بســم اللّـه الرّحمـن الرّحيــم
ޙަމްދާއި ޝުކުރުހުރީ އެކަލާނގެ މަގުގައި ޖިހާދުކުރާ މީހުންނަށް ނަޞްރު ދެއްވުމަށް ވާގިވެވޮޑިގެންވާ اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް. ޞަލަވާތާއި ސަލާމްހުރީ މިނިވަންކަމާއި މުޖާހިދުންގެ އިމާމެއް ކަމުގައި މި ދުނިޔެއަށް ފޮނުއްވި ކައު އިތުރު ރަސޫލާ مُحَمَّـد صـلّى الله علـيـه وسـلّمގެ މާތް އަރިއަހަށް. އަދި މި ޞަލަވާތާއި ސަލާމުގައި އެ މާތް ސާހިބާގެ އިތުރު އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަން.
ޤައުމީ ދުވަހުގެ ބަޠަލް އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ދިވެހި ޤައުމަށްޓަކައި ކޮށްދެއްވި މަތިވެރި ޖިހާދުގެ ހަނދާންތައް އާކުރަމުން، އެ ތަކުރުފާނުގެ ފުރާނަޔަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކޮށްދެއްވުން އެދި އެކަލާނގެ ޙަޟުރަތުގައި ދުޢާ ދަންނަވަން.
މިނިސްޓަރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، މި ޖަލްސާއަށް ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، މި އަތޮޅުގެ ލޮބުވެތި ރައްޔިތުން، ޚާއްޞަކޮށް، ވިލިނގިލީގެ އެންމެހައި ލޮބުވެތި ރައްޔިތުން، ދުރާއި ގާތުން މި ޖަލްސާ ބައްލަވަމުން އަދި އަޑު އައްސަވަމުން ގެންދަވާ އަޅުގަނޑުގެ ލޮބުވެތި އެންމެހައި ދިވެހި އުޚުތުންނާއި އަޚުން.
السّلام عليكم ورحمـة اللّـه وبركاته.
ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ޤައުމީ ދުވަހެއް ފާހަގަކުރެވުނީ، ހިޖުރައިން 1365 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 1ވީ ހޯމަ ދުވަހު. އެ ދުވަސް މީލާދީގޮތުން ދިމާވަނީ 1946 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 4 ވަނަ ދުވަހާ. އެހެންކަމުން، ހިޖުރީގޮތުން ބަލާނަމަ، ދިވެހިރާއްޖޭގައި ޤައުމީ ދުވަސް ފާހަގަކުރާތާ މިވީ 73 އަހަރު. އަދި މީލާދީގޮތުން ބަލާނަމަ މިއީ އަޅުގަނޑުމެންގެ 71 ވަނަ ޤައުމީ ދުވަސް.
މިއަދުގެ މުނާސަބަތުގައި އަޅުގަނޑުގެ ފުރަތަމަ ވާޖިބަކީ، ވިލިނގިލީގެ މި ފަޚްރުވެރި ބިމުން ޤައުމީ ދުވަހުގެ އިޚްލާޞްތެރި ތަހުނިޔާ، ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަރިސްކުރުން. އެއަށްފަހު، ޤައުމީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ފޮނުވުމުގެ އުފާ އަޅުގަނޑު ލިބިގަންނަން. މިއަހަރުގެ ޤައުމީ ދުވަހުގެ އިޙްތިފާލުތައް މި ބޭއްވެނީ ވިލިނގިލީގައި ކަމަށްވާތީ، ވިލިނގިލީގެ ލޮބުވެތި ރައްޔިތުންނަށާއި، އަތޮޅުގެ އެންމެހައި ރައްޔިތުންނަށާއި، ވިލިނގިލީ ކައުންސިލުގެ މެންބަރުންނަށާއި މުވައްޒަފުންނަށާއި، އަތޮޅު ކައުންސިލްގެ މެންބަރުންނަށާއި މުވައްޒަފުންނަށާއި، މި އަތޮޅުގެ ހުރިހާ ކައުންސިލްތަކުގެ މެންބަރުންނަށާއި މުވައްޒަފުންނަށް ދުވަހުގެ ތަހުނިޔާއާއި މުބާރަކްބާދީ ޚާއްޞަގޮތެއްގައި ދަންނަވަން. އަދި މި ޚާއްޞަ ރަސްމިއްޔާތަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުންނަށްވެސް އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ޝުކުރު އަރިސްކުރަން. އަދި ދުރާއި ގާތުން މި ރަސްމިއްޔާތު ބައްލަވަމުން ގެންދަވާ އެންމެހައި ބޭފުޅުންވެސް މި ތަހުނިޔާގައި އަޅުގަނޑު ޝާމިލުކުރަން.
އާދެ، މިއަދަކީ އަޅުގަނޑުމެންގެ ފަޚްރުވެރި ޤައުމީ ދުވަސް. ޤައުމީ ދުވަހަކީ ޤައުމީ ހަނދާންތައް އާކުރަންޖެހޭ ދުވަހެއް. ޤައުމީ ބަތަލުންގެ ޒިކުރާ އާކޮށް، އެބޭފުޅުންނަށް ޝުކުރުވެރިވާންވީ ދުވަހެއް. ޤައުމީވަންތަކަން އިޙްތިފާލު ކުރުމުގެ ދުވަހެއް. ހަމައެހެންމެ، ޤައުމީ ޝުޢޫރުތަކަށް ދިރުމެއް ގެނެސްދޭ ދުވަހެއް. ޤައުމީ ދުވަސް ނިސްބަތްވެގެންވާ ބަޠަލު، އާދެ، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ހޯމް މިނިސްޓަރުގެ ވާހަކަފުޅުގައިވެސް ގެންނަވައިފި. އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް، އާދެ، ބޮޑުތަކުރުފާނު މާތްވެގެންވާ އިސްލާމްދީނަށާއި، ދިވެހި ޤައުމަށްޓަކައި ކޮށްދެއްވި އަގުބޮޑު ޚިދުމަތްތަކުގެ އަގު ވަޒަންކުރުމަކީ، މިދުވަސް ގޮވާލާ އެއް ގޮވާލުން. ބޮޑުތަކުރުފާނު ވެވަޑައިގެންނެވި މަތިވެރި ޤުރްބާނީއަކީ އަދި އެ ކުރެއްވި ޖިހާދަކީ ދުވަހަކުވެސް ފަނޑުވުމެއްނެތް ޤައުމީ ޖިހާދެއް. އެ ޖިހާދަކީ ޤައުމީ ކުލަތައް ކަމަށްވާ ފެއްސާއި ރަތާއި ހުދު ހިމެނިގެންވާ ޖިހާދެއް. އެއީ އަމިއްލަ މަޞްލަޙަތަށްވުރެ ޤައުމީ މަޞްލަޙަތު އިސްކުރުމުގެ ދެވަނަ މިސާލެއް ނެތްފަދަ ވަރުގަދަ ޖިހާދެއް.
ކޮންމެ ޤައުމެއްގައިވެސް އެ ޤައުމަށްޓަކައި ފަޚްރުވެރިވާ ދަރިން ފާހަގަކުރާ އެކި ދުވަސްތަކާއި މުނާސަބަތުތައް އެބަހުރިކަންވެސް މި މުނާސަބަތުގައި އަޅުގަނޑުމެންގެ ހަނދާނަށް ގެންނަންޖެހޭ. ހަމައެކަނި އެ ދުވަސްތައް ފާހަގަކުރުމެއް ނޫން. އެފަދަ ދުވަސްތައް ފާހަގަކުރުމުގެ ރޫޙު އަންނަނީ އެއް އަހަރުން އަނެއް އަހަރަށް ދިރެމުން އާލާވަމުން. ޝައްކެއްނެތް، އަޅުގަނޑުމެންގެ ޤައުމީ ދުވަހަކީވެސް އެފަދަ ދުވަހެއް. މިއަދުގެ ޒީނަތްތެރިކަމަކަށް، މިއަދުގެ އުފާވެރިކަމަކަށް، މިއަދު ފާޅުކުރެވޭ މަތިވެރި ޝުޢޫރުތަކަކަށް ޒަމާނުގެ އަތަކުން ބަދަލެއްނުގެނެވޭނެ. އަދި ކީއްތޯ، ޤައުމީ އުދަރެހުގައި އުޖާލާކަމާއެކު މިއަދުވެސް ޤައުމީ އަބްޠާލުންގެ ނަންފުޅުތައް ވަނީ ދިއްލި އަލިވެފައި.
ޝައްކެއްނެތް، އަޅުގަނޑުމެންގެ މި ދިވެހިރާއްޖެއަކީ ވަރަށްވެސް ފަޚްރުވެރި މާޒީއެއް ލިބިފައިވާ ޤައުމެއް. މި ފަޚްރުގެ ސިއްރު ގުޅިފައިވަނީ މާތްވެގެންވާ އިސްލާމްދީނުގެ އަލިގަދަ ނޫރާ. އަޅުގަނޑުމެންގެ ހިތްވަރުގަދަ އަބްޠާލުންގެ މަތިވެރި ޖިހާދާ. އަޅުގަނޑުމެންގެ ހަނދާނަށް ގެންނަމާ! ރާއްޖޭގައި އިސްލާމްދީނުގެ ދަންމަރު ފުރަތަމަ އުފުއްލަވައިލެއްވި ކީރިތި މަހާރަދުން، ޢާންމު ނަމުން ދަންނަވާނަމަ، ދަރުމަވަންތަ މަހާރަދުން. އޭރު ކަނޑުގެ ބާޒުގެ ނަމުން މަޝްހޫރުވެފައިވާ ޕޯޗުގީޒުންނާ ހަނގުރާމަ ކުރައްވައި، ޝަހީދުވެވަޑައިގެންނެވި މަޝްހޫރު ޢަލީރަސްގެފާނު. ދެން މިއަދުގެ ޚާއްޞަ ބަޠަލު، ޕޯޗުގީޒުންގެ ފަނަރަ އަހަރާއި އެތައް މަހެއްގެ އަޅުވެތިކަމުން ރާއްޖެ މިނިވަންކުރެއްވި އުތީމު މަހާރަދުން. އަލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމާއި، އެ މަހާރަދުންގެ އަރިހުގައި ޖިހާދު ކުރެއްވި ހިތްވަރުގަދަ ފަހުލަވާނުން. އަހަރުތަކަކަށްފަހު ރާއްޖޭގެ މައްޗަށް ހޮޅިން ވެރިވި ހިތާމަވެރި ހާދިސާ. އެކަމުން ދިވެހި ޤައުމު ސަލާމަތް ކުރެއްވި ބަޠަލު، މުލީގޭ ދޮން ޙަސަން މަނިކުފާނު، އާދެ، ޢާންމު ބަހުން ދަންނަވާނަމަ، ދޮންބަންޑާރައިން ހިމެނިވަޑައިގަންނަވާ.
އާދެ، މިނޫނަސް މިފަދަ ދުވަހެއްގައި އެ ބަޠަލުންގެ ޒިކުރާ އާކުރަންޖެހޭ ކިތަންމެ ބަޠަލުންނެއް ދިވެހި ތާރީޚުން ވަނީ ފެނިފައި. އެބޭފުޅުންގެ ތެރޭގައި، އިސްކަންދަރު ރަސްގެފާނު. އަދި ފަހުގެ ތާރީޚަށް ބަލާއިރު، ޤައުމީ ދުވަހެއް ރާއްޖޭގައި ފުރަތަމަފަހަރަށް ފާހަގަކުރެއްވި ޚިދުމަތްތެރި ބަޠަލް ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުފަދަ އަދި އިނގިރޭސީންގެ ޙިމާޔަތުގެ ދަށުން ފުރިހަމަ މިނިވަން ދައުލަތަކަށް މި ޤައުމު ހެއްދެވި ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުފަދަ ކިތަންމެ ބަޠަލުންނެއް އަޅުގަނޑުމެންނަށް ފެނޭ. އާދެ، މިބޭބޭފުޅުންނަކީ ޒަމާނަށް ދެމިހުންނާނެފަދަ ހަނދާންތަކެއް ޤައުމުގައި އުފެއްދެވި ބަޠަލުން. އެއްބަޔަކު އެބައެއްގެ ހަނދާން މާޒީގެ ތެރެއަށް ދޫކޮށްފައި ހިނގައްޖެ. އަނެއްބަޔަކު ޤައުމީ ޚިދުމަތުގައި މިއަދުވެސް އެބަތިބި. އަދި މާދަމާވެސް މި ޤައުމުގެ ޚިދުމަތުގައި ދެމިތިބޭނޭ ޤައުމަށް ވަފާތެރި ދަރިން މި ޤައުމުން ފެންނާނެ.
މިއަދު އަޅުގަނޑުމެންގެ ޤައުމުގެ ހުންގާނުގައި ހުންނަވަނިކޮށް މި ފެންނަނީވެސް ޤައުމީ ދުވަހު ޚާއްޞަގޮތެއްގައި ޝުކުރުވެރިވާން ޖެހިފައިވާ ބަޠަލެއް. ޤައުމީ ޚިދުމަތުގައި އަމިއްލަ ފުރާނަފުޅަށް ނުބައްލަވައި، އެމަނިކުފާނުގެ ޚިދުމަތް ޤައުމުގެ ކޮންމެ ދިމާއަކުން، ޤައުމަށް ބޭނުންވާ ކޮންމެ ރޮނގަކުން ދައްކަވަމުން ގެންދަވާ ޤައުމީ ބަޠަލެއް. އާދެ، އެބޭފުޅަކީ މިއަދުގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް.
އެންމެހައި ޢިއްޒަތްތެރިން؛
ޤައުމެއް ތަރައްޤީވެ ކުރިއަރައިގެން އަންނަނީ، އެތަނެއްގެ ބިން ބޮޑުކަމަކުންނެއް ނޫން. އާބާދީ ބޮޑުކަމަކުންވެސް ނޫން. އަދި އެތަނެއްގައި ލައްވާފައިވާ ޤުދްރަތީ ވަސީލަތްތަކުގެ މުއްސަނދިކަމަކުންވެސް ނޫން. އެތައް މީހުންނެއް ދިރިއުޅޭ އެތަނެއްގައި ދަނޑުދަނޑާއި ބޮޑެތި ކޯރުތަކާއި، އުސް ފަރުބަދަތައް ހުރި ބިން ބޮޑެތި ބައެއް ޤައުމުތަކުގެ ރައްޔިތުން އެތިބީ ބަނޑަށް ޖެހިފައި. ފަޤީރު ހާލުގައި. މިސާލަކަށް، މިއަދުގެ އަފްޣާނިސްތާނު، ބަރުމާ ނަންގަވާ! މިދެންނެވިފަދަ ޤައުމުތައް ހިމެނިފައިވަނީ މުޅި ދުނިޔެއިންވެސް ފަޤީރު ޤައުމުތަކުގެ ގޮތުގައި. އަދި އެ ޤައުމުތައް ހިމެނެނީ އދ.ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓްގައި.
މިފަދަ ވަސީލަތްތައް ހުރި ޤައުމުތައް ނިކަމެތި ޙާލަތުގައި އޮތްއިރު، އެތަންތާނގައި އެހެރަފަދަ އެއްވެސް ވަސީލަތެއް ނެތް، ބިންކޮޅު ކުޑަ، އެތަންތާނގެ ނިސްބަތުން އާބާދީ ނުހަނު މަދު ބައެއް ޤައުމު އެދަނީ ތަރައްޤީގެ އެންމެމަތީ ހަރުފަތަށް އަރަމުން، އުދުހެމުން. މިސާލަކަށް، ސިންގަޕޫރު ނުވަތަ ޖަޕާން ފަދަ ޤައުމުތައް ބައްލަވާ! ސުވާލަކީ މީގެ ސިއްރަކީ ކޮބައިބާވައޭ؟ މައްސަލައަކީ ކޮބައިބާވައޭ؟ އާދެ، ވަރަށް ސާފުކޮށް މައްސަލަ ފެންނަން އެބައޮތް. މައްސަލައަކީ ހަމަ އެންމެ ކަމެއް، ދެކަމެއް. އާދެ، ޤައުމުގެ ޞުލްޙަމަސަލަސްކަން. ހަމައެހެންމެ ޤައުމުގެ ލީޑަރޝިޕް.
ޝައްކެއްނެތް، ޤައުމެއް ކުރިއަރައިދާނީ، އެ ޤައުމެއްގައި ޞުލްޙަމަސަލަސްކަން ޤާއިމުވެ އޮވެގެން. އެތަނެއްގައި ހަރުދަނާ ލީޑަރޝިޕެއް އޮވެގެން. މާޒީގައި ތަރައްޤީގެ މަތިވެރި ނަންތައް ހޯދި ބައެއް ޤައުމު މިއަދު އެވަނީ ފަނުފުލަށް ވެއްޓިފައި. ސަބަބަކީ އެތެރޭގެ ހަނގުރާމަ. ނުވަތަ ސިވިލް ވާރކް. ނުވަތަ ލީޑަރޝިޕެއް ނެތުން.
ދެން އަޅުގަނޑުމެން ބަލައިލަމާ ރާއްޖެއަށް. މި ދިވެހިރާއްޖެއަށް. 1963 ވަނަ އަހަރު ރާއްޖޭގެ އާބާދީއަކީ ނުވަދިހަ ހަތަރުހާސް ފައްސަތޭކަ ހަތާވީސް. އާދެ، އެއްލައްކަ މީހުންވެސް ހަމައެއްނުވޭ. އެހެންނަމަވެސް، އޭރު ރާއްޖޭގައި އޮތީ ޞުލްޙަމަސަލަސްކަން. އެދުވަސްވަރު ރާއްޖެ މިނިވަން ޤައުމަކަށްވި. އެއީ 1965 ގައި. ތަރައްޤީގެ ފިޔަވަޅުތައް އަޅަމުން އައީ. 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުގެ ޢުދުވާނީ ޙަމަލާފަދަ ބައެއް ލޮޅުންތައް އެރިކަމުގައިވިޔަސް، 2000 ވަނަ އަހަރާ ހަމަޔަށް ދިވެހިރާއްޖެ އައީ ހަމަޖެހުމާއި، ޞުލްޙަވެރިކަންމަތީގައި ތަރައްޤީވަމުން، ކުރިއަރަމުން.
އެހާ ހިސާބުން ޤައުމުގެ ހަމަޖެހުމަށް، ޞުލްޙައަށް ލޮޅުންއަރަން ފެށި. އަމަންއަމާންކަމަށް ބުރޫއަރަން ފެށި. ތަރައްޤީއަށް ވިސްނާލާނެ ފުރުޞަތެއް ނުލިބުނު. އިވެންފެށީ ނުވަތަ ފެންނަމުން އައީ އުފާވެރި އަޑުތަކެއް ނޫން. ނުވަތަ މަންޒަރުތަކެއް ނޫން.
އާދެ، ދުނިޔޭގެ ކޮންމެ ތަނެއްވެސް ތަރައްޤީވާނީ، އެ ތަނެއްގައި ޞުލްޙަ އޮވެގެން. ޞުލްޙައާއި ހަމަޖެހުން ނެތް ތަނެއް ތަރައްޤީއެއް ނުވާނެ. މިކަން ވަރަށް ރީތިކޮށް، މި ކުޑަކުޑަ ދިވެހިރާއްޖެއިން، މިވޭތުވެދިޔަ އެންމެ ތިން އަހަރުންވެސް ފެނިގެން ހިނގައްޖެ.
ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން، މި ޖަލްސާއަށް ވަޑައިގެންނެވި އެންމެހައި ޢިއްޒަތްތެރިން؛
ތަރައްޤީގެ ވާހަކަ އަޅުގަނޑު މިއަދު ދައްކާއިރު، ތަރައްޤީވުމަކީ ކޮބައިތޯ ބަލައިލުމަކީ ވަރަށް މުހިންމު ކަމެއް. ތަރައްޤީވުމަކީ ހަމައެކަނި މާލީ ތަނަވަސްކަންތޯއޭ؟ ޝައްކެއްވެސްނެތް، މާލީ ތަނަވަސްކަމަކީވެސް ޤައުމީ ތަރައްޤީގެ ބައެއް. އެހެންނަމަވެސް، އަޅުގަނޑު ދެކޭގޮތުގައި ހަމައެކަނި މާލީގޮތުން ފުދުންތެރި ޤައުމަކަށްވުމަކުން އެއީ އަދި ތަރައްޤީވެފައިވާ ޤައުމެއް ނޫން.
ޤައުމު ތަރައްޤީވާންވާނީ އެބަޔަކު އެބައެއްގެ ގޮތުގައި. ދިވެހިން ދިވެހީންގެ ގޮތުގައި ތިބެގެން. ދިވެހިންގެ ތެރޭގައި ހުރި މާތް ސުލޫކީ މިންގަނޑުތަކުގެ މަތީގައި. ދިވެހި ޤައުމު އެދެނީ ޞުލްޙަވެރިކަމާއެކު ދިރިއުޅޭ، އެކަކު އަނެކަކަށް އިޙްތިރާމްކުރާ ބައެއްގެ ގޮތުގައި ދިވެހިންވުމަށް. އިސްލާމްދީނަށް ޙުރްމަތްތެރިކޮށްހިތާ، އެ ދީނުގެ މަތިވެރި ޢަޤީދާގައި ފައިތިލަ ސާބިތުކޮށްގެން ތިބުމަށް. މަސައްކަތްތެރި ހީވާގި ބަޔަކަށްވުމަށް. ދިވެހި ޤައުމުގައި ވަޙުދަތު ދެމިއޮތުމަށް. އެކަކު އަނެކަކާ މުޢާމަލާތު ކުރުމުގައި، އެއްގޮތްތަކެއް ގެންގުޅޭ އެއްބައެއްވަންތަ ބައެއްގެ ގޮތުގައި އުޅުމަށް. ވަޙުދަތޭ އަޅުގަނޑު މި ދެންނެވީ، ދިވެހިން ދިވެހިންގެ ކަންތައްތަކުގައި މަޝްޣޫލުވެ، އެންމެން އެއްބާރުލައި އުޅުމަށް. މިހުރިހާ ކަމެއްގައި އެންމެން އެއް އުޞޫލުތަކެއް ގެންގުޅުމުގެ މުހިންމުކަމުގެ ވާހަކަ. މިނޫން ގޮތަކަށް ވަޙުދަތު މާނަކުރެވޭނަމަ، ނުވަތަ މާނަކޮށްފިނަމަ، އަޅުގަނޑަށް ތަޞައްވުރު ކުރެވެނީ ވަރަށް ނާމާން މާދަމައެއް. ދިވެހިން ބައިބައިވެފައިވާ މާދަމައެއް. އެދުވަސް އަތުވެއްޖެނަމަ، ދިވެހިންނަށް ދިވެހިން ކުރިން އުޅުނު ރީތިގޮތަށް އަލުން އެނބުރި އައުމަކީ ވަރަށް އުނދަގޫ ކަމަކަށްވާނީ.
އާދެ، އެއްވެސް ޝައްކެއްނެތް، ދިވެހި ޤައުމު މިއަދު މިވަނީ މުޅި ދުނިޔެއަށް ހުޅުވައިލެވިފައި. ޓެކްނޮލޮޖީގެ ރޮނގުންވެސް ވަރަށްމަތީ ހަރުފަތަކަށް ވާސިލުވެފައި. ޢުމްރާނީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ޤައުމު ކުރިއަރަމުން މި އަންނަނީ، ހިތަށް ތަޞައްވުރުވެސް ނުކުރެވޭފަދަ ހަލުވި ދުވެއްޔެއްގައި. މިކަން މިހެން ހުރިއިރު ތަރައްޤީއަކީ ހަމައެކަނި މިއީ ނޫންކަން އަޅުގަނޑުމެން މިއަދު އެބަ ދަންނަންޖެހޭ. އަޅުގަނޑުމެން ކޮންމެހެންވެސް ވިސްނާލަންޖެހޭ އަދި ސަމާލުކަންދޭންޖެހޭ އިތުރު ކަންތައްތަކެއްވެސް އެބަހުރި ކަމަށް އަޅުގަނޑުމެންގެ ހިތަށް އެބަ ގެންނަންޖެހޭ. ސުވާލަކީ އެއީ ކޮން ކަންތައްތަކެއްތޯއޭ؟ ޝައްކެއްނެތް، އަޅުގަނޑަށް ވިސްނޭގޮތުގައި އެއީ ޤައުމީ އެއްބައިވަންތަކަން. ދީނީ ވަޙުދަތު. އަޅުގަނޑުމެންގެ އަމިއްލަ ބަހަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދިނުން. މައިންބަފައިންނާއި ވެރިންނާއި، މުސްކުޅިންނަށް ޤަދަރު ކުރުމުގެ ސުލޫކު ރާއްޖެއިން ގެއްލިގެންދިޔަނުދީވޭތޯ ބެލުން. ބޮޑެތިވަމުން އަންނަ ޒުވާނުންގެ ހިތްތަކުގައި ޤައުމުގެ ތާރީޚާއި ޘަޤާފަތާއި، ކާބަފައިންނަށް ލޯބި ޖެއްސުމުގެ މުހިންމުކަން އިތުރުކުރުން.
އާދެ، މިއަދަކީ ޤައުމީ ދުވަސް. ޤައުމުގެ ޙާލަތާމެދު ހުރިހާ ގޮތަކުންވެސް ވިސްނައި ފިކުރުކުރަންވީ ދުވަސް. ކުރެވޭ ހެޔޮ ކަންތައްތައް ބަލައިގަނެ، ޝުކުރުވެރިވާންވީ ދުވަސް. ހަމައެފަދައިން، ރަނގަޅު ކުރަންވީ ކަންތައްތައް ދެނެގަނެ، އިޞްލާޙުވާން ޢަޒުމް ކަނޑައަޅަންވީ ދުވަސް. އެހެންކަމުން، ދިވެހި ޤައުމިއްޔަތުގެ މިދެންނެވި ފަދަ ބަހާތައްވެސް، އާދެ، އިޤްތިޞާދީ ބަހަކުން ދަންނަވާ ކަމަށްވަންޏާ، ޑެފިސިޓުން އަރައިގަނެ، ސަރޕްލަސް ކުރެވޭތޯ ދިވެހިގޮތުގައި ޒަމާނާއެކީ ތަރައްޤީ ކުރުމުގެ ވިސްނުމެއްގައި، އާ ހިތްވަރަކާއެކު މިއަދު ޢަޒުމް ކަނޑައަޅަމާތޯއޭ! ދިވެހި ކާބަފައިން ދެއްކެވި ރީތި ސާފު ސީދާ މަގުން ހިނގައި، ދިވެހި، ގޮތްހުރި، އަބުރުވެރި، އަމިއްލަވަންތަ ދިވެހިންގެ ގޮތުގައި ޤައުމު ތަރައްޤީކުރާ ބަޔަކަށްވަމާތޯއޭ؟ މިއީ އެކަކަށް ކުރެވޭނެ ކަމެއް ނޫން. އެންމެހައި ދިވެހި ރައްޔިތުން މިކަމަށް އާނ ބަސް ވިދާޅުވެގެން، މިއީކީ ހާސިލުނުކުރެވޭނެ ލަނޑުދަނޑިއެއް ނޫން.
އަޅުގަނޑު ގަބޫލުކުރާގޮތުގައި، މި މަޤްޞަދު ހާސިލު ކުރުމުގެ މަސައްކަތް އަޅުގަނޑުމެން ފަށަންވީ ގޭތެރެއިން. މައިންބަފައިންގެ އުނގުން. މަދަރުސާތަކުގެ ހިޔާވަހިކަމުގެ ދަށުން. މީޑިއާގެ ވަސީލަތްތަކާއި، ވެރިންނަށް ކިޔަމަންވުމުގެ ސުލޫކުގެ ތެރެއިން. ރައްޔިތުން އެކަކު އަނެކަކަށް އޯގާތެރިވުމުގެ މިންގަނޑުގެ ތެރެއިން. މުސްކުޅިންނަށާއި މައިންބަފައިންނަށް ޤަދަރު ކުރުމުގެ މަތިވެރި އަޚްލާޤުހުރި ބަޔަކަށްވާން ވިސްނައިދީ، އެގޮތަށް ޢަމަލުކުރުމުގެ ތެރެއިން.
އާދެ، އަޅުގަނޑުގެ ވިސްނުމުގައި ހުރީ މިކަހަލަ ޤައުމީ މަންހަޖެއް. ޤައުމީ މަޝްރޫޢެއް. ތަރައްޤީގެ އެހެނިހެން މަޝްރޫޢުތައް ފަދަ އަދި ތަޢުލީމީ ދާއިރާގެ އެހެނިހެން މަންހަޖުތައް ފަދައިން، ދިވެހި ޤައުމިއްޔަތާއި، ޤައުމީ ވަޙުދަތާ ބެހޭގޮތުން 5 އަހަރުގެ ނުވަތަ 10 އަހަރުގެ އަދި ކީއްތޯ، 20 އަހަރުގެވިޔަސް މަޝްރޫޢެއް ރާވައިގެން، އެއަށް ޢަމަލުކުރެވޭތޯ ބެލުން. މިއަދުގެ ޙާލަތަށް ބަލާއިރު، މިއީ ޤައުމީ ދުވަހު ވިސްނާލުން ރަނގަޅު ނުކުތާއެއް ކަމަށް އަޅުގަނޑަށް ފެންނާތީ، އެވާހަކަ މިއަދު މި ދަންނަވާލީ.
އެންމެހައި ޢިއްޒަތްތެރިން؛
މިވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި، ރާއްޖެ ތަރައްޤީގެ މަގުގައި ކުރިއަށް ގޮސްފައިވަނީ، ހީވެސްނުކުރާފަދަ ހަލުވި ދުވެއްޔެއްގައި. މިއީ އެއްވެސް ދިވެހި ރައްޔިތަކު ދެބަސްވާނެ ކަމެއްނޫން. އާދެ، މިއަދުގެ ޒަޢީމް، ރައީސް ޔާމީންގެ ދުރު ވިސްނުންފުޅުގައި އެންމެ އިސްކަން ދެއްވީ ޞުލްޙައަށް. ޤައުމުގެ އަމަންއަމާންކަމަށް. އެއީ ރާއްޖެ އިސްލާމްވީއްސުރެ، މި ޤައުމުގެ އެންމެ މާތް ބަޠަލުންގެ ޖިހާދުގައި އެންމެ އިސްކަން ދެއްވާފައިވާ ކަންތައްތައް. އެހެންކަމުން، އަދިވެސް އެއްފަހަރު ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ތިޔަބޭފުޅުންގެ ނަމުގައި، އަޅުގަނޑުގެ އަމިއްލަ ނަމުގައި އިޚްލާޞްތެރިކަމާއެކު އެމަނިކުފާނަށް ޝުކުރު ދަންނަވަން. ޤައުމުގެ ސިޔާދަތު ހިފެހެއްޓެވުމަށް އެމަނިކުފާނު ގެންގުޅުއްވާ ހަރުދަނާ ވިސްނުންފުޅާމެދު ވިސްނާލި ކޮންމެ ދިވެހި ދަރިޔަކު އެމަނިކުފާނަށް ޝުކުރު ދަންނަވާނެ. އަދި އެއީ އަންނަނިވި ޒަމާންތައް ހަނދާންކޮށް އަބަދުމެ އަދާކުރާނެ ޝުކުރެއް.
އާދެ، މިއަދަކީ ކުރިންވެސް އަޅުގަނޑު ދެންނެވި ފަދައިން އަޅުގަނޑުމެންގެ ފަޚްރުވެރި ޤައުމީ ދުވަސް. މިއަދަކީ އަޅުގަނޑުމެންގެ މި ދިވެހި ޤައުމު ޤައުމަކަށް ހެއްދެވި އެންމެހައި އަބްޠާލުންގެ ޒިކުރާ އާކުރަންވީ ދުވަސް. ޤައުމުގެ މުސްތަޤްބަލާމެދު ވިސްނައި، ތަރައްޤީގެ އިތުރު ހަރުފަތްތަކަކަށް ވާސިލުވުމަށް ޢަޒުމް ކަނޑައަޅަންވީ ދުވަސް.
މިއަދު ރާއްޖޭގެ އާބާދީގައި ނިސްބަތުން ގިނައީ ޒުވާނުން ކަމަށްވުމާއެކު، މި ފަޚްރުވެރި ދުވަހާމެދު މިއަދުގެ ޒުވާނުން ވިސްނައި، ޤައުމަށްޓަކައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވުމުގެ މަތިވެރި ޢަޒުމް އާކުރެއްވުމަށް މިއަދުގެ ޒުވާން ޖީލަށް އަޅުގަނޑު އިލްތިމާސް ކުރަން. މި ޤައުމު ތަރައްޤީގެ މަގުގައި ހަލުވި ފިޔަވަޅުތަކެއް އެޅުމަށް ކުރަމުން މިގެންދާ ކޮންމެ މަސައްކަތެއްގައި، މި ޤައުމުގެ ޒުވާނުން، އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅުންގެ ޙިއްޞާ ވަރަށްބޮޑުވާނެ. ތަޢުލީމީ ޤާބިލު ޒުވާން އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅުން މިއަދު އަޅުގަނޑުމެންގެ ޤައުމުގައި އެބަ ތިއްބެވި. ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީތަކުން މަތީ ވަނަތައް ހާސިލު ކުރައްވާފައިވާ އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅުން، ޤައުމުގެ މުހިންމު މަސްއޫލު މަޤާމުތަކުގައި އެބަ ތިއްބެވި. މިއީ އަޅުގަނޑުމެންގެ ޤައުމު ފަޚްރުވެރިވުން ޙައްޤު ކަމެއް. އެފަދަ ބޭފުޅުންގެ މުއްސަނދި ޚިޔާލާއި، އެބޭފުޅުންގެ ފަންނީ ލަފާ، ޤައުމީ ކޮންމެ ކަމެއްގައި އަދި ޤައުމީ މަޞްލަޙަތު އޮތް ކޮންމެ ކަމެއްގައި ހިފުމަކީ، ޤައުމުގެ ތަރައްޤީއަށްޓަކައި އަޅުގަނޑުމެން ކުރަމުން މިގެންދާ މަސައްކަތްތަކުގެ ވަރަށް މުހިންމު ބައެއް.
އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. ނިންމާލުމުގެ ކުރިން، އަޅުގަނޑު މިރަށަށް ފޭބިއިރު، އަޅުގަނޑަށް އަޑުއިވުނު މިރަށު ބަހުން ކީ ލަވައެއްގެ ތަންކޮޅެއް ދަންނަވާލަން ހިތަށްއަރާ.
އެކެފަރު މުއްލާހެން މި ރަޓުތެރެޔާ
މީބޫ މީބޫ އުފާވެރި ޤައުމީ ދޮފެޔާ
އަޅުގަނޑުގެ ވާހަކަ ނިންމާލުމުގެ ކުރިން، އަޅުގަނޑުމެން މިރަށަށް ފޭބި ވަގުތު އަޅުގަނޑާއި އަޅުގަނޑުގެ ޓީމަށް ދެއްވި ހޫނު މަރްޙަބާއަށްޓަކައި ޓީމުގެ ނަމުގައި، އަޅުގަނޑު އަމިއްލަ ނަމުގައި ވިލިނގިލީގެ ހުރިހާ ރައްޔިތުންނަށާއި އަދި މިއަތޮޅުގެ ހުރިހާ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. މިއިން ދައްކައިދެނީ، ދިވެހި ރައްޔިތުން ތިއްބެވީ މި ސަރުކާރުގެ ފަހަތްޕުޅުގައިކަން. އަދި މި ސަރުކާރާ އެކީގައި މި ރަށުގެ ރައްޔިތުންނާއި މިއަތޮޅުގެ ރައްޔިތުން ތިއްބެވިކަން. މިއީ އަޅުގަނޑު ދަންނަވާނީ ވަރަށް އުފާވެރި މަންޒަރެކޭ. އަދި ކުރިއަށް އޮތް ތާނގައިވެސް މި މަންޒަރުތައް މިއަށްވުރެ މާ ފުޅާކޮށް، މިއަށްވުރެ މާ ބޮޑުކޮށް ފެންނާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން.
މާތްﷲ ދިވެހި ޤައުމު މިނިވަންކަންމަތީ އަދި އަމިއްލަވަންތަކަންމަތީ އަބަދުގެ އަބަދަށް ލައްވާށި! ތަރައްޤީގެ މަގުގައި ހަލުވި ފިޔަވަޅުތައް އަޅަމުން ކުރިއަށް ދިޔުމުގެ ނަޞީބު ދިވެހި ޤައުމަށް ތާއަބަދަށް ލައްވާށި! ދިވެހި މި ބިމަށް އުފަން ދިވެހި މި ބިންދެކެ ލޯބިވާ، ދިވެހި މި ބިމަށް ޚިދުމަތްތެރި، ހަރުދަނާ ޤައުމީ ވިސްނުން ގެންގުޅުއްވާ ވެރިންގެ ޤިޔާދަތުގައި ދިވެހި ޤައުމު ތާއަބަދަށް ލައްވާށި! އާމީން.
والســّلام عليــكم ورحـمــة اللّـه وبـركاتـه.