މި ސަރުކާރުގައި އެންމެ ފައިސާ ފޮއްޗެއްގައިވެސް، އެންމެ ސެންޓެއްގައިވެސް، އެއްވެސް ވެރިއަކު ޖެހިއްޖެނަމަ، ސީދާ ގަވާއިދުން ވަގުތުންވަގުތަށް ފިޔަވަޅު އަޅައި، ޝަރީޢަތްކޮށް ޙައްޤު އަދަބު ދެވޭނެ ކަމުގައި ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ، މިއަދު މެންދުރުފަހު މުލަކަތޮޅު ކޮޅުފުށްޓަށް ވަޑައިގެން، ކޮޅުފުށީ ރައްޔިތުންނާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، ކަންކަން ކުރުމުގެ ކުރީގައިވެސް އަދި ކުރަމުންދާއިރުގައިވެސް، އަދި ކުރުމަށްފަހުވެސް، އެކަމަކާ ގުޅޭގޮތުން ރައްޔިތުންނާ އަބަދުވެސް މަޝްވަރާކޮށް ވާހަކަދައްކައި މަޢްލޫމާތު ބަދަލުކުރުމަކީ، ކަމެއް ރަނގަޅަށް ހިންގުމުގައި އޭގެ ފައިދާ ދެފަރާތަށްވެސް ފޯރާނެ ކަމެއް ކަމުގައި ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، އެމަނިކުފާނުގެ ސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދަކީ، ސުނާމީގައި ހާލުގައި ޖެހިފައިތިބި ހުރިހާ ރައްޔިތުންނަށް މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ގެދޮރު ހޯދައިދީ ގެދޮރަށް ވައްދައިދިނުން ކަމަށާއި، އިރާދަކުރެއްވިއްޔާ އެކަން ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ކޮޅުފުށްޓަށް 180 ގެ ބޭނުންވާކަން ހާމަކުރައްވަމުން، މިއަދު އެރަށަށް އެމަނިކުފާނު މިވަޑައިގަތީ، އެކަން ކޮށްދެއްވެން އޮތް ވާހަކަ ރައްޔިތުންގެ ގާތުގައި ވިދާޅުވުމަށް ކަމަށާއި، އެކަމަށް ބޭނުންވާ ފައިސާ ބަޖެޓުގައި ކަނޑައަޅުއްވާފައިވާކަމަށް ވިދާޅުވިއެވެ.

ކޮޅުފުށީގައި ގެތައް އެޅުމުގެ ކަންތައް ދިޔަ ގޮތުގެ މައްޗަށް ރައީސް ނަޝީދު ބައްލަވާލައްވަމުން، ކަންކަން ހުއްޓިފައިހުރީ، ސަރުކާރުގެ ސިޔާސަތުގެ ތެރެއަށް، ކަންކަން ތަންފީޒު ކުރުމުގެ ތެރެއަށް، ކޮރަޕްޝަންގެ ބައްޔާއި ވަބާ ވަދެފައި އޮތް ވަރުން ކަމުގައި ވިދާޅުވިއެވެ. އަދި އިނގިރޭސި ރެޑްކްރޮސް، ކޮޅުފުށި ދޫކޮށް ދިޔައީކީ، އެއްވެސް ހާލެއްގައި ކޮޅުފުށީ ރައްޔިތުންނާ ހިތްހަމަނުޖެހިގެން ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އިނގިރޭސި ރެޑް ކްރޮސް ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާ ކަމަށް ވިދާޅުވެ، އެމީހުން ދިޔައީ، އެމީހުން، ގެ އަޅަން އުޅުމުގެ މަސައްކަތުގެ ތެރެއަށް ސަރުކާރުގެ އެކި ފަރާތްތަކުން ކޮރަޕްޝަން ވެއްދި މިންވަރުންނާއި އެކަމާ ހިތްހަމަނުޖެހިގެން އަދި އެކަންކަން ރަނގަޅުކޮށްނުދީގެން، އެކަމުން އެމީހުން ސަލާމަތް ނުވެވުނީމާ، އެމަސައްކަތް ކުރިޔަށް ގެންދަން ނުކެރިގެންކަން ރައީސް ހާމަކުރެއްވިއެވެ. އަދި އެމީހުން ޚަރަދުކުރަމުންދަނީ، އެމީހުންގެ ރައްޔިތުންގެ ފައިސާ ކަމަށްވާތީވެ، އެފައިސާއަށް އެމީހުންނަށް ޚިޔާނާތްތެރިވެވެން ނެތުނީމާ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ކޮޅުފުށީގައި ގެތައް އަޅުއްވައިދެއްވުމުގެ ކަންތައް ރާއްވަވައިގެން، ރައްޔިތުންނާ މަޝްވަރާ ކުރައްވައިގެން ނިންމަވަން ބޭނުންފުޅުނުވާކަން ކޮޅުފުށީ ބޭފުޅުންނަށްވުރެ ބޮޑަށް އެނގިވަޑައިގަންނަވާކަން ރައީސް ހާމަކުރައްވަމުން، ޙަޤީޤީ މާނައިގައި މި މަސައްކަތް ގެންގޮސް ކޮޅެއްގައި ޖެއްސުމުގެ ނިޔަތެއްވެސް، ކުރިއަށް ގެންދިޔުމުގެ މާބޮޑު ވިސްނުމެއް، ރޭވުމެއްވެސް، ކުރީ ސަރުކާރަކު ނެތް ކަމުގައި ވިދާޅުވިއެވެ.