ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ތަރައްޤީގެ އަމާޒުތައް، ރައީސް މުޙަންމަދު ނަޝީދު، ރޭ އިފްތިތާޙުކޮށްދެއްވައިފިއެވެ. މިކަމަށްޓަކައި ކުޅުދުއްފުށީ ޢަފީފުއްދީން ސްކޫލްގައި ރޭ ބޭއްވެވި ޖަލްސާގައި، ކުޅުދުއްފުށީގެ ތަރައްޤީގެ އަމާޒުތައް އިފްތިތާޙުކޮށްދެއްވަމުން، ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި، ކުޅުދުއްފުށީގެ ތަރައްޤީއަށް މި ފަށްޓަވާ މަސައްކަތްޕުޅުތަކަކީ ވަރަށް މުހިންމު މަސައްކަތްޕުޅުތަކެއް ކަމަށް ވިދާޅުވިއެވެ. ކުޅުދުއްފުށްޓާ ގުޅޭ އުންމީދުތަކެއް އެބައޮތް ކަމަށް ވިދާޅުވަމުން، ބަނދަރު ހެދުމުގެ ސްޓޭޖް 1 ނިމުމާއެކު، ސްޓޭޖް 2 އާއި 3 އެކީގައި ކުރިއަށް ގެންދެވޭތޯ ބައްލަވާނެ ކަމަށް ވިދާޅުވިއެވެ. އަދި މަގުތައް ހެދުމުގެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ ކުރެވޭނެ ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، ކަމެއް ކުރަންވީމާ ސީދާ އެކަމެއް ކުރަން އުޅުމުން، އެކުރާ ކަމެއް ދެމެހެއްޓެނިވި ގޮތެއްގައި ނުހުންނާނެ ކަމަށް ވިދާޅުވިއެވެ. އަދި ލާމަރްކަޒީ އުޞޫލުން ކަންތައްތައް ހިންގަވަން ފެށްޓެވުމުން، ކުޅުދުއްފުށްޓަށާއި ރާއްޖޭގެ އެހެން ރަށްރަށަށް ލިބޭނެ ފައިދާތަކުގެ މައްޗަށްވެސް ރައީސް ބައްލަވާލެއްވިއެވެ.

ރޭގެ ޖަލްސާގައި، ޕޯޓްސް އާއި އެއަރޕޯޓް ކޯޕަރަޓައިޒް ކުރުމުގެ ޤަރާރުގައި ރައީސުލްޖުމްހޫރިއްޔާ ސޮއިކުރެއްވިއެވެ. ހައުސިންގ ޕްރޮޖެކްޓާއި، ޖުމްލަކޮށް ޕްރައިވަޓައިޒޭޝަންގެ މަސައްކަތްތައް ގޮސްފައިވާ ހިސާބުގެ ޕްރެޒެންޓޭޝަން ދެއްވީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙަންމަދު ޢާދިލް ސަލީމެވެ. ކުޅުދުއްފުށީ ފެނުގެ މަސައްކަތުގެ ލައިސަންސް، އެމް.ޑަބްލިޔޫ.އެސް.ސީ އާ ޙަވާލު ކުރެއްވުންވެސް މިޖަލްސާގައި އޮތެވެ. އަދި ފެނުގެ މަސައްކަތް ހިނގާނެގޮތާބެހޭ މަޢްލޫމާތު ދެއްވީ، އެ ކުންފުނީގެ މެނެޖިންގ ޑިރެކްޓަރ މުޙަންމަދު އަޙްމަދުދީދީއެވެ. މަގުތައް ހެދުމުގެ މަޝްރޫޢާބެހޭ ޕްރެޒެންޓޭޝަން ދެއްވީ، އެމް.ޓީ.ސީ.ސީ.ގެ ސީނިއަރ އިންޖިނިއަރ ޙުސައިން ޝާހިދެވެ. މަތި އުތުރު ޕްރޮވިންސްގައި އެސް.ޓީ.އޯ.ގެ ދައުރާ ބެހޭގޮތުން ވާހަކަ ދެއްކެވީ، އެސް.ޓީ.އޯ.ގެ މެނެޖިންގ ޑިރެކްޓަރ ޝާހިދު ޢަލީ އެވެ. ހޮސްޕިޓަލް މަޝްރޫޢާ ބެހޭގޮތުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް އެންޑް ފެމިލީ އަޙްމަދު ފަޔާޒް ޙަސަން ވާހަކަފުޅު ދެއްކެވިއެވެ. އަދި ކޯލްޑް ސެންޓަރެއް ޤާއިމު ކުރެއްވުމާބެހޭ ޕްރެޒެންޓޭޝަން ދެއްވީ އެންވޯއި ފޮރ ސައެންސް އެންޑް ޓެކްނޯލޮޖީ އަޙްމަދު ޝަފީޤު އިބްރާހީމް މޫސާއެވެ. އަދި ލާމަރްކަޒީ އުޞޫލުން ހިނގާއިރު ކުޅުދުއްފުށީގެ ތަޞައްވުރާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓް އަސްލަމް ޝާކިރެވެ.