بســم اللّـه الرّحمـن الرّحيــم
    
ވަޑައިގެން ތިއްބެވި ޢިއްޒަތްތެރިން، އަދި ކެލާގެ ލޮބުވެތި ރައްޔިތުން.
 
السّــلام عليــكم ورحـمــة اللّـه وبـركاتـه،
 
އާދެ، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގޭނެ ފަދައިން، ކެލާ ދާއިރާއަކީ އަޅުގަނޑުމެންގެ ޕާޓީއަށްވެސް އަދި ހަމައެހެންމެ އަޅުގަނޑުމެންގެ ޢިއްޒަތްތެރި މެންބަރަށް ބަލައިލި ކަމުގައިވީނަމަވެސް، ވަރަށް މުހިންމު ދާއިރާއެއްކަން ތިޔަބޭފުޅުންނަށްވެސް ފާހަގަވެގެންދާނެ. އާދެ، ކެލާ ދާއިރާއަށް އަޅުގަނޑުމެން ބަލައިލިއިރު، ދެހާހުން މަތީ އާބާދީއެއް އޮތްއިރުގައި، އަޅުގަނޑުމެންގެ ޢިއްޒަތްތެރި މެންބަރު، އަޅުގަނޑުމެންގެ ސަމާލުކަމަށް ގެނެސްދިން، ނަރުދަމާއެއް ނެތް ވާހަކަ. ފެން ތަޣައްޔަރުވަމުންދާ ވާހަކަ. އަދި ހަމައެހެންމެ، ބަނދަރެއް ނެތް ވާހަކަ.
 
 އާދެ، ރަށެއް ތަރައްޤީ ކުރުމަށްޓަކައި އެންމެ ބޭނުންވާނެ އެންމެ އަސާސީ ކަންތައްތަކަކީ މިއީ. އެހެންކަމާއެކީގައި އަޅުގަނޑުމެން ޢިއްޒަތްތެރި މެންބަރުގެ ވާހަކަ، ރައީސް ޔާމީނަށް ދަންނަވައި، ރައީސް ޔާމީން 2013 ގައި ހޮވިވަޑައިގަތުމަށްފަހު، 2014 އިން ފެށިގެން ހަމަ ކެލައަށް ވަރަށް އިސްކަމެއް ދެއްވާ. އިރާދަކުރެއްވިއްޔާ ޢިއްޒަތްތެރި މެންބަރު އެ ވިދާޅުވި ފަދައިން، މިހާރު ނަރުދަމާއާއި ފެނުގެ މަސައްކަތް އެދަނީ ހިނގަމުން. ބަނދަރުގެ މަސައްކަތް އެއޮތީ ބަޖެޓްކޮށް ނިންމައި، އެވޯޑްކޮށް ހުރިހާ ކަމެއް ނިންމާފައި. އެބޭފުޅުންގެ މޮބިލައިޒޭޝަން އެ ފަށްޓަނީ. އީ.އައި.އެސް ނިމިއްޖެ.
 
އާދެ، މި ދެކަން ފުރިހަމަވުމާ އެކީގައި އަދި އެވަރުން، ހަމަ ޢިއްޒަތްތެރި މެންބަރު ވަރަށް ބޮޑަށް ވިދާޅުވި، މި ރަށަކީ ވަރަށް ބައިވަރު ޒުވާނުންތަކެއް އުޅޭ ރަށަކަށްވާތީވެ، ފުޓްސަލް ދަނޑުވެސް މިހާރު އިރާދަކުރެއްވިއްޔާ ޢިއްޒަތްތެރި މެންބަރު ވިދާޅުވިފަދައިން އެއޮތީ ނިމިފައި. އެހެންވީމާ، އަޅުގަނޑު ދެކޭގޮތުގައި، މި 20 މަސްދުވަހުގެ ތެރޭގައި ދިވެހި ސަރުކާރުން ރައީސް ޔާމީން މިވަނީ ކެލައަށް ހަމަގައިމުވެސް ވަރަށް ބޮޑަށް އަޅާލައްވާފައި. އެހެންކަމުން މިއަދުވެސް އަޅުގަނޑު ވަރަށް ޚާއްޞަ ޝުކުރެއް ރައީސް ޔާމީނަށާއި އަދި ޢިއްޒަތްތެރި މެންބަރު ޢަލީ ޢާރިފަށް ދަންނަވަން.
 
އާދެ، އަޅުގަނޑުމެންގެ މިއަދު މި ލޯންޗް ކުރެވުނު ފަތުރުވެރިކަމުގެ ޕްރޮޖެކްޓް. މި ޕްރޮޖެކްޓްވެސް ފުރަތަމަ ހިންގޭނީ، ތިޔަބޭފުޅުން ރަނގަޅަށް ވިސްނާވަޑައިގެންފިއްޔާ އެނގޭނެ، ނަރުދަމާއާއި ބަނދަރަކާ، އެ ކޮންމެ ތަނަކަށްވެސް ބޭނުންވާނެ. މި ޕްރޮޖެކްޓަކީ ވަކި އެންމެ ބޭފުޅަކު ތަރައްޤީ ކުރާނެ ޕްރޮޖެކްޓެއް ނޫން. މީގައި ވަރަށްގިނަ ބައިވެރިން، ވަރަށްގިނަ ބޭފުޅުން، ވަރަށްގިނަ އިންވެސްޓަރުން ވަރަށް ޝައުޤުވެރިވާ ތަނެއް ޓުއަރިޒަމްގެ ދަށުގައި، އޭރުގައި ރިޒޯޓަކަށް ދެވި، އެހެން ނަމަވެސް ފަހުން ޤާނޫނާއި ގަވާއިދުތައް ބަދަލުވެގެން އޭރުގައި ލިކައަރއާ މިކަހަލަ ބައެއް ޕަރމިޓްތައް ނުދެވޭނެތީވެ، އެތަން ބަދަލުކޮށްދީފައި މި ބިން މިއޮތީ ޓުއަރިޒަމް އަތުގައި. އެހެންވީމާ، އަޅުގަނޑުމެން ތަރައްޤީ ކުރަން މިއުޅޭ އިންޓަރގްރޭޓަޑް ޓުއަރިޒަމް ޕްރޮޖެކްޓަކީ، ކެލާ ތުނޑިއަކީ ވަރަށްގިނަ ބޭފުޅުން އަދި ޚާއްޞަކޮށް، މެދުފަންތީގެ ޓުއަރިޒަމަށް ވަންނަން ބޭނުންވާ ވަރަށްގިނަ ބޭފުޅުން ޝައުޤުވެރިވާ ތުނޑިއެއް. އެނގޭނެ ފަދައިން ދިވެހިރާއްޖޭގައި އޮތް އެންމެ ރީތި އެއް ބީޗް، މި ފަޅިން ފެންނައިރުގައި އެއޮތީ އެންމެ ރީތި މޫދު. އަޅުގަނޑާ ދިމާވި ސަރވޭކުރާ މީހުނާ، ވަރަށްގިނަ ފަރާތްތަކުން އަޅުގަނޑު ގާތު ވިދާޅުވި ވާހަކައެއް. ހަމަގައިމުވެސް މިއަދު އަޅުގަނޑު އެއަރޓެކްސީގައި އައިއިރު، އޭގެ ފުރިހަމަކަން އަޅުގަނޑަށްވެސް ހަމަ ފެނުނު.
 
އެހެންވެ އަޅުގަނޑު ދެކޭގޮތުގައި، މި ޕްރޮޖެކްޓަކީ ވަރަށް ބާރަށް ވައިގައި ހިފާނެ އަދި ވަރަށްގިނަ މެދުފަންތީގެ އިންވެސްޓަރުން ތިބީ މިކަމަށް ވަރަށް ޝައުޤުވެރިވެގެން. އިރާދަކުރެއްވިއްޔާ ކެލާގެ ނަރުދަމާއާއި ބަނދަރާ ނިމޭއިރު، އިރާދަކުރެއްވިއްޔާ މި ޕްރޮޖެކްޓްވެސް އޮންނާނީ ފެށިގެން، ހަމަ ފުދޭވަރެއްގެ ހިސާބަކަށް ގޮސްފައި. އެހެންވީމާ، ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޔަޤީންކަން އަރުވަން ބޭނުންވަނީ، އިރާދަކުރެއްވިއްޔާ މި ޕްރޮޖެކްޓަކީ މިރަށުގައި ހިނގާނެ އަދި މިރަށުގެ ތަރައްޤީއަށާއި، މިރަށުގެ ޒުވާނުންނަށް އެތައް ބައިވަރު ވަޒީފާތަކެއް ލިބޭނެ ޕްރޮޖެކްޓަކަށް، އޭގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑު އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް ދެން.
 
އާދެ، މީގެ ޕްރޮޖެކްޓްގެ ޑީޓެއިލަކަށް އަޅުގަނޑު ދާކަށްނެތިން. އެއީ މިއާ ބެހޭ ލުއި ފޮތެއްވެސް އެބައޮތް. ތިޔަބޭފުޅުންނަށް ހަމަ އެއިން ފެނިގެންދާނެ. މި ލޯންޗް ކުރުމަށްފަހު، އަޅުގަނޑުމެން މިއޮތީ މިއާ ބެހޭ ޑީޓެއިލް ޑްރޯއިންގ، މާނައަކީ އާކިޓެކްޗަރ ޑްރޯއިންގވެސް ހަދާފައި. އެހެންވީމާ، އަޅުގަނޑު ހަމަ ސީދާ އިންވެސްޓަރުންނާ އެކީގައި މިއަދު ވާހަކަ ދައްކަމުން ދާނަން. އަދި މިއަދު މި އިފްތިތާޙު ކުރުމާ އެކީގައި، އެއޮތީ އެމް.އެމް.ޕީ.އާރު.ސީ ވެބްސައިޓްގައިވެސް އިޢުލާނު ކުރެވިފައި. އަދި އަޅުގަނޑުމެންނާ އެކީގައި މިހާރުވެސް އިންޓްރެސްޓް ހުށަހަޅަމުންދާ ފަރާތްތަކާ އެކީގައިވެސް އަޅުގަނޑުމެން އިށީނދެ އިރާދަކުރެއްވިއްޔާ މިތަން ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް ފެށްޓުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރާނެ ވާހަކަ ދަންނަވަން. އަދި އެ ޔަޤީންކަންވެސް ދެން.
 
އަދި އެއަށްފަހު އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، މި ދާއިރާގެ ޢިއްޒަތްތެރި މެންބަރު، ހަމަގައިމުވެސް ސިޔާސީގޮތުން މި އޮންނަ ހަލަބޮލިކަމާއި، ސިޔާސީގޮތުން އަޅުގަނޑުމެންގެ ތެރޭގައި އުފެދޭ އުދާސްތަކާ، މިހުރިހާ ކަމެއްގެ ތެރޭގައި އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ ޢަލީ ޢާރިފަކީ މިސާލެކޭ. ހަމަގައިމުވެސް އަޅުގަނޑުމެން ތެރޭގައި މިއައި ސިޔާސީ ހަލަބޮލިކަމާ، މިހުރިހާ ކަމެއްގައި ޢަލީ ޢާރިފަށް އިޚްތިޔާރު އޮތް، ކޮންމެ ފިޔަވަޅެއްވެސް އަޅަން. އެހެން ނަމަވެސް، އަޅުގަނޑު ދަންނަވާނީ، ޢަލީ ޢާރިފް އިޚްތިޔާރުކުރީ ތިޔަބޭފުޅުންގެ ތަރައްޤީއޭ. ކެލާގެ ތަރައްޤީއޭ. ކެލާ ދާއިރާގެ ތަރައްޤީއޭ. އެބޭފުޅާ އެތައް ޤުރްބާނީއެއްވެގެން އިރާދަކުރެއްވިއްޔާ ސަރުކާރާ އެކީގައި ކުރިއަށްދާއިރުގައި، އަޅުގަނޑު ގަބޫލުކުރާގޮތުގައި އެބޭފުޅާ ހަމަ އިޚްތިޔާރުކުރީ، މި އަތޮޅުގެ، މި ދާއިރާގެ، މިރަށުގެ ތަރައްޤީ. އެހެންވެ ތަރައްޤީ ތިޔަބޭފުޅުންނަށް އެދަނީ ހަމަ ވަރަށް ރަނގަޅަށް ފެންނަމުން.
 
އަޅުގަނޑުމެންގެ ސަރުކާރަކީ އިރާދަކުރެއްވިއްޔާ ހުސް އަނގަތަޅާނެ ސަރުކާރެއް ނޫން. އަޅުގަނޑުމެން ސަރުކާރުގައި މިހާރު އިރާދަކުރެއްވީތީ ޕްރޮޖެކްޓްތައް ގިނަކަމުން، ނުވަތަ ނިންމޭ ޕްރޮޖެކްޓްތައް ގިނަކަމުން ގިނަ ރަށްރަށުން އަޅުގަނޑުމެން ދެކެ ރުޅިއައިސްފައި ތިބީ އެ ހުޅުވަން ނައިސްގެން. އާދެ، އެހެން ބައެއް ސަރުކާރުތަކުން ވަޢުދުތައް ވެފައި، ދެން  އެ ރަށްރަށަށް ނާރައި އުޅެނީ އެ ވަޢުދުތައް ނުފުދޭތީ. އެހެން ނަމަވެސް، އަޅުގަނޑުމެން އަދިވެސް އެތައް ބައިވަރު ޕްރޮޖެކްޓްތައް ހިންގަން އުޅޭތީ، އަޅުގަނޑުމެންނަށް އެ ރަށްރަށަށް ނޭރިގެން މިއުޅެނީ އަޅުގަނޑުމެންނަށް ވަގުތު ނެތިގެން. ޙަޤީޤަތުގައިވެސް ވަގުތެއް ނޯވޭ. އަޅުގަނޑުމެން ތިޔަބޭފުޅުންގެ މި ކެލާގައި މި ހިނގާ ޕްރޮޖެކްޓްތައްވެސް ހަމަ ރައީސް ޔާމީން އިޤްތިޞާދީ ކައުންސިލަށް ގެންނަވައިގެން ހަމަ ހޭންޑްޕިކް ކޮށްގެން މި ނިންމަނީ. އެނގޭނޭ ފަދައިން މިރަށަކީ އާބާދީ ބޮޑު ރަށެއް. އަދި ހަމައެހެންމެ އެއަށް ބޭނުންވާ ފައިސާއާއި، އެކި ކަންތައްތަކަކީ ވަރަށް އުނދަގުލުން އެކި ދިމަދިމާއިން ބާކީކޮށްގެން އެކިގޮތްގޮތުން ބަހާލައިގެން ހަމަގައިމުވެސް ފެށްޓިފައި ހުރި ހުރިހާ ޕްރޮޖެކްޓްތައް އަޅުގަނޑުމެން މިއަންނަ އަހަރު ބަޖެޓަށް ލައިގެންވެސް ފާސްކޮށްގެން ކުރިއަށް ގެންދާއިރުގައި، ހަމަ އާ ޕްރޮޖެކްޓްތަކަށްވެސް ޖާގަދޭންޖެހޭ. އެހެން ނަމަވެސް، އަޅުގަނޑުމެން ފަށްޓައިފި ޕްރޮޖެކްޓެއް އަޅުގަނޑުމެން ހުއްޓައެއްނުލަން. އެނގޭނެ މުޅި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިރާދަކުރެއްވިއްޔާ އެތައް ޕްރޮޖެކްޓެއް ހިނގަމުން އެދަނީ. އެހެންވެ ރައީސް ޔާމީން ނުވަތަ އަޅުގަނޑު ނުވަތަ ބައެއް ވަޒީރުންނަށްވެސް ފަހަރެއްގައި އެ ނިންމާ ފުޓްސަލް ދަނޑުތައްވެސް ހުޅުވަން ނުދެވިދާނެ. ހުރިހާ ދަނޑެއް ހުޅުވަން ނުދެވިދާނެ.
 
އެހެން ނަމަވެސް، އިރާދަކުރެއްވީތީ މިއަދު އަޅުގަނޑު ވަރަށް އުފާވޭ، ޢީދުގައި ތިޔަބޭފުޅުންނާ ބައިވެރިވެ، މިއަދު ތިޔަބޭފުޅުންގެ ދަނޑު ހުޅުވުމުގެ ފުރްޞަތު ލިބުނީތީ. އިރާދަކުރެއްވިއްޔާ މިއަދު ކޮންމެވެސްވަރަކަށް ތިޔަބޭފުޅުންގެ ފުޓްސަލް ދަނޑުގައި ކުޅެލާނަމޭވެސް ހިތަށްއަރައިގެން މިހިރީ. ދެން ކަންވާނެގޮތް އެނގޭނީ ބަލައިލީމަ. އެހެން ނަމަވެސް ވަރަށް އުފާވެއްޖެ މިއަދު މި ރަށަށް އާދެވުނީތީ. އަދި މިރަށުގައި ތިޔަބޭފުޅުން އެ ދެއްކެވި މެހްމާންދާރީއަކީ އަޅުގަނޑު ދެކޭގޮތުގައި އަދި މިހާތަނަށް ސަރުކާރުގެ ވެރިޔަކަށް ދޭނެ އެންމެ ވަރުގަދަ، އެންމެ ހޫނު މެހްމާންދާރީކަންވެސް އަޅުގަނޑު ފާހަގަކުރަން. އަދި އެކަމާ ވަރަށް އުފާވެސް ކުރަން. އަދި ހަމަ ތިޔަބޭފުޅުން އަޅުގަނޑަށް އެ ދެއްވި މެހްމާންދާރީއާއި، ކުރުނބާއާއި، ސެލްފީއާއި، އަދި ނުވެގެން ގޮސް އަޅުގަނޑުގެ ގަޔަށް އެ އަޅާލި ޕިންކް ކުލައަށްޓަކައިވެސް އަޅުގަނޑު ހަމަ ޝުކުރު ދަންނަވަން. ވަރަށް ރަނގަޅު ކުލައެއް ތި އަޅާލީ ކޮންމެ ގޮތެއްވިޔަސް.
 
އެހެން ނަމަވެސް އެއިން ދައްކައިދެނީ ތިޔަބޭފުޅުންގެ އެއްބައިވަންތަކަން. އަޅުގަނޑުމެންގެ ދިވެހި ޘަޤާފަތް ގެއްލިނުދާކަން، އަޅުގަނޑުމެންގެ އެއްބައިވަންތަކަމާއި އަޚުވަންތަކަމަކީ ހަމަގައިމުވެސް މި ރާއްޖޭގައި އޮތް އެއްޗެއްކަން، އަޅުގަނޑުމެންގެ ސިޔާސީ ކިތަންމެ ހަލަބޮލިކަމެއް ހުއްޓަސް، ސިޔާސީގޮތުން ކިތަންމެ ޚިޔާލު ތަފާތުވިޔަސް، އަޅުގަނޑުމެން އެއްގަލަށް އަރަންޖެހޭ، އަޅުގަނޑުމެންގެ ޤައުމީ ކަންތައްތަކުގަޔާއި، އަޅުގަނޑުމެންގެ ޘަޤާފީ ކަންތައްތަކުގަޔާއި އަދި މިފަދަ ޢީދު ދުވަސްތަކުގަޔާއި، އަޅުގަނޑުމެންގެ އުފާކުރުމުގަޔާ.
 
އާދެ، އަޅުގަނޑުމެން އުފާކުރާނީ އެންމެން އެކީގައި. އަޅުގަނޑުމެންނަކީ ސިއްރުން އުފާތަކެއް ހޯދާ ބައެއް ނޫން. އަޅުގަނޑުމެންނަކީ އުފާވެސް އެކީގައި، ހިތާމަވެސް އެކީގައި އަޅުގަނޑުމެން އެކުއެކީގައި އަޅުގަނޑުމެން ކުރިއަށްދާނީ. ކުރިއަށްވެސް އޮތީ އިރާދަކުރެއްވިއްޔާ ތަރައްޤީ. މިއަތޮޅަކީ އަދި މިރަށަކީވެސް އަޅުގަނޑުމެންގެ ސަރުކާރަށް ވަރަށް މުހިންމު، ވަރަށް މުހިންމު ދާއިރާއެއް އިރާދަކުރެއްވިއްޔާ ދެންވެސް ހުރި ޕްރޮޖެކްޓްތަކެއް އިރާދަކުރެއްވިއްޔާ ހަމަ އަޅުގަނޑުމެން ކުރިއަށް ގެންދާނަން.
 
ދެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޢިއްޒަތްތެރި މެންބަރު ޢަލީ ޢާރިފަކީ އަޅުގަނޑުމެންގެ ޕާޓީގައިވެސް ވަރަށް ސީނިއަރ ބޭފުޅެއް. ހަމައެހެންމެ އަޅުގަނޑާއި ރައީސް ޔާމީނާ އެކީގައި ދެގޮތެއްނުވެ ވަރަށް ސާބިތުކަމާއެކީގައި މަސައްކަތް ކުރައްވާ ބޭފުޅެއް. ރައީސް މައުމޫން އަރިހުގައިވެސް ވަރަށް އިޚްލާޞްތެރިކަމާ އެކީގައި ހަމަ އެބޭފުޅާ މަސައްކަތް ކުރައްވަމުން ގެންދެވީ. އެމް.ޑީ.ޕީ.ގެ އެންމެ ހޫނުގަދަ ދުވަސްވަރުގައިވެސް އެބޭފުޅާ ހުންނެވީ ސާބިތުކަމާއެކީ އެގޮތުގައި. އެހެންވީމާ، މިއަދު އެބޭފުޅާވެސް އެހުންނެވީ ހުރިގޮތުގައި. ހުރެގެން ހަމަ އެ ގެންދަވަނީ ޕްރޮޖެކްޓްތައް އެކި ޕްރޮޖެކްޓްތައް މިރަށަށް ގެނެސްގެން ތަރައްޤީ ކުރަމުން. އިރާދަކުރެއްވީތީ އެބޭފުޅާގެ މި ދައުރު ނިމޭއިރު، އަޅުގަނޑު ދެކޭގޮތުގައި ކެލާވާނީ މުޅިން އާ ކެލައަކަށް، އާ ރަށަކަށް. މިބުނަނީ ތަރައްޤީގެ ގޮތުން. އިރާދަކުރެއްވިއްޔާ ކެލާގެ ތަރައްޤީ ދާނީ އުސްމިންތަކަށް.
 
والســّلام عليــكم ورحـمــة اللّـه وبـركاتـه