بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَــالَمِـين، وَالصّـلاة وَالسّـلام علـى أشـرف الأنبياء والمرسـلين، وَعلـى آلـه وأصـحابـه أجمـعـين.

މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ، ވަޑައިގެން ތިއްބެވި މިނިސްޓަރުން، ނުކުޅެދުންތެރިކަމާބެހޭ ޖަމުޢިއްޔާ، ކޮމިޓީ ނުވަތަ ކައުންސިލްގެ ރައީސް، އަދި ކައުންސިލް މެންބަރުން. މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، މި ދާއިރާއިން ޚިދުމަތް ކުރައްވާ އެކިއެކި ފަރާތްތައް، އަދި މިއަދު އަޅުގަނޑު އަތުން އިނާމު ހާސިލުކުރި ފަރާތްތައް، އަދި އެ އިނާމުތަކަށް އެހީތެރިވެދިން ފަރާތްތައް، އަދި ދާދި ދެންމެއަކު މި ސްޓޭޖުން ފެނިގެންދިޔަ ވަރަށް ހިތްގައިމު ނެށުންތެރިން، ނުކުޅެދުންތެރިކަން ހުރި ކުދިން، އަދި މި ޖަލްސާއަށް ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، މި ޖަލްސާ ދުރާއި ގާތުން ބައްލަވަމުން، އައްސަވަމުން ގެންދަވާ ފަރާތްތައް؛

السّلام عليــكم ورحـمــة اللّـه وبـركاتـه.


އަޅުގަނޑު ދަންނަވާނީ، މިއަދަކީ ވަރަށް އުފާވެރި ދުވަހެކޭ. އަޅުގަނޑުގެ ޙަޔާތުގައިވެސް މިހާތަނަށް، ނުކުޅެދުންތެރި މީހުންނަށް އިނާމު ދިނުމުގެ ފުރުޞަތު، އެންމެ ފުރަތަމަ ފަހަރަށް ލިބުނު ދުވަސްކަމަށްވާތީ، މި ފުރުޞަތު އަޅުގަނޑަށް ދެއްވިކަމަށްޓަކައި، މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީއަށާއި، އަދި ނުކުޅެދުންތެރިކަމާބެހޭ ކައުންސިލް ނުވަތަ ކޮމިޓީގެ ޗެއަރމަނަށް، މެންބަރުންނަށް ވަރަށް އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑު ދަންނަވާނީ، އަޅުގަނޑު ދައްކާނެ މާގިނަ ވާހަކައެއް ނެތޭ. އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުން، ސަރުކާރުން ކުރައްވާ ކަންތައްތަކާއި، އަދި އަމިއްލަ ފަރާތްތަކުން ކުރައްވާ ކަންތައްތަކުގެ ވާހަކަ ވަރަށް ފުރިހަމައަށް ދައްކަވައިފި. އޭގެ އިތުރަށް ދެ ވީޑިއޯ ޕްރެޒެންޓޭޝަންގައިވެސް ވަރަށް ފުރިހަމައަށް އެ ވާހަކަ ދައްކަވައިފި. އެހެންވީމާ، އަޅުގަނޑު ކީއްބާއޭ ކުރާނީ. ހަމަގައިމުވެސް، އަޅުގަނޑު ހިތަށްއަރާ، މި ސަރުކާރުން ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް އެ ކޮށްދެއްވާ ކަންކަމީ، މީގެކުރިން އެއްވެސް ސަރުކާރަކުން ކޮށްދެއްވާފައިވާ ކަންތައްތަކާ އަޅައިކިޔޭނެ ކަމެއްނޫނޭ.

މިދިޔަ ބުރާސްފަތި ދުވަހު މިނިސްޓަރާއި، ހޯމްމިނިސްޓަރާ އެކީގައި، އަޅުގަނޑުމެން ޒިޔާރަތް ކުރިން، ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒަށް. އެތަނަށް ދިޔައިރު އަޅުގަނޑަށް ފެނުނު އެންމެ ހިތްގައިމު މަންޒަރަކީ، އެތަނުގައި ވަރަށްބޮޑެތި މަރާމާތުތަކެއް ކުރަމުންދާ މަންޒަރު. އަޅުގަނޑުމެން އެ ތަނަށްގޮސް، އެތާނގައި ތިބި މީހުންނާވެސް ބައްދަލުކުރިން. އެމީހުންގެ ޝުޢޫރުތައްވެސް އަޑުއެހިން. އަދި އެމީހުން ބޭނުންވާ ކަންތައްތައްވެސް އަޑުއެހިން. އަދި ތަން ހިންގާ ފަރާތްތަކުން ބޭނުންވާ ކަންތައްތައްވެސް އަޑުއެހިން. އަޅުގަނޑަށް އެންމެ އުފާވާ ކަމަކަށްވީ، މިއަދު މިފެންނަ މަންޒަރު. މިއަދު ނުކުޅެދުންތެރިކަން ހުންނަ މީހުން އަމިއްލަ ޗެއަރގައި، އެމީހުން އަމިއްލައަށް ދުއްވާފައި ދެވޭގޮތަށް މިހާރުދަނީ ޕޭވްކުރަމުން. މަގުތައް ގާއަޅަމުން ގެންދަނީ. އަދި ވަރަށްގިނަ ބަދަލުތައް، އެ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒަށް މިހާރު އެގެންދަނީ ގެންނަމުން. އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ގާތްގަނޑަކަށް މި ޕްރޮޖެކްޓަކީ ހަމައެކަނި 10 މިލިއަން ރުފިޔާ ޚަރަދުވާނެ ޕްރޮޖެކްޓެއް. އެހެންވީމާ، މިސަރުކާރުން ވަރަށްގިނަ ކަންތައްތައް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެބަކޮށްދޭ.

ހަމަ ދާދިފަހުން، ދައުލަތުގެ ކުންފުންޏެއް ކަމަށްވާ އެމް.ޓީ.ސި.ސީ.ގެ ފަރާތުން ވަރަށްގިނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހޯދައިދީފައިވޭ. މިކަމަކީ، އަޅުގަނޑު ދަންނަވާނީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދެއް. އަދި އެކަންތައް އެމަނިކުފާނު އެ ގެންދަވަނީ ކުރައްވަމުން. އަޅުގަނޑުމެން، ރައީސް އެ ކުރެއްވި ވަޢުދާ އެއްގޮތަށް ކުރިއަށްއޮތްތާނގައި ތިޔަ ހުރިހާ ބޭފުޅުންނަށް ޔަޤީންކޮށްދެނީ ކުރިއަށް އޮތްތާނގައި ސަރުކާރުގެ ކުންފުނިތަކާއި، އަދި އަމިއްލަ ކުންފުނިތަކުންވެސް މިފަދަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހޯދައިދޭނެކަން. މިއީ އަޅުގަނޑުމެން ޔަޤީންކުރާ ކަމެއް. މިހާރުވެސް އަޅުގަނޑުމެން އެ މަސައްކަތްތައް ފަށާފައި މިއޮތީ. އެހެންވީމާ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުރިއަށްއޮތްތާނގައި ވަޒީފާގެ އިތުރު ފުރުޞަތުތައް ސަރުކާރުގެ އެކިއެކި ވުޒާރާތަކުންނާއި، އަދި ސަރުކާރުގެ އެކިއެކި ކުންފުނިތަކުން އެ ހަމަޖެހިފައި އޮންނަ އުސޫލުގެ ތެރެއިން ހަމަޖެހިގެންދާނެ. ހަމައެގޮތަށް، މި ސަރުކާރުން ނުކުޅެދޭ ފަރާތްތަކަށް ވަރަށް ބައިވަރު އެކިއެކި އިކްއިޕްމަންޓްސްތަކާއި، އާލަތްތައް ހޯދަމުން ގެންދަނީ. މީގެތެރޭގައި އެންސްޕާއިން ވަރަށްގިނަ މަސައްކަތްތައް އެބަކުރޭ. އަޅުގަނޑު ކޮންމެހެން ތަފްޞީލުތަކަށްދާކަށް ބޭނުންނެތިން. އެހެންނަމަވެސް، އަޅުގަނޑު ކުރިން އުޅުނު ދާއިރާއަކީ ސަރުކާރުގެ މާލި ދާއިރާއަށްވާތީ، އެ ފަރާތްތަކަށް އެ ހޯދާ ތަކެތީގެ އަގު، ގައިމުވެސް އަޅުގަނޑަށް އެނގޭ. މިވަގުތު އަޅުގަނޑުގެ ކުރިމަތީ މިނިސްޓަރ އޮފް ފިނޭންސް އެބަ އިންނެވި. އެހެންވީމާ، ދެން އަންނަ ޙަފުލާއެއްގައި މިހާތަނަށް ސަރުކާރުން ކޮށްދެއްވި މާލީ އެހީތެރިކަމުގެ ލިސްޓެއް މިނިސްޓަރ އޮފް ފިނޭންސް ގެންނަވައިފި ކަމަށްވަންޏާ އަޅުގަނޑަށް ހީވަނީ އެއީ މިކަހަލަ ފޯރަމެއްގައި ދެއްކޭނެ ވަރަށްވުރެ މާގިނަ ކަންތައްތަކެއްހެން. އެހެންވީމާ، މި ހުރިހާ ކަންތައްތަކާއި، މި ސަރުކާރުން މި ކޮށްދެއްވާ ކަންތައްތަކަށްޓަކައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން އެ ކޮށްދެއްވާ ގިނަގުނަ މަސައްކަތްޕުޅު ގައިމުވެސް ވަރަށް ކައިރިން ފެންނަ މީހަކަށް އަޅުގަނޑު ވާތީ، ތިޔަ ހުރިހާ ބޭފުޅުންގެ ނަމުގައި، އެ މަނިކުފާނަށް ވަރަށް އިޚުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. އަޅުގަނޑު ދަންނަވާނީ، އެމަނިކުފާނާ އެކީގައި، އެމަނިކުފާނުގެ ފަހަތްޕުޅުގައި ހުރެގެން، ނުކުޅެދުންތެރިކަން މިހާރުހުރި ފަރާތްތަކަށް އަޅުގަނޑު ދޭންޖެހޭ ހުރިހާ އެހީތެރިކަމެއް ދޭނެކަމުގެ ޔަޤީންކަން އަރުވަމޭ.

އާދެ، މިއަދު ވަރަށްގިނަ މަޢުލޫމާތުތަކެއް އަޅުގަނޑަށް ލިބިއްޖެ، މީގެ ކުރިން އަޅުގަނޑަށް އެނގިފައިނެތް، ވަރަށްގިނަ މަޢުލޫމާތު ލިބިއްޖެ. މީގެ އަލީގައި، އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެން ކުރަންހުރި މަސައްކަތްތައްވެސް ވަރަށް ފަސޭހަވެއްޖެއޭ މިހާރު. އެހެންވީމާ، މިނިސްޓަރަށްވެސް އަދި އެ ކޮމިޓީއަށްވެސް އަޅުގަނޑު ޔަޤީންކަން އަރުވަނީ، ކުރިއަށްއޮތް ތާނގައި ވަރަށް ބާރު ސްޕީޑެއްގައި އަޅުގަނޑުމެން މަސައްކަތް ކުރާނެކަން.

އާދެ، ނުކުޅެދުންތެރިކަމުގެ ވާހަކަ ދައްކާއިރު، އަޅުގަނޑު ހިތަށްއަރާ، ކޮބައިބާއޭ ނުކުޅެދުންތެރިކަމަކީ. އަޅުގަނޑު މިތަނަށް އައުމުގެ ކުރިން އިންޓަރނެޓް ބެލިއިރު، ދުނިޔޭގެ އެކިވަރުގެ، އެކިފާޑުގެ ނުކުޅެދުންތެރިކަން ހުންނަ ގާތްގަނޑަކަށް އެއް ބިލިއަން މީހުން އުޅޭކަމަށްވަނީ. އެއް ބިލިއަން މީހުންނަކީ އެކި ވައްތަރުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން ކަމަށްވަނީ. އޭގެތެރޭގައި ސިކުނޑީގެ ނުކުޅެދުންތެރިކަމާއި، ފެނުމުގެ ނުކުޅެދުންތެރިކަމާއި، އަޑުއިވުމުގެ ނުކުޅެދުންތެރިކަމާއި އަދި އެކިއެކި ގުނަވަންތަކުގެ ނުކުޅެދުންތެރިކަން ހިމެނޭ. ބައެއް ނުކުޅެދުންތެރިކަމަކީ އެމީހާ އުފަންވާއިރު ހުންނަ ނުކުޅެދުންތެރިކަމެއް. އަނެއްބައި ނުކުޅެދުންތެރިކަމަކީ، އެމީހާ ދުނިޔޭގައި ދިރިއުޅެމުންދާ ގޮތަކުން ދިމާވާ ބައެއްކަހަލަ ކަންތައްތައް. އަޅުގަނޑު ވަރަށްކުޑަ މިސާލެއް ދަންނަވާލަން ބޭނުން. ވަރަށްގިނަފަހަރަށް ހަކުރުބަލި ޖެހިގެން، ރަނގަޅަށް ފަރުވާނުކުރެވޭ ކަމަށްވަންޏާ، އެ މީހާގެ ފެނުމަށް އުނިކަން އާދޭ. ހަމައެގޮތަށް ބައެއްކަހަލަ މާޙައުލުގައި މަސައްކަތްކުރާ މީހުން، އެ ބޭނުންވާ އެކިއެކި ސާމާނު ބޭނުންކުރަންޏާ، އަޑުއިވުމުގެ ނުކުޅުދުންތެރިކަންވެސް އެބައާދޭ. ހަމައެގޮތަށް، އަޅުގަނޑުމެން ހެލިފެލިވެ ނޫޅޭކަމަށްވަންޏާ، އޭގެ ސަބަބުންވެސް ބައެއް ގުނަވަންތަކަށް އޭގެ އަސަރުވެސް އެބަކުރޭ.

އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، ބައެއްކަހަލަ ނުކުޅެދުންތެރިކަމަކީ އެއީ، ދިރިއުޅުމާއި ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައި އޮންނަ ކަންތައްތަކޭ. އެހެންވީމާ، އެބަޖެހެޔޭ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެންނަން. އަޅުގަނޑުމެން ބޭނުންވާ ކާބޯތަކެއްޗަށް ސަމާލުވާން. އަދި އަޅުގަނޑުމެން ބޭނުންކުރާ އެކިކަހަލަ މަސައްކަތްތަކުގެ އާލަތްތަކަށް ސަމާލުވާން. އަޅުގަނޑަށް ވަރަށް ކައިރިން އެބަފެނޭ، އަޅުގަނޑުމެންގޭ ކުރިމަތީގައިވެސް ހުރޭ ވާރކްޝޮޕެއް. އެ ވާރކްޝޮޕްގައި މަސައްކަތްކުރާ މީހުން ބޭނުންވާ އެކިއެކި ސޭފްޓީ އިކުއިޕްމަންޓްސް ބޭނުންނުކުރާތަން. މިސާލަކަށް، ވެލްޑިންކުރާ މީހަކު، އޭނަ ބޭނުންވާ މާސްކު ނާޅާ ވެލްޑް ކުރާ ކަމަށްވަންޏާ، އޭގެ ސަބަބުން އޭނާގެ ލޮލަށް ވަރަށްބޮޑެތި އަސަރުތައް ކުރަމުން ގެންދާނެ. ދުވަސްކޮޅެއްފަހުން އޭނާގެ ލޮލުގެ ޢައިބު ނުވަތަ ލޮލުގެ ފެނުން ގޮސްފި ކަމަށްވަންޏާ ސަރުކާރުން ވަރަށްބޮޑެތި ހޭދަތަކެއް ކުރަންޖެހޭނެ. އަދި އެމީހާއަށްވެސް ވަރަށްބޮޑު ނުކުޅެދުންތެރިކަމެއް އަންނާނެ. އެހެންވީމާ، މިކަހަލަ ކަންތައްތަކާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނައިފި ކަމަށްވަންޏާ، އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން ހުރިހާ ރައްޔިތުންނަށްވެސް މިކަމުން ސަލާމަތްވެވޭނެ ފުރުޞަތު އެބައޮތޭ. އެހެންވީމާ، އަޅުގަނޑުގެ އިލްތިމާސަކީ، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުގެންނަމާ ހިނގާށޭ. އަޅުގަނޑުމެންގެ ކާބޯތަކެއްޗަށް ބަދަލުގެންނަމާ ހިނގާށޭ. އަޅުގަނޑުމެން މަސައްކަތްކުރާ މާޙައުލަށް ބަދަލުގެންނަމާ ހިނގާށޭ. މިއީކީ އެއްދުވަހުން ކުރެވޭނެ ކަމެއްނޫންކަމަށް އަޅުގަނޑުވެސް ގަބޫލުކުރަން.

އެހެންވީމާ، ހުރިހާ އެންމެން ގުޅިގެން، މަސައްކަތުގެ މާޙައުލުގައިވެސް މުވައްޒަފުންނަށް ދޭންޖެހޭ ރައްކާތެރިކަން ދިނުމަކީ އެއީ ކުރަންޖެހޭނެ ކަމެއް. ސޭފްޓީ އިކުއިޕްމަންޓްސް ހުންނަންޖެހޭނެ. ވަރަށްގިނަފަހަރަށް އަޑުއިވޭ، ކޮންމެވެސް ތަނެއްގެ ފުރާޅުމަތިން ވެއްޓި މީހަކު މަރުވެއްޖެއޭ. ކީއްވެގެންތޯ ވެއްޓުނީ ބަލާއިރު، އޭނަ ބޭނުންވާ ސޭފްޓީ އިކުއިޕްމަންޓްސް ނާޅާ. ބައެއް މީހުން ބުނޭ ތިމަންނަ ގަޓުހުރެޔޭ، ތިމަންނަ ބިރެއްނުގަނެޔޭ އުސްތަންތަނަށް އަރަން. އެކަމަކު އުސްތަނަކުން ވެއްޓި، ހާނީއްކަވީމަ، ދެން ހިތަށްއަރަނީ ނޫނެކޭ ތިމަންނައަށް ކުރެވުނީ ގޯސްކަމެކޭ. މިކަހަލަ ކަންތައްތަކަށް އަޅުގަނޑުމެން ސަމާލުކަން އެބަދޭންޖެހޭ. އެހެންވެ، މިކަންތައް ރަނގަޅަށް ކުރެވިއްޖެ ކަމަށްވަންޏާ، އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންނަށް ނުކުޅެދުންތެރިކަމުން ސަލާމަތްވެވޭނެހެން.

ހަމައެގޮތަށް، ނަފްސާނީބަލި ޖެހިފައި ތިބި މީހުން އަޅުގަނޑާ ބައްދަލުވި ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒުންވެސް. މިނިސްޓަރުވެސް ވިދާޅުވިހެން އެމީހުންނަށްވެސް ދުރާލާ އަޅުގަނޑުމެންނަށް އަޅައިލެވިއްޖެ ކަމަށްވަންޏާ، އެހާހިސާބަށް ދާކަށްނުޖެހޭ. ވަރަށްގިނަފަހަރަށް ނަފްސާނީބަލިވަނީ އެ މީހާއާއި އަނެއް މީހާއާ އޮންނަ ގުޅުން ގޯސްވަމުން ދިޔުމުން. އަޅުގަނޑުމެން ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒުގައި ތިބި މީހުންނާ ސުވާލުކޮށްލިން، ޢާއިލާގެ އެއްވެސް މީހަކު އެމީހުންނަށް ގުޅާހެއްޔޭ. ނުވަތަ އެމީހުން ދެކިލަން އާދޭހޭ. އަޅުގަނޑަށް ވަރަށް ހިތާމައާއެކު އަޑުއިވުނީ، ވަރަށް މަދުން ނޫނީ ނާދެއޭ. އަދި ފޯނެއްވެސް ނުކުރެއޭ. ގިނަފަހަރަށް ފޯނުކުރީމާ ފޯނަށް ޖަވާބުވެސް ނުދެއޭ. މިއީ ވެގެންވާނެ ކަމެއް ނޫން. ސަރުކާރުން އަދި އަޅުގަނޑުމެން ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒުގައި، މީހުން ބައިތިއްބައިގެން ޚިދުމަތް ދިން ކަމުގައިވިޔަސް، އެ ފަރާތްތަކުގެ ޢާއިލާ އެމީހުންނާ އަޅާލަންޖެހޭނެ. އެ ހަމްދަރުދީ އޮންނަންޖެހޭނެ. އެމީހުންނާ ގުޅަންވެސްޖެހޭނެ. އެތަނަށް ޒިޔާރަތްކޮށް އެމީހުންގެ ޙާލުވެސް ބަލަންޖެހޭނެ. މިއީ އަޅާލުމަކީ. ސަރުކާރުން ވަރަށް ގިނަ ހޭދަތަކެއް ކުރެވިދާނެ. އެކަމަކު އެމީހާގެ ބަލި ރަނގަޅުވާނީ ހަމައެކަނި ސަރުކާރުން ހޭދަތަކެއް ކޮށްގެނެއްނޫން. ރައީސުލްޖުމްހޫރިއްޔާ އެކަންޏެއްނޫން. އެމީހެއްގެ ޢާއިލާގެ ފަރާތުންވެސް ވަރަށްގިނަ ކަންތައްތަކެއް ކުރަން އެބަޖެހޭ.

އެހެންވީމާ، މިއަދު އަޅުގަނޑު ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރަނީ ހުރިހާ ރައްޔިތުންވެސް އަޅުގަނޑުމެންގެ ތެރޭގައި މިހާރު ތިބި ނުކުޅެދުންތެރިންނަށް، މިހާރުއްސުރެ ތަންކޮޅެއް ބޮޑަށް އަޅާލަމާ ހިނގާށޭ. މިއީ އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެކޭ. ހަމައެގޮތަށް އަދި ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒަށް ނުގެންދިޔަ ކަމުގައިވިޔަސް، ވަރަށް ގިނަ ގޭގޭގައި، ހަމަ ނުކުޅެދުންތެރި މީހުން ބައިތިއްބައިގެން އަދި ޚިދުމަތްތަކެއް ނުވަތަ އެގޭގެ އާއިލާތަކުންވެސް ބަލަހައްޓަމުން އެބަގެންދޭ.

ޚާއްޞަކޮށް އުމުރުން ގިނަދުވަސްވީ މީހުން ތިބޭ ތަނަކީ، އެ ގިނަދުވަސްވީ މީހުންގެ މާޙައުލާ އެއްގޮތަށްތޯ ހުންނަނީ ބަލަންޖެހޭ ތަނެއް. އަޅުގަނޑުމެންނަށް ބައެއްފަހަރު ފެނޭ، ޢުމުރުން ދުވަސްވީ ބައެއް މީހުން ތިބޭއިރު، އެމީހުން ހިނގާބިނގާ އުޅެން، ދަތިގޮތަކަށް އެކޮޓަރި ހެދިފައި ހުންނަތަން. ޚާއްޞަކޮށް، މިސާލަކަށް ފާޚާނާއަށް ދާއިރު، ފާޚާނާގައި އޭނަ ހިފަހައްޓާނެ ރޭލެއް ނުހުރޭ. އަދި ގޭތެރޭގައި، މިސާލަކަށް ބަލާކަމަށްވަންޏާ، ޖަހާފައި ހުންނަނީ ތަޅުން. މި ތަޅުމުގެ ސަބަބުން ކައްސާލައިގެން ވެއްޓުމުގެ ފުރުޞަތުވެސް ބައެއްކަހަލަ ގޭގޭގައި އެބަހުރި. އެހެންވީމާ، މިއީ ވަރަށް ކުދިކުދި ކަންތައްތައް. އެހެންނަމަވެސް މި ކަންތައްތަކަކީ ކުރެވިދާނެ ކަންތައްތައް. އެހެންވީމާ، އަޅުގަނޑު އެދެނީ ތިޔަ ހުރިހާ ރައްޔިތުންވެސް މިކަހަލަ ކަންތައްތައް މިއީ ކުދިކުދި ކަންތައްތައް ކަމުގައިވީނަމަވެސް، މިކަންތަކަށް އަޅާލެއްވިއްޖެ ކަމަށްވަންޏާ، މުސްތަޤުބަލުގައި ލިބޭ ހާނީއްކަ ނުވަތަ ސަލާމަތަށް ކުރެވޭނެ ކަމެކޭ. އެހެންވީމާ، މިކަހަލަ ކުދިކުދި ކަންތައްތަކާ އަޅާލަން އެބަޖެހޭ.

ހަމައެގޮތަށް ދެންމެ އަޅުގަނޑަށް ފެނުނު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރޭގައި ވަރަށް ސްކިލްޑް ބައެއް މީހުން އެބަތިބި. އަޅުގަނޑާ ވަރަށް ގާތް، ވަރަށް ކައިރިން، ވަރަށް ކުރީ ދުވަސްކޮޅެއްގައި ކައިރީގައި އުޅެން ދިމާވި މީހެއް، އަލްޙާފިޡް އަޙުމަދު ރަޝީދު. އަލްޙާފިޡް އަޙުމަދު ރަޝީދަކީ އަޅުގަނޑާ އެކީގައި ޤުރުއާން ކުލާހުގައި، ޤާރީ ކުލާހުގައި ކިޔަވައިވިދާޅުވި ބޭފުޅެއް. އޭނަވަނީ މިހާރު ޤާރީ ކޯސް ފުރިހަމަކުރައްވާފައި އަދި ނަތީޖާވެސް ހޯއްދަވާފައި. އޭނައަކީ އަޅުގަނޑު ދަންނަވާނީ، އޭރުވެސް ޤުރުއާން ކިޔެވުމަށް ވަރަށް ޝައުޤުވެރިކަން ހުންނަ، އަދި ހިތުދަސްކުރުމުގެ އެ ކޭޕެބިލިޓީ ނުވަތަ ކެޕޭސިޓީ ވަރަށްބޮޑު. ޚާއްޞަކޮށް، އަޅުގަނޑަށްވުރެ މާމަތި. އެހެންވީމާ، މިއަދު އޭނަވަނީ އެ ދާއިރާއިން ވަރަށް ބޮޑެތި ކުރިއެރުންތައް ހޯދާފައި. ހަމައެގޮތަށް އަޅުގަނޑުމެންނަށް ފެނުނު، ވަރަށްގިނަ އެހެން ފަރާތްތައްވެސް، ވަރަށް ސްކިލްޑް، ވަރަށް ހުނަރުވެރި ބޭފުޅުން. އެހެންވީމާ، މިފަދަ ހުނަރުވެރި ބޭފުޅުންނަށް، އަޅުގަނޑުމެން ހުރިހާ އެންމެން ގުޅިގެން ބަލަމާ ހިނގާށޭ، ވަޒީފާގެ ފުރުޞަތު ހޯދައިދެވޭތޯ. އެއީ، އަޅުގަނޑުމެން ކުރަންވެއްޖެ ކަމެއް. އަޅުގަނޑުމެންނަށް މިހާތަނަށް އެނގިފައި އޮތްގޮތުން، އަދި މާބޮޑަކަށް ދިރާސާއެއް ކުރެވިފައެއް ނެތް، ސްކިލް ހުރީ ކިހާވަރަކަށްތޯ ނޫނީ ނޫންތޯ. އަދި ނުކުޅެދޭ މީހުން ރާއްޖޭގައި ތިބީ ކިހާވަރަކަށްތޯ ނުވަތަ އެއެއްވެސް ނޭނގެ. އަޅުގަނޑުމެންނަށް އެނގެނީ ގާތްގަނޑަކަށް 6 ޕަސެންޓާއި 7 ޕަސެންޓާ ދޭތެރޭގެ މީހުން، ނުކުޅެދޭ މީހުން ރާއްޖޭގައި އުޅޭނެކަމަށް. އަޅުގަނޑަށްވެސް ގަބޫލުކުރެވެނީ، މިހާރު އޭގެމާނައަކީ ރާއްޖޭގައި ގާތްގަނޑަކަށް ވިހިވަރަކަށްހާސް މީހުން އުޅޭނެ.

މިއަދު އަޅުގަނޑުމެންގެ އެންސްޕާ ރަޖިސްޓްރީ މި ދައްކަނީ ގާތްގަނޑަކަށް ހަހާސް ހަތަރުސަތޭކަ މީހުން އުޅޭނެކަމަށް. އެ މީހުންނަށް ގާތްގަނޑަކަށް އަހަރެއްގެ މައްޗަށް އެލަވަންސްގެ ގޮތުގައި 13ވަރަކަށް މިލިއަން ރުފިޔާ ޚަރަދުވޭ. އެހެންވީމާ، އަޅުގަނޑު ހިތަށްއަރަނީ ނުކުޅެދޭ މީހުންގެ ދަފްތަރެއް ހަދާފައި، މިހާރުވެސް މަސައްކަތް ކުރަމުން އެ ގެންދަނީ. އެ ދަފުތަރު ނިމުމަށްފަހު ނުކުޅެދުންތެރިކަން ތިބި މީހުންގެ ސްކިލްޑް އިންވެންޓްރީ ނަގާފައި، އެމީހުންނަށް ސްކިލް އިތުރުކުރާކަމަށްވަންޏާ އިތުރަށް އިތުރުކޮށް، އެމީހުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދެމާ ހިނގާށޭ. އޭރުން ސަރުކާރުން ކުރަންޖެހޭ ޚަރަދުތައް ކުޑަވެ، އަދި އެ ޢާއިލާތަކަށްވެސް ވަރަށްބޮޑެތި ފަސޭހަތަކެއް ލިބިގެންދާނޭ.

އަޅުގަނޑަށް ދެން މިއަދު ފެންނަ އެއް އުނިކަމެއް. އަޅުގަނޑުމެންގެ މެޑަމް ފާތުންއަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ވަރަށް ކައިރިން މަސައްކަތް ކުރައްވާ ބޭފުޅެއް. މިއަދު މި ޖަލްސާއަށް ވަޑައިނުގެންނެވުނީތީ، އަޅުގަނޑު ވަރަށް ދެރަވޭ. އެހެންނަމަވެސް، އަޅުގަނޑު ހިތަށްއަރާ އެކަމަނާ ވަޑައިގެންނެވިނަމަ، މިއަދުގެ މި ޖަލްސާ މާބޮޑަށް ފަޅުފިލައިގެންދާނެއޭ.

އަޅުގަނޑުގެ ވާހަކަ މާދިގުކުރާކަށް ބޭނުމެއްނޫން. އަޅުގަނޑުގެ އިލްތިމާސަކީ ދިވެހި ހުރިހާ ރައްޔިތުންނަކީ، އެއް ރައްޔިތަކު އަނެއް ރައްޔިތަކަށް އަޅައިލާ ބަޔަކަށްވުން. ޚާއްޞަކޮށް، ނުކުޅެދުންތެރިކަން ހުންނަ ރައްޔިތުންނަށް އަޅާލައި، އެ ކުދިންނަށް، އެ މީހުންނަށް ބޭނުންވާ ފަސޭހަތަކާއި، ވަސީލަތްތައް އަޅުގަނޑުމެންނަށް ލިބިހުރި މިންވަރަކުން ފޯރުކޮށްދޭ ބަޔަކަށްވުން.

އަޅުގަނޑުގެ ދުޢާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެ ކުރައްވާ މަސައްކަތުގައި ބަރަކާތްލެއްވުން. އަދި ރާއްޖެއަކީ ނުކުޅެދުންތެރިކަން ހުންނަ މީހުން މަދު ޤައުމެއްގެ ގޮތުގައި ލެހެއްޓެވުން. އަދި ރާއްޖެއަށް އަދަށްވުރެ ފެހި މުސްތަޤުބަލެއް ދެއްކެވުން.

والسّلام عليــكم ورحـمــة اللّـه وبـركاتـه