بســم اللّـه الرّحمـن الرّحيــم
    
ވަޑައިގެން ތިއްބެވި ހުރިހާ ޢިއްޒަތްތެރިން، އެޑިޔުކޭޝަން މިނިސްޓަރ، ވަޒީރުން، ޢިއްޒަތްތެރި މަޖިލިސް މެންބަރުން، އަދި ލޮބުވެތި ކިޔަވާކުދިން. އަދި އެކުދިންގެ ޓީޗަރުންނާއި އަދި ބެލެނިވެރިން.
 
السّــلام عليــكم ورحـمــة اللّـه وبـركاتـه،
 
 އާދެ، [ކަލަރސް އެވޯޑް 2014] އަކީ މި ސިލްސިލާ އެވޯޑުގެ 2 ވަނަ އަހަރު. މިއަހަރު މި ޙަފްލާއަށް ވަޑައިގެން ތިއްބެވި ދަރިވަރުންނަށާއި، އެންމެހާ ޙާޒިރީންނަށް މަރްޙަބާއާއި ތަހުނިޔާ ދަންނަވަން. އަދި މިނިވަން ރަންޔޫބީލްގެ ތަހުނިޔާ އަރިސްކުރަން.
 
ކަލަރސް އެވޯޑް، އެންމެ ފުރަތަމަ ފާހަގަކޮށް ހުޅުއްވައިދެއްވީ، 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 10 ވަނަ ދުވަހު، ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް. މި އެވޯޑުގެ މައިގަނޑު ތީމަކީ [މާދަމާގެ ބަޠަލުން - މިއަދު ފާހަގަކުރުން]. އެހެންކަމުން، މި ޙަފްލާއަކީ ވަރަށް ޚާއްޞަ ޙަފްލާއެއް. މި ޙަފްލާގައި ފެނިގެންދާނީ، މާދަމާ ރާއްޖެއަށް ރީތިނަން ހޯދައިދޭނެ ފަޚުރުވެރި ދަރިވަރުންތަކެއް.
 
މި ކަލަރސް އެވޯޑުގެ މައިގަނޑު މަޤްޞަދަކީ، ރާއްޖޭގެ ސްކޫލްތަކުގައި ތަޢުލީމު ޙާޞިލުކުރާ ދަރިވަރުންގެ ކުޅިވަރުގެ ހުނަރު ފާހަގަކޮށް، އެ ދަރިވަރުން ތަޢުލީމު ޙާޞިލު ކުރަމުންދާ ދުވަސްވަރު، އެ ހޯދާ ކާމިޔާބީ ވަޒަންކޮށް ހިތްވަރު ދިނުން. މިއީ، ނެސްލޭ މައިލޯގެ ސްޕޮންސަރޝިޕާއެކު، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން މުހިންމު އެއް ޕްރޮގްރާމް.
 
އާދެ، އެއްވެސް ޝައްކެއްނެތް، މިގޮތުގައި މިފަދަ އެވޯޑެއް ތަޢާރުފްކޮށް ހިންގުމަކީ، މިއަދު ކިޔަވާކުދިން ކުޅިވަރުގެ މައިދާނުގައި ކުރިއަށް ދިޔުމަށް ދެވޭ ވަރަށްބޮޑު ހިތްވަރެއް. އެކުދިންގެ މުސްތަޤްބަލަށްޓަކައި އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެއް. އަދި މި ނޭވާގައި ދިވެހިރާއްޖޭގެ ކުޅިވަރުތަކަށް ހިތްވަރުދީ، އެތައް ކުޅިވަރެއް ސްޕޮންސަރ ކޮށްދެއްވާތީވެ، މައިލޯއަށް ސަރުކާރުގެ ނަމުގައި ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.
 
އާދެ، ބޭރުގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓް ކުރުން އިތުރުވެގެން ދިޔުމަކީ، މިއަދު ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތުކަމެއް ދޭ ކަމެއް. އެއީ އަޅުގަނޑުމެންގެ ޤައުމު ތަރައްޤީކޮށް، ކުރިއެރުވުމަށް ކުރެވޭ ކަމެއް. މިކަމަކީ ސަރުކާރުން މަރްޙަބާ ކިޔާނެވެސް ކަމެއް. އަދި މިފަދަ އިންވެސްޓްމަންޓްތަކުގެ ތެރެއިން ޤައުމުގެ ތަރައްޤީއަށް އަންނަ ކުރިއެރުންތަކަކީ، ރައްޔިތުންނަށް ލިބޭ ކުރިއެރުންތަކެއް. ކުޅިވަރަކީ ހަމަ ކުޅެލެވޭ ކުޅިވަރެއް ނޫން. އެއީ ސީރިއަސް ކަމެއް. މިއަދު މަދަރުސާތަކުގެ ދަރިވަރުންނަކީ، މާދަމާގެ ޒުވާނުން. އެ ޒުވާނުންނަކީ މުސްތަޤްބަލުގެ ހިންގުންތެރިން. އަޅުގަނޑުމެން މި ޤައުމު، ޤައުމެއްގެ ގޮތުގައި، އަންނަން އޮތް ޖީލުތަކަށް ރައްދުކޮށްދިނުމަކީ، މާދަމާގެ ޒުވާނުންގެ ޒިންމާއެއް. މުޖްތަމަޢަށް ފައިދާހުރި، ބޭނުންތެރި ޒުވާނުން އުފެއްދޭނީ، މިއަދު ސްކޫލްތަކުގެ ކިބައިގައި ހަރުދަނާ ސުލޫކީ މިންގަނޑުތަކެއް އަށަގަނެވިގެން. މިގޮތުން، 2014 ވަނަ އަހަރު ކެބިނެޓުން ފާސްކޮށް، 2015 ވަނަ އަހަރު ތަންފީޛު ކުރަން މި ފެށުނު ޤައުމީ އާ މަންހަޖުގައި، މިފަދަ މިންގަނޑުތައް ދަރިވަރުންގެ ކިބައިގައި އަށަގެންނެވުން ހިމެނިފައިވޭ.
 
އަޅުގަނޑުމެންގެ މުޖްތަމަޢުން މަޑުމަޑުން ނަމަވެސް މި ބީވެގެންދާ އަގުތައް، ވެލިއުސްތައް އަނބުރާ ގެނައުމުގެ ތަރުބިއްޔަތަކީ، މި ކަރިކިއުލަމްގެ އެއް އަސާސްވެސްމެ. ދަރިވަރުންނަށް ފޯރުކޮށްދެވޭ ޚިދްމަތްތަކުގެ ތެރެއިން އިތުރު ޙަރަކާތްތަކަކީ، މިދެންނެވި ފަދަ ވެލިއުސްތައް އަނބުރާ ގެނެސްދޭފަދަ ޙަރަކާތްތަކަކަށް ވެގެންދާނެ. އަދި ކެޑޭޓް، ސްކައުޓް، އަދި ގައިޑް ޙަރަކާތްތަކާއި، ތަފާތު ކުޅިވަރުތައް މިއީ މިދެންނެވި ފަދައިން، މި މިންގަނޑުތައް ހިމެނޭ ކަންކަން. އެކަކު އަނެކަކަށް އިޙްތިރާމް ކުރުމާއި، ވެރިންނަށް ކިޔަމަންތެރިވުމާއި، ޤަވާޢިދުތަކަށް އިޙްތިރާމް ކުރުމާއި، މީހުންނާއެކު އުޅެން ދަސްވުމާއި، ދިރިއުޅުމުގެ ތަފާތު ހުނަރުތައް އުނގެނުން މިއީ މިފަދަ ޙަރަކާތްތަކުން ދަރިވަރުންނަށް ދަސްކޮށްދޭ ރިވެތި ސިފަތައް. މި ސިފަތައް ލިބިފައިވާ ދަރިވަރުންތަކެއް އުފެދި، އެފަދަ ދަރިވަރުން މި ޤައުމަށް ފަޚްރާއި ޝަރަފް ހޯދައިދިނުން، މިއީ އަޅުގަނޑުމެން އެންމެންވެސް ކުރާ އުންމީދު.
 
ކުޅިވަރުގެ މުހިންމު ކަމުގެ މައްޗަށް ބަލާއިރު، ކުޅިވަރަކީ އެންމެންގެ މަޤްބޫލުކަން އޮންނަ ކަމެއް. މިއަދު މި އިނާމު ޙާޞިލުކުރި ހުނަރުވެރި ދަރިވަރުންނަކީ، އެރޮނގުން ކުރިއަށް ދިޔުމުގެ ޤާބިލުކަން ހުރި ކުދިން. މި ކުދިންގެ ހުނަރު އިތުރަށް ތަރައްޤީ ކުރުމަށް އެހީތެރިވެދީ، ގޮތްތަކެއް ހޯދައިދީ، ފުރްޞަތުތައް ފަހިކޮށްދީ، އެހީތެރިވެދީ، މި ކުދިންނަށް ދެވެން އޮތް އުސްމިންތަކަކަށް ގެންގޮސްދިނުމަށްޓަކައި އަދުގެ ސަރުކާރު މިއަދު މިއޮތީ ތައްޔާރަށް. ކުޅިވަރަކީ ހުރިހާ ޤައުމެއްވެސް، އެއް ހަމައެއްގައި، އެއް އުޞޫލުތަކެއް ހިފަހައްޓައިގެން، އެއް އުޞޫލުތަކަށް ތަބާވެގެން ކުޅޭ އެއްޗެއް. އަޅުގަނޑުމެން ކިތަންމެ ކުޑަޔަސް، އަޅުގަނޑުމެންގެ ވަސީލަތްތައް ކިތަންމެ މަދަސް، ބޮޑު ޤައުމުތަކުގެ މައްޗަށް، ކުޅިވަރުގެ މައިދާނުގައި ކުރިއެރުން ހޯދުން އެއީ، ތިޔަފަދަ ހުނަރުވެރި، ޢަޒުމް ވަރުގަދަ، ކުޅިވަރުގެ ދާއިރާގެ ވަނަތައް ހޯދަމުން އަންނަ ކުދިންނަށް ނުކުރެވޭނެ ކަމެއް ނޫން. އެކަން ކުރުމަށް އަޅުގަނޑުމެން ބޭނުންވަނީ، ނުގުޑާފަދަ ޢަޒުމަކާއި ހިތްވަރު، އަދި ބުރަ މަސައްކަތް.
 
ދާދިފަހުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބައިވެރިވި 7 ޤައުމުގެ ތެރެއިން، އެ ގޭމްސްގެ 100 މީޓަރު ދުވުމުގެ ހީޓްގައި ބައިވެރިވެ، އެންމެ ފަޚްރުވެރި 1 ވަނަ ހޯދީ، އާދެ، އަޅުގަނޑުމެންގެ ޒުވާނެއް. މި ކާމިޔާބީ މުޅި ޤައުމުގައި ފާހަގަކޮށް އުފާކުރޭ. މިފަދަ ވަނަތަކެއް ހޯދައި، ޤައުމަށް ކުޅިވަރުގެ ދާއިރާގައި ރީތި ނަން ހޯދައިދިނުމަކީ، ތިޔައިގެ ތެރެއިން ކޮންމެ ކުއްޖެއްގެ ޢަޒުމް ކަމުގައި މިއަދު ހަދަންވާނެ.
 
އާދެ، މިރޭ އަޅުގަނޑުމެންނާ އެކީގައި، ކުރީބަރިން ފެނިވަޑައިގަންނަވާ ސާޢިދު، ހަމަ ތިޔަފަދަ ކިޔަވާ ކުދިން ގޮތަށް، ސްކޫލްގައި ތަޢުލީމް ޙާޞިލުކޮށް، ލިބުނު ސްކޮލަރޝިޕެއްގައި ޖެމެއިކާއަށް ގޮސް، އެތާނގައި 2 އަހަރު ދުވަހުގެ ޓްރޭނިންގ ހެދި. އަދި އިތުރު 2 އަހަރު ބާކީ އެބައޮތް. އެހެން ނަމަވެސް، އެ 10 ސިކުންތަކަށްޓަކައި، އާދެ، 100 މީޓަރުގެ 10 ސިކުންތަށްޓަކައި އެތައް ބޮޑު ޤުރްބާނީއެއްވި. އާދެ، ކުޅިވަރަކީ ޑިސިޕްލިންއެއް، ޤުރްބާނީތަކެއް. ކޮންމެ ދުވަހަކު ދެ ދަޅައަށް ދުވެ، ޕްރެކްޓިސްކޮށް، އެތައް ވަރުބަލިކަމެއް މަތީގައި އެތައް ރޭ ނިދައި، އެ ކެތްތެރިކަމަކީ، އެ 10 ސިކުންތު މިއަދު މުޅި އިންޑިއަން އޯޝަންގައި މިއޮއް ބޮޑު އިންޑިއަން އޯޝަންގައި އޮތް ހުރިހާ ޤައުމުތަކުގެ ތެރެއިން އެންމެ ބާރަށް ދުވާ ބޭފުޅަކީ، އާދެ، 100 މީޓަރުން 1 ވަނައަށް އެ ނިންމާލީ، ގޯލްޑް މެޑެލްއަކުން. އާދެ، އަޅުގަނޑުމެންގެ ހުނަރުވެރި އަދި މިއަދުގެ ހަމަ ޤައުމީ ބަޠަލެއް ފަދަ ސާޢިދު. އެހެންވީމާ، ސާޢިދަށް ވަރަށް ހޫނު މަރްޙަބާއެއް، ތިޔަ ހުރިހާ ކުދިންގެ ފަރާތުން. ޝުކުރިއްޔާ!
 
މިއަދު އަޅުގަނޑު ޙިއްޞާކޮށްލަން ބޭނުންވޭ، ކިޔެވުމާ އެއްވަރަށް ކުޅިވަރަކީ ކިހާ މުހިންމު ކަމެއްކަން. އާދެ، ހަމަ ތިޔަ ކުދިންނާ ޙިއްޞާކޮށްލަން ބޭނުންވޭ، އަޅުގަނޑުގެ އަމިއްލަ ބައެއް ތަޖުރިބާތައްވެސް. އާދެ، މިއަދު އަޅުގަނޑު ތަންކޮޅެއް އަންފިޓްވެފައި ހުއްޓަސް، އެހެން ނަމަވެސް، އަޅުގަނޑަކީވެސް ކުޑައިރު ވަރަށް ގަދަޔަށް އެކި ކުޅިވަރުތައް ކުޅުނު ސްކޫލް ދަރިވަރެއް. އާދެ، ކަލާފާނު ސްކޫލްގައި އަޅުގަނޑު ބެޑްމިންޓަނާއި، ފުޓްބޯޅަ، ހަމަ ސްކޫލް ޓީމަށް ކުޅުނިން. ވަރަށް ފަޚްރުވެރިވޭ، ފުރަތަމަ 11 އިން ޗާންސް ލިބުމުން. އަބަދުވެސް ހިތުގައި އުފެދޭ ޝުޢޫރަކީ، ހަމަގައިމުވެސް މި ސްކޫލްގެ 11 ފުޓްބޯޅަ ކުޅުންތެރިން ނެގިޔަސް، ހަމަގައިމުވެސް އަޅުގަނޑަކީ އެކެކޭ. އަދި ހަމައެހެންމެ އެއަށްފަހު، މަޖީދިއްޔާގައި އަޅުގަނޑު 14 އަހަރުން ދަށް އަދި 19 އަހަރުން ދަށަށް ސްކޫލް ޓީމަށް ކުޅުނިން. އަދި 14 އަހަރުން ދަށް، 19 އަހަރުން ދަށް އަދި 21 އަހަރުން ދަށުގެ ފުޓްބޯޅަ، ޤައުމީ ޓީމަށްވެސް ކުޅުނިން.
 
އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މިއަދު ސިޔާސީ މައިދާނުގައިވެސް އަދި މިއަދު މިހިސާބަށް އާދެވުމުގައިވެސް، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ކިޔެވުމާ އެއްވަރަށް އަޅުގަނޑަށް ކުޅިވަރުގެ ޙަރަކާތްތަކުގައި ބައިވެރިވުމަކީ، އަޅުގަނޑަށް އެތައް ގިނަގުނަ ކަންތައްތަކެއް ދަސްކޮށްދިން ކަމެއް. އާދެ، ހަމަ ތިޔަ ކުދިންނާ ޙިއްޞާކޮށްލުމަށްޓަކައި ބައެއް ކަންތައްތައް ޙިއްޞާކޮށްލާނަން. އާދެ، މިއަދު ސިޔާސީ މައިދާނުގައި އަޅުގަނޑު އުޅޭއިރުވެސް އަދި އެހެން ކަމެއްގައިވެސް، އެއްވެސް ގޮތަކަށް، އެއްވެސް އެހެން ބޭފުޅަކަށް ވަރަށް އުނދަގޫ ކަމެއް، އަޅުގަނޑު ރުޅިއަރުވާލުމަކީ. އާދެ، ޓޮލަރަންސް، ނުވަތަ ކެތްތެރިކަމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ކުޅިވަރުގެ މައިދާނުން އަޅުގަނޑަށް ދަސްކޮށްދިން އެއްޗެއް. އާދެ، ކެތްތެރިވުމަކީ އަޅުގަނޑު ދެކޭގޮތުގައި، އެންމެބޮޑު އެއް ކާމިޔާބީ. އިދިކޮޅު ފަރާތްތައް ވަރަށް ބޮޑަށް ބޭނުންވާނެ ރުޅިއަރުވާލަން. ނުވަތަ ކޮންމެ ފަހަރަކު ޖަޒްބާތުވެގެން، ސިކުނޑީގެ ބޭނުން ނުހިފައި ނަގާ ކޮންމެ އެކްޝަނަކީ، ފުޓްބޯޅައިގެ މައިދާނުން ކަމަށް ވެއްޖިއްޔާ، ދެން ރެފްރީ ދައްކާނީ ރަތް ކާޑެއް ދޮއެއްތޯ.
 
އެހެންވީމާ، ކިތައް ފަހަރުތޯ، ޓެކްލް ޖަހާފައި ވައްޓާލަނީ؟ ކިތައް ފަހަރުތޯ ދަތިއަޅުވަނީ؟ އެއީކީ އަޅުގަނޑުމެން ރުޅިއައިސްގެން ބަލައިގަންނަންޖެހޭނެ ކަމެއް ނޫން. އެހެންނަމަވެސް، ތެދުވެ ހަށިފޮޅާލާފައި އިދިކޮޅު ޓީމަށް ގޯލެއް ޖަހައިގެން ވިން ކޮށްފައި، އެބޭފުޅުން ބަލިކޮށްލުމަކީ، ގައިމުވެސް އެއީ ކުޅިވަރުގެ ރޫޙު. އެއީ ހަމަ އަޅުގަނޑަށް ދަސްވި އެއްޗެއް. އަދި ހަމައެހެންމެ، ޓީމެއްގައި އެންމެން އެކީގައި އުޅެވުން. އާދެ، ކިތަންމެ މޮޅަށް އަދި ކިޔެވިޔަސް، ފަހުން އޮފީހުގެ މައިދާނަށް ނުކުމެ، ޓީމް ވާރކް ނޭނގިއްޖިއްޔާ، އެއީ ވަރަށްބޮޑު މައްސަލައެއް. ވަރަށް އަވަހަށް ބާކީވެގެންދާނެ. އެހެންވެ، ޓީމް ވާރކަކީ ވަރަށް މުހިންމު ކަމެއް. އެއީ، ކުޅިވަރުގައި ދަސްވާ އެއްޗެއް. ޓީމް ވާރކަކީ ހަމައެކަނި އެންމެން އެކީގައި، މިސާލަކަށް، ކޮފީއަށް ދިޔުމެއް ނޫން. އެހެން ނަމަވެސް، އެ ޓެސްޓް ކުރެވޭހިނދު، ކުޅިވަރުގެ މައިދާނުގައި ނުވަތަ މިސާލަކަށް، މެޗެއްގައި ވެއްޖިއްޔާ، މެޗްގެ މައިދާނުގައި ހުންނައިރުގައި، އެކަކު އަނެކަކަށް އިތުބާރު ކުރުން އެއީ، އެއް ޑިފެންޑަރެއް ހުންނައިރު، އަނެއް 3 ޑިފެންޑަރުންވެސް އަޅުގަނޑު އަތުން ބޯޅަ ލިބިގެން ގޮއްސިއްޔާ، އެ 3 ޑިފެންޑަރުން ތިބޭނެ ކަމުގެ ޔަޤީންކަމަކީ، އަދި ލޯ މަރާލާފައިވެސް ފަހަތަށް އެނބުރި ބަލައިނުލާ ބޯޅަ ޕާސްކޮށްލާއިރުގައި، އެ ކުޅުންތެރިޔާ އެތަނަށް އަރާ ހުރުމަކީ، އެއީ ޓީމް ވާރކް. އެއިން ސިނަރޖީ އުފެދޭނީ. އެއީ ކޮންމެ މައިދާނެއްގައިވެސް މުހިންމު ކަމެއް. އެއީ ކުޅިވަރުގެ މައިދާން ކަމުގައިވިޔަސް، އޮފީހެއްވިޔަސް، އަދި ހަމައެހެންމެ، ސިޔާސީ ކަންކަމުގައި ވިޔަސް، ޓީމަކީ ވަރަށް މުހިންމު ކަމެއް. އެހެންވީމާ، ޓީމް ވާރކަކީވެސް އަޅުގަނޑަށް ވަރަށް ބޮޑަށް ދަސްވި އެއްޗެއް، ކުޅިވަރުގެ މައިދާނުން.
 
އަދި ހަމައެހެންމެ، މޮޅުވުމާއި މޮޅުވާއިރު އެ ލިބޭ އުފަލާއި، ގޯލެއް ޖަހާއިރު އެކުރެވޭ ފޮނި އިޙްސާސް އެއީ ކުޅިވަރު ކުޅޭ ކުއްޖަކަށް ނޫނީ ހަމަގައިމުވެސް ބަޔާންކޮށްދޭން ނޭނގޭނެ ކަމެއް. އެހެން ނަމަވެސް، ގޯލެއް ޖެހުނީމަ އުފަލުން ގޮސް، ދެން ފަހުގެ މެޗްމަތިން ހަނދާންނެތި، މުޅިން ފޮނިވެ، ދެން އެހެން ގޮތަކަށްވެސް ބައެއް ކުދިން އުޅޭތަން ފެނޭ. އެހެންނަމަވެސް، ކުޅިވަރު ކުޅުމުން އެއިންވެސް ދަސްވަނީ، އެކަމުގެވެސް ކެތްތެރިކަން ހޯދަން. އާދެ، އަނެއްހެން ތިލަކޮށް ބުނާ ކަމުގައިވާނަމަ، މޮޅުވީމަވެސް ކެތްތެރިވުން. އަދި ހަމައެހެންމެ، ބަލިވުންވެސް، ބަލިވުން ހަޖަމު ކުރުމަކީވެސް ހަމަ ކުޅިވަރުގެ މައިދާނުގައި ދަސްވާ އެއްޗެއް. ކިތަންމެ މޮޅަށް ކުޅެފައިވެސް ބަލިވެދާނެ. ބަލިވުމަކީ އެއީ މައްސަލައެއް ނޫންކަމާއި، ބަލިވެސްވާނެކަން ޙަޔާތުގައި ކޮންމެ މަރްޙަލާއަކީ، މޮޅުވާނެ ކަމެއް ނޫންކަން، އެވެސް އަޅުގަނޑަށް ދަސްވީ ހަމަ ކުޅިވަރުގެ މައިދާނުން. އަދި ބަލި ހަޖަމުކޮށް، ބަލިވީމަ އެ ކީއްވެތޯ ބަލިވީ ވިސްނައި، ދެން މޮޅުވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށްވެސް، ހަމަ އަޅުގަނޑަށް ދަސްވީ ކުޅިވަރުގެ މައިދާނުން.
 
އެހެންވީމާ، ކުޅިވަރުގެ މައިދާނަކީ ވަރަށް މުހިންމު މައިދާނެއް. އާދެ، އެކީގައި އުޅޭ ރައްޓެހިންނަށްވެސް ކުޅިވަރުގެ މައިދާނުގައި ދޫކުރުމެއްނެތި، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ޓެކްލްޖަހާ، އެހެން ކަންތައްތައް ކުރީމަ، އެ އަންނަ ރުޅިއާއި، އެ ރުޅި ހިންދާލުމާއި، އަނެއްކާވެސް މެޗް ނިންމާފައި ސަލާމްކޮށްލުމާ، މި ހުރިހާ ކަމެއް އޮންނާތީވެ، މިއަދު އަޅުގަނޑުމެން، މިސާލަކަށް، މަގުމަތިން ދަނިކޮށްވެސް، މިސާލަކަށް މީހަކު ވަރަށް ހަޑިކޮށް އެއްޗެއް ބުންޏަސް، އަޅުގަނޑު ހިތަކަށްނާރާ މާބޮޑު އެއްޗެކޭ. އެހެންވީމާ، އެ ކެތްތެރިކަމަކީވެސް ކުޅިވަރުގެ މައިދާނުން ހަމަ ތިޔަ ކުދިންނަށް ދަސްވާނެ އެއްޗެއް.
 
އެހެންވެ، އަޅުގަނޑު ދަންނަވާލަން ހަމަ ބޭނުންވަނީ، ބިރުނުގަތުމާއި، މިޒަމާނުގެ ބަހުން ދަންނަވަނީނަމަ، ގަޓް ހުރުމަކީވެސް ހަމަ ސްޕޯޓްސްގެ މައިދާނުން ދަސްވާ ކަންތައްތައް. އާދެ، އެންމެމޮޅު މީހާއަކީ އަޑުގަދަ މީހާއެއް ނޫން. އެންމެމޮޅު މީހަކީ، ސިކުނޑި ބޭނުންކޮށްގެން، ކެތްތެރިކަމާ އެކީގައި، ކުޅިވަރުގެ މައިދާނުގައިވެސް ޑިސިޕްލިންއާ އެކީގައި، މިސާލަކަށް، ސާޢިދު ފަދައިން އެތައް މަސައްކަތެއްކޮށް، އެ ގޯލްޑް މެޑެލް ހޯދުން ދޮއެއްތޯ؟ އެހެންވެ އެއީ، އަޅުގަނޑު ދެކޭގޮތުގައި ވަރަށް ބޮޑެތި ހިތްވަރުތަކެއް. ވަރަށް ބައިވަރު، ވަރަށް ބައިވަރު މަސައްކަތްތަކެއް ކުރާއިރުގައި، ހަމަގައިމުވެސް އެމީހާގެ ހިތްވަރު ނެތިއްޔާ ނުވަތަ ދަނޑުމައްޗަށް އަރަން ބިރުގަންނަންޏާ، ނުވަތަ ދަނޑުމައްޗަށް އަރާފައި ދުއްވައިގަންނައިރުގައި، ނުވަތަ ޓްރެކްގައި ދުވާއިރު، އެތައް ބަޔަކު ހަޅޭއްލަވައިގަތީމާ ސިހިގެންދަންޏާ، ނުވަތަ ހިތް އަވަސްވަންޏާ ކުޅިވަރެއް ނުކުޅެވޭނެ. އެހެން ނަމަވެސް، ކުޅިވަރު ކުޅެގެން، އަޅުގަނޑު ދެކޭގޮތުގައި އެ ބިރުތައް ފަހަނަޅައި އިރާދަކުރެއްވީތީ ހަމަ ޢަމަލީ މައިދާނުގައި ކުޅިވަރު ކުޅުމަކީ، އަޅުގަނޑު ދެކޭގޮތުގައި، އެތައް ޑިސިޕްލިން އެއް ހިފަހައްޓައި، އެތައް ލީޑަރުންތަކެއް އުފެދޭތަން އަޅުގަނޑުމެންނަށް ފެނޭ.
 
އަޅުގަނޑު ދެކޭގޮތުގައި މިއަދުވެސް ދިވެހިރާއްޖޭގެ މައިދާނަށް ބަލައިލި ކަމުގައިވީނަމަވެސް، ގިނަ ލީޑަރުންގެ ފަހަތުގައި އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑުމެންގެ ރައީސް، ރައީސް ޔާމީނަކީވެސް ކުޑައިރުއްސުރެ އެތައް ގިނަ ކުޅިވަރުތަކެއް ކުޅުއްވި ބޭފުޅެއް. އަދި ހަމައެހެންމެ، އަޅުގަނޑުމެންގެ ކެބިނެޓްގައިވެސް ވަރަށްގިނަ ކުޅިވަރު ކުޅުއްވާ ބޭފުޅުން ހިމެނޭ. އެހެންވެ، އަޅުގަނޑު ދެކޭގޮތުގައި މިއަދުވެސް ތިޔަ ހުރިހާ ކުދިންވެސް އެ މިސާލު ބަލައިގެން، ކިޔެވުމާ އެއްވަރަށް ކުޅިވަރުވެސް، ކޮންމެވެސް އެއް ކުޅިވަރެއް ނަމަވެސް ކުޅެ، އޭގައި ކުރިއެރުން ހޯދަން.
 
އާދެ، މިއަދު އަޅުގަނޑުމެން މިދޭ ކަލަރސް އެވޯޑްސްގައިވެސް މި ބުނަނީ، މީގައި މި ބުނަނީ މާދަމާގެ ލީޑަރުންނޭ. އާދެ، ސްކޫލް ދައުރުގައި އަޅުގަނޑުމެންނަށް ފެންނަ ގިނަ މޫނުތައް ނުވަތަ ލީޑްކުރާ ގިނަ މޫނުތައް، އަޅުގަނޑުމެން ޢަމަލީ މައިދާނަށް އައިސް، އަޅުގަނޑުމެން އޮފީސްތަކަށް ވަދެ، ނުވަތަ އެއަށްވުރެ ބޮޑުވެގެންދާއިރުގައި، ވަރަށް މަދުން ނޫނީ ނުފެނޭ. އެއީ އަޅުގަނޑުމެން ހިތާމަކުރަންޖެހޭ ކަމެއް. އެހެންވެގެން އަޅުގަނޑުމެން ކުލަ މިދެނީ، ހަމައެކަނި މިއަދު ތިޔަކުދިން ލީޑަރުންނަށްވީމަކާ ނޫން. މާދަމާވެސް ތިޔަކުދިން ތިޔަ ދަސްކުރާ ހުރިހާ އެއްޗެއް ނުވަތަ ތިޔަ ހުރިހާ ކުދިންނަށް ލިބޭ ޢިލްމީ ސެޓްފިކެޓްތަކާއި، އަދި ކުޅިވަރުގައި ދަސްވާ ހުރިހާ އެއްޗެއް، ޢަމަލީ މައިދާނުގައިވެސް ދައްކައި، އެ ލީޑަރޝިޕް އެބަޖެހޭ ތިޔަކުދިން ޢަމަލީ މައިދާނުގައިވެސް ދައްކަން. ލީޑަރުން މި ޤައުމަށް ބޭނުންވޭ. ލީޑް އެބަ ކުރަންޖެހޭ.
 
އެހެންވީމާ، ތިޔަ ކުދިންނަކީ އަޅުގަނޑު ދެކޭގޮތުގައި މާދަމާގެ މުސްތަޤްބަލް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ކުޅިވަރު ކުޅުމަކީ ޞިއްޙީ ގޮތުންވެސް ދުޅަހެޔޮކަން ލިބި، ހަމައެހެންމެ އެތައް ބަޔަކަށް އެތައް ބަލިތަކަކުން ސަލާމަތްވެ އަދި ހަމައެހެންމެ، ސިނގިރެޓް ބުއިމާ، މިފަދަ ގޯސް ކަންތައްތަކުންވެސް ސަލާމަތްކޮށްދޭ ވަރަށް ރަނގަޅު ކަމެއް.
 
އެހެންވީމާ، އަޅުގަނޑު ހީކުރަނީ، އަޅުގަނޑުގެވެސް މަދު ތަޖުރިބާ، ތިޔަ ކުދިންނާ ޙިއްޞާ ކޮށްލެވިއްޖެ ކަމަށް. އެހެންވެ، ކިޔަވާ ކިޔެވުމާއި އަދި ކުޅިވަރާ އެކީގައި ކުރިއަށް ގެންދިޔުމަކީ އަޅުގަނޑު ދެކޭގޮތުގައި، ތިޔަ ކުދިންވެސް އަދި ހަމައެހެންމެ ޓީޗަރުންވެސް އަދި ހަމައެހެންމެ ބެލެނިވެރިންވެސް ވަރަށް ބޮޑަށް ބަލައިގަންނަންޖެހޭ ކަމެއް ކަމަށް އަޅުގަނޑު ދެކެން.
 
އާދެ، އަޅުގަނޑު ދެކޭހިތްވަނީ، މާދަމާގެ މުސްތަޤްބަލުގައި ތިޔަކުދިންގެ ތެރެއިން އެތައް ޢަލީ އަޝްފާޤެއް އުފެދުން. އެތައް ދަގަނޑޭއެއް އުފެދުން. އަދި އެތައް ސާޢިދެއް އުފެދުން. ޝުކުރިއްޔާ.
 
والســّلام عليــكم ورحـمــة اللّـه وبـركاتـه