އަލްޖަޒީރާގެ އިންވެސްޓިގޭޓިވް ޔުނިޓުން ތައްޔާރުކޮށްފައިވާ "ސްޓީލިންގ ޕެރަޑައިސް" ރިޕޯޓުގައިވާ ތުހުމަތުތަކާމެދު ދިވެހި ސަރުކާރުން ހިތާމަފާޅުކުރާކަމާއި، މި ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު ހޯއްދެވުމުގައި، މި ރިޕޯޓު ތައްޔާރުކުރެއްވި ރިޕޯޓަރުން ޢަމަލުކޮށްފައިވާގޮތާމެދު ދިވެހި ސަރުކާރުގެ ޚާއްޞަ ކަންބޮޑުވުންތަކެއް ހުރި ކަމަށް ދަންނަވަމެވެ.

މި ރިޕޯޓު ތައްޔާރުކުރުމަށް އިންޓަރވިއުކޮށްފައިވަނީ، ޚިޔާނާތުގެ މައްސަލައެއްގައި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރަމުންގެންދާ ތަޙްޤީޤަކަށް، ތުހުމަތުކުރެވޭ ބައެއްގެ ގޮތުގައި ހޯދުމަށް ޢާންމުކޮށް އިޢުލާނުކޮށް އަދި، އިންޓަރޕޯލް ގެ ރެޑްނޯޓިސް އެބައެއްގެ މައްޗަށް ނެރެފައިވާ ބަޔަކާއި، އަދި ، މީގެ އިތުރުން، މިހާރު ދިވެހިރާއްޖޭގައި ޤާއިމުވެފައި އޮތް ޤާނޫނީ ސަރުކާރަށް ލިބިދީފައިވާ ދައުރު ހަމަވުމުގެ ކުރިން، ޤާނޫނީ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ ކަމަށް އިޢުލާނުކޮށްފައިވާ ފަރާތްތަކެއްކަން ސަރުކާރުން ފާހަގަކުރަމެވެ.

އަދި މި މައްސަލައިގައި ކަން ހިނގައިދިޔަ ގޮތް ބަލައި، މި މައްސަލައާ ގުޅިގެން ތެދު އަދި ހަމަހަމަ ޖަވާބެއް ދިނުމުގެ ފުރުސަތަކަށް އެދިފައިވަނިކޮށް، އެކަށީގެންވާ ފުރުޞަތެއްނުދީ މި ޕްރޮގްރާމް ޢާންމުކުރުމުން، "ސްޓީލިންގ ޕެރަޑައިސް" ރިޕޯޓަކީ ދިވެހި ސަރުކާރު ބަދުނާމުކުރުމަށާއި، ސަރުކާރުގެ އިސްވެރިންގެ ނަމާއި އަބުރަށް ގެއްލުންދިނުމަށާއި އަދި ވަކި ބަޔަކު ބޭނުންވާ ގޮތަށް ކަންތައްތަކެއް ކުރުމަށް ފިއްތުންތަކެއް ކުރިމަތިކުރުވުމުގެ ބޭނުމުގައި ހަދާފައިވާ ރިޕޯޓެއްކަމަށާއި ޚަބަރާއި، ރިޕޯޓު އެކުލަވައިލުމުގެ ބައިނަލްއަޤްވާމީ އުސޫލުތަކާއި ޤާނޫނީ ހަމަތަކާ ޚިލާފަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއްކަންވެސް ފާހަގަކުރަމެވެ.

ދިވެހި ސަރުކާރުން ގަބޫލުކުރާ އަސާސަކީ، ނޫސްވެރިންގެ މިނިވަންކަމާއި، ފާޑުކިޔުމާއި އިދިކޮޅު ފަރާތުން ދެކޭގޮތް ހާމަކުރުމުގެ ޙައްޤަކީ ކޮންމެ މީހަކަށްމެ ލިބިގެންވާ ޙައްޤެއް ކަމަށެވެ. ނަމަވެސް، ނޫސްވެރިންނަކީ ވަކި އަޚްލާޤީ އަދި ސުލޫކީ މިންގަނޑުތަކަކަށް ތަބާވާންޖެހޭ ބައެއްކަމަށް ދިވެހި ސަރުކާރުން ގަބޫލުކުރާތީ، މި މައްސަލައިގައި މި މިންގަނޑުތަކަށް ތަބާވެފައިނުވާކަންވެސް ފާހަގަކުރަމެވެ.

މި ރިޕޯޓުގައިވާ ތުހުމަތުތަކަކީ، މީގެ ކުރިން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމް.އެމް.ޕީ.އާރު.ސީ) ގެ މައްޗަށް ދައުލަތުގެ މުއައްސަސާތަކުން ކުރެވިފައިވާ ތުހުމަތުތަކެކެވެ. މި ތުހުމަތުތަކާ ގުޅިގެން، ދިވެހި ސަރުކާރުން އިސްވެ އޮޑިޓަރ ޖެނެރަލަށް މި މައްސަލަ ހުށަހަޅައި އޮޑިޓްކޮށް އެކުލަވައިލާފައިވާ ރިޕޯޓެއްގެ މައްޗަށް ބިނާކޮށް، 2016 ވަނަ އަހަރުގެ ފެބުރުވަރީމަހުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުލްﷲ ޔާމީން ޢަބްދުލް ޤައްޔޫމް، އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުއްވުމުން ތަޙުޤީޤުކުރަމުންދާ މައްސަލައެއްވެސް މެއެވެ. އަދި މިކަމާގުޅޭ ބައެއް މައްސަލަތަކުގައި މިހާރުވަނީ ބައެއް މީހުންގެ މައްޗަށް ދަޢުވާކުރެވިފައެވެ. އަދި މިމައްސަލައިގައި ލިބިފައިވާ މަޢުލޫމާތުގެ މައްޗަށް ގިނަ ބަޔަކު ހޯދުމަށް އިޢުލާނުކުރެވިފައިވާ މީހުންވަނީ ރާއްޖެދޫކޮށް ގޮސްފައިކަމާއި، އަދި މިފަދަ ބަޔަކު މި ޕްރޮގްރާމްގައި މަޢުލޫމާތުދޭ މަޢުޞޫމް ބައެއްގެ ގޮތުގައި ދައްކާފައިވާތީ އެކަމާ ސަރުކާރުން ކަންބޮޑުވެއެވެ.

އަދި މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ސަރުކާރުން އިޢުލާނުކޮށްފައިވާނޭ ފަދައިން ދިވެހި ސަރުކާރުން ނިންމާފައިވާނީ، އެންޓި ކޮރަޕްޝަން ކޮމިޝަނުން މި މައްސަލަ ތަޙުޤީޤުކޮށް ނިންމާގޮތެއްގެ މަތިން ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށެވެ. އެމް.އެމް.ޕީ.އާރސީގެ މައްސައިގައި ޖިނާޢީ ގޮތުން ފިޔަވަޅުއަޅަންޖެހޭ ކަމަށް ފެންނަ އެތައް ބަޔަކު ތިބީ ބޭރުގެ ޤައުމުތަކުގައި ޙިމާޔަތްހޯދައިގެންކަންވެސް ސަރުކާރުން ފާހަގަކުރަމެވެ.

އަދި މީގެ އިތުރުން، މިވަރުގެ ބޮޑު ޖިނާޢީ ތުހުމަތެއްގައި، ތަޙްޤީޤެއްކުރިޔަށް ދަނިކޮށް، މިފަދަ ޕްރޮގްރާމެއް ޢާންމުކުރުމަކީ، މި ތަޙްޤީޤަށް ހުރަސްތަކެއްއެޅުން، އެކަށީގެންވާ ކަމަކަށްވާތީ ދިވެހި ސަރުކާރުން އެކަމާ ކަންބޮޑުވަމެވެ. އަދި މި މައްސަލައާ ގުޅިގެން، އަލްޖަޒީރާއިން ހޯދާފައިވާ ހުރިހައި ހެތްކާއި ޤަރީނާ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަދި އެންޓި-ކޮރަޕްޝަން ކޮމީޝަނުން ކުރަމުންގެންދާ ތަޙުޤީޤުތަކުގައި ބޭނުންކުރުމަށްޓަކައި، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ނުވަތަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅުއްވައިދެއްވުމަކީ ދިވެހި ސަރުކާރުން އެދޭ ކަމެކެވެ.