ރައީސުލްޖުމްހޫރިއްޔާ އަމިއްލަ ދަތުރުފުޅެއްގައި ބުދަ ދުވަހުގެ ރޭ މެލޭޝިޔާއަށް ‏‏‏ފުރާވަޑައިގެންނެވި ޚަބަރު، އެމަނިކުފާނު ފުރާވަޑައިގެންނެވި ވަގުތުން ފެށިގެން ވަރަށް ‏‏ތަފްޞީލުކޮށް ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި ޝާއިޢުކޮށްފައި ވަނިކޮށް، އަދި ‏‏އެމަނިކުފާނުގެ ‏‏ދަތުރުފުޅާ ގުޅޭ މަޢުލޫމާތު ނޫސްވެރިންނާ ހިއްސާކޮށްފައި ވަނިކޮށް، ބުރާސްފަތި ‏‏ދުވަހުގެ ފަތިހުން ‏‏ފެށިގެން ވަކިވަކި ނޫސްވެރިންނަށާއި، ނޫސް އިދާރާތަކަށާއި ބައެއް ޢާއްމު ‏‏ފަރާތްތަކުގެ މޮބައިލްފޯނަށް، ‏‏އަޅުގަނޑުގެ މޮބައިލް ފޯނު ނަންބަރާއި އަޅުގަނޑުގެ ނަން ‏‏ބޭނުންކޮށްގެން ފޮނުވަމުންދާ ‏‏އެސްއެމްއެސްތަކަކީ ޙަޤީޤަތާ ޚިލާފު، ޞައްޙަ ނޫން ‏‏އެސްއެމްއެސްތަކެއް ކަމުގައި ދަންނަވަމެވެ. އަދި ‏‏މިއީ ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ‏‏ޢާއިލާއާ ގުޅުވައިގެން އަޅުގަނޑުގެ މޮބައިލް ފޯނު ‏‏ނަންބަރާއި، ނަން ބޭނުންކޮށްގެން ‏‏އެސްއެމްއެސްގެ ޒަރީޢާއިން ފޮނުވަމުންދާ ދޮގު މަޢުލޫމާތުތަކެއް ‏‏ކަމުގައި ވާތީ، މި ‏‏ދަށުދަރަޖައިގެ ނާތަހުޒީބު ޢަމަލު އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ. އަދި ‏‏‏މިމައްސަލަ ކަމާ ގުޅުންހުރި މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައުމުގެ މަސައްކަތް ‏‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން ކުރަމުންދާ ވާހަކަ ދަންނަވަމެވެ.‏