بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيّدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ އާމިނަތު ޒެނީޝާ ޝަހީދު ޒަކީ، ދައުލަތުގެ ޢިއްޒަތްތެރިންނާއި ވަޒީރުން، މި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ދޮށީ އުމުރުގެ ބޭފުޅުން، މި ޖަލްސާއަށް ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، ދުރާއި ގާތުން މި ޖަލްސާ ބައްލަވަމުން އަދި އަޑު އައްސަވަމުން ގެންދަވާ އެންމެހައި ބޭފުޅުން؛


السّلام عليكم ورحمة الله وبركاته.


އާދެ! މިއަދަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ދޮށީ އުމުރުގެ މީހުންގެ ދުވަސް ކަމަށްވުމާއެކު، އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބަކީ، ރާއްޖޭގައި ތިއްބެވި ދޮށީ އުމުރުގެ އެންމެހައި ބޭފުޅުންނަށް މިއަދުގެ މުނާސަބަތުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި، ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރުން. ހަމައެއާއެކު، އުމުރުން ދޮށީ ބޭފުޅުންނަށް ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާ އަދި އެބޭފުޅުންނަކީ، މުޖުތަމަޢުގެ ވަރަށް މުހިއްމު ބައެއްކަން ގަބޫލުކުރައްވައި، އެރޮނގުން އެ ބޭފުޅުންނަށް ޚިދުމަތް ކުރައްވަމުން ގެންދަވާ ކަމާބެހޭ މުއައްސަސާތަކަށާއި. އަމިއްލަ ޖަމުޢިއްޔާ، ޖަމާޢަތްތަކަށާއި، އަމިއްލަ ފަރުދުންނަށްވެސް މި މުނާސަބަތުގެ ތަހުނިޔާ ދެންނެވުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް.


14 ޑިސެންބަރު 1990 ވަނަ ދުވަހު އ.ދ.ގެ ޢާންމު ޖަލްސާއިން ނުވަތަ ޔޫ.އެން. ޖެނެރަލް އެސެމްބްލީން ޤަރާރެއް ފާސްކުރެއްވި. އެ ޤަރާރުގައި ވަނީ ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަސް އެއީ، ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ކަމުގައި ކަނޑައެޅުއްވުމަށް. އަދި މި ނިންމެވުމަށް 1991 ވަނަ އަހަރުން ފެށިގެން ޢަމަލުކުރަން ފެށުމަށް. އާދެ، 1991 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހަކީ، ބައިނަލްއަޤްވާމީ ގޮތުން އުމުރުން ދުވަސްވީ މީހުންގެ ދުވަސް، އެންމެ ފުރަތަމަ ފާހަގަކުރެވުނު ދުވަސް. އެހެންކަމުން، ބައިނަލްއަޤްވާމީ ގޮތުން އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރާތާ މިއަދަށް 26 އަހަރު ފުރުނީ.


ދޮށީ އުމުރުގެ މީހުންގެ ދުވަސް މިއަހަރު ރާއްޖޭގައި ވަރަށް ކުލަގަދަގޮތެއްގައި މި ގެންދަނީ ފާހަގަކުރަމުން. މި މުނާސަބަތު ފާހަގަކުރުމަށް ސަރުކާރުގެ ފަރާތުން މި ބާއްވާ މުހިއްމު ޝަރަފުވެރި ޖަލްސާއަށް އަޅުގަނޑަށް ދަޢުވަތު ދެއްވިކަމަށްޓަކައި މިނިސްޓަރ ޒެނީޝާއަށާއި، އެ މިނިސްޓްރީގެ އެންމެހައި ވެރިންނަށާއި މުވައްޒަފުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީގައި ޝުކުރު ދަންނަވަން. ޝުކުރިއްޔާ!


ދޮށީ އުމުރުގެ މީހުންގެ ދުވަހެއް ފާހަގަކުރަމުންދާއިރު، އެ މީހުންނަށް ސަރުކާރުން ޚާއްޞަކޮށް، ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ދެއްވާ ޚާއްޞަ އަހަންމިއްޔަތުގެ މަތިން އަޅުގަނޑު ހަނދާންކުރަން. ދޮށީ އުމުރުގެ ހުރިހާ ބޭފުޅުންނަކީވެސް ފުރިހަމަ އިޙްތިރާމާއި ލޯބި ލިބިވަޑައިގެން ތިއްބަވާ ބޭފުޅުންނަށް ހެއްދެވުމަކީ، ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާ ކަމެއް. ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ދޮށީ އުމުރުގެ މީހުންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމުގެ ވަޢުދަކީ، އަޅުގަނޑު މި ދެންނެވި ބަހުގެ ހެތްކެއް.


މިއަދު މި އިފްތިތާޙު ކުރެވުނު ސިޔާސަތަކީ، މިހާރުގެ ސަރުކާރުން ދޮށީ އުމުރުގެ މީހުންގެ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމުގެ ވަޢުދުގެ ދަށުން އެކުލަވައިލާފައިވާ ސިޔާސަތެއް. ސަރުކާރުގެ މި ވަޢުދު ތަންފީޒު ކުރުމަށްޓަކައި ސަރުކާރުގެ އެކި މުއައްސަސާތަކުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން އަޅުގަނޑު ފާހަގަކުރަން. އަދި ޚާއްޞަކޮށް، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ފަރާތުން ދޮށީ އުމުރުގެ މީހުންގެ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށްޓަކައި ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތްތައް އުފަލާއެކު ފާހަގަކުރަން. ހަމައެއާއެކު މި ސިޔާސަތު އެކުލަވައިލެއްވުމަށްޓަކައި ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްވި ލަފާފުޅާއި އިރުޝާދުތަކަށްޓަކައި އެމަނިކުފާނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ޝުކުރިއްޔާ ރައީސް. އަދި މި ސިޔާސަތު އެކުލަވައިލެއްވުމުގައި، ޖެންޑަރ މިނިސްޓަރ ޒެނީޝާ ކުރެއްވި މަސައްކަތްޕުޅުތަކަށްޓަކައި އެކަމަނާއަށާއި އަދި މިކަމުގައި ފަންނީ ރޮނގުންނާއި، އެހެނިހެން ގޮތްގޮތުން އެހީތެރިވެދެއްވި އެހެން ވަޒީރުންނަށާއި، ފަންނީ މާހިރުންނަށާއި، ކަމާބެހޭ އިދާރާތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.


ދޮށީ އުމުރުގެ މީހުން، އެހެން ގޮތަކަށް ދަންނަވާ ކަމަށްވަންޏާ، އުމުރުން ދުވަސްވީ މީހުންނަކީ، ޤައުމުގެ އިސް ރަށްވެހިން. އެއީ، މިއަދުގެ ޒުވާން ޖީލު ބިނާކުރި މީހުން. އަޅުގަނޑުމެންގެ މައިން، ބަފައިން، ކާފައިން، މާމައިން ނުވަތަ އެއަށްވުރެވެސް ދޮށީ މީހުން. ގޭތެރޭގެ އަގުހުރި މަސައްކަތްތަކާއެކު އޭގެ ގިނަ މީހުންގެ ޚިދުމަތްވަނީ ޤައުމުގެ ތަފާތު ދާއިރާތަކަށް ފަތުރާފައި. އޭގެތެރޭގައި ޤައުމު ފާހަގަކުރާ ބޮޑެތި ޢިލްމުވެރިންނާއި، އަދި އެކި ރޮނގު ރޮނގުން ޤައުމަށް ތަފާތު ޚިދުމަތް ކުރެއްވި ޚިދުމަތްތެރިން ހިމެނޭ. ޤައުމަށް ލިބިފައިވާނަމަ ލިބިފައިވާ ރީތި ނަމަކާއި، އައިސްފައިވާ ކުރިއެރުމެއްގެ ފަހަތުގައި ވަނީ ޝައްކެއްނެތްގޮތުގައި، ދެންމެ މިނިސްޓަރ ވިދާޅުވިގޮތަށް، އަޅުގަނޑު ދެންނެވި އިސް ރަށްވެހިން. އެ މަސައްކަތުގައި ތިބެ އެމީހުން މިއަދު ވަނީ މުސްކުޅިވެފައި. އޭގެތެރެއިން ބައެއް މީހުން އެވަނީ އެމީހުންގެ ގައިގެ ބާރުދޫވެ، އެހެން މީހުންގެ އަޅައިލުން ބޭނުންވާ ބަޔަކަށްވެސް ވެފައި.


އާދެ، ޤައުމެއްގެ ރައުސްމާލަކީ އެ ޤައުމެއްގެ ޒުވާނުން. މިއީ ޒުވާނުންނާ ބެހޭގޮތުން އަދި އެ ޤައުމަކަށް ޒުވާނުންގެ މުހިއްމުކަމާއި ބޭނުންތެރިކަން އޮތް މިންވަރު ވަރަށް ކުރުކޮށް ސާދާކޮށް ބުނެދޭ ޖުމްލައެއް. ހަމައެއާއެކު، ޤައުމެއްގެ އެންމެ އަގުބޮޑު ޚަޒާނާއަކީ، އެ ޤައުމެއްގައި ދިރިއުޅުއްވާ ދޮށީ އުމުރުގެ ބޭފުޅުންކަން މިއަދު އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ.


މިހާބޮޑު ޤަދަރެއް އެބޭފުޅުންނަށް އަޅުގަނޑުމެން ދޭންޖެހޭ ސަބަބަކީ ކޮބައިކަމާމެދު ތިޔަބޭފުޅުންގެ ހިތްޕުޅުގައި ސުވާލު ފަހަރެއްގައި އުފެދިދާނެ. އާދެ، އެއީ، ދޮށީ އުމުރުގެ ބޭފުޅުންނަށް އެބޭފުޅުންގެ ޙަޔާތުގައި ލިބިވަޑައިގެންފައިވާ ތަޖުރިބާ. އަޅުގަނޑު ދެކޭގޮތުގައި އެބޭފުޅުންގެ ޙަޔާތުގެ ތަޖުރިބާއަކީ، ލޮލަށް ނުފެންނަ، މަޢުނަވީ ތަރިކައެއް. އަދި އެއީ، ޤައުމުގެ އެންމެ އަގުހުރި އާސާރު ކަމުގައިވެސް ދެންނެވިދާނެ. އެބޭފުޅުންވަނީ މި ޤައުމަށް ކުރިމަތިވި ހިތާމަތަކާއި އުފާތައް އެބޭފުޅުންގެ ހިއްސުތަކުން ތަޖުރިބާ ކުރައްވާފައި. އެ ބޭފުޅުންގެ އަތްޕުޅުތަކުން މި ޤައުމުގެ ތަރައްޤީގެ ޗާޓުވަނީ ކުރައްސަވާފައި. އަދި ޤައުމުގެ ތާރީޚު ލިޔުއްވުމުގައި އެބޭފުޅުން އަދާކުރެއްވި ދައުރު ވަރަށް މުހިއްމު. ޤައުމު ދަތުރުކުރަންވީ މިސްރާބު އެބޭފުޅުން ދެއްކެވި. ޤައުމަށް ކުރިމަތިވި ދަތި އުނދަގޫތަކުން އަރައިގަނެ، ޤައުމު ކުރިއަށް ގެންދެވުމުގައި އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން ކުރިއަށް ގެންދެވި. ޒަމާނީ ފަސޭހަތައް ނެތުމާއެކުގައިވެސް، ޤައުމު ބިނާކުރެއްވުމުގައި، އެކި ފެންވަރުގައި އެކި މިންވަރަށް އަދި އެކި ގޮތްގޮތުން ޚިދުމަތް ކުރެއްވީވެސް އެބޭފުޅުން. އަދި ބައެއް ބޭފުޅުން މިއަދުވެސް އެ މަސައްކަތްޕުޅުތައް ވަރަށް ހީވާގިކަމާއެކު އެ ގެންދަވަނީ ކުރައްވަމުން. އޭގެތެރެއިން ބައެއް ބޭފުޅުން މިއަދުގެ މި ޖަލްސާގެ އިސް ސަފުންވެސް ފެންނަން އެބަތިބި. އަޅުގަނޑު މި ފުރުޞަތުގައި، އެހުރިހާ ބޭފުޅުންނަށް އައްސަރިބަހާއި ސާބަސް ދަންނަވަން.


އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ރާއްޖޭގައި ދިވެހިރާއްޖޭގެ އިސް ރަށްވެހިންގެ ޖަމުޢިއްޔާގެ ނަމުގައި މަސައްކަތްކުރާ އަމިއްލަ ޖަމުޢިއްޔާއެއް އޮވޭ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި އެއީ މީގެ 3 އަހަރެއްހައި ދުވަސް ކުރިން އުފެދުނު ޖަމުޢިއްޔާއެއް. އެ ޖަމުޢިއްޔާގެ ރައީސް މިހާރުވެސް އަޅުގަނޑުމެންގެ ކުރިމަތީގައި އެބަ އިންނެވި. އަދި ޖަމުޢިއްޔާގެ އެހެން ޢިއްޒަތްތެރި މެންބަރުންވެސް އަޅުގަނޑުމެންގެ ކުރިމަތީގައި ފެންނަން އެބަތިބި. މި ޖަމުޢިއްޔާގެ ބޭނުމަކަށް ވެފައިވަނީ އުމުރުން ދުވަސްވީ މީހުންނަށް، އެމީހުންގެ ޢުމުރުގެ ބާކީ އޮތް ދުވަސްތައް ވީހާވެސް އުފާވެރިކޮށް ހޭދަކުރުމުގެ ފުރުޞަތު ހޯދައިދިނުން. އަދި އެ ބޭފުޅުން މަސައްކަތްކުރި ދާއިރާއެއްގެ މަސައްކަތާ ގުޅޭގޮތުން ނުވަތަ އެބޭފުޅުންނަށް ޢިލްމާއި ތަޖުރިބާ ލިބިފައިވާ އެހެން ދާއިރާތަކުންވިޔަސް، ޤައުމުގެ ތަރައްޤީއާއި މުޖުތަމަޢުގެ ފައިދާއަށް މަސައްކަތް ކުރުން. ޚާއްޞަކޮށް، ސަރުކާރުގެ އިދާރާތަކުން ހިންގަވާ މަސައްކަތްތަކަށް ތަރުޙީބުދީ، އެކަންކަމުގައި ބައިވެރިވުން. މުޖުތަމަޢުން ބާކީނުވެ، އެމީހަކު އުޅޭ ރަށެއްގައި ނުވަތަ ޤައުމީގޮތުން އުފެދިފައިވާ މުއައްސަސާތަކުގައި އެންމެން ވީހާވެސް އެކީގައި އެކުވެ އުޅެވޭނެ މާޙައުލުތައް މާލޭގަޔާއި ރާއްޖޭގެ އަތޮޅުތަކާއި ރަށްތަކުގައި ޤާއިމުކުރުން. ޤައުމަށް ފައިދާހުރި އަދި އެކަމަކުން ތިމާއަށް ހިތްހަމަޖެހުން ލިބޭ ކޮންމެ ކަމެއްގައި ބައިވެރިވުމުގެ ފުރުޞަތު ހޯދައިދީ، އެމީހަކަށް ލިބިހުރި ޢިލްމާއި ތަޖުރިބާއެއް ޤައުމަށް ހަދިޔާ ކުރުމަށް މަގު ހުޅުވައިދިނުން. މިނިސްޓްރީ އޮފް ޖެންޑަރ އާއި އަދި އެނޫންވެސް އެފަދަ ޚިދުމަތްތެރި ސަރުކާރުގެ މުއައްސަސާތަކުން ކުރައްވާ މަސައްކަތްޕުޅުގައި އެއްބާރުލުންދީ، އެ ދާއިރާތަކާ ގުޅިގެން މަސައްކަތް ކުރުން. ފަހަރެއްގައި ހިތްޕުޅަށް އަރައިވަޑައިގެންފާނެ، ހާދަ ދިގުކޮށްނޭ މި ވާހަކަ ކިޔައިދެނީ. އަޅުގަނޑާ ވަރަށް ކައިރިން މަސައްކަތްކުރާ ޖަމުޢިއްޔާއަކަށްވާތީ، އަޅުގަނޑު ހިތަށްއެރީ މި ޖަމުޢިއްޔާ މިގޮތަށް ޕްރޮމޯޓް ކުރެވޭނީ މިކަހަލަ ގޮތަކުންނޭ. އެހެންވެގެން އަޅުގަނޑު މި ވާހަކަ ތަފްޞީލުކޮށް ދަންނަވާލަން ބޭނުންވަނީ.


ޝައްކެއްވެސްނެތް، މިފަދަ މުއައްސަސާތަކުގެ ޚިދުމަތުގެ އަގު ދިވެހި ސަރުކާރުން ޚާއްޞަކޮށް، ޖެންޑަރ މިނިސްޓްރީން ވަޒަން ކުރައްވާކަން އަޅުގަނޑު ވަރަށް އުފަލާއެކު ފާހަގަކުރަން. އަދި ސަރުކާރުގެ އިދާރާތަކަށް ޝުކުރު އަދާކުރަމުން އަޅުގަނޑުގެ އިޚުލާޞްތެރި އެދުމަކީ، ޤައުމަށް ޚިދުމަތް ކުރުމަށް ތެދުވެރިކަމާއެކު ނުކުންނަ ކޮންމެ ފަރާތަކަށް އަޅުގަނޑުމެންނަށް ދެވެންއޮތް އެހީތެރިކަމެއް ދިނުމުގެ ޢަޒުމުގައި އަޅުގަނޑުމެން ކުރިއަށްދިޔުން.


އާދެ، މިއަދަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ދޮށީ އުމުރުގެ މީހުންގެ ދުވަސް. މިފަދަ ދުވަހެއް ފާހަގަކުރަމުންދާއިރު، އަޅުގަނޑުމެން އަމާޒު ހިފަންވީ ދިވެހިރާއްޖޭގެ އިސް ރަށްވެހިންގެ ޖަމުޢިއްޔާފަދަ މުއައްސަސާތަކުގެވެސް ބޭނުން ހިފައިގެން، މި އިސްލާމީ މުޖުތަމަޢަކީ، ހުރިހާ ކުލައަކާއި، ހުރިހާ ފަންތިއެއްގެ އިތުރުން، ހުރިހާ އުމުރެއްގެ މީހުންނަށްވެސް އަމާންކަމާއި ރައްކާތެރިކަމާއެކު ދިރިއުޅެވޭފަދަ ތަހުޒީބު މުޖުތަމަޢަކަށް ހެދުމަށް. އަދި މިކަމުގައި މި ސަރަޙައްދު ކީއްކުރަންތޯ، ދުނިޔޭގެ އެހެން ޤައުމުތަކަށްވެސް ނަމޫނާއަކަށް އަޅުގަނޑުމެންގެ މި ޤައުމު ހެދުން. ތަރައްޤީއަށްޓަކައި އަޅުގަނޑުމެން މިކުރާ މަސައްކަތުގެ ޙަޤީޤީ ފޮނިމީރުކަން އިޙްސާސް ކުރެވޭނީ އޭރުންކަމާމެދަކު ޝައްކެއްނެތް.


މިއަހަރުގެ ދޮށީ އުމުރުގެ މީހުންގެ ދުވަހަށް އ.ދ އިން ކަނޑައަޅާފައިވާ ޝިޢާރަކީ ވަރަށް މުހިންމު ޝިޢާރެއް. އެ ޝިޢާރާ ދޭތެރޭގައި މިފަދަ މުނާސަބަތެއްގައި އަޅުގަނޑުމެން ބަލައިލުން މުހިއްމު. އެ ޝިޢާރުގައި ވަނީ،
''Tapping the talents, contributions and participation of older persons in society''


މި ޝިޢާރު ބިނާކޮށްފައި މިވަނީ، ދޮށީ އުމުރުގެ މީހުންގެ ހުނަރުވެރިކަމާއި ފަންނުވެރިކަން އިތުރުކޮށް، އިޖުތިމާޢީ ކަންކަމުގައި އެ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމުގެ ބޭނުންތެރިކަމުގެ މައްޗަށް. ޚާއްޞަކޮށް، ޤައުމުގެ ކުރިމަގަށް ނުވަތަ ދުރު ރާސްތާއަކަށް ވިސްނާއިރު، ޒުވާނުންގެ ހުނަރުވެރިކަމާއި ފަންނުވެރިކަމަށް ވާގިދިނުމަށްޓަކައި، ދޮށީ އުމުރުގެ މީހުންގެ ޢިލްމާއި އިރުޝާދުގެ ބޭނުންތެރިކަން ވަރަށްވެސް ބޮޑު. މިއީ ތިޔަބޭފުޅުން ދެބަސްވެވަޑައިގަންނަވާނެ ކަމެއް ނޫން. ޢިލްމާއި އިރުޝާދުގެ ބޭނުންތެރިކަން. އެހެންކަމުން، އެފަދަ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކޮށް އަދި އެ ފަރާތްތަކަށް ބޭނުންވާ ނުވަތަ ދޭންޖެހޭ އަހައްމިއްޔަތު މިހާރަށްވުރެ އިތުރުކުރަންޖެހޭ. އަދި އެފަދަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށް އިތުރު ފުރުޞަތުތަކެއް ފަހިކޮށްދޭންޖެހޭ. އާ މަގުތަކެއް ކޮށައިދީ ހުޅުވައިދޭންޖެހޭ.


ސަރުކާރުގެ ތަޢުލީމީ ސިޔާސަތަކީ، ތަޢުލީމުން އެއްވެސް ކުއްޖަކު މަޙްރޫމު ނުކުރުން ނުވަތަ ބާކީނުކުރުން ކަމަށްވާއިރު، މި ބީދައިން ދޮށީ އުމުރުގެ އެއްވެސް ބޭފުޅަކު މުޖުތަމަޢުން އަދި ގޭތެރެއިންވެސް ބާކީނުކުރެއްވުމަށް އަޅުގަނޑު މިއަދު ގޮވާލަން. ހަމައެއާއެކު ދޮށީ އުމުރުގެ ބޭފުޅުންގެ އިޙްސާސްތައް ދެނެވަޑައިގެން، ފުރިހަމަ އިޙްތިރާމާއި ޤަދަރު ދެއްވައިގެން މަސައްކަތްޕުޅު ކުރެއްވުމަށްވެސް މިއަދު އަޅުގަނޑު އިލްތިމާސް ކުރަން.


އަޅުގަނޑުގެ ވާހަކަ ނިންމާލުމުގެ ކުރިން، އަދިވެސް އެއްފަހަރު ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، އުމުރުން ދުވަސްވީ މީހުންގެ ކަންކަމަށް ދެއްވާ ޚާއްޞަ އަހަންމިއްޔަތާއި ސަމާލުކަމުގެ އަގު ވަޒަންކުރަމުން، ތިޔަ އެންމެހައި ޢިއްޒަތްތެރިންގެ ނަންފުޅުގައި އެމަނިކުފާނަށް ވަރަށް އިޚްލާޞްތެރިކަމާއެކު، އަޅުގަނޑު ޝުކުރު ދަންނަވަން. ޝުކުރިއްޔާ، ޢިއްޒަތްތެރި ރައީސް.


އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، މާތްﷲ ދޮށީ އުމުރުގެ ބޭފުޅުންނަށް ފުރިހަމަ ޞިއްޙަތާއި ޢާފިޔަތު މިންވަރު ކުރެއްވުން. އަދި ދޮށީ އުމުރުގެ ބޭފުޅުންގެ ކުރިއެރުމަށާއި، އެބޭފުޅުންގެ އިޖުތިމާޢީ މަންފާއަށްޓަކައި ސަރުކާރުންނާއި ޢާންމު ފަރާތްތަކުން ކުރަމުން މި ގެންދާ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތް ލެއްވުން. އަދި ހުރިހާ އުމުރުފުރައަކަށް ޚާއްޞަކޮށްގެން ސަރުކާރުން ކުރަމުން މި ގެންދާ އެކި މަސައްކަތްތަކުގައި އެކަލާނގެ ކާމިޔާބީ ލެއްވުން މިންވަރު ކުރެއްވުން.


ﻭَﻣَﺎ ﺗَﻮْﻓِﻴﻘِﻲ ﺇِلاَّ ﺑِﺎﻟﻠَّﻪِ ﻋَﻠَﻴْﻪِ ﺗَﻮَﻛَّﻠْﺖُ ﻭَﺇِﻟَﻴْﻪِ ﺃُﻧِﻴﺐُ.
والسّلام عليــكم ورحـمــة اللّـه وبـركاتـه