بســم اللّـه الرّحمـن الرّحيــم
މި ބައްދަލުވުމުގެ ބޭނުމަކީ، ސޯޝަލް ކައުންސިލްގެ ފަރާތުން މީޑިއާ އާ ބައްދަލުކުރުން. މީގެކުރިންވެސް ސޯޝަލް ކައުންސިލްގެ ފަރާތުން ވަނީ މީޑިއާ އާ ބައްދަލުކުރެވިފައި. އެނގިވަޑައިގަންނަވާނޭ ފަދައިން، ސޯޝަލް ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން، އަޅުގަނޑާ އެކީގައި މިތިއްބެވީ. މީގެއިތުރުން، ހެލްތް މިނިސްޓަރ މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވީމާ، ހެލްތް މިނިސްޓަރަށް ވަޑައިނުގެންނެވުނީ. ހަމައެގޮތަށް ޣައްސާން މައުމޫންވެސް އާލާސްކަންފުޅާ އުޅުއްވާތީ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގެންނެވުނީ.
ސޯޝަލް ކައުންސިލުން ބައްދަލުވުން މިއޮންނަނީ ކޮންމެ ހަފްތާއަކު 4 ދުވަހު. ދެން އޭގެތެރެއިން  އަޅުގަނޑުމެން  މި ޚިޔާލުކުރަނީ، އެއްދުވަހު ނަމަވެސް  އަޅުގަނޑުމެން  މީޑިއާ އާ ބައްދަލުކޮށް، މި މަޢުލޫމާތު އަރުވާގޮތަށް. ދެން މިވަގުތު އަދި އަޅުގަނޑުމެން މިއީ ތައްޔާރުވި ފުރަތަމަ ބައްދަލުވުން ކަމަށްވާތީ، އަޅުގަނޑުމެން ކުރިއަށް އޮތްތާނގައި ތަންކޮޅެއް ގިނައިން ކައިރިކައިރިކޮށް، ތިޔަބޭފުޅުންނާ ބައްދަލުކުރަމުން ގެންދާނަން.
ސޯޝަލް ކައުންސިލްގެ ބޭނުމަކީ، ވީހާވެސް ބޮޑަށް ރައްޔިތުންނަށް މިހާރު ދިމާވެފައިހުރި އެކިއެކި އިޖުތިމާޢީ ބަލިތަކަށް ނުވަތަ އިޖުތިމާޢީ ކަންތައްތަކަށް އަވަސް ޙައްލެއް ހޯދައިދީ، އިޖުތިމާޢީ ދާއިރާ ތަރައްޤީ ކުރުން. މިގޮތުން ވަރަށްގިނަ ކަންތައްތަކާ ބެހޭގޮތުން ސޯޝަލް ކައުންސިލްގައި ވާހަކަ ދެކެވި، މަޝްވަރާ ކުރެވި، ބައެއް ކަންތައްތަކުގެ ޢަމަލީ މަސައްކަތްތައް މިހާރު މިދަނީ ކުރެވެމުން. މިއަދު އަޅުގަނޑުމެން ހަމަ އޭގެތެރެއިން ބައެއް ކަންތައްތައް ތިޔަބޭފުޅުންނަށް ހިއްސާކޮށްލާނީ.
މިއަދުގެ މި ބައްދަލުވުން ދާގޮތާ ބެހޭގޮތުން ކުޑަކޮށް އެއްޗެއް ދަންނަވާލާނަން. އަޅުގަނޑު ކުޑަ ބްރީފިންގއަކަށްފަހު، ދެން މިނިސްޓަރުން، މިނިސްޓަރުންގެ ދާއިރާގެ ކަންތައްތައް ތިޔަބޭފުޅުންނަށް ބްރީފްކޮށް އަރުވާނެ. އޭގެފަހުން ސުވާލާއި ޖަވާބަށް އަޅުގަނޑުމެން ހުޅުވާލާނަން.
އަޅުގަނޑު ހަމަ ތިޔަބޭފުޅުންނާ ހިއްސާކޮށްލަން ބޭނުންވަނީ، ދާދިފަހުން އަޅުގަނޑުމެން ޑްރަގް ރިހެބިލިޓޭޝަން ސެންޓަރާއި އަދި ހާފްވޭ ހައުސްއާއި އަދި ކޮމިއުނިޓީ ސެންޓަރަށް ޒިޔާރަތްކުރީމު. އެތާތިބި ޑްރަގުގެ އެކިއެކި ވަބާގައިޖެހިގެން މިހާރު ފަރުވާދެމުންދާ ކުދިންނާ ބައްދަލުކުރީމާ އެ ހުރިހާ ކުދިންވެސް އެއްބަސްވީ ނުވަތަ އެ ހުރިހާ ކުދިންގެވެސް އެދުމަކަށްވީ، އެ ހުރިހާ ކުދިންވެސް ބޭނުންވަނީ ވަޒީފާއޭ. ވަޒީފާއޭ ބޭނުންވަނީ. މިކަން އަޅުގަނޑުމެން ހިތުގެ އަޑިން ބަލައިގަނެ، އަޅުގަނޑުމެން ސޯޝަލް ކައުންސިލުގައި މިވާހަކަ ދައްކައި، އަދި އެމް.ޓީ.ސީ.ސީ. އާވެސް މިވާހަކަ ދައްކައި، އަދި އެން.ޑީ.އޭ. އާ ވެސް މަޝްވަރާކުރުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، މިހާރު ރާއްޖޭގައި ތިބި އެކިއެކި ކުންފުނިތަކާ ވާހަކަ ދައްކައިގެން، އެ ކުދިންނަށް ފުރުޞަތު ހޯދައިދިނުމަށް.
މިގޮތުން އަޅުގަނޑުމެން ވާނީ، މިހާރު މަޓީއާވެސް ބައްދަލުކޮށްފައި. އަދި މަސީއާވެސް ބައްދަލުކޮށްފައި. އަދި ވިޔަފާރިވެރިންގެ ޖަމްޢިއްޔާއާވެސް ބައްދަލުކޮށްފައި. މީގެއިތުރުން، ދައުލަތުގެ ހުރިހާ ކުންފުނިތަކާވެސް ބައްދަލުކޮށްފައި. މި ހުރިހާ ކުންފުނިތަކުންވެސް އެއްބަސްވޭ، އެ ކުދިންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމަށް. އެހެންނަމަވެސް، ހަމަޖެހިފައި އޮންނަ އުސޫލުތަކެއްގެ ދަށުން އެކަންކުރާ ގޮތަށް. ދެން މިހާރު އެން.ޑީ.އޭ. އިން ވަނީ އެކުދިން އެމްޕްލޮއި ކުރާނެ ނުވަތަ އެކުދިންނަށް ވަޒީފާދޭނެ ވަކި އުސޫލުތަކެއް ހަމަޖައްސައިދީ، އެކަންވެސްވަނީ ކަނޑައަޅުއްވައިދެއްވާފައި. އަދި  އެ އުސޫލުވެސް މިއޮތީ އެން.ޑީ.އޭ.ގެ ބޯޑުން ނިންމަވައި ދެއްވާފައި. އެހެންވީމާ، ކުރިއަށްއޮތްތާނގައި މިކުދިން މި ވަޒީފާއަށް ނެރުމުގެ މަސައްކަތްތައް ކުރެވިގެންދާނެ. އަޅުގަނޑު ބައްދަލުކުރި ހަމަ ހުރިހާ ކުންފުނިތަކުން، ހަމަ ސީ.އީ.އޯ. އިން އެއްބަސްވޭ، އެކުދިންނަށް އެ ކުންފުނިތަކުން ވަޒީފާ ހަމަޖައްސައިދޭނެކަމަށް. އެހެންވީމާ، ކުރިއަށްއޮތްތާނގައި އަޅުގަނޑުމެންނަށް ފެނިގެންދާނެ ވަރަށްގިނަ ކުދިންނަށް މި ވަޒީފާގެ ފުރުޞަތު ލިބިގެންދާނެތަން. ދެން ބޮޑަށް އަޅުގަނޑު މިބަލަނީ، އެ ކުދިންގެ ޕްރޮފައިލް ހެދުމަށްފަހު، އެކުދިންގެ ތެރެއިން އަޅުގަނޑުމެން ބޭނުންވާ ޝަރުޠުތައް ހަމަވާ ކުދިން ސްކްރީން ކުރުމަށްފަހު، ސްކްރީނުން ހޮވޭ ކުދިންނަށް މިކަންތައް ހަމަޖެހިގެންދާނީވެސް.
އަޅުގަނޑުމެން އެންމެފުރަތަމަ ފަށަނީ، މި ކުދިންނަށް ވޭޖް އެމްޕްލޯއިމަންޓް. އެކުދިން ވަޒީފާ އަދާކުރާ ގަޑިއަށް އުޖޫރައެއް ދޭގޮތަށް. ދެން މިސާލަކަށް ބަލަމާހިނގާ، އެންމެފުރަތަމަ ދުވާލަކު 3 ގަޑިއިރު، ނުވަތަ ދުވާލަކު 4 ގަޑިއިރު، ފަށައިގެންގޮސް އެ ކުދިން އެންމެ ރަނގަޅަށް މަސައްކަތްކުރާ ކަމަށްވަންޏާ، އަދި 6 ގަޑިއިރުވެސް، 7 ގަޑިއިރުވެސް އަދި އެ ކުދިންނަށް އިތުރުގަޑި އިތުރުކުރާ ގޮތަށް. އަދި ހަމަ ވަޒީފާއަށް ރަނގަޅިއްޔާ ދާއިމީ ވަޒީފާއަށްވެސް ބަދަލުވާގޮތަށް މިއޮތީ.
މީގައި ދިމާވާ އެއް މައްސަލައަކީ، ވަޒީފާއަށް އެދޭ ފަރާތުން ފޯމެއް އޮވޭ ފިލްކުރާ. އޭގައި އެއްވެސްކަހަލަ ކުށުގެ ރެކޯޑެއް އޮވޭތޯ ނޯވޭތޯ ބަލަން އޮވޭ. އެހެންވީމާ، އެކަންތައް ޙައްލުކުރުމުގެ މަގުމަތީގައި އަޅުގަނޑުމެން މިހާރު މިއުޅެނީ. އެހެންވީމާ، އެ ފޯމަށްވެސް ކޮންމެވެސް ކަހަލަ ބަދަލުތަކެއް ގެނެސްގެން އެ ކުދިންނަށް ވަޒީފާލިބޭނެ ފުރުޞަތު ހޯދައިދޭން. މީގެއިތުރަށް މިކުދިން ބޭނުންވާ އެކިއެކި ހުނަރު ދަސްކުރުމުގެ ކަންތައްވެސް އަޅުގަނޑުމެން ކުރިއަށްގެންދަން. ގަބޫލުކުރައްވާނެކަންނޭނގެ، ބައެއް ކުދިންނަކީ، ހަމަ ވަރަށް ފެންވަރު ރަނގަޅު ކުދިން. މީގެތެރޭގައި އަޅުގަނޑުމެންނަށް ދިމާވި، ވަން ޓު ވަން. ބައެއް ކުދިންނާ ވާހަކަ ދެއްކިއިރު އެނގޭ، އެކުދިންނަކީ، ހަމަ ޔުނިވަރސިޓީތަކުން ކިޔަވައިގެން ތިބި ކުދިންކަން. އެހެންވީމާ، ފުދޭވަރަކަށް ރަނގަޅު ހަމަ ލޯހުޅުވޭ، މަޢުލޫމާތުހުރި ކުދިންތަކެއްވެސް މީގެތެރޭގައި އެބަހިމެނޭ.
އަޅުގަނޑުމެން ހުރިހާ ރައްޔިތުންވެސް ބޭނުންވާނެ، ނުވަތަ ހުރިހާ މައިންބަފައިންވެސް ބޭނުންވާނެ، މިކުދިން ހަމަ މުޖުތަމަޢަށް ނެރުންވެސް. އެކަން ރައީސުލްޖުމްހޫރިއްޔާ މިއަދު ކުރައްވަން ނިންމާފައިއޮތީ. އެހެންވީމާ، އެބައި އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ހަމަޖެހިގެންދާނެ.
ގަބޫލުކުރައްވާނެކަންނޭނގެ، ޑްރަގް ރިހެބިލިޓޭޝަން ސެންޓަރަކީ ވަރަށް އަގުބޮޑު، ވަރަށް ޚަރަދުބޮޑުތަނެއް. ބޮލަކަށް ގާތްގަނޑަކަށް 25 ހާސް ރުފިޔާ ޖެހޭ. 20 ހާސް ރުފިޔާއާއި 25 ހާސް ރުފިޔާއާ ދޭތެރޭގެ އަދަދެއްޖެހޭ. އެހެންވީމާ، އެކުދިން އެތާނގައި ބައިތިއްބައިގެން ރަނގަޅު ޚިދްމަތެއް ދެވިއްޖެ ކަމަށްވަންޏާ އަޅުގަނޑަށް ހީވަނީ ވަރަށް ފަސޭހައިން އެކުދިން މުޖުތަމަޢަށް ނެރެވޭނެހެން. އަޅުގަނޑުމެންގެ ބޭނުމަކީ، އެކުދިން އެތާ ބައިތިއްބައިގެން އެކުދިންނަށް ފަރުވާދިނުން އެކަންޏެއްނޫން. ވަޒީފާއަށް ނެރުމުގެ މަރުޙަލާއެއް، ނުވަތަ ވަޒީފާއަށް ބޭނުންވާ ސްކިލްތައް އުނގަންނައިދިނުންވެސް އޭގެތެރޭގައި ހިމެނޭ. އަދި މުޖުތަމަޢަށް ބޭނުންވާ އެކިއެކި ހުނަރުތައް އުނގަންނައިދިނުންވެސް ހިމެނޭ. މީގެތެރޭގައި ދީނީ އެކިއެކި މަޢުލޫމާތުތައްވެސް އަޅުގަނޑުމެން އެކުދިންނަށް ދެން. އަޅުގަނޑުމެންނަށް ވަރަށްފަހުންވެސް ރާއްޖޭގެ ވަރަށް މަޝްހޫރު ޢިލްމުވެރިއެއް އެތަނަށް ވަޑައިގެން އެކުދިންނާ މަޢުލޫމާތު ހިއްސާކޮށްފައިވަނީ. އެހެންވީމާ، ކުރިއަށް އޮތްތާނގައިވެސް ހަމަ ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިން އެކި ގަޑިތަކުގައި ވަޑައިގެން، އެކުދިންނަށް ދީނީ އެކިއެކި މަޢުލޫމާތު ދެއްވާނެ.
އެހެންވީމާ، އަޅުގަނޑުމެން އެދޭ އެދުމަކީ ހުރިހާ ރައްޔިތުންވެސް މި ކުދިންނަށް މި ފުރުޞަތު ހޯދައިދިނުމަށް މަސައްކަތްކޮށްދިނުން. އަދި ޚާއްޞަކޮށް ކުންފުނިތަކުގެ އިސްވެރިން. އެއީ، އަދި ދައުލަތުގެ ކުންފުންޏެއްވިޔަސް، އަދި އަމިއްލަ ކުންފުންޏެއްވިޔަސް، މި ކުދިންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުން އެއީ، އަޅުގަނޑުމެން އެދޭ އެދުމަކީ. އަޅުގަނޑަށް ހީވަނީ ހުރިހާ އެންމެންވެސް މިކަމަށް އެއްބަސްވާނެހެން. ބައެއްފަހަރަށް ދިމާވާކަމެއް ވަޒީފާއެއްނެތި، އަދި މިސާލަކަށް ފަރުވާ ނިމޭތަނުން، އަނެއްކާވެސް މި ކުދިން އެނބުރި ހަމަ އެކަންތައްތަކުގެ ތެރެއަށް ވަންނަތަން މިފެންނަނީ. މިފަހަރު މި ނިންމީ، އެކުދިންނަށް ވަޒީފާ ހޯދައިދީފައި، ދެން އެކުދިން ފަރުވާއާއެކީ ކުރިއަށްގެންދާގޮތަށް. އޭރުން، އަޅުގަނޑު މި ދަންނަވަނީ، އެއްކަލަ މާޔޫސްވެގެން ޖަމާޢަތުގައި، މުޖުތަމަޢު ތެރޭގައި އުޅެގެން އަނެއްކާވެސް ރިލެކްސްވާ ބައެއް ނާންނާނެއޭ. މިއީ، އަޅުގަނޑުމެން ހުރިހާ ރައްޔިތުންވެސް އެދޭ ގޮތްކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެހެންވީމާ، މިކަން ދެން ފެށީމާ އަޅުގަނޑަށް ހީވަނީ ކުރިންވެސް މިކަން ތަޖުރިބާކުރައްވާފައިވެސް އެބަހުރި. އެހެންވީމާ، ކުރިއަށް އޮތްތާނގައި ވަރަށް ސިސްޓަމެޓިކް ގޮތަކަށް މިކަން ގެންދެވިއްޖެ ކަމަށްވަންޏާ، ހަމަ އަޅުގަނޑަށް ހީވަނީ ވަރަށް ރަނގަޅު ފައިދާތަކެއް ނެރެވޭނެކަންނޭނގެ.
މީގެއިތުރަށް އަޅުގަނޑު ދަންނަވާލަން ބޭނުން، ޑްރަގް ރިހެބިލިޓޭޝަން ސެންޓަރަށް މިހާރު ހުރި ދަތިތައް ފިލުވައިދިނުމަށްޓަކައިވެސް މަސައްކަތްތަކެއް ކުރަމުން މިގެންދަނީ. އަޅުގަނޑުމެން ޚިޔާލުކުރަން ޑްރަގް އޮފެންޑަރސް ޑިމާންޑް ސެންޓަރެއް، ހަމަ ރިހެބިލިޓޭޝަން ސެންޓަރުގެ ކައިރީގައި ޤާއިމުކުރަން، ކައިރި މުސްތަޤްބަލެއްގެ ތެރޭގައިވެސް. އަދި އެއް އަމްބްރެއްލާއެއްގެ ދަށުން ނުވަތަ އެއް ފުރާޅެއްގެ ދަށުން ޑްރަގާބެހޭ ހުރިހާކަމެއް ނުވަތަ ހުރިހާ ފަރުވާއެއް ލިބޭ ކަހަލަގޮތަކަށް އަޅުގަނޑުމެންގެ ވިސްނުން ބަހައްޓާފައިހުރީ. ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވަނީ އެއްތަނަކުން އެ ހުރިހާ ޚިދްމަތެއް ލިބޭގޮތަށް. މީގެތެރޭގައި އެބައުޅޭ ވަރަށް ޅަކުދިންވެސް، ވަރަށް އުމުރުން ޅަ ކުދިން، އަޅުގަނޑު ދަންނަވާނީ، 18 އަހަރުން ދަށުގެ ކުދިންވެސް އެބައުޅޭ. އަދި 18 އަހަރުން މަތީގެ އަންހެން ކުދިންވެސް އަދި ފިރިހެން ކުދިންވެސް އެބައުޅޭ. މިހުރިހާ ފަރާތްތަކަށްވެސް އެއްތަނެއްގެ ދަށުން ފަރުވާދެވޭގޮތެއް ވެއްޖެ ކަމަށްވަންޏާ، ދައުލަތުންކުރާ ޚަރަދުތައްވެސް ކުޑަވާނެ. އަދި އެކަން ކުރަންވެސް ފަސޭހަވާނެ. އެހެންވީމާ، ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިއޮތީ، އެއް ފުރާޅެއްގެ ދަށުން ހުރިހާ ޚިދްމަތެއް ލިބޭގޮތަށް. ކުރިއަށްއޮތްތާނގައި އެކަންތައް ފެނިގެންދާނެ. މިހެން އަޅުގަނޑު ދެންނެވި ކަމުގައިވިޔަސް، ފުދޭވަރަކަށް ބޮޑު ޚަރަދެއްދާނެ ކަމެއް މިއީ. އެހެންވީމާ، އެ މަސައްކަތަށް ދުވަސްކޮޅެއް ނަގާނެ. ދެން ޑްރަގާ ބެހޭގޮތުންވެސް އަޅުގަނޑަށް ހީވަނީ، މީގެކުރިންވެސް އަޅުގަނޑަށް އަޑުއިވިފައި އޮތްގޮތުން ތިޔަބޭފުޅުންނަށް ދަޢުވަތު އެރުވިކަމަށްވަނީ އެން.ޑީ.އޭ. އިން. އެކަމަކު މާގިނަ ފަރާތްތަކަކުން ތަރުޙީބު ނުދިނީމާ އެކަންވާގޮތްނުވި. އެކަންވެސް، އަޅުގަނޑާ ހަމައަށް އައިސްއޮތީ.
އެހެންވީމާ، ކުރިއަށް އޮތްތާނގައި މި އެން.ޑީ.އޭ. އިން އެކަހަލަ ދަޢުވަތެއް ދެއްވައިފިނަމަ، ތިޔަބޭފުޅުން އެކަމަށް އިޒުނަ ދެއްވުން އެއީ އަޅުގަނޑު ވަރަށްބޮޑަށް އެދޭ ކަމެކޭ. އަޅުގަނޑު ބޭނުން ތިޔަބޭފުޅުން މިހާރު ޑްރަގް ރިހެބިލިޓޭޝަން ސެންޓަރަށް ވަޑައިގެން އެތަން ބައްލަވައިލައްވަން. ސެންޓަރ ބައްލަވާލައްވާފައި އެތާނގެ މަޢުލޫމާތު ހަމަ ރައްޔިތުންނާ ހިއްސާކޮށްލުން. އެތަނުގައި ކުދިން ތިބި ޙާލަތުވެސް. އަޅުގަނޑު ދިޔައިރު ވަރަށް ފުރިހަމަ އެތާނގެ ކަންތައްތައް. އެތާނގެ މެނެޖްމަންޓްވެސް ހަމަ ވަރަށް ވަރުގަދަ. އަދި އެތާނގައި ހުރި ވަސީލަތްތައްވެސް ވަރަށް ވަރުގަދަ. އެހެންނަމަވެސް، އަޅުގަނޑު ބޭނުންވާ ލެވެލަށް ނުގެންދެވުމުގެ މައްސަލައަކީ، ތަނުގެ ދަތިކަން. އެހެންވީމާ، އެކަންތައް ޙައްލުކުރެވިއްޖިއްޔާ އަޅުގަނޑަށް ހީވަނީ މިބައި ވަރަށް ބޮޑުތަން ރަނގަޅުވެގެން އަންނާނެހެން. އަޅުގަނޑަށް ހީވަނީ މިކަމާ ބެހޭގޮތުން މިނިސްޓަރ އަދި އިތުރަށް މަޢުލޫމާތު ދެއްވާނެހެން. އެހެންވީމާ، އަޅުގަނޑު އެބައި ކުރުކޮށްލާނަން.
ދެވަނައަށް އަޅުގަނޑު ތިޔަ ބޭފުޅުންނާ ހިއްސާކޮށްލަން ބޭނުންވަނީ، ގދ.ތިނަދޫގައި މިހާރު އިސްލާމިކް ސެންޓަރެއް ޤާއިމުކުރަމުން އެ ގެންދަނީ. އެ ސެންޓަރަކީ، ފުދޭވަރަކަށް ބޮޑު ސެންޓަރަކަށްވާތީ، ބައެއް ކްލާސްރޫމްތައް ހުރުމާއެކީގައި، ރައީސް ނިންމަވާފައިއޮތީ، އެ ސެންޓަރުގެ ކްލާސްރޫމްތަކުގައި އިސްލާމިކް ޔުނިވަރސިޓީގެ ބައެއް ކޯސްތައް ހިންގެވުމަށް، 4 އަތޮޅު ހިމެނޭގޮތަށް. އެއީ، ގއ. ގދ. ޏ. ސ. މި 4 އަތޮޅަށް އަމާޒުކޮށްގެން އިސްލާމިކް ޔުނިވަރސިޓީގެ ބައެއް ކޯސްތައް، ގދ.ތިނަދޫގައި ހުންނަ އިސްލާމީ މަރްކަޒު މެދުވެރިކޮށް ކުރިއަށް ގެންދާގޮތަށް ރައީސް ނިންމަވާފައި އޮތީ. ދެން އޭގެކުރިން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް އިސްލާމިކް ޔުނިވަރސިޓީއާއި، އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާނެ. އަދި މިއާ ބެހޭގޮތުން އިސްލާމިކް މިނިސްޓަރުވެސް އަޅުގަނޑަށް ހީވަނީ މަޢުލޫމާތު ދެއްވާނެހެން. މިކަމަކީވެސް އަޅުގަނޑަށް ހީވަނީ މިއީ ކުރަންވެފައިއޮތް ކަމެކޭ. އަޅުގަނޑުމެންގެ އިސްލާމިކް ޔުނިވަރސިޓީގެ ޚިދްމަތްތައް ރާއްޖެތެރެއަށްވެސް ފުޅާކުރަން އެބަޖެހޭ. އިސްލާމިކް ޔުނިވަރސިޓީ އުފެދުނުތާ އަދި މާގިނަ ދުވަހެއްނުވޭ. އެހެންނަމަވެސް، ވަރަށްގިނަ ކޯސްތަކާއި، ވަރަށްގިނަ ޕްރޮގްރާމުތައް އެބަ ކުރިޔަށް ގެންދޭ، ރާއްޖެތެރޭގައިވެސް. އެބައި ކުރިއަށްގެންދަން އެބަޖެހޭ. އިސްލާމިކް ޔުނިވަރސިޓީގެ ބްރާންޗުތައް ރާއްޖެތެރޭގައިވެސް މިގޮތަށް ކުރިއަށް ގެންދާނެކަމަށް. މިއީ ފުރަތަމަ ފެށުންވެސްމެ. ދެން ހަމަ ކުރިއަށް އޮތްތާނގައި ސޯޝަލް ކައުންސިލްގެ ބައްދަލުވުންތައް ކުރިއަށްގެންގޮސް އިތުރު މަޢުލޫމާތު ތިޔަބޭފުޅުންނަށް އަރުވާނެ.
ދެން އަޅުގަނޑުމެން ވަރަށްގިނަ ވަޒީރުން ޒިޔާރަތްކުރިން، ކުޑަކުދިންގެ ހިޔާއަށްވެސް. ޖެންޑަރ މިނިސްޓަރވެސް އިންނެވި، ކުޑަކުދިންގެ ހިޔާއަށް ދިޔައިރު. އެތާނގައި އަޅުގަނޑު ބެލިއިރު ތަންކޮޅެއް މުވައްޒަފުންދަތި. އެހެންވީމާ، މުވައްޒަފުންގެ ދަތިކަން ޙައްލުކުރުމުގެ ގޮތުންވެސް މިހާރުވަނީ ފިޔަވަޅުތަކެއް އެޅިފައި. އެގޮތުން ބައެއް ކުންފުނިތަކާ ވާހަކަ ދައްކައިގެން، ކުންފުނިތަކުގެ އެހީގައި ބައެއް މުވައްޒަފުން އެމްޕްލޯއީ ކުރުމުގެ ކަންތައް މިހާރުވެސް އެބަ ކުރިއަށްގެންދޭ. އެހެންވީމާ، އެ ތުއްތުކުދިން ބަލަން އެ ތިބި މީހުންގެ އަދަދު ކުރިއަށްއޮތްތާނގައި ވަރަށްބޮޑުތަން އިތުރުވެގެންދާނެ. އެހެންވީމާ، އެއީވެސް އަޅުގަނޑު ދަންނަވާނީ، ލިބުނު ވަރަށްބޮޑު ކުރިއެރުމެކޭ. އަދި އިތުރު ކަންތައްތަކެއް ދެން ޖެންޑަރ މިނިސްޓަރ ކުރިއަށް ގެންދަވާނެ.
ދެން އަޅުގަނޑަށް ހީވަނީ، މިވަގުތު އަޅުގަނޑު މިހާހިސާބުން ކުރުކޮށްލާފައި މިނިސްޓަރުންނަށް އަޅުގަނޑު ފުރުޞަތު އަރުވާނަން. އާދެ، އަދި ތިޔަބޭފުޅުންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެ.
______________________