މިމަހުގެ 17ވަނަ ދުވަހު އަލިފުށީގައި ރައީސް މުޙަންމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގެ ޙަޤީޤަތް އޮޅޭ ގޮތްގޮތަށް ވާހަކަ ފެތުރެމުންދާތީ، އެކަމަށް ޕްރެސް ސެކްރެޓަރީ ރައްދު ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، ބައެއް ނޫސްވެރިންނަށް މިއަދު ދެއްވި ފުރުސަތެއްގައި އެކަމާމެދު ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވަމުން، ޕްރެސް ސެކްރެޓަރީ މުޙަންމަދު ޒުހައިރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ އެހެންވެސް ސިޔާސީ ލީޑަރަކު ދައްކަވާ ވާހަކަފުޅަކާމެދު ބައްލަވަންވާނީ ޖުމްލަގޮތެއްގައި ކަމަށާއި، ޖުމްލަގޮތެއްގައި ނުބައްލަވައި އެވާހަކަފުޅެއްގެ އެއްބައި އެކަހެރި ކުރައްވައިގެން މާނަ އޮޅުވާލެއްވުން އެއީ، ވަރަށްބޮޑު ސިޔާސީ ހީލަތެއްކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ނުވަތަ އެހެން ބޭފުޅަކު ދެއްކެވި ވާހަކަފުޅެއް ކަމުގައިވިޔަސް، އެ ވާހަކަފުޅެއް ދެއްކެވި ހާލަތާއި ވަގުތަށް ބައްލަވަންވާނެ ކަމުގައި ވިދާޅުވެ، މިމަހުގެ 17 ވަނަދުވަހު އަލިފުށީގައި ރައީސް ދެއްކެވި ވާހަކަފުޅު، ރައީސް އޮފީހުގެ ވެބްސައިޓްގައި ޝާއިޢު ކުރައްވާފައިވާނޭކަން ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ފާހަގަކުރެއްވިއެވެ.

ރައީސްގެ އެވާހަކަފުޅުގައި އިޝާރާތް ކުރައްވާފައިވަނީ، ދެކޮޅުވެރި ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ނުވަތަ މެންބަރުން، އެމަނިކުފާނަށް އުދަނގޫތަކެއް ކުރިމަތިކުރައްވައިފިނަމަ، ނުވަތަ ނުބައި ނުލަފާ ރޭވުމެއް ރާއްވަވައިފިނަމަ، އެފަދަކަމެއް ޤާނޫނީ އިމުގެ ތެރެއިން ނާކާމިޔާބުކޮށްލެއްވޭނޭ އަދި ރައްދު ދެއްވޭނޭ ސިޔާސީ ޙިކްމަތްތެރިކަމާއި އިޚްތިޔާރު އެމަނިކުފާނަށް ލިބިވަޑައިގެން ހުންނެވި ކަމަށް ކަމުގައިވެސް ޕްރެސް ސެކްރެޓަރީ މުޙަންމަދު ޒުހައިރު ވިދާޅުވިއެވެ.

ރައީސް މުޙަންމަދު ނަޝީދު، މީހުންގެ މައްޗަށް ބަދަލު ނުހިއްޕަވާނެ ކަމަށާއި، އަނިޔާއެއް ނުކުރައްވާނެ ކަމަށާއި، ޚިޔާނާތްތެރިވެވަޑައިނުގަންނަވާނެ ކަމުގައި ވިދާޅުވެފައިވަނީވެސް، ހަމަ މިމަހުގެ 17ވަނަ ދުވަހު އަލިފުށީގައި ދެއްކެވި ވާހަކަފުޅުގައި، މިހާރު ބަޔަކު ސުވާލު އުފައްދައިގެން އެއުޅޭ ޖުމްލައާއި އެ ޖުމްލައާ ވިދިގެންއައި ޖުމްލައިގައިކަންވެސް ޕްރެސް ސެކްރެޓަރީ މުޙަންމަދު ޒުހައިރު ފާހަގަކުރެއްވިއެވެ.