ޔުނައިޓެޑް އެރަބް އެމިރޭޓްސް ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނވާ ސަފީރު، މަޙްމޫދު މުޙަންމަދު އަލް މަޙްމޫދު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މި ރަސްމިއްޔާތުގައި، ދިވެހިރާއްޖެއާއި ޔޫ.އޭ.އީ.އާ ދެޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ މައްޗަށް، ރައީސް ނަޝީދާއި ޔޫ.އޭ.އީ. ސަފީރު ވާހަކަފުޅު ދެއްކެވިއެވެ.

ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި، ޔޫ.އޭ.އީ އަކީ، ރާއްޖެއާ އަބަދުވެސް ވަރަށް ގާތް ގުޅުމެއް ބަހައްޓާ އަދި ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ވަރަށް ގިނަ އެހީތަކެއްވެދޭ ޤައުމެއްކަމަށް ވިދާޅުވެ، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ޔޫ.އޭ.އީ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރުއަދާކުރެއްވިއެވެ.