަނުޖެހުމުގެ ވަގުތުތަކުގައާއި، ސުލްހައިގެ ވަގުތުތަކުގައި، ހާލުގައި ޖެހިފައިވާ ނުވަތަ ގެއްލުން ލިބިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދޭހިނދު، އެބައެއްގެ ޤަދަރާއި ޖިސްމާނީ ކަރާމާތްތެރިކަން ރައްކާތެރިކުރުމެވެ. އަދި ބަލިމަޑުކަމުގެ ވަގުތުތަކުގައާއި، ބަލިބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަންޖެހޭ ޙާލަތްތަކުގައާއި، އިންސާނިއްޔަތަށް ނުރައްކާވާފަދަ ކުއްލި ޙާލަތްތަކުގައި އެކަންކަމުގެ އަސަރު ފޯރާފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ، އެފަރާތްތަކުގެ ޙާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރުމާއި، އެކިއެކި ކާރިސާތަކުގައާއި، ޤުދުރަތީ ޙާދިސާތަކުގައި ގެއްލުން ލިބިފައިވާ ނުވަތަ އަސަރު ކޮށްފައިވާ ފަރާތްތަކަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އެހީތެރިކަން ފޯރުކޮށްދޭހިނދު، އެ މުއައްސަސާތަކަށް އެއްބާރުލުން ދިނުންވެސް ދިވެހި ރެޑްކްރެސެންޓްގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ދިވެހި ރެޑްކްރެސެންޓްގެ ޤާނޫނަށް ޢަމަލުކުރަން ފަށާނީ މިއަދުން ފެށިގެންނެވެ. އަދި މިޤާނޫނުގައިވާ ގޮތުން މިއަދުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި، މި ޤާނޫނާއި ދިވެހި ރެޑްކްރެސެންޓްގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން، ދިވެހި ރެޑްކްރެސެންޓް އުފައްދައި ނިންމަންވާނެއެވެ.