މަޢާފް ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކާއި އެއްގޮތްވާ ގޮތުގެ މަތީން އެކަމަށް ޝަރުތުހަމަވާ ޤައިދީންނަށް ޚާއްޞަ ފުރުޞަތެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ ނިންމަވާފައެވެ.

މިގޮތުން އަދަބު ލުއިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ފުރުޞަތު ދޭން ނިންމެވީ އެކަމަށްޓަކައި އެކުލަވާލެވުނު ކޮމިޓީއިން ޤައިދީންނާއި އެމީހުންގެ ބެލެނިވެރިންނާއި އިންޓަވިއު ކުރުމަށްފަހު ކަނޑައެޅިފައިވާ ޚާއްޞަ ޝަރުތުތަކަކާއިއެކުގައެވެ.

އިޞްލާޙީ ޚާއްޞަ ފުރުޞަތަށް ދޫކޮށްލެވޭ ޤައިދީންނަށް މުޖުތަމަޢުގެ އެކި ފަރާތްތަކުން ވަޒީފާގެ ފުރުޞަތު ފަހިކޮށްދެއްވުމަކީ ވަރަށް ބޮޑަށް އެދެވިގެންވާ ކަމެކެވެ. އަދި، މިގޮތަށް ދޫކޮށްލެވޭ ޤައިދީން ޢާމްދަނީ ހޯދަން މަސައްކަތް ކުރުމަކީ ބެލެނިވެރިޔާ ބާރުއަޅަންޖެހޭ ކަމެކެވެ.

ޚާއްޞަ ފުރުޞަތެއްގެ ދަށުން ޤައިދީން މުޖުތަމަޢަށް ދޫކޮށްލާނީ ކަނޑައެޅިފައިވާ ދެ މަރުޙަލާއެއް ފުރިހަމަކުރުމަށްފަހު ތިން ވަނަ މަރުޙަލާގަ އެވެ.

މަރުހަލާ ތަފްސީލު މުއްދަތު

ފުރަތަމަ މަރުޙަލާ ގޭ ބަންދުގައި 1 މަސް ދުވަސް
ދެވަނަ މަރުޙަލާ ރަށު ބަންދުގައި 2 މަސް ދުވަސް
ތިންވަނަ މަރުޙަލާ ޕާސްޕޯޓް ދޫކުރެވޭނެ މޮނިޓަރިން (5 އަހަރު)

● ނޯޓް: ފުރަތަމަ ދެ މަރުޙަލާގެ ތެރޭގައި ވަޒީފާއެއް ލިބިއްޖެނަމަ މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ބެލެމުގެ ދަށުން ވަޒީފާއަށް ނުކުތުމުގެ ފުރުޞަތު ކޮންމެ ޤައިދީއަކަށް ވެސް ލިބޭނެއެވެ.

ޤައިދީން މުޖުތަމަޢަށް ދޫކޮށްލުމުގައި ކޮމިޓީއިން ބަލާފައިވަނީ މައިގަނޑު ތިން ކަމަކަށެވެ. އެކަންތައްތައް ތިރީގައި މިވަނީއެވެ.

1- ކޮންމެ ޤައިދީއެއްގެވެސް ކުށުގެ ބާވަތާއި ކުށަށް އަރައިގެންފައިވާ ގޮތާއި މިންވަރު.
2- ކޮންމެ ޤައިދީއެއްގެވެސް މިހާރުގެ ޙާލަތު.
3- ޖަލުގައި ހޭދަކުރި މުއްދަތުގައި ޢަމަލުތައް ބަހައްޓާފައިވާ ގޮތް.

ޤައިދީންނަށް އިޞްލާޙީ ޚާއްޞަ ފުރުޞަތުދޭން ނިންމާފައިވަނީ ކަނޑައެޅިފައިވާ ކަންކަމަށް އަރައިނުގަތުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއާ އެކު އެއްބަސްވެ އިޤްރާރުވުމަށްފަހުއެވެ. އޭގެ ތެރޭގައި ވަނީ:

● އެއް މަސް ދުވަހުގެ މުއްދަތަށް ގޭ ބަންދުގައި ހުރުން.
● ދެ މަސް ދުވަހަށް ރަށު ބަންދުގައި ހުރުން.
● ފުރަތަމަ ތިން މަސް ހަމަވުމުން ފަސް އަހަރު ވަންދެން މޮނިޓަރިން މަރުޙަލާގެ ފަސް އަހަރު މުޖުތަމަޢުގައި ހޭދަކުރުން. (މި މުއްދަތުގައި ކަރެކްޝަންސްއާއެކު ވެފައިވާ އިޤްރާރާ ޚިލާފުވެއްޖެނަމަ ކުރީގެ ޙާލަތަށް ބަދަލު ކުރެވޭނެއެވެ)
● ދިވެހިރާއްޖޭގެ ޤާނޫނުތަކަށާއި ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކާއި ތަންފީޒީ އިދާރާތަކުގެ އެންގުންތަކަށް ތަބާވުން.
● ޝަރުތުކުރެވިފައިވާ މުއްދަތުގައި ދެވޭ (ޚާއްޞަ ފުރުޞަތުގެ ތެރޭގައި) އެއްވެސް ކަހަލަ ކުށަކަށް އަރައިނުގަތުން.
● މުޖުތަމަޢުގައި އުޅޭއިރު ޢާއްމު އިޖްތިމާޢީ އަދި އަޚުލާޤީ މިންގަނޑަށް އިޙްތިރާމްކުރުން.
● ދަޢުލަތުގެ ކަމާބެހޭ އިދާރާއިން ބޭނުންވެއްޖެ ޙާލަތެއްގައި މަސްތުވާތަކެތި ބޭނުންކޮށްފައިވޭތޯ ބެލުމަށް ކުޑަކަމުދާ ތަކެތި ނުވަތަ ލޭގެ ސާމްޕަލް ދިނުން.
● ޢާމްދަނީ ހޯދަން މަސައްކަތް ކުރުމާއި އެ މަސައްކަތުގެ ތަފްޞީލު މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއާ ޙިއްޞާ ކުރުން.
● އިސްލާމް ދީނުގެ އަސާސްތަކާ ޚިލާފުނުވުން.
● އޮންލައިން ސައިޓްތަކާއި ސޯޝަލް ނެޓްވޯކްތަކާއި އެނޫންވެސް މީޑިއާގެ ވަސީލަތްތަކާއި ތަންތަނުގައި ދަޢުލަތުގެ އަގުވެއްޓޭގޮތަށް ވާހަކަ ނުދެއްކުން.
● ޙަޤީގަތާއި ޚިލާފު ދޮގު މަޢުލޫމާތު ނުފެތުރުން. އަދި މިފަދަ ކަންކަމަށް ހިތްވަރުދީ ނުހެދުން.
● މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ހުއްދަނެތި މީޑިއާ އިވެންޓްތަކުގައި ބައިވެރިނުވުން.
● ޤަވާޢިދު ހުއްދަނުކުރާ އެއްވުންތަކުގައި ބައިވެރިނުވުން.

މޮނިޓަރ ކުރުމުގެ މުއްދަތުގެ ތެރޭގައި އެއްވެސް ޝަރުތަކާ ޚިލާފުވެއްޖެނަމަ ނުވަތަ އެފަދަ ކަމެއް ބެލެނިވެރިޔާ ފޮރުވަން މަސައްކަތްކޮށްފިކަން އެނގިއްޖެނަމަ އިޞްލާޙީ ޚާއްޞަ ފުރުޞަތު ގެއްލި އިހުހުރި ޙާލަތަށް ކޮންމެ ޤައިދީއަކު ވެސް ރުޖޫޢަ ކުރެވޭނެއެވެ. މިފަދަ ޙާލަތެއް މެދުވެރި ވެއްޖެނަމަ، އެޤައިދީއެއްގެ ބެލެނިވެރިޔަކާ މެދު ދަޢުވާ ކުރެވޭނެއެވެ.