ސަރުކާރުން ޕްރައިވަޓައިޒްގެ އުޞޫލުން ކަންތައްތައް ކުރައްވަމުން މިގެންދަވަނީ، ހަމައެކަނި ފައިސާގެ ދަތިކަމުގެ ސަބަބުން ނޫން ކަމަށާއި، ބޭރުގެ ފަރާތްތަކާ އެކީގައި މަސައްކަތްތައް ކުރިއަށް ގެންދެވީމާ، ހުނަރުވެރި މީހުންނާއި އެކަމުގެ ޓެކްނޯލޮޖީއާއި މަޢްލޫމާތުވެސް ރާއްޖެއަށް ތަޢާރުފުވެގެންދާތީ ކަމުގައި ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޕްރައިވަޓައިޒް ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާ ބެހޭގޮތުން މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، މިހާރުން މިހާރަށްވެސް ޢުމްރާނީ މަސައްކަތްތަކެއް ރާއްޖޭގައި ހިންގަވަން އެބަ ބޭނުންފުޅުވާ ކަމަށާއި، ފައްސަތޭކަ މިލިޔަން ޑޮލަރުގެ މަސައްކަތް، އަހަރެއް ދެއަހަރެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުން ރާއްޖޭގެ ރައްޔިތުންނަށް ކޮންމެހެންވެސް އެބަ ފޯރުއްވައިދެއްވަންޖެހޭ ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އެންމެބޮޑުކޮށް ސަރުކާރުގެ ބަޖެޓު އެކުލަވާލައިގެން ކުރިއަށް ގެންދާއިރުވެސް ޕީ.އެސް.އައި.ޕީ ޕްރޮގްރާމަށް ޚަރަދު ކުރެވެނީ ގާތްގަނޑަކަށް ބިލިއަނެއް، ދެބިލިއަނެއްހާ ރުފިޔާ ކަމަށާއި، މި މިންވަރަށް ޚަރަދުކޮށްގެން ގެންދެވެނީ ވަރަށްކުޑަ މަސައްކަތެއް ކަމުގައި ވިދާޅުވިއެވެ. އެހެންކަމާއެކު، ސަރުކާރާއި ބޭރުގެ ފަރާތްތަކާ ޙިއްޞާވާ އުޞޫލުން ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ މަސައްކަތްތަކެއް ގެންދެވުމަކީ، މިހާރުން މިހާރަށް ބޭނުންވާ ވަރަށް މުހިންމު ކަމެއްކަން ރައީސް ބަޔާންކުރެއްވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، ޕްރައިވަޓައިޒް ކުރުމުގެ އުޞޫލުން މިހާރު އެންމެބޮޑަށް ކުރިއަށް ގެންދަވާފައިވާ އެއް މަސައްކަތަކީ، އެއަރޕޯޓުގެ މަސައްކަތް ކަމަށާއި، އެމަސައްކަތަކީ ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތެއް ކަމަށް ވިދާޅުވިއެވެ. އަދި ބޭރުގެ އެހެން ބައެއް ޤައުމުތަކުގައިވެސް އެއަރޕޯޓްތައް ހިންގަނީ ބޭރުގެ ކުންފުނިތަކާ ޙަވާލުކޮށްގެން ކަމަށް ވިދާޅުވެ، އެފަދަ ބައެއް މިސާލުވެސް ރައީސް ދެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ރާއްޖެ ބަދަލުނުވެ އޮތް ނަމަވެސް، މުޅި ދުނިޔެ މިހާރު ބަދަލުވެއްޖެ ކަމަށާއި، މިހާރު މިއޮތީ ހުޅުވާލެވިފައި އޮތް ދުނިޔޭގެ ވިޔަފާރި ކަމުގައި ވިދާޅުވިއެވެ. އަދި އެ ވިޔަފާރީގެ މާޙައުލުގައި ދިވެހިން ބައިވެރިނުވެ ތިބެއްޖެނަމަ ބާކީވާނެ ކަމަށާއި، ދިވެހިންނަށް ކުރިއަށްދާން ދަތިވާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

މިއަދުގެ ޕްރެސް ކޮންފަރެންސްގައި، ޕްރައިވަޓައިޒް ކުރުމާ ބެހޭގޮތުން ނޫސްވެރިން ރައީސް އަރިހުގައި ވަރަށްގިނަ ސުވާލުތައް ދެންނެވިއެވެ.