ގަދަ ވަޔާއެކު ރޭ ފަތިހު ކުރި ވިއްސާރައިގައި ޢައްޑޫ ސިޓީއާއި ފުވައްމުލަކުގެ ބައެއް އާންމުންގެ ގެދޮރަށާއި ތަކެއްޗަށް ލިބެމުންދާ ގެއްލުންތައް އަޅުގަނޑު މިދަނީ ވަރަށް ގާތުން ބަލަމުންނެވެ. މިގޮތުން ކަމާބެހޭ މުޢައްސަސާތަކާ ބައްދަލުކޮށް، މި ވިއްސާރައާ ގުޅިގެން އާންމު ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތަކާ ބެހޭ ފުރިހަމަ މަޢުލޫމާތު އަޅުގަނޑު މިދަނީ ހޯދަމުންނެވެ.

މިދުވަސްވަރު ކުރަމުންމިދާ ވިއްސާރައިގައި ގެއްލުން ލިބެމުންދާ ފަރާތްތަކަށް އެހީތެރިވުމަށް ސަރުކާރުގެ ވުޒާރާތަކާއި، ކަމާ ބެހޭ އެހެނިހެން މުޢައްސަސާތަކުން ގުޅިގެން މަސައްކަތްކުރައްވަމުން ގެންދަވާ ކަމުގައި ދެންނެވީމެވެ. މިގޮތުން، އާންމުން ރައްކާތެރި މާހައުލަކަށް ގެންގޮސް، އާންމުންނަށް ލިބެމުންދާ ގެއްލުންތައް ކުޑަ ކުރުމުގައި ދައުލަތުގެ ކަމާބެހޭ މުޢައްސަސާތަކުން މަސައްކަތް ކުރައްވަމުން ގެންދަވާގޮތް ސީދާ އަޅުގަނޑު ބަލަމުންގެންދާކަމުގެ ޔަޤީންކަން މި ފުރްޞަތުގައި އަރުވަމެވެ.

މިދުވަސްވަރަކީ މާލެއާއި އަތޮޅުތަކުގެ ބައެއް ރަށްތަކަށް އުދަ އަރަމުންދާ ދުވަސްވަރަކަށް ވުމާއެކު، މިކަމަށް އާންމު ރައްޔިތުން ސަމާލުވެ، ރައްކާތެރިވެ ތިއްބެވުމަށް އަޅުގަނޑު އިލްތިމާސްކުރަމެވެ. އަދި މި ވިއްސާރައިގައި ގެއްލުން ލިބެމުންދާ ފަރާތްތަކުގެ ހިތާމައިގައި އަޅުގަނޑު ބައިވެރިވާ ވާހަކަވެސް ދެންނެވީމެވެ.