بســم اللّـه الرّحمـن الرّحيــم
اَلحَمْـدُ لِلّـهِ رَبّ العَــالَمِـين، وَالصّـلاة وَالسّـلام علـى أشـرف الأنبياءوالمرسـلين، وَعلـى آلـه وصـحبـه أجمـعـين.
އެޕޯލޯ ހޯލްޑިންގްސްގެ މެނެޖިންގ ޑިރެކްޓަރ ޢަބްދުލްމުޙުސިން، އެޕޯލޯ ހޯލްޑިންގްސްގެ ސީ.އީ.އޯ. ދިގަލި، (މުޙައްމަދު ވަޙީދު) އެޕޯލޯ ހޯލްޑިންގްސްގެ ބޯޑު މެންބަރުން. އަދި އެޕޯލޯ ހޯލްޑިންގްސް އާ ވަރަށްގާތް ބޭފުޅެއް ކަމުގައިވާ ޝިވާ، އަދި ޝިވާގެ ދަރިފުޅު. އަދި ސަރުކާރުގެ ކުންފުނިތަކާއި، އަދި އެޕޯލޯ ހޯލްޑިންގްސްއާ ވަރަށްގާތް ގުޅުމެއް ބާއްވާ އެހެން ކުންފުނިތަކުގެ ބޭފުޅުން، މި ޙަފްލާއަށް ވަޑައިގެން ތިއްބެވި އެހެން ބޭފުޅުން.
السّلام عليــكم ورحـمــة اللّـه وبـركاتـه.
އަޅުގަނޑު ދަންނަވާނީ، މިރެއަކީ، ވަރަށް އުފާވެރި ރެއެކޭ. މިރެއަކީ، ވަރަށް އުންމީދު އާކޮށްދޭ ރެއެކޭ. މިރެއަކީ، އުންމީދުން ފުރިގެންވާ ރެއެކޭ. ގަބޫލުކުރައްވާނެ، ރާއްޖޭގައި ގެދޮރުގެ ތަނަވަސްކަންނެތި، އެތައް ބަޔަކު މިހާރުވެސް ދިރިއުޅެމުން އެބަދޭ. އެކަމަށް ލުޔެއް ހޯދުމަށްޓަކައި މި ސަރުކާރުން ވަނީ ވަޢުދުތަކެއްވެފައި. އެ ވަޢުދުތައް މި ސަރުކާރުން ދަނީ ފުއްދަމުން. މިއަދުގެ ޚަބަރުންވެސް ފެނިވަޑައިގަންނަވާނެ، 3,000 ފްލެޓުގެ ވާހަކަ. އެއީވެސް އެ ވަޢުދުގެ އެއްބައި. ހަމައެގޮތަށް މީގެ ދުވަސްކޮޅެއް ކުރިން، ރައީސުލްޖުމްހޫރިއްޔާ ވަނީ 15،000 ހައުސިންގ ޔުނިޓުގެ މަޝްރޫޢުވެސް ފަށްޓަވައި ދެއްވާފައި. އަދި އޭގެއިތުރަށް، ކުރިން ފަށައިގެން ކުރިއަށްދާ ހައުސިންގ ޕްރޮޖެކްޓުތައް މިހާރު ކުރިއަށް އެބަދޭ. މީގެބޭނުމަކީ، ދިވެހި ރައްޔިތުންނަކީ، އުފާފާގަތިކަމާއެކީގައި އެމީހުންގެ އަމިއްލަ ގެދޮރުގައި އުޅެވޭނެ ބަޔަކަށްވުން. އަޅުގަނޑުމެން ހުރިހާ އެންމެންވެސް ބޭނުންވަނީ އުފާފާގަތިކަން. އަޅުގަނޑުމެންނަށް އެންމެބޮޑަށް އުފާ ލިބެނީ، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ދަރިން އުފަންވާ ދުވަސް. ހަމައެގޮތަށް އަޅުގަނޑަށް ގައިމުވެސް ވަރަށް އުފާ ލިބޭކަމެއް، އަޅުގަނޑަށް އަމިއްލަ ފުލެޓެއްގައި ދިރިއުޅޭނެ ތަނަވަސްކަން ލިބޭ ދުވަސް. ހަމައެގޮތަށް ތިޔަ ހުރިހާ ބޭފުޅުންވެސް ތިޔަބޭފުޅުންގެ އަމިއްލަ ފްލެޓުގައި، ތިމާ އަމިއްލަ ގެދޮރުގައި، ކުއްޔެއްނެތި ނުވަތަ އަމިއްލަ މިލްކުވެރިކަމުގައި ހުންނަ ތަނެއްގައި ދިރިއުޅުމުގެ ތަނަވަސްކަން ލިބުމަކީ، އަޅުގަނޑު ދަންނަވާނީ، އެއީ، ހުރިހާ ރައްޔިތުންނަށްވެސް ލިބޭނެ ވަރަށްބޮޑު އުފަލެކޭ.
މިރޭ، މި އިފްތިތާޙު ވެގެންދިޔައީ، ގާތްގަނޑަކަށް 97 ޔުނިޓުގެ ވާހަކަ. 97 ޢާއިލާއަކަށް ވަރަށް ހިތްފަސޭހަކަމާއެކީގައި ދިރިއުޅެވޭނެމަގު ތަނަވަސްވެގެންދިޔުން. އަޅުގަނޑަށް މީގެ ކުޑައިރުކޮޅެއް ކުރިން ފެނިގެންދިޔަ، ވަރަށް ހިތްގައިމު މަންޒަރުތަކެއް. އަޅުގަނޑު ހިތަށްއަރާ، ކިހާ އަވަހަކަށްތޯ، މި ޕްރޮޖެކްޓު ނިންމާފައި އެތަނަށް އަޅުގަނޑުމެންނަށް ވަދެވޭނީ. މީގެތެރޭގައި ތިއްބަވާނެކަންނޭނގެ، މި 97 ފްލެޓުގެ ތެރެއިން ކޮންމެވެސްވަރަކަށް ފްލެޓް ލިބިވަޑައިގަންނަވާ ބޭފުޅުން. އަޅުގަނޑު މިތަނަށްއައިސް ފުރަތަމަ ބެލިއިރު ވަރަށް ތަނަވަސްކަންބޮޑުގޮތަކަށް ހަދާފައިހުރި ފްލެޓުތަކެއް މިތަނުން މި ދެކެނީ، ގާތްގަނޑަކަށް 1300 އަކަފޫޓު، 1400 އަކަފޫޓު އަދި ބައެއް ތަންތާނގައި 900 އަކަފޫޓު ހުރި. ވަރަށް ތަނަވަސްކަންބޮޑުގޮތަކަށް ހަދާފައިހުރީ. އެއީ، 1 ބެޑްރޫމް ފްލެޓާއި، 2 ބެޑް ރޫމް ފްލެޓާއި އަދި 3 ބެޑްރޫމް ފްލެޓް. އެހެންވީމާ، އަޅުގަނޑު ދަންނަވާނީ، އަދި މި ފްލެޓުތަކާ ބެހޭގޮތުން، ދިގަލި ދަރިފުޅު (އިބްރާހީމް ރިމާޒް) ދެއްވި މަޢުލޫމާތުގެ އަލީގައި، އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުވެސް ކުޅުދިޔާވެއްޖެއޭ. އަޅުގަނޑުވެސް މިހިރީ ވަރަށް ކެތްމަދުވެފައޭ. އަޅުގަނޑު ގައިމުވެސް އަދި އަޅުގަނޑަށް މި ފްލެޓު ނުލިބުނު ކަމުގައިވިޔަސް، އަޅުގަނޑު މި ފްލެޓުގެ ވާހަކަ އަޅުގަނޑާ ދިމާވާ މީހުން ކައިރީގައި ދައްކާނަމޭ. އަޅުގަނޑަށް ވަރަށް ހިތްގައިމު ފްލެޓުތަކަކަށް މި ފްލެޓުތައް ވެއްޖެ. އަޅުގަނޑު ގަބޫލުކުރަނީ، މިއަދު މި ޕްރެޒެންޓޭޝަނުން ފެނިގެންދިޔަ މަންޒަރުތަކާ އެއްގޮތަށް މި ނިމިގެންދާނެ ކަމަށް. އަދި އެއަށްވުރެ މާ ފުރިހަމައަށް މިކަން ނިމިގެންދާނެ ކަމަށް.
އެހެންވީމާ، މިއީ މި ސަރުކާރަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް، އަދި ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް. އަދި ދެންމެ މި ޕްރެޒެންޓޭޝަނުން ފެނިގެންދިޔަ، ޕްރޮޖެކްޓް ތަޢާރުފު ކުރަމުން ދެއްކެވި ވާހަކައިގައި، ދިގަލީގެ ވިޔަފާރިއަށްވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. އާދެ، ދިގަލި، އަޅުގަނޑަށް އަބަދުވެސް އަޑުއިވެނީ. އެޕޯލޯއަކީ، ދިގަލި ކަމަށްވިޔަސް. އެޕޯލޯގެ ކުރިއެރުމަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއްވެސްމެ. ގިނަފަހަރަށް އެޕޯލޯއާ ދިގައްޔާ އޮންނަނީ ވަރަށްބޮޑަށް ގުޅިފައި. އެހެންވީމާ، ހަމަ އެޕޯލޯއޭ ބުނާއިރަށް ދިގަލީގެ ވާހަކަ މިއަންނަނީވެސް.
އެޕޯލޯއަކީ، 1998 ވަނަ އަހަރު ވަރަށްކުޑަކުޑަ ގޮތަކަށް ވިޔަފާރި ފަށައިގެންއައިސް، މިހާރު ވަރަށްބޮޑު ކުންފުންޏަކަށް ވެފައިވާ ބައެއް. ހަމައެކަނި މާލެއަކު ނޫން، ރާއްޖެތެރޭގެ ބައެއް ރަށްރަށުގައިވެސް އެޕޯލޯގެ ބްރާންޗުތައް މިހާރު ޤާއިމުކުރަމުންދަނީވެސް. ވަރަށްކުޑަ އަދި އެހެން ވާދަވެރިންނަށްވުރެ ހެޔޮއަގެއްގައި ސިމެންތިއާއި ހިލަވެލި ފޯރުކޮށްދޭ ޚަބަރު އަޅުގަނޑަށްވެސް ލިބޭ. އެހެންވީމާ، މިއީވެސް އަޅުގަނޑު ދަންނަވާނީ، އެހެން ކޮމްޕެޓިޓަރުންނަށްވުރެ އަގުހެޔޮކޮށް މި ދާއިރާގައިވެސް ފްލެޓުތައްއަޅައި، ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ އިތުރު ފުރުޞަތެއް ހުޅުވިގެންދިޔުމޭ. އަޅުގަނޑު ދެކެނީ މި އިފްތިތާޙުވެގެންދާ ޕްރޮޖެކްޓުގެ އިތުރަށް އެހެން ޕްރޮޖެކްޓުތަކަށް އެޕޯލޯގެ ފަރާތުން ކުރިމަތިލައްވައި، ދިވެހި ރައްޔިތުންނަށް ލުއިފަސޭހަ ގޮތެއްގައި ގެދޮރުގެ ތަނަވަސްކަން ހޯދައިދެވޭނެ ޚާއްޞަ ގޮތެއް ކަމަށް. މިއީ، އަޅުގަނޑު ޝައްކުކުރާ ކަމެއްނޫން. އަދި ހަމަ މިނޭވާގައި އަޅުގަނޑު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނަމުގައި، އަޅުގަނޑުގެ އަމިއްލަ ނަމުގައި އެޕޯލޯއިން ތިޔަ ކުރައްވާ މަސައްކަތަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.
އާދެ، 97 ޢާއިލާއަށް ތަނަވަސްކަމާއެކީގައި އުޅެން މަގުފަހިވެގެން ދިޔުމަކީ، އެ ބޭފުޅުންނާ ގުޅިފައި ހުންނަ ޢާއިލާތަކަށްވެސް ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމަކަށްވާނެ. ހަމައެގޮތަށް އަދި އެޕޯލޯ ކަހަލަ އެހެން ކުންފުނިތަކަށްވެސް، މިތާ ތިބި އެހެން ކޮންޓްރެކްޓަރުންނަށްވެސް. އެހެން ކޮންޓްރެކްޓަރުންނަށް ލިބޭނެ އިތުރު ޗެލެންޖަކަށްވާނީ. އެ ބޭފުޅުންވެސް ބޭނުންފުޅުވެލައްވާނެ، އެޕޯލޯއެކޭ އެއްގޮތަށް މިކަހަލަ ފުރުޞަތުތައް ހޯދައިގެން، ދިވެހި ރައްޔިތުންނަށް ލުއިފަސޭހަ ގޮތެއްގައި ގެދޮރު ތަނަވަސްކޮށްދިނުން.
މިރެއަކީ، ދެން މާގިނަ ވާހަކަތަކެއް ދައްކަންވީ ރެއެއްނޫން. އެހެންނަމަވެސް އަޅުގަނޑު އިތުރު އެއްޗެއް ދަންނަވާލަން ބޭނުން. ސަރުކާރުން ވަރަށްގިނަ ޕްރޮޖެކްޓުތައް ރާއްޖޭގެ އެތަންމިތަނުގައި ކުރިއަށް އެބަގެންދޭ. ވަރަށްބޮޑެތި ހޭދަކޮށްގެން ވަރަށްގިނަ ޕްރޮޖެކްޓުތައް ކުރިއަށްގެންދޭ. އޭގެތެރޭގައި އެއްކަމަކީ، ހުޅުލެއާއި މާލެއާ ދޭތެރޭގައި އަޅާ ބްރިޖް. އެ ބްރިޖް ބޭނުންކުރާނީކީ ހަމައެކަނި މާލޭގައި އުޅޭ މީހުންނެއް ނޫން. ހުޅުމާލޭގައި އުޅޭ މީހުން އެކަންޏެއް ނޫން. ރާއްޖެތެރެއިން އަންނަ ހުރިހާ މީހުންވެސް ބޭނުންކުރާނެ. ހަމައެގޮތަށް މި ފްލެޓުތައް ހަދާ ނިމުނީމާ، އެ ފްލެޓުތަކުގައި އުޅޭ މުވައްޒަފުންނާއި، އެ ފްލެޓުތަކުގައި އުޅޭ މީހުން އެއްތަނުން އަނެއްތަނަށް ދަތުރުކުރުމުގައިވެސް ލުއިފަސޭހަތަކެއް ލިބިގެންދާނެ.
އެހެންވީމާ، ޙަޤީޤަތުގައި މިކަހަލަ ހައުސިންގ ޔުނިޓުތައް އަންނަން ލިބޭ ވަރަށްބޮޑު ބާރަކަށްވާނެ، ބްރިޖް. އެހެންވީމާ، އަޅުގަނޑު ހީކުރަން، ބްރިޖްއަޅާ ނިމެންވާއިރަށް އެހެން ކުންފުނިތަކުންވެސް މިކަހަލަ މަޝްރޫޢުތަކަށް ކުރިމަތިލައިގެން، ހުޅުމާލޭގައި ބާކީއޮތް ބިމުގައި ފްލެޓުތައް އަޅާ ނިންމާނެ ކަމަށް. އަޅުގަނޑުގެ އުންމީދަކީ، 2018 ވަނަ އަހަރު، އަޅުގަނޑުމެންގެ މި ރިޔާސީ ދައުރު، ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ދައުރު ނިމެންވާއިރަށް ހުޅުމާލޭގައި މިހާރު ހިއްކާފައި އޮތް ހުރިހާ ބިމެއްގައި އަޅަންޖެހޭ ހުރިހާ ފްލެޓުތައް އަޅައި ނިންމުން. އެއީ، އަޅުގަނޑުމެންގެ އަމާޒަކަށް ހަދަމާ ހިނގާށޭ. އޭރުން ދިވެހި ރައްޔިތުން އުޅޭނީ ވަރަށް އުފާފާގަތިކަމާއެކީގައި، ވަރަށް އުފަލުން. އެންމެންނަށްވެސް ހަމަ ބޯހިޔާވަހިކަން ލިބިގެން. އަޅުގަނޑުގެ ކުޑައިރުކޮޅެއް ކުރިން އިސްލާމިކް މިނިސްޓަރ ވިދާޅުވެއްޖެ، ކޮބައިތޯއޭ ތިމަންނާއަށްވީ ފްލެޓް. އަޅުގަނޑު ދަންނަވާނީ، ޕެންޓްހައުސްއޭ ތިޔަބޭފުޅާއަށް ލިބޭނީ. އެހެންވީމާ، އެ މަނިކުފާނުވެސް މި ފްލެޓަށްހުރި ޝައުޤުވެރިކަން ދެންމެ ހާމަކޮށްދެއްވައިފި. އެހެންވީމާ، އަޅުގަނޑު ގަބޫލުކުރާހިތްއޮތީ އެޕޯލޯއިން އެ ބޭފުޅާއަށް ކޮންމެވެސް ގޮތަކަށް ފްލެޓް ހަމަޖައްސަވައިދެއްވާނެ ކަމަށް.
ދެވަނައަށް އަޅުގަނޑު ދަންނަވަން ބޭނުންވާ ވާހަކައަކީ، މި ފްލެޓުގެ ޑައުން ޕޭމަންޓް، ހަމަގައިމުވެސް އަޅުގަނޑަށް ޚަބަރުލިބިފައި އޮތްގޮތުން، %20 އެއްމިލިއަން ވެއްޖިއްޔާ %20 އަކީ، 2 ލައްކަ ރުފިޔާ. އެހެންވީމާ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި %20 ދެއްކުމުގައިވެސް، އެޕޯލޯއިން ތަންކޮޅެއް ފަސޭހަގޮތެއް ހަމަޖައްސަވައި ދެއްވޭ ކަމަށްވަންޏާ، ދިވެހި ރައްޔިތުންނަށް މީގެ ބޭނުންކުރަން ފަސޭހަވާނީވެސް. ބައެއްފަހަރު ދެލައްކަ ރުފިޔާ އެއްފަހަރާ ދެއްކުމަކީ، ބައެއް ފަރާތްތަކަށް އުނދަގޫ ކަމަކަށްވޭ. އެހެންވީމާ، ތަންކޮޅެއް ދިގު މުއްދަތަކަށް ބަހާލައިގެން، ދެއްކޭ ކަހަލަ ގޮތަކަށް ހަމަޖެހިއްޖެ ކަމަށްވަންޏާ، މި ފްލެޓަށް އެދޭ ފަރާތްތައް އިތުރުވެ، އަދި ތަންކޮޅެން ނިކަމެތި، އަޅުގަނޑުމެންގެ ތެރެއިން ނިކަމެތި ޢާއިލާތަކަށް ކުރިމަތިލުމުގެ ފުރުޞަތު ބޮޑުވެގެންދާނެ. މިއީ އަޅުގަނޑު އެދޭ އެދުމެއް. އެކަން އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުން ކޮށްދެއްވާނެ ކަމަށް ގަބޫލުކުރަން. އެހެންވީމާ، ހުރިހާގޮތަކުން ބަލާއިރުވެސް މި ފްލެޓުތަކަކީ ވަރަށްހިތްގައިމު، ވަރަށް އަގުހެޔޮ، ވަރަށް ތަނަވަސްކަމާއެކު، ދިވެހި ރައްޔިތުން ދިރިއުޅޭނެ ތަނެއް ކަމުގައި ވެގެންދާނެ.
އަޅުގަނޑު އަދި ކުޑަ އެއްޗެއް ދަންނަވާލަން ބޭނުން، ކުރިން އަޅުގަނޑު ދެއްކި ވާހަކައާ ގުޅުވާލައިގެން. ސަރުކާރުން ވަރަށްގިނަ މަޝްރޫޢުތަކެއް ފަށައިގެން ކުރިއަށްދާއިރު، އަޅުގަނޑުމެން ހުރިހާ ރައްޔިތުންވެސް ބޭނުންވަނީ އުފާފާގަތިކަން. އަޅުގަނޑުމެން އެންމެންވެސް ބޭނުންވަނީ އުފާފާގަތިކަންމަތީގައި ދިރިއުޅުން. ސަރުކާރުން ވަރަށްގިނަ އިމާރާތްތަކެއް ހެދިދާނެ. ވަރަށްގިނަ ފްލެޓްތައްވެސް ހެދިދާނެ. ބްރިޖްވެސް އެޅިދާނެ. އެހެންނަމަވެސް، ޙަޤީޤަތުގައި، އޭގެ މަޤްޞަދު ޙާޞިލުވާނީ، ދިވެހި ރައްޔިތުން އުފަލުގައި އުޅޭކަމަށްވަންޏާ. ދަންނަވަން މިއުޅޭ ވާހަކައަކީ، އަޅުގަނޑުމެންގެ ތެރޭގައި އޮންނަންޖެހޭ ގުޅުން ނެތްކަމަށްވަންޏާ، އެ އުފަލެއް ނުލިބޭނެ. އަޅުގަނޑުމެން ކިތަންމެވަރަކަށް އިމާރާތް ކުރިކަމުގައިވިޔަސް، އިމާރާތާ އެކީގައި، ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އެބަޖެހޭ ދަމަހައްޓަން، ބަދަހިކުރަން. އެއް ރައްޔިތަކު އަނެއް ރައްޔިތަކަށް އިޙުތިރާމު ކުރަން އެބަޖެހޭ. އެއް ރައްޔިތަކު އަނެއް ރައްޔިތަކަށް އޯގާތެރިވާން އެބަޖެހޭ. އެއް ރައްޔިތަކު އަނެއް ރައްޔިތަކަށް މަދަދުގާރުވާން އެބަޖެހޭ. އެއް ރައްޔިތަކު އަނެއް ރައްޔިތަކަށް އޮންނަ ލޯތްބާއި އިޙުތިރާމު މަތިވާން އެބަޖެހޭ. މިއީ، އަޅުގަނޑު ވަރަށްބޮޑަށް އެދޭ ކަމެއް. ދިވެހި ރައްޔިތުންގެ މެދުގައި އުފާފާގަތިކަން އިތުރުކުރެވޭނީ އޭރުން. އިމާރާތަކުން އެކަންޏެއް ނޫން. އެހެންވީމާ، އެއީ ވަރަށް މުހިންމުކަމެއް. ހަމައެކަނި އަޅުގަނޑުމެން އައިސް މި ފަންކްޝަނެއް ބާއްވާފައި އަދި އެހާ ހިސާބަކުން ނުނިމޭ. އަޅުގަނޑުމެންގެ މެދުގައި އޮންނަ އެކުވެރިކަން އާލާކުރުމަށްޓަކައި ވަރަށްގިނަ ކަންތައް އެބަކުރަންޖެހޭ. އެހެންވީމާ، ދިވެހި ހުރިހާ ރައްޔިތުން ގުޅިގެން މިކަން ކުރަމާ ހިނގާށޭ. އަޅުގަނޑުމެންނަކީ، މާގިނަ ބައެއް ނޫން. ތިންލައްކަ ސާޅީސްހާސް މީހުން މިއުޅެނީ ރާއްޖޭގައި. ތިންލައްކަ ސާޅީސްހާސް މީހުންނަކީ، ވަރަށްމަދު އާބާދީއެއް. އެ އާބާދީ އެކުވެރިކަމާއެކީގައި އުޅޭތަން ފެނުމަކީ އެއީ، އަޅުގަނޑުމެންގެ މި ސަރުކާރުގެ އެދުމަކީވެސް.
އެހެންވީމާ، ރައްޔިތުން އުފާފާގަތިކަމާއެކީގައި، އެކުވެރިކަމާއެކީގައި، ލޯތްބާއި އިޙުތިރާމާ އެކީގައި، ދިރިއުޅުން އެއީ، އަޅުގަނޑުމެން އެދޭ އެދުމަކީވެސް. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާވެސް ބޭނުންވަނީ، އެގޮތަށްވުން. އެންމެންގެ ތެރޭގައި އެކުވެރިކަން އާލާކޮށް، ގުޅުންބަދަހިކޮށް، ކުރިންވެސް އަޅުގަނޑުމެން ދިވެހި ރައްޔިތުން އުޅުނުގޮތަށް. އަޅުގަނޑު ދަންނަވާނީ، 1980ގެ ކުރީކޮޅު ނުވަތަ 1990ގެ ކުރީކޮޅުގައި އުޅުނުގޮތަށް އުޅުން. އެ ޒަމާނުގައި އަޅުގަނޑުމެންގެ ތެރޭގައި ވަރަށް އެކުވެރިކަންއޮވޭ. އެކަކުގެ ގޭގައި ލައިގެންކާނެ އެއްޗެއް ނެތިއްޔާ އަނެކަކުގެ ގެއިން ފޯރުކޮށްދޭ. އަޅުގަނޑުމެންގެ ގޭގެ ކޮންމެހެން ތަޅުލާކަށް ނުޖެހޭ. އަޅުގަނޑުމެން ބިއްލޫރި ޖަހަންޖެހޭ. ދޮރުތައް ތަޅުވެސްލާކަށް ނުޖެހޭ. އެއްވެސްކަހަލަ ބިރެއްނެތް. މިހާރު ކިހިނެއްތޯވަނީ! ޑަބަލް ގްލޭޒްޑްލައި، އަޅުގަނޑުމެންގެ ގެއިން ވައްކަން ކޮށްފާނެތީ، ތަޅުލައިގެން ތިބެންޖެހޭ. މަގުމަތިން ދާއިރުވެސް އެއްވެސްކަހަލަ އަމާންކަމެއްނެތް. ބައެއްފަހަރަށް އެއްވެސްކަހަލަ ސެކިއުރިޓީއެއް ނެތް. ދެން މިހާރު އަޅުގަނޑުވެސް މިޖެހެނީ ސެކިއުރިޓީއާއެކު ދާން. އެހެންވީމާ، އަޅުގަނޑު ވަރަށް ހިތުގެއަޑިން އިޙުތިރާމާއެކީ، ދިވެހި ރައްޔިތުންނަށް ދަންނަވާލަން، އަޅުގަނޑުމެން އެންމެން އެކުވެރިކަމާއެކީގައި، އެއް ރައްޔިތެއްގެ ގޮތުގައި އުޅެމާ ހިނގާށޭ! އޭރުންނޭ ސަރުކާރުން ބޭނުންވާ، މި މަޤްޞަދު ޙާޞިލުވާނީ. އަދި އަޅުގަނޑުމެން ބޭނުންވާ ކަންތައްތައް އަނެއްކާވެސް އިތުރުވެގެންދާނީވެސް އޭރުން. އެހެންވީމާ، މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން، އަޅުގަނޑުމެން އެންމެން އެކުވެރިކަމާއެކު އުޅެވޭތޯ މަސައްކަތްކުރަމާ ހިނގާށޭ! މިއީ އަޅުގަނޑުމެން އެދޭ އެދުމެއް. މިކަމަކީ، އަޅުގަނޑުމެންނަށް ނުކުރެވޭނެ ކަމެއް ނޫން.
އެހެންވީމާ، ހަމަ އަޅުގަނޑުމެން އިތުރު ހައުސިންގ ޔުނިޓް އަޅާވަރަކަށް އަޅުގަނޑުމެންގެ ހިތަށް އުފާފާގަތިކަން ލިބޭނެ. ހަމައެގޮތަށް އަޅުގަނޑުމެންގެ ތެރޭގައި އޮންނަ އެކުވެރިކަން އާލާވާވަރަކަށް، އަޅުގަނޑުމެންގެ ތެރޭގައި އޮންނަ އުފާފާގަތިކަން އިތުރުވެގެންދާނެ. އެހެންވީމާ، މިވާހަކަ މިރޭ ކުރުކޮށްލާނީ. މިރެއަކީ، ދެން އަޅުގަނޑު ދަންނަވާނީ، ދިގަލި ވިދާޅުވި، ވާހަކަ ދެއްކުން މާ ދިގުކުރާނެ ކަމެއްނެތޭ. މިރޭ މިތިބީ ޑިނަރ ޕާޓީއެއްގައޭ. އެހެންވީމާ، އަޅުގަނޑު ވާހަކަ ކުރުކޮށްލާނީ، ޑިނަރ ޕާޓީއަށް ވަގުތުދެމުން.
އަޅުގަނޑުގެ ދުޢާއަކީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ރާއްޖޭގެ ރައްޔިތުންނަށް ދިރިއުޅުމުގެ ތަނަވަސްކަން އިތުރުކުރުމަށްޓަކައި އެކުރައްވާ މަސައްކަތުގައި ﷲގެ ހެޔޮ ތައުފީޤު ލެއްވުން. އަދި ދިވެހި ރައްޔިތުންނަކީ، އެއްބަނޑުއެއްބަފާ ބައެއްގެ ގޮތުގައި ލެއްވުން. ދިވެހިރާއްޖެއަށް އަދަށްވުރެ ފެހި މުސްތަޤުބަލެއް ދެއްކެވުން.
والسّلام عليــكم ورحـمــةاللّـه وبـركاتـه.