ރައްޔިތުންގެ މަޖިލީހުގެ 2 މެންބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި، މި މަހުގެ 24 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިއްވި ޙުކުމް ވަރަށް ސާފު ކަމަށާއި، އެހެންކަމުން،އެ ދެ މެންބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ސަރުކާރުން ގަބޫލު ކުރަމެވެ.
ރައްޔިތުންގެ މަޖިލީހުގެ ސެކިޔުރިޓީ ބެލެހެއްޓުމަކީ، މަޖިލީހުގެ ރައީސް އަންގަވާ ގޮތެއްގެ މަތިން، އެމް.އެން.ޑީ.އެފް.އިން ކުރައްވަމުން ގެންދަވާ ކަމެކެވެ. ގޮނޑި ގެއްލުނު ދެ މެންބަރުން މަޖިލީހަށް ވެދެވަޑައިގަންނަވަން ޖެހޭކަމަށްވާނަމަ، އެކަން ބަޔާންކުރައްވައި ސިޓީއަކުން އެންގެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި އެމް.އެން.ޑީ.އެފް.އިން ވަނީ ދަންނަވާފައެވެ.
ސަރުކާރުން ދެކޭގޮތުގައި ގޮނޑި ގެއްލުނު ދެ މެންބަރުންގެ މެންބަރު ކަމުގެ ހައިސިއްޔަތެއް މިހާރަކު ނެތެވެ. އެހެންވީމާ، އެ ދެ މެންބަރުންނަކީ މިހާރު ޢާންމު ރައްޔިތުންނެވެ. އޭގެ ތެރެއިން މެންބަރަކު މިއަދު މަޖިލީހަށް ވަންނަން އުޅުނީމާ އެމް.އެން.ޑީ.އެފް.އިން އެކަންވަނީ ހުއްޓުވާފައެވެ. އެކަން ހުއްޓުވުމަކީ، އެމް.އެން.ޑީ.އެފް.ގެ ވާޖިބެކެވެ. އަދި އެ މެންބަރު، އެމް.އެން.ޑީ.އެފް.ގެ ސެކިޔުރިޓީންގެ ގަޔަށް އަތްލައި، މާރާމާރީ ހިންގާފައިވާތީ، އެމް.އެން.ޑީ.އެފް.ގެ ފަރާތުން އެ މެންބަރު މިހާރުވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކުރައްވާފައެވެ.
ރާއްޖޭގެ ކޮންމެ ރައްޔިތަކީވެސް ރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކަށް ޙުރުމަތްތެރިކޮށް ހިތަންޖެހޭނެ ރައްޔިތެކެވެ. އެހެންކަމުން، ޝަރުޢީ ކޯޓަކުން ކުރައްވާފައިވާ ޙުކުމަށް ކޮންމެ ރައްޔިތަކު އިޙްތިރާމް ކުރަންޖެހޭނެއެވެ. ޝަރުޢީ ކޯޓުތަކުގެ ޙުކުމްތަކަށް ގޮންޖަހައި، އެކި ޢަމަލުތައް ހިންގުމަށް އެއްވެސް ފުރުޞަތެއް ސަރުކާރުން އެއްވެސް ފަރާތަކަށް ނުދޭނެއެވެ.