بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَــالَمِـين، وَالصّـلاة وَالسّـلام علـى أشـرف الأنبياء والمرسـلين، وَعلـى آلـه وأصـحابـه أجمـعـين.

އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔަތު، އޮޑިޓް އޮފީހުގެ ހީވާގި މުވައްޒަފުން، މިނިވަން މުއައްސަސާތަކުގެ ވެރިން، މަޖިލިސް މެންބަރުން، ސަރުކާރުގެ ކުންފުނިތަކުގެ ވެރިން، ސަރުކާރުގެ އޮފީސްތަކުގެ ވެރިން އަދި ޕްރައިވެޓް ސެކްޓަރ އާއި، އޮޑިޓް ފާމްތަކުގެ ވެރިންނާއި މުވައްޒަފުން، މިތަނަށް ވަޑައިގެންތިއްބެވި އެންމެހާ ބޭފުޅުން،

السّلام عليــكم ورحـمــة اللّـه وبـركاتـه.

އަޅުގަނޑު ދަންނަވާނީ މިއަދަކީ ވަރަށް އުފާވެރި ދުވަހެކޭ. އާދެ، އޮޑިޓް އޮފީހުގެ ވެބްސައިޓް އަލުން ޑިޒައިންކޮށް އިފްތިތާޙު ކުރުމާއި އަދި ސްޓްރެޓީޖިކް ޕްލޭން ނެރުމަށް އަޅުގަނޑަށް މި ދަޢުވަތު ދެއްވިކަން އެއީ އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެކޭ. އަޅުގަނޑު ދަންނަވާނީ އޮޑިޓް އޮފީސް ކޮންމެވެސް ސިފައެއްގައި އެންމެ ފުރަތަމަ މި އުފެދުނީ 1948 ވަނަ އަހަރު. އެދުވަހުން ފެށިގެން މިއަދާ ހަމައަށް 68 އަހަރު ވީއިރު އޭގެން ދުވަސްކޮޅެއްގައި އޮޑިޓް އޮފީހުގައި މަސައްކަތް ކުރުމު ފުރުސަތު ލިބުނު މީހެކޭ އަޅުގަނޑަކީ. އެއިރު އަޅުގަނޑަކީ ސްކޫލް ކުއްޖެއް. ސްކޫލްގައި އުޅުނުއިރު އަޅުގަނޑު ހިތަށްއެރީ އަޅުގަނޑު އިންޓްރެސްޓް ހުރި ދާއިރާއަކަށްވާތީ އަޖުމަ ބަލައިލަން ވަންނާނީ އޮޑިޓް އޮފީހަށޭ، ސްކޫލް ބަންދު ތެރޭގައިވެސް. އޮޑިޓް އޮފީހުން އިޢުލާނުކުރި މަގާމެއް އޮޑިޓް ކްލާރކެއްގެ މަގާމު ހަނދާންވަނީ އަސްލު އޮޑިޓު ކާތިބު. އެއީ 1980ގެ ކުރީކޮޅު. އަޅުގަނޑު އެތަނަށްވަނީ ސްކޫލް ކުއްޖެއްކަމަށް ނުބުނެ. އަޅުގަނޑު ސްކޫލް ކުއްޖެއްކަން ނުބުނެ އެތަނަށް ވަދެ އަޅުގަނޑު ދެން މަސައްކަތުގައި އުޅެނިކޮށް އަޅުގަނޑަށް އެންމެ ފުރަތަމަ ކުރަންޖެހުނު ކަމަކީ ގުރާބު ތުނޑިއަށްދާން. އެ ގުރާބު ތުނޑި ދެން މިހާރު މާލޭގައި ނުވެސް ނެތް. އެއީ އެތަން އޮޑިޓް ކުރަން ދާންޖެހުނީ. ހަނދުމަފުޅު ހުންނާނެކަންނޭނގެ އަލީ މޫސަ. އަލީ މޫސައާއެކީ. އެދުވަހުން ފެށިގެން އަޅުގަނޑު އޮޑިޓް އޮފީހުގައި ކުރާ މަސައްކަތާ ދޭތެރޭގައި ވަރަށް ޝައުޤުވެރިކަން އުފެދިގެން އައި. އަޅުގަނޑު ދަންނަވާނީ އެއީއޭ އަޅުގަނޑު އެންމެފުރަތަމަ ކަލްކިއުލޭޓަރެއްގައި އަތްލަން ޖެހުނު ދުވަސް. އެއީ އެންމެ ފުރަތަމަ ފަހަރަށް އޮޑިޓް އޮފީހަށް ވަދެފައި. އެއިރު މާގިނަ ކަލްކިއުލޭޓަރެއް ނުހުރޭ އޮޑިޓް އޮފީހުގައިވެސް. އަދި ކޮމްޕިއުޓަރ ޒަމާނެއްވެސް ނޫން އެއީކީ އެއްގޮތަކަށްވެސް. އެހެންވީމާ، އަޅުގަނޑުގެ އެންމެ ފުރަތަމަ ޕަބްލިކް ކެރިއަރ، ދެންމެ އޮޑިޓަރ ޖެނެރަލްގެ ވާހަކަފުޅުގައިވެސް ވިދާޅުވިހެން ކިތަންމެ ކުޑަދުވަސްކޮޅެއް ނަމަވެސް ފެށުނީ އަސްލު އޮޑިޓް އޮފީހުން. އެހެންވީމާ، އަޅުގަނޑު ވަރަށް އުފާވޭ އަސްލު އޮޑިޓް އޮފީހުން މިކުރާ ކަންތައްތައް އެ އަންނަ ބަދަލުތަކާއި އެ ތަރައްޤީ އަސްލު އަންނަލެއް ބާރުކަމުން.

ހަމަ އެދުވަހުން ފެށިގެން 68 އަހަރު ދުވަހުގެ ތެރޭގައި ވަރަށް ގިނަ ވެރިން ބަދަލުވެފައިވަނީ. އަޅުގަނޑު ހަނދާންވަނީ 1942 ވަނަ އަހަރު، އެއިރު ފެށުނީ ހަމައެކަނި ވުޒާރަތުލް މާލިއްޔާގެ ތެރޭގައި، ކުޑަކުޑަ ޑެސްކެއް ބަހައްޓައިގެން. ދެންމެ ވިދާޅުވީ އިސްމާޢީލް ކަލޭގެފާނު ތުއްތުއޭ ފުރަތަމަ އޮޑިޓަރަކީ. އެހާ ނިކަމެތިކޮށް އެންމެ ފުރަތަމަ މި މަސައްކަތް ފެށިގެން ދިޔައީ. އެހެންނަމަވެސް މިއަދު އަޅުގަނޑު ދަންނަވާނީ އޮޑިޓް އޮފީހަކީ ވަރަށް ފުރިހަމަ އޮފީހަކަށް ބަދަލުވަމުންނޭ އަންނަނީވެސް. އަޅުގަނޑަށް އެންމެ ކައިރިން ފެންނަނީ އޮޑިޓް ރިޕޯޓްތައް. އޮޑިޓް އޮފީހަށް ވަދެ މަސައްކަތް ކުރުމުގެ ފުރަޞަތެއް އަޅުގަނޑަކަށް ދެން މިހާރަކު ނުލިބޭނެ. އޮޑިޓް ރިޕޯޓްގައި އެ ހުންނަ މަޢުލޫމާތުތަކާއި އެއްޗިއްސަށް ބަލާއިރު ވަރަށް ފުރިހަމަ އޮފީހެއް ކަމަށް އަޅުގަނޑަށް ގައިމުކުރެވޭ. އެއީ އެ އޮޑިޓް އޮފީހުގައި ހިފަހައްޓާފައި އެ ހުންނަ ފިޓްނަސް. އެހެންވީމާ، އަޅުގަނޑު ކޮންމެހެން އެ ވާހަކަ ދައްކާކަށް ނެތިން. އަޅުގަނޑުގެ އެންމެބޮޑު އުފަލެއް ކަމަށް މިއަދު އަޅުގަނޑު ދެކެނީ މި ސްޓްރެޓީޖިކް ޕްލޭންގައި އެ ހިމެނޭ ދާއިރާތައް. އެ 4 ދާއިރާ. އެއް ދާއިރާއަކީ ދެން އިނގިރޭސި ބަހުން ދަންނަވާ ކަމަށްވަންޏާ އެކައުންޓެބިލިޓީ. ޕަބްލިކް އެކައުންޓެބިލިޓީ. އަނެއް ދާއިރާއަކީ ރެލެވަންސް. 3 ވަނަ ދާއިރާއަކީ ވިދާޅުވަނީ މޮޑެލް އޯގަނައިޒޭޝަނެއްގެ ގޮތަށް. ހަތަރުވަނަ ދާއިރާއަކީ އެކައުންޓު އެންޑް ޕްރޮފެޝަން. މި 4 ދާއިރާއަކީ ވަރަށް މުހިންމު 4 ދާއިރާ. މި 4 ދާއިރާގައި އެބޭފުޅުން ކުރައްވާ ކަންތައްތައް މިހާރު އެ ސްޓްރެޓީޖިކް ޕްލޭނާ އެއްގޮތަށް ކުރެވެއްޖެ ކަމަށްވަންޏާ އަޅުގަނޑު ދަންނަވާނީ، ރާއްޖޭގެ އޮޑިޓް އޮފީސްވާނެއޭ މި ހިސާބުގަނޑުގެ އޮޑިޓް އޮފީސްތަކުގެ ނަމޫނާ އޮފީހަކަށް. އެއީ އަޅުގަނޑު ދެކެން ބޭނުންވާ ހުވަފެނަކީ. އިރާދަކުރެއްވިއްޔާ އެކަން ކުރެވޭނެ. އަޅުގަނޑު ގައިމުވެސް އަދި ރައީސުލްޖުމްހޫރިއްޔާވެސް ހުންނެވީ ތިޔަބޭފުޅުންނާ ހަމަ ވީހާވެސް އެހީތެރިކަން ދެއްވައިގެން ކަންކަން ކުރައްވަން. އެހެންވީމާ، އޮޑިޓް އޮފީހުގައި ތިއްބެވި މުވައްޒަފުންނާއި، ސަރުކާރާއި އަދި ކަމާބެހޭ މުއައްސަސާތައް ގުޅިގެން އެކަން އިރާދަކުރެއްވިއްޔާ މަގުފަހިވެގެންދާނެ.

އަޅުގަނޑަށް ޚަބަރު ލިބިފައި އޮތް ގޮތުގައި ގާތްގަނޑަކަށް މިހާރު އޮޑިޓް އޮފީހުގައި 139 މުވައްޒަފުން މަސައްކަތް ކުރަމުން އެބަގެންދޭ. ފަހަރެއްގައި ދޮގަކަށްވެސް ވެދާނެ. އަޅުގަނޑަށް ލިބުނު މަޢުލޫމާތު އެއީ. އޭގެތެރެއިން ދެބައިކުޅަ އެއްބައި އެއީ ގްރެޖްއޭޓުން. ދެބައިކުޅަ އެއްބަޔަކީ ގްރެޖުއޭޓުން. އަނެއްބައި އަދި ގްރެޖްއޭޓްވުމުގެ މަގުމަތީގައިހެން އަޅުގަނޑަށް ހީވަނީ. އެހެންނަމަވެސް އަޅުގަނޑު ދަންނަވާނީ ރާއްޖޭގެ މުއައްސަސާއަކަށް ބަލާކަމަށްވަންޏާ ވަރަށް ކިޔަވައިގެން ތިބި، ކުޅަދާނަ، ޒުވާން މަސައްކަތްތެރިންތަކެއް، ނުވަތަ މުވައްޒަފުންކޮޅެއް އުޅޭތަނެކޭ މި އޮޑިޓް އޮފީހަކީ. އަދި ކުރިއަށް އޮތްތާނގައިވެސް އެ ވިދާޅުވަނީ އިތުރަށް ތަމްރީނު ދެއްވާ ވާހަކަ. އެހެންވީމާ، މި ސްޓްރެޓެޖިކް ޕްލޭން، އެއާ އެއްގޮތަށް ތަންފީޒު ނުވާނެކަމުގެ އެއްވެސްކަހަލަ ޝައްކެއްނެތް. އަޅުގަނޑު ގަބޫލުކުރާގޮތުގައި ވަރަށް ސްޕީޑްލީ އެ ތަންފީޒުކުރަމުން ދާނީވެސް. އެހެންވީމާ، އަޅުގަނޑު ހަމަ އަދިވެސް އެއްފަހަރު އޮޑިޓަރ ޖެނެރަލަށާއި، އޮޑިޓަރ ޖެނެރަލް އޮފީހުގައި މަސައްކަތް ކުރައްވާ ހީވާގި މުވައްޒަފުންނަށް، މިހާ ފުރިހަމަ ސްޓްރެޓީޖިކް ޕްލޭނެއް ތައްޔާރުކޮށް އިފްތިތާޙު ކުރުމާ ހިސާބަށް ގެނެސްދެއްވި ކަމަށްޓަކައި އަޅުގަނޑުގެ ނަމުގައި އަދި ރައީސުލްޖުމްހޫރިއްޔާގެ ނަމުގައާއި، ދިވެހި ރައްޔިތުންގެ ނަމުގައި ވަރަށް އިޚްލާސްތެރިކަމާއެކު ތިޔަ ބޭފުޅުންނަށް ޝުކުރު ދަންނަވަން.

އާދެ، ވެބްސައިޓްވެސް ވަރަށް ފުރިހަމަ. އެހެންވީމާ، ވެބްސައިޓްގައި ހުރި ވާހަކަ ދެން ކޮންމެހެން އަޅުގަނޑު އިތުރަށް ގެންނާކަށްނެތިން. މިއީ ވަރަށް ފުރިހަމަ ވެބްސައިޓެކޭ އަޅުގަނޑު ދަންނަވާނީ. އަޅުގަނޑު މިއަދު ގޮސް، މި ވެބްސައިޓްގައި ހުރި މަޢުލޫމާތު ކުޑަކޮށް ބަލައިލާނަން. މިހާރު އަޅުގަނޑު މިތަނަށް އައުމުގެ ކުރިން ސްޓްރެޓީޖިކް ޕްލޭން ކުޑަކޮށް ބަލައިލިން. އެހެންނަމަވެސް، ވެބްސައިޓްގައި ހުރި މަޢުލޫމާތު ބެލުމުގެ ފުރުޞަތެއް ނުލިބުނު. އެހެންވީމާ، މި ޖަލްސާ ނިންމާފައި އަޅުގަނޑު ހިތަށްއަރަނީ ވެބްސައިޓްގައި ހުރި މަޢުލޫމާތު ބަލައިލާނަމޭ. އަޅުގަނޑަށް ފެނުނު މަންޒަރުތަކަށް ބަލާއިރު، ވަރަށް ރިޗް މަޢުލޫމާތުތަކެއް އެބަހުރި މީގެތެރޭގައި. އެހެންވީމާ، ހުރިހާ ދިވެހި ރައްޔިތުންނަށް އޮޑިޓް އޮފީހުން ކުރާ މަސައްކަތްތައް ވަރަށް ހާމަގޮތެއްގައި ފެނިގެންދާނެ ދެ ކަންތައް މިއަދު މި އިފްތިތާހު ކުރެވުނީވެސް.

އާދެ، އޮޑިޓް އޮފީހުން އެންމެ ގިނައިން އެންމެބޮޑު ކަމެއްގެ ގޮތުގައި އޮޑިޓަރ ޖެނެރަލް މި ވާހަކަ ވިދާޅުވިޔަސް، އޮޑިޓް ރިޕޯޓްތައް ނެރުނު ނަމަވެސް. އާދެ، ބައެއް މީހުން ދެކޭގޮތުގައި އަސްލު އޮޑިޓް އޮފީހުން އަތުވެއްޖިއްޔާ އަބަދުވެސް ބަލާނީ މީހާ ކުށްވެރި ކުރެވޭތޯއޭ. ކޮންމެވެސް ކުށެއް ހޯދޭތޯއޭ. އެއީ ދޮގު ވާހަކައެއް. އެއީ ދޮގު ވާހަކައެއް. އޮޑިޓް އޮފީހުން ކުރާކަމަކީ އެމީހުން ކޮށްފައި ހުރި ކަންތައްތައް ކޮށްފައި ހުރީ ކޮންގޮތަކަށްތޯ އެ ކިޔައިދެނީ. އެހެންވީމާ، އޮޑިޓް އޮފީހުން އަންނަ މީހުންނަށް ރަނގަޅަށް މަޢުލޫމާތު ނުދެވޭކަމަށްވަންޏާ، އެ މަޢުލޫމާތު ދިންގޮތަށް އެ އޮޑިޓް ރިޕޯޓް އޮންނާނީ. ބައެއްފަހަރު ބައެއް އޮފީސްތަކުން މަޢުލޫމާތު ނުދެނީ. އަދި މަޢުލޫމާތު ރައްކާކޮށްފައި ހުންނަނީ. މިއީ ހަމަ ދޮގެއްނޫން. އަޅުގަނޑަށް ހީވަނީ ހުރިހާ ބޭފުޅުން ގަބޫލުކުރައްވާނެކަންނޭނގެ. އެހެންވީމާ، އޮޑިޓް އޮފީހުގެ މުވައްޒަފުންނަށް އެއްބާރުލުން ނުލިބޭ ކަމަށްވަންޏާ އެ ބޭފުޅުންނަށް އެއްބާރުލުން ލިބުނު މިންވަރަކަށް އޮޑިޓް ރިޕޯޓްގައި ހުންނާނީ. ދެން ފަހުން އޮޑިޓް ރިޕޯޓް ނެރުނީމަ ބުނާނެ، ނޫނެކޭ ތި ގޯސްކޮށޭ ތި އޮތީ. ތިމަންނަމެން އަތުގައި ތިޔަ މަޢުލޫމާތު އެބަހުއްޓޭ. އެއިރު އޮންނާނީ މާލަސްވެފައި. އެހެންވީމާ، އެ އޮޑިޓް ރިޕޯޓް ބަދަލެއް ނުކުރެވޭނެ. އޮޑިޓް މަސައްކަތް ފެށުމުގެ ކުރިން ދެކަމެއް ކުރޭ. އެއްކަމަކީ އެންމެ ފުރަތަމަ އިންޓަވިޔު. ދެން އެންޓްރީ އިންޓަވިޔު ކަމެއް އަޅުގަނޑަކަށް ނޭނގެ. ފުރަތަމަ އެތާނގެ އިސްވެރިންނާ ގައިމުވެސް ބައްދަލުކުރައްވާނެ، ފެށުމުގެ ކުރިން. އޮޑިޓް ޕްލޭން ކިޔައިދެއްވާނެ. އޮޑިޓަރުން ކުރައްވާނެ ކަންތައްތައް ކިޔައިދެއްވާނެ.

ދެވަނައަށް އޮޑިޓް ރިޕޯޓް ނިންމާފައި، އޮޑިޓް ރިޕޯޓްގެ ޑްރާފްޓް ނިންމާފައި އަނެއްކާ އެގްޒިޓް އިންޓަވިޔުވެސް ބާއްވާ. މީގައިވެސް އެ ރިޕޯޓްގެ ހުރިހާ މަޢުލޫމާތުތަކެއް، އެ ބޭފުޅުންގެ ފައިންޑިންގްސް، އެބޭފުޅުންގެ ހޯދުންތަކެއް، އެކަންކަމާބެހޭ ބޭފުޅުންނާ ޙިއްސާ ކުރައްވާނެ. އަޅުގަނޑާވެސް ހަމަ ވަރަށްގިނަފަހަރަށް އޮޑިޓް އޮފީހުގެ ބޭފުޅުންނާ ބައްދަލުވޭ. އަދި ފިނޭންސް މިނިސްޓަރަކަށް ހުރި އިރަކުނޫން. އޭގެކުރިން އަޅުގަނޑު އިންލަންޑް ރެވެނިޔުގައި އުޅުނުއިރު ވަރަށްގިނަ ފަހަރަށް އޭ.ސީ.ސީ ލުޠުފީ އޮޑިޓަރ ޖެނެރަލަކަށް ހުންނެވިއިރުވެސް ވަޑައިގަންނަވާނެ އޮޑިޓް ކުރައްވަން. އެހެންވީމާ، އެއިރުވެސް ލުޠުފީވެސް ވިދާޅުވާނެ، މިހިރީ މިކަންތައް ގޮސްފައި ހުރިގޮތް. އަޅުގަނޑުމެން ބުނަނީ ތިހެން ތިޔަ ކަންތައް ގޮސްފައި ހުރީ މިހެން ވެގެންނޭ. އެ ރީޒަން އައުޓުކޮށްގެން އެ ޖަސްޓިފިކޭޝަނާ އެކީގައޭ. އެހެންވީމާ، ކަންތައްތައް ގޮސްފައި ހުންނަ ގޮތް ރަނގަޅަށް ކިޔައިދިނީމަ އޮޑިޓަރުންނަށްވެސް ވިސްނޭނީ ބޮޑަށް މިކަން އަޞްލު އޮތީ މިހެން ގޮސްފައިކަން. ގަބޫލުކުރައްވާނެކަންނޭނގެ ރާއްޖޭގެ ހުރިހާ އަދި އެއްވެސް އޯގަނައިޒޭޝަނެއްގެ ކަންތައްތައް މުޅިން ދާނީކީ އެތަނުން ލިޔެފައި ހުންނަ އުސޫލުތަކާ މުޅިން އެއްގޮތަކަށް ނޫން. އަޅުގަނޑުމެން ބަލަނީ ވީހާވެސް އެއްގޮތަކަށް ކަންތައް ކުރެވޭތޯ. އެހެންނަމަވެސް، އެ ކަންތައްތައް މުޅިން އެއްގޮތަށް ނުދާ ސަބަބުތަކެއްވެސް ހުންނާނެ. އެ ސަބަބުތައް ކިޔައިދޭންޖެހޭނެ. އެއީ ވަރަށް މުހިންމު ކަމެއް. ގިނަފަހަރަށް އޮފީސްތަކުން އެކަންކަން ކިޔައިނުދެވޭތީ އޮޑިޓް ރިޕޯޓްގައި އެކަން ލިޔަން މިޖެހެނީވެސް. އެހެންވީމާ، އޮޑިޓަރ ޖެނެރަލް ނެރުއްވާ އޮޑިޓް ރިޕޯޓަކީ، ކަން ހިނގައިދިޔަގޮތުގެ ރިޕޯޓް. ދެން އެއާ އެއްގޮތަށް އޮފީސްތަކުން ނެރޭ މާލީ ހިސާބުތަކުގައި ނޯޓްސް ނުހުންނަ ކަމަށްވަންޏާ އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްވެސް އެ މަޢުލޫމާތު ނެތްގޮތަށް އޮންނާނީ. އޮޑިޓަރ ޖެނެރަލް އަމިއްލައަކަށް އެ މަޢުލޫމާތު އިތުރެއް ނުކުރެވޭނެ. އެހެންވީމާ، މިކަން މިއީ ހަމަ އަޅުގަނޑުމެން ސަމާލުކަން ދޭންޖެހޭ ކަމެކޭ. އޮޑިޓަށް ވަޑައިގަންނަވާ ބޭފުޅުންނާ އެކީގައި އަޅުގަނޑުމެން ވީހާވެސް ބޮޑަކަށް، ވީހާވެސްގިނަ މަޢުލޫމާތު ޝެއަރ ކުރިވަރަކަށް އޮޑިޓް ރިޕޯޓްގައި ހުންނަ މަޢުލޫމާތުތަކުގެވެސް ސައްޙަކަން ލިބިގެންދާނީ. އެއީ ވަރަށް މުހިންމު ކަމެއް.

ދެވަނަ ކަމަކަށް، ބައެއްކަހަލަ ކަންތައްތައް އަޅުގަނޑުމެން ކުރަން އޮންނަ ގޮތަށް ނޫން އެހެން ގޮތަކަށް ކުރާކަމަށްވަންޏާ އެ ވާހަކަ ލިޔަންޖެހޭނެ. ބައެއްފަހަރު ބައެއް އޮފީސްތަކުން ކުރާކަމެއް، ޓެންޑަރ ބޯޑަށް މި ފޮނުވަން މިޖެހެނީ 1.5 މިލިއަން ރުފިޔާއަށްވުރެ މަތިވެއްޖިއްޔާ. އެހެންވީމާ، އެއްކަލަ މަސައްކަތް ސްޕްލިޓްކޮށްލަނީ. ސްޕްލިޓްކޮށްފައި އެއްފަހަރު 5 ލައްކަ ރުފިޔާ، އަނެއްފަހަރު 4 ލައްކަ ރުފިޔާ، އަނެއްފަހަރު 3 ލައްކަ ރުފިޔާ. މިގޮތަށް ސްޕްލިޓްކޮށްގެންގޮސް 1.5 މިލިއަން ދައްކަނީ. އަސްލު ޙަޤީޤަތުގައި ހުރިހާ އެއްޗެއް އެއްކޮށްލައިފިއްޔާ 1.5 މިލިއަނަށްވުރެ މަތިވާނެ. އެއީ ޙަޤީޤަތުގައި ގޯސްކަމެއް ސްޕްލިޓްކޮށްގެން ގެންދިއުމަކީ. އެކަމަކު އޮފީސްތަކުން އެކަން ކުރާކަމަށްވަންޏާ، އެ ވާހަކަ އޮޑިޓް ރިޕޯޓްގައި އަންނާނެ. އެއީ އަޅުގަނޑުމެން ހިތްހަމަޖެހުނަސް ނުޖެހުނަސް.

ހަމައެގޮތަށް ފަންސަވީސް ހާހަށްވުރެ މަތިވެއްޖެ ކަމަށްވަންޏާ އިޢުލާނުކޮށްގެން، އެ ކޯޓޭޝަން ނުވަތަ އެ ބިޑަރުން ހޯދަން މި ޖެހެނީ. އެކަމަކު އިޢުލާނު ނުކޮށް އެކަންކޮށްފި ކަމަށްވަންޏާ އެވާހަކަވެސް ހަމަ އޮޑިޓް ރިޕޯޓްގައި އަންނާނެ. އެއީކީ އޮޑިޓަރ ޖެނެރަލަކަށް ޙަސަން ޒިޔަތު ހުންނަވީމަ ވާކަމެއްނޫން. އަދި އެހެން ބޭފުޅަކު ހުންނެވިއަސް އެ ވާހަކަ ލިޔުއްވާނެ އެހެންނޫންތޯ. އެހެންވީމާ، މިކަހަލަ ކަންތައްތައް އެބަޖެހޭ އަޅުގަނޑުމެން ބަލަން. އަދި ބައެއްކަހަލަ ޕްރޮޖެކްޓްތައް، އެ ޕްރޮޖެކްޓަކީ އަސްލު ރިއަލް ވެލިއުއަށްވުރެ މަތިން ހުންނަކަމަށްވަންޏާ އެ ވާހަކަވެސް ލިޔާނެ. އެހެންވީމާ، ރީޒަނަބަލް އަގެއްގައި ހުންނަންޖެހޭނީ ޕްރޮޖެކްޓް. އެހެންވީމާ، މިއީކީ މިއަދަކު އަދި މީގެކުރިން ވާކަމެއްނޫން. އަބަދުވެސް ވާކަންތައްތަކެއް. އަދި މިކަންތައްތައް ރަނގަޅުކުރުމަށް މަސައްކަތް ކުރެވޭތޯވެސް ވަރަށްގިނަފަހަރަށް އަޅުގަނޑުމެންވެސް އަދި ފިނޭންސް، އޮޑިޓް އޮފީހުންވެސް ވަރަށް ގިނަ މަސައްކަތް ކުރައްވާފައިވޭ.

އެހެންނަމަވެސް، މިކަން ކުރަން މިތިބެނީ ކޮންބައެއްތޯ؟ ކުރަން މިތިބީ ސަރުކާރު އޮފީސްތަކުގައި އެންމެބޮޑު އޭގެ ޒިންމާނަގަން މިޖެހެނީ ފައިނޭންސް އެގްޒެކްޓިވްސް. އެހެންނޫންތޯ؟ ފައިނޭންސް އެގްޒެކްޓިވް ކުރައްވަންޖެހޭ ކަމެއް އެއީ. ފައިނޭންސް އެގްޒެކްޓިވްގެ މަސްއޫލިއްޔަތެއް، އެ ޕްރޮކިއުމަންޓް އެ ގެންދަނީ މާލިއްޔަތު ޤާނޫނާއި، މާލިއްޔަތު ގަވާއިދާ އެއްގޮތަށްތޯ ބެލުން. އެއީ ފައިނޭންސް އެގްޒެކްޓިވްގެ ކަމެއް. އެއީކީ ކޮންމެހެން އެތާ ހުންނަވާ މިނިސްޓަރު ބައްލަވަންޖެހޭ ކަމެއް ނޫން އަސްލު. ފައިނޭންސް އެގްޒެކްޓިވް އޭގެ މަސްއޫލިއްޔަތު އުފުއްލަވަންޖެހޭނީ. އެހެންވީމާ، އަޅުގަނޑު މިއަދު ފައިނޭންސް އެގްޒެކްޓިވުންނަށް ގޮވާލަން، ތިޔަބޭފުޅުން މި ކަންތައްތަކަށް ސަމާލުވެގެން ތިއްބަވާށޭ. އެހެންނޫނީވިއްޔާ އަނެއްކާވެސް ތިޔަބޭފުޅުންނަށް ޕިންޕޮއިންޓް ކުރާނެ މި ރިޕޯޓްތަކުގައިވެސް.

ދުނިޔޭގެ އެހެނިހެން ޤައުމުތަކުގައި އޮންނަގޮތަކީ، ފައިނޭންސް އެގްޒެކްޓިވްސް ރިޕޯޓްކުރަން ބައެއް ޤައުމުތަކުގައި އޮންނަ ގޮތަކީ މިނިސްޓަރ އޮފް ފިނޭންސަށް ރިޕޯޓް ކުރާގޮތަށް އޮންނަނީ ބައެއް ޤައުމުތަކުގައި. އެމީހުން ޑިޕްލޮއިކޮށްފައި އޮންނަނީ ސަރުކާރުގެ އޮފީސްތައް. އަދި ރާއްޖޭގައި އެ ސިސްޓަމެއް ނެތް. އަދި ފައިނޭންސް އެކައުންޓިންގ ކޭޑަރއެއް ހެދިފައެއްނެތް. އެހެންނަމަވެސް ކުރިއަށް އޮތްތާނގައި މިގޮތަށް ހެދިއްޖެ ކަމަށްވަންޏާ އަޅުގަނޑަށް ހީވަނީ ޒިންމާވަލެއް ތަންކޮޅެއް ރަނގަޅުވާނެކަންނޭނގެ. މިހާރުވާ ގޮތަކީ ތަންކޮޅެއްބޮޑަށް ކޮލިއުޑްވަނީހެން ހީވަނީ. ހަމަމިގޮތަށް ސްޓްރެޓެޖިކް ޕްލޭން ކިތަންމެ ރަނގަޅަށް އެކުލަވާލައިފައި އޮތަސް، ބައެއްފަހަރަށް ކަންތައްތައް ދިމާވާގޮތުން އެ ކަންތައްތައް ތަންފީޒު ނުކުރެވޭ. ހަމައެގޮތަށް މިއަދު ވަރަށްބޮޑަށް ޕްލޭންކޮށްފައި އޮތީ މިތަން ރަނގަޅަށް ގެންދަން. އެހެންނަމަވެސް ކަންދިމާކުރާގޮތުން އަޑު ނުނިކުންނަނީ. އެހެންނޫންތޯ؟ އެހެންވީމާ، އެއީހަމަ ވާނެގޮތް. ހަމައެގޮތަށް މި އޮޑިޓް ރިޕޯޓް. މިއަދު މިތަން އޮޑިޓް ކޮށްފި ކަމަށްވަންޏާ އެ ވާހަކަ ލިޔާނެ. އެހެންނޫންތޯ؟ މިޖަލްސާ ކޮންމެވެސް އިންޑިޕެންޑެންޓް މީހަކު ލައްވައި އޮޑިޓް ކޮށްފި ކަމަށްވަންޏާ، އެވާހަކަ ލިޔާނެ ނޫންތޯ؟ މިއަދު މި މައިކުން އަޑު ނާންނަ ވާހަކަ. އެއީ ޙަޤީޤަތް. އެކަން ހިނގައިދިޔަގޮތް.

އެހެންވީމާ އަޅުގަނޑު ހަމަ ތިޔަބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ، އަސްލު ފައިނޭންސް އެގްޒެކްޓިވްސް އާއި ހުރިހާ ބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ، އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރެވޭތޯ ބަލަމާ ހިނގާށޭ. ކަމެއް ދިމާވެދާނެ ފަހަރެއްގައި އުސޫލުތަކާ އެއްގޮތަށްވެސް. އެކަމަކު އެއީ އެކަންތައް ލިޔެފައި އޮންނަންޖެހޭނެ. އެކަން ހުއްދަ ނަގަންޖެހޭ ފަރާތުން ހުއްދަ ނަގަންޖެހޭނެ. ބައެއްފަހަރަށް ބައެއްކަހަލަ ކުރައިސަސް ދިމާވީމަ އަދި އޮންނަ ޕްރޮކިއުމަންޓް އުސޫލުތަކާ ޚިލާފަށް ނުވަތަ ޕްރޮކިއުމަންޓްގައި އޮންނަ އުސޫލެއް ފިނޭންސް މިނިސްޓްރީއަށް ލިޔެގެން ވަކި ޚާއްޞަ ހުއްދައެއް ހޯދައިގެން އެކަން ކުރުންވެސް. ބައެއްފަހަރަށް އޮފީސްތަކުން އެ ހުއްދަ ނުހޯދައި އެކަން ކުރީމާ، އޮޑިޓަރ ޖެނެރަލް ކީއްތޯކުރާނީ؟ ހަމަ އެވާހަކަ ލިޔުއްވަންޖެހޭނީ އެކަން ދިޔައީ އެގޮތަކަށް ނޫނޭ. ހަމަ އެއީވެސް ވާކަމެއް. މިއީ ވަރަށް ކުދިކުދި ކަންތައްތައް. އެހެންނަމަވެސް ރަނގަޅުކުރަންޖެހޭ ކަންތައްތަކެއް.

އެހެންވީމާ، މިއީ މާގިނަ ވާހަކަތަކެއް ދައްކަން އަޅުގަނޑު ތައްޔާރުވެގެން ހުރީކީ ނޫން، އަދި އެއްވެސް އެއްޗެއް ލިޔެގެނެއްވެސް ނޫން އަޅުގަނޑު މިއައީކީ. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާހިތްއޮތީ މިކަހަލަ ކަންތައްތައް ރަނގަޅުކުރަން އެބަޖެހެއޭ. އެހެންނޫނީ ހަމަ އަޅުގަނޑުމެން އަދިވެސް ކިތަންމެވަރަކަށް ސްޓްރެޓީޖިކް ޕްލޭނެއް ލިޔެގެން އުޅުނު ކަމުގައިވިޔަސް، އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްތައް އަނެއްކާވެސް ހަމަ އަންނާނީ ކުށްވެރިވާކަހަލަ ގޮތަށޭ. ދެން އެ ކުށްވެރިވަނީކީ މިސާލަކަށް، އެއީ އަދި އިދާރީ ކުށެއްތޯ ނުވަތަ ކުރިމިނަލް ކުށެއްތޯ، އެ ދެން ނިންމާނީ ކޯޓުން.

އެހެންވީމާ، ހުރިހާ ފައިނޭންސް އެގްޒެކްޓިވުންނަށް، އަދި ހިސާބުތަކުގެ ހުރިހާ މަސައްކަތް ކުރައްވާ ބޭފުޅުންނަށް، އަދި ހުރިހާ އޮފީހެއްގެ މުވައްޒަފުންނަށް، މިތާ ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އިންނެވުމާ އެކީގައި، ގިނަފަހަރަށް ސިވިލް ސަރވިސްގެ މުވައްޒަފުން މިކަމުގައި ބެދެނީވެސް. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަދި ކުރީގެ ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރެއްގެ ހައިސިއްޔަތުންވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ހުރިހާ ސިވިލް ސަރވިސް މުވައްޒަފުންވެސް މިކަމަށް ހޭލުންތެރިވާށޭ. އަދި ސަރުކާރުގެ ހަމަޖެހިފައި ހުންނަ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ސަރުކާރުގެ މާލީ ކަންތައްތައް ގެންދެވޭތޯ މަސައްކަތް ކުރަމާ ހިނގާށޭ. މާލިއްޔަތު ޤާނޫނެއް އެބައޮތޭ. މާލިއްޔަތު ގަވާއިދެއް އެބައޮތޭ. އަދި މާލިއްޔަތު ސަރކިއުލަރތައް އެބަހުއްޓޭ. އޮޑިޓަރ ޖެނެރަލްގެ ޤާނޫނު އެބައޮތޭ. އެމް.އެމް.އޭ.ގެ ޤާނޫނު އެބައޮތޭ. އަދި ލާމަރުކަޒީ ޤާނޫނު އެބައޮތޭ. އަދި ސިވިލް ސަރވިސްގެ ޤާނޫނުވެސް އެބައޮތޭ. މި ހުރިހާ ޤާނޫނުތަކުގެ ތެރެއިން، އެ އޮންނަ އުސޫލުތަކުގެ ތެރެއިން ކުރަމާ ހިނގާށޭ. އޭރުން އަޅުގަނޑުމެން، އަޅުގަނޑުމެންނާ ދިމާއަށް ޕިންޕޮއިންޓް ކުރާކަށް ނުޖެހޭނެއޭ އެއްވެސް މީހަކު.

އެހެންވީމާ، މިވާހަކަ ދަންނަވާލަމުން އަޅުގަނޑު ހިތަށްއަރަނީ ދެން އަޅުގަނޑު އަދިވެސް ކުޑަ އެއްޗެއް ދަންނަވާލަން ބޭނުމޭ. ހަމަ އޮޑިޓަރ ޖެނެރަލް ވިދާޅުވިފަދައިން އަޅުގަނޑުވެސް ވަރަށް އެދޭ ކަމެއް، ރާއްޖޭގައި އެކައުންޓިންގް ބޮޑީއެއް އުފެދިގެން ކުރިއަށް ދިޔުންވެސް. ރާއްޖޭގައި މިއޮތީ މިހާރު ޓެކްސް ސިސްޓަމް ޤާއިމުކުރެވިފައި. ޓެކްސް ސިސްޓަމް އޮޑިޓްކުރާ މީހުންނަށް ވަރަށްގިނަ ފަހަރަށް ދިމާވާކަމެއް، އެކަމާބެހޭ މަޢުލޫމާތު ނެތުން. އިންލަންޑް ރެވެނިއު އަށް ހުށަހަޅާ މަޢުލޫމާތުތައް ރަނގަޅަށް ނުހުންނަކަން. ދެން އެ މަޢުލޫމާތު ރަނގަޅަށް ނެތީމަ އިންލަންޑް ރެވެނިއު އިން ޖޫރިމަނާ ކުރާނެ. ޖޫރިމަނާ ކުރީމަ އަނެއްކާވެސް އަންނާނެ ބޮޑު ކަންތައްގަނޑެއް. އަޅުގަނޑާ ހަމައަށްވެސް ވަރަށްގިނަފަހަރަށް އާދޭ. ތިމަންނަ ވަރަށްބޮޑެތި ޖޫރިމަނާކޮށްފިއޭ މިހެނޭ މިހެނޭ. އެކަމަކު އިންލަންޑް ރެވެނިއުއިންވެސް ކުރާކަމެއް. އިންލަންޑް ރެވެނިއުއިން ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ހިސާބުތައް ހުށަނާޅާ ކަމަށްވަންޏާ، އިންލަންޑް ރެވެނިއު އިން ޖޫރިމަނާވެސް ކުރާނެ. އަދި އިންލަންޑް ރެވެނިއު އިތުރަށް، އެ ކަންތައްތައް ތަޙުޤީޤުވެސް ކުރާނެ. އެހެންވީމާ، އިންލަންޑް ރެވެނިއުއަށްވެސް ފަސޭހަވާނެ، އަޅުގަނޑުމެންގެ މިކަހަލަ ބޮޑީއެއް އުފެދިއްޖެ ކަމަށްވަންޏާ. އަޅުގަނޑަށް ޔަޤީން އޮޑިޓަރ ޖެނެރަލްއާއި އިންލަންޑް ރެވެނިއުއާ ގުޅިގެން މަސައްކަތް ކުރުމުން، އެކަން ކުރިއަށްއޮތް ތާނގައި ވަރަށްބާރު ސްޕީޑެއްގައި ދާނެކަމަށް.

އަޅުގަނޑު ހަނދާންވަނީ 1990ގެ ފަހުކޮޅު، އޭރު ފަތުޙީ ހުންނެވީ އޮޑިޓް އޮފީހުގެ އިސްވެރިޔާއަކަށް. އެތާ ބޭއްވި ކޮމިޓީގައި އެއީ. 1990ގެ ފަހުކޮޅުގެ ވާހަކަ މި ދައްކަނީ. ހަމަ އެކަހަލަ ޕްރޮފެޝަނަލް ބޮޑީއެއް ހަދަންވެގެން ވަރަށްގިނަ މަސައްކަތްތައް ކުރެވުނު. އެދޭތެރެއިން ކޮމިޓީ ބައްދަލުވި. މިއަދާ ހަމައަށް އައިއިރުވެސް އެ ބޮޑީ ނުއުފެދުނީމަ، އަޅުގަނޑުވެސް ވަރަށް ހިތާމަކުރަން. ޚާއްޞަކޮށް، މިހާރު ޓެކްސްގެ ޤާނޫނުތައް އައިސްފައި އޮތްއިރު އެކަހަލަ ބޮޑީއެއް ނެތުމަކީ ވަރަށް ދެރަ ކަމެއް. ބައެއްފަހަރަށް ހިސާބުތައް ތައްޔާރުކުރަނީކީ އިންޓަރނޭޝަނަލް އެކައުންޓިންގް ސްޓޭންޑަޑަކާ އެއްގޮތަކަށް ނޫން. އެހެންވީމާ، ބައެއްފަހަރަށް އަނެއްކާވެސް މި ޓެކްސް އެވޮއިޑް ކުރާކަމަށް ބަލައިގެން ބައެއް މީހުން ޖޫރިމަނާކުރަން މިޖެހެނީ. އެހެންވީމާ، އަޅުގަނޑު ޢިއްޒަތްތެރި އޮޑިޓަރ ޖެނެރަލްގެ އަރިހުން އެދެނީ މިކަން އަވަހަށް ކުރަމާ ހިންގަވާށޭ. މިކަމުގައި އަޅުގަނޑަށް ހަމަ ދެވުނު ހުރިހާ އެހީތެރިކަމެއް މަނިކުފާނަށާއި މަނިކުފާނުގެ ޓީމަށް އަރުވާނެކަމުގެ ޔަޤީންކަންވެސް އަރުވަން.

އާދެ، މިވަގުތު މާގިނަ ވާހަކަތަކެއް ދެއްކެން ނެތުމާއެކީ އަޅުގަނޑު ގަބޫލުކުރަނީ ކުރިއަށް އޮތްތާނގައި މި ސްޓްރެޓީޖިކް ޕްލޭނާ އެއްގޮތަށް އޮޑިޓް އޮފީހުގެ މަސައްކަތްތައް ބައްޓަންވެ، އަދި އޮޑިޓް އޮފީހުގެ ކުރިއެރުންތައް، އާ ހަރުފަތަކަށް ދާނެކަމަށް. އާ ވިސްނުންތަކަށް ދާނެކަމަށް އަޅުގަނޑު ގަބޫލުކުރަމޭ. އަޅުގަނޑު އެދެނީ އޮޑިޓް އޮފީހުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަކީ، ދެންމެ ޕްރެޒެންޓޭޝަންގައި ފެނުނުގޮތަށް ރައްޔިތުންނަށާއި، ދައުލަތަށާއި، ސަރުކާރަށް ޚިދުމަތް ކުރުމުގައި ތިއްބަވާ ނަމޫނާ ބަޔަކަށް ވެގެން ދިޔުމަށޭ. އަދި އެ މުވައްޒަފުންނަކީ މި ހިސާބުގައި އޮޑިޓް އޮފީހުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަށްވެސް ނަމޫނާ ބަޔަކަށް ވެގެންދިއުމޭ. އަޅުގަނޑުގެ ދުޢާއަކީ އޮޑިޓް އޮފީހުން ކުރާ މަސައްކަތުގައި މާތްﷲ ބަރަކާތް ލެއްވުން.

އަދި ނިންމާލުމުގެ ކުރިން އަޅުގަނޑު ހަމަ ތިޔަބޭފުޅުންގެ ނަންފުޅުމަތީގައި ރައީސުލްޖުމްހޫރިއްޔާއަށް، އާދެ، އޮޑިޓް އޮފީހުގެ މަސައްކަތް އަވަސް ކުރެއްވުމަށްޓަކައި، ހަރުދަނާ ކުރެއްވުމަށްޓަކައި، އެކުރައްވާ މަސައްކަތްތަކަށް އެ މަނިކުފާނަށް ޚާއްޞަ ޝުކުރެއް ދަންނަވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.

والسّلام عليــكم ورحـمــة اللّـه وبـركاتـه