بسـم اللَّه الرّحـمٰـن الـرّحيـم

ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން:

السّلام عليكم

ޤާނޫނުއަސާސީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމްކުރާ އެއްކަމަކީ، ކޮންމެ އަހަރަކު، ޤައުމުގެ ޙާލަތު ބަޔާންކޮށްދީ އަދި ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް، މި ޢިއްޒަތްތެރި މަޖިލީހަށް ހުށަހެޅުން.

ދިވެހިރާއްޖޭގައި އުފެދުނު ފުރަތަމަ ޑިމޮކްރެޓިކް ސަރުކާރުގެ މިތާރީޚީ ރިޔާސީބަޔާން، މި ޢިއްޒަތްތެރި މަޖިލީހަށް އިއްވަން ލިބުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް.

ޑިމޮކްރަސީ ނުވަތަ ރައްޔިތުންގެ ވެރިކަމަކީ، ދިވެހިރާއްޖެއަށް ނިސްބަތުން އަދި ވަރަށް އާކަމެއް. ގިނަބައެއްގެ ޤުރުބާނީއާއި ދިވެހި އެތަކެއް ރައްޔިތުންނެއްގެ ބުރަ މަސައްކަތުން މިއަދު ރާއްޖޭގައި މިވަނީ ޑިމޮކްރެޓިކް ސަރުކާރެއް ހިންގާން ފަށާފައި. ޤައުމުގެ އިޤްތިޞާދު ހަރުދަނާކޮށް، ޤައުމު ތަރައްޤީކުރުމަށްޓަކައި ޑިމޮކްރެޓިކް އުޞޫލުން ރާއްޖޭގެ ކަންތައްތައް ގެންދިޔުމަށްޓަކައި ރާއްޖޭގެ ރައްޔިތުން މިވަނީ ދިވެހިރާއްޖެއަށް މުޅިން އާ ނިޒާމެއް ތަޢާރުފުކޮށްފައި. ދިވެހި ޖުމްހޫރިއްޔަތުގެ ތެރޭގައި ދަމަހައްޓައި ވަރުގަދަކޮށް އާލާކުރުމަށް އަޅުގަނޑުމެންނަށް މަޖުބޫރުވެފައިމިވާ ޑިމޮކްރަސީގެ އުޞޫލުތައް، އިރާދަކުރެއްވިއްޔާ މި ސަރުކާރުން ގެންދާނީ ދުވަހެއް ދުވަހަކަށް ހަރުދަނާކޮށް ވަރުގަދަ ކުރަމުން.

ޑިމޮކްރަސީގެ އަސާސްތަކާއި އުޞޫލުތައް ހަރުދަނާކޮށް، ރައްޔިތުންނަށް ހަމަހަމަ ގޮތުގައި ޚިދްމަތްތައް ފޯރުކޮށްދީ، ޖަވާބުދާރީވުމަށް މި ސަރުކާރު މި އޮތީ ވަރަށް ބޮޑަށް ތައްޔާރަށް.

ދެމެހެއްޓެނިވި ގޮތެއްގައި ޤައުމު ތަރައްޤީކޮށް އަސާސީ ޚިދްމަތްތައް ރައްޔިތުންނަށް ހަމަހަމައަށް ފޯރުކޮށްދިނުމަކީ، މިސަރުކާރުގެ މައިގަނޑު އަމާޒު. މިއަމާޒަށް ވާސިލުވުމަށް ވަރަށް ހަރުދަނާ އިޤްތިޞާދީ އަދި އިޖްތިމާޢީ ސިޔާސަތުތަކެއް އަޅުގަނޑުމެންވާނީ އެކުލަވާލައި، އާންމުކޮށްފައި.

ޞިއްޙީ އަދި ތަޢުލީމީ ޚިދްމަތްތައް އިތުރަށް ފުޅާކޮށް، ދިވެހީންނަށް ވަޒީފާގެ ފުރުޞަތު އިތުރަށް ހޯދައިދިނުމަކީ، އަޅުގަނޑުމެން އެންމެ އިސްކަންދޭ ކަންތައް.

ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން:

2008 ވަނަ އަހަރު ނިމުނުއިރު، އެއަހަރުގެ ޑެފިސިޓް ހުރީ 1.4 ބިލިއަން ރުފިޔާގައި. އެއީ، މަހެއްގެ މައްޗަށް އެވްރެޖްކޮށް 116.75 މިލިއަން ރުފިޔާއަށްވުރެ އިތުރު ޢަދަދެއް.

އިތުރަށް ޚަރަދުކުރި ފައިސާ ސަރުކާރަށް ހޯދާފައިވަނީ ފައިސާ ޗާޕްޖަހައިގެން. ފައިސާ ޗާޕްޖެހިކަމުން، މިއަދު މިވަނީ ތަކެތީގެ އަގު އުފުލި، 2008 ވަނަ އަހަރުގެ އިންފްލޭޝަން ރޭޓް މިހާރު މިހުރީ 12.4 ގައި.

ރުފިޔާ އިތުރުވިކަމުން އަދި ޔޫ.އެސް.ޑޮލަރުގެ ރިޒާވް މަދުވުމުގެ ސަބަބުން، ރާއްޖޭގައި ޔޫ.އެސް.ޑޮލަރު ލިބުން މިވަނީ ވަރަށް ބޮޑަށް ދަތިވެފައި. މިކަމުގެ ސަބަބުން، ކުދިބޮޑު ވިޔަފާރިތަކަށް ނުހަނު ގެއްލުން އެބަވޭ. މިކަމަށް އަވަސް ޙައްލެއް ގެނައުމަކީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެން މިކަމަށް ދެމެހެއްޓެނިވި ޙައްލެއް އިރާދަކުރެއްވިއްޔާ ހޯދައިދޭނަން.

ވޭތުވެދިޔަ ވެރިކަމުގެ ދިގު މުއްދަތުގެ 30 އަހަރުގެ ތެރޭގައި، ވަރަށްމަދު އަހަރެއް ފިޔަވައި، އެންމެ އަހަރަކުވެސް ސަރުކާރަށް ލިބުނު އެއްޗަކުން ފުއްދާފައެއްނުވޭ. އެހެންކަމުން، ސަރުކާރަކު ޙަޤީޤީ ރިޒަރވެއް ނެތް.

2008 ވަނަ އަހަރުގެ ތެރޭގައި ސަރުކާރުންވަނީ 100.8 މިލިއަން ޑޮލަރުގެ އިތުރު ލޯނު، އެ އަހަރު އެކަނި ނަންގަވާފައި. މިހާރު އެހެންވީމާ، ސަރުކާރުގެ މުޅި ޖުމްލަ، ބޭރު މާލީ އިދާރާތަކާއި، ބޭންކުތަކަށް ދަރާފައިވާ ދަރަނި މިހުރީ، 460.86 މިލިއަން ޑޮލަރުގައި. އެއީ، އަޅުގަނޑުމެންގެ ޖީ.ޑީ.ޕީގެ ނިސްބަތުން 38 ޕަސެންޓް. ސަރުކާރުގެ ދަރަނީގެ އިންޓްރެސްޓް އަދާކުރުމަށްޓަކައި ކޮންމެ އަހަރަކު، ޚާއްޞަކޮށް 2008 ވަނަ އަހަރު 153.15 މިލިއަން ރުފިޔާ ސަރުކާރުން ޚަރަދުކޮށްފައިވޭ.

2008 ވަނަ އަހަރު ސަރުކާރަށް އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް، 2007 ވަނަ އަހަރު ލަފާކޮށްފައިވަނީ، 9.08 ބިލިއަން ރުފިޔާ. އެނގިވަޑައިގަންނަވާނެ، އެއަހަރު ނިމުނުއިރު އެހެންނަމަވެސް، ސަރުކާރަށް ލިބިފައި އޮތީ، 7.44 ބިލިއަން ރުފިޔާ. މި ޢަދަދަކީ 2007 ވަނަ އަހަރާ އަޅާބަލާއިރު އިތުރު ޢަދަދެއް. އެހެން ނަމަވެސް، ލިބޭނެ ކަމަށް އަންދާޒާކުރި ޢަދަދަށްވުރެ އެތައްތަނުން ކުޑަ ޢަދަދެއް. ޚަރަދު ކުރަން ކަނޑައެޅިފައި އޮތީ، ލިބޭނެ ކަމަށް އަންދާޒާކޮށްފައި އޮތް ޢަދަދުގެ މައްޗަށް ބިނާކޮށް. އޭގެ ނަތީޖާ އެއީ، 1.4 ބިލިޔަން ރުފިޔާއިން ސަރުކާރުގެ ބަޖެޓް ޑެފިސިޓްވެފައިވާކަން. އެ ޑެފިސިޓް ފައިނޭންސް ކުރުމަށް ސަރުކާރުން ގެންގުޅުއްވި އުޞޫލަކީ، ފައިސާ ޗާޕް ޖެހުން. ރާއްޖޭގައި ޑޮލަރުގެ ދަތިކަން އަޅުގަނޑުމެންނަށް ޢާންމުވެ މިވަނީ، މިދެންނެވި އުޞޫލުން ފައިސާ ޖެހީމާ. ޑޮލަރު މަދުވުމަށްވުރެ، ދިވެހި ރުފިޔާ ގިނަވީތީވެ، ޑޮލަރު ލިބުން ދަތިވަނީ.

ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން:

ޓޫރިޒަމްގެ ޓެކްސް އާއި ރިޒޯޓްތަކުގެ ކުލިން ސަރުކާރަށް ލިބުނީ 1.96 ބިލިއަން ރުފިޔާ. އެ ޢަދަދަކީ 2007 ވަނަ އަހަރާ އަޅާބަލާއިރު 11.1 ޕަސެންޓް ދަށް ޢަދަދެއް.

އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނީ 2.44 ބިލިއަން ރުފިޔާ. އެއީ 2007 ވަނަ އަހަރާ އަޅާބަލާއިރު އިތުރު ޢަދަދެއް.

2008 ވަނަ އަހަރު ސަރުކާރުން ކުރި ރިކަރަންޓް ޚަރަދު، ވެގެންދިޔައީ ލިބުނު އާމްދަނީގެ 89 ޕަސެންޓަށް. ޚާއްޞަ ގޮތެއްގައި، ސަރުކާރު މުވައްޒަފުންގެ މުސާރައަށް 3.47 ބިލިއަން ރުފިޔާ މިދިޔަ އަހަރު ސަރުކާރުން ޚަރަދުކޮށްފައި އެބަވޭ.

ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން:

ރާއްޖޭގެ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ސާފުފެނާއި، ނަރުދަމާއާއި، ކަރަންޓް އަދި ބަނދަރާއި މަގުތައް ހެދުމަށް މިވަނީ ނުހަނު ބޭނުންވެފައި. އެއީ، މަދަރުސާތަކާއި، ހޮސްޕިޓަލްތަކާއި، މިސްކިތްތަކުގެ އިތުރުން. މިކަންކަން ސަރުކާރުގެ ބަޖެޓުގެ ތެރެއިން ކުރައްވާން ނިންމެވިކަމީ، މި ރާއްޖޭގެ އިޤްތިޞާދު އަދި މާލީ ޙާލަތު މިއަދު މިއޮތް ނާޒުކު ފައްތަރަށް ދިޔުމަށް ވަރަށް ބޮޑަށް ޙިއްޞާވާ އެއްކަންތައް. ސަރުކާރަށް ނުކުރެވޭނެވަރަށް އަދި މި ރާއްޖޭގެ އިޤްތިޞާދަށް ތަޙައްމަލް ނުކުރެވޭނެ މިންވަރަށް ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމެއް އުފައްދައި، އެ ޕްރޮގްރާމް ސަރުކާރުގެ ބަޖެޓުގެ ތެރެއިން ހިންގަން އުޅުނީތީވެ، އަޅުގަނޑުމެންގެ މާލިއްޔަތުވެސް، އިޤްތިޞާދުވެސް ޙަޤީޤަތުގައި މިއަދު މިއޮތް ޙާލަތުގައި މިއޮތީ.

މި ޙާލަތުގެ އަދި އެހެން، މާ ފުޅާވެގެންވާ އަޞްލެއް އެބައޮތް. ސަރުކާރުގެ އިސްރާފާއި، ސަރުކާރުގެ ބޭކާރު ޚަރަދު އިތުރުވެގެން ގޮސްފައިވާ މިންވަރާއި، ކޮރަޕްޝަން ފުޅާވެފައި އޮތް ދަރަޖަ. މިއަދު އޮޑިޓަރ ޖެނެރަލްގެ ކޮންމެ ރިޕޯޓެއް، އިނގިލި ދިއްކުރަމުންދަނީ އެތައް އެތައް ބިލިޔަން ރުފިޔާއެއްގެ ގެއްލުމަށް. ކޮރަޕްޝަނަށް. ނާޖާއިޒު ފައިދާއަށް.

އަޅުގަނޑުމެންގެ އިޤްތިޞާދު، 2008 ވަނަ އަހަރުގެ ރާއްޖޭގެ އިޤްތިޞާދު އަދި މާލީ ޙާލަތު އެންމެ ބޮޑަށް ހީނަރުކުރުވި އަނެއް ސަބަބަކީ، ސަރުކާރު ޙިއްޞާވާ ބޭންކުން އާދަޔާ ޚިލާފު ގިނަ ޢަދަދުގެ ރުފިޔާ، ވަރަށްމަދު މީސްކޮޅަކަށް ބަހާފައިވާކަން.

ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން:

ރާއްޖޭގެ ޓޫރިޒަމްގެ ސިޔާސަތު ފުޅާކުރުމަށް ދޫކުރެވުނު ރަށްތައް ދޫކުރުމުގައި، ކުލިބޮޑުވާ އުޞޫލު ގެންގުޅެފައިވުމާއި، ރަށްތައް ދޫކުރެވުނު ބައެއް ފަރާތްތަކުގެ އަތުން ބޮޑެތިވެގެންވާ އެޑްވާންސް ފައިސާ ސަރުކާރުން ނަގާފައިވުމާއި، އަދި މި ރަށްތައް ތަރައްޤީ ކުރުމަށް ބޭނުންވާ އެއަރޕޯޓްތަކާއި، ބަނދަރުތަކާއި، އެހެނިހެން އޮނިގަނޑުތައް ބިނާވެފައި ނުވުމުގެ ސަބަބުން، އެރަށްތައް ތަރައްޤީ ކުރުމަށް، އެރަށްތައް ލިބުނު ފަރާތްތަކަށް އޮތީ އިންވެސްޓްމަންޓްތައް ނުހޯދިފައި. 2008 ވަނަ އަހަރު ނިމުނުއިރު ދޫކުރެވިފައިވާ 68 ރަށުގެ ތެރެއިން ނިމި ހުޅުވިފައިވަނީ، އެންމެ 5 ރަށް.

ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން:

ކަޅުބިލަމަހުގެ ވިޔަފާރި ކުރުމަށް ދޫކުރެވިފައިވާ ޒޯނުތަކުގައި، ސަރުކާރުގެ ޙިއްޞާވާ މިފްކޯ އާއި އަދި އަމިއްލަ ކުންފުނިތަކަށްވެސް އެކަށީގެންވާ ޚިދްމަތެއް ދެވިފައެއްނުވޭ. އެންމެބޮޑު ސިއްރަކީ، އެކަމަށް ބޭނުންވާ އެކަށީގެންވާ އިންވެސްޓްމަންޓްތައް، އެފަރާތްތަކަށް ހޯދިފައިނުވާތީ.

ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން:

މާލޭގެ ބަނދަރު ކުޑަވެ، ތޮއްޖެހިފައިވާއިރު އަދި ހުޅުލޭ އެއަރޕޯޓް ތަރައްޤީ ކުރުމަށް ކޮންމެހެން ބޭނުންވެފައިވާއިރު، މިތަންތަން ތަރައްޤީ ކުރުމުގެ މަސައްކަތް ހިންގިފައެއްނުވޭ.

ރާއްޖޭގެ މާލީ ޙާލަތު އަދި އިޤްތިޞާދީ ޙާލަތު ވަނީ ނުހަނު ނާޒުކު ފައްތަރެއްގައި. ދުނިޔޭގެ އިޤްތިޞާދަށް އަންނަ ހީނަރުކަމުގެ ސަބަބުން، ރާއްޖޭގެ އިޤްތިޞާދަށް އިތުރަށް އަސަރު ކުރާނެ. ޓޫރިސްޓުން އައުން މަދުވާނެ. އާމްދަނީ ދަށްވާނެ. އެހެނަސް، މިކަންކަން ޙައްލުކުރުމަށް ބޭނުންވާ ރިޒަރވެއް މިއަދަކު އުފެދިފައެއް ނެތް. ހޯދިފައެއް ނެތް. ކުރިއަށް މިއޮތް ތަނުގައި، އަޅުގަނޑުމެންނަށް ފެންނަނީ، ސަރުކާރަށް ފެންނަނީ، ސަރުކާރުގެ އާމްދަނީ ދަށްވެގެންދާނެތަން. އެކަން ފޫބެއްދުމަށްޓަކައި، ލިބުނުއިރު ފަހަށް ރައްކާތެރި ކުރެވިފައި ނެތުމުން، ރިޒަރވެއް އުފެއްދިފައި ނެތުމުން، މި ރާއްޖެއަށް ނުހަނު ދަތިތަކާ ކުރިމަތިލާން ޖެހޭނެ. އަޅުގަނޑުމެން، މި ޢިއްޒަތްތެރި މަޖިލީހަށް، މަޖިލީހުގެ ޢިއްޒަތްތެރި ރައީސަށް، ޔަޤީންކަން އަރުވަން ބޭނުންވަނީ، މިދެންނެވި ކަންކަން މިހެން އޮތްހިނދުވެސް މި ސަރުކާރުން ރަނގަޅު ރިޒަރވެއް އުފައްދައި، ހަރުދަނާ އިޤްތިޞާދީ ސިޔާސަތެއް ތަޢާރުފު ކުރާނެކަން.

ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން:

ރާއްޖޭގެ ވަރަށް ގިނަ އަދަދެއްގެ ޒުވާނުންވަނީ ބާރުގަދަ މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައި. 2008 ވަނަ އަހަރު ރާއްޖޭގައި ބާރުގަދަ ޑްރަގްގެ ވިޔަފާރި ކުރިއަށްދިޔައީ ވަރަށްކުޑަ ހިފެހެއްޓުމެއް އޮވެގެން. ޒުވާނުން ދިޔައީ ހަލާކުވަމުން. މަސްތުވާތަކެތި އެތެރެކުރެވުނު މިންވަރު މަދެއްނުވޭ.

މަސްތުވާތަކެތީގެ ވިޔަފާރިއާ ގުޅިގެން ރާއްޖޭގެ އެކިކަންކޮޅުތަކުގައި އަދި ވަކިން ޚާއްޞަކޮށް މާލޭގައި މާރާމާރީ ހިނގަމުންދިޔައީ، ދިވެހިން ދުވަހަކުވެސް ނުދެކޭފަދަ ހަމަތަކެއްގައި، ގޮތެއްގައި. 2008 ވަނަ އަހަރުގެ ތެރޭގައި މާލޭގެ މަގުމައްޗަށް ތިން ކުއްޖަކު މަރާލައި ވައްޓާލެވުނު. ރާއްޖޭގެ އެކިކަންކޮޅުތަކުގައި، އިތުރު 4 ކުދިން މަރާލެވުނު. 2008 ވަނަ އަހަރުގެ ތެރޭގައި، އެކިއެކި ސަބަބުތަކާހުރެ 30 މީހުންނަށްވުރެ ގިނަ މީހުން އަމިއްލައަށް މަރުވި.

ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން:

މިކަންކަން މިހެން ހުރިއިރު، ބޮޑެތި ޚަރަދުކޮށްގެން ސަރުކާރުން ބިނާކޮށްފައި ހުރި ރީހެބިލިޓޭޝަން ސެންޓަރުތަކާއި، މިފަދަ ބިނާތައް ހުރީ ފަޅަށް. އެތަންތަނަށް ވާވަދެފައި. ހިންމަފުށީގައިވެސް، އައްޑުއަތޮޅުގައިވެސް.

މާފުށީގައި ހުރި މައި ޖަލުގެ ޙާލަތު އަދި ވަކިން ގޯސް. އެތަނުގައި ތިބި ކުށްވެރިންގެ ޢަދަދު އެއީ، އެ ޢިމާރާތަށް އެއްގޮތަކަށްވެސް އެކަށީގެންވާ ޢަދަދެއް ނޫން. އަދި ވަކިން ޚާއްޞަކޮށް، އެތަނުގައި ކުށްވެރިން ބެލެހެއްޓުމަށް ކުރާ ޚަރަދު އެއީ، އެއްވެސް ޙާލެއްގައި ލިބޭ ނަތީޖާއާ އަޅާބަލާއިރު، އެއްގޮތަކަށްވެސް އެކަށީގެންވާ ޢަދަދެއް ނޫން.

ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން:

މިދިޔަ އަހަރު، ޙުކުމް އިއްވި، ޙުކުމް ތަންފީޒު ކުރަން ޖެހިފައިވާ 700 އަށްވުރެ ގިނަ ކުށްވެރިންގެ ޙުކުމް ތަންފީޒުނުވެ ވީއްލިފައި ތިބި. އަދި ހައްޔަރު ކުރެވި، ތަޙުޤީޤު ކުރެވި، ޝަރީޢަތުގެ މަރްޙަލާއަށްދާން ތިބި މީހުންގެ ޢަދަދު އެއަށްވުރެ މާގިނަ. ދަޢުވާ ނުކުރެވި، އިންޞާފު ލިބުން ގިނަ ޢަދަދެއްގެ ބަޔަކަށް އޮތީ ވަރަށް ބޮޑަށް ލަސްވެފައި. މިހިރަ މިހިރަ ކަންތައްތަކަކީ، އަޅުގަނޑު ދަންނަވާނީ، މިސަރުކާރުން މިންނެތް މަސައްކަތްކޮށްގެން، އިރާދަކުރެއްވިއްޔާ ހަމަމަގަށް އަޅުގަނޑުމެން އަޅުވައިދޭނެ ކަންކަމޭ.

ޢިއްޒަތްތެރި ރައީސް، މި ޢިއްޒަތްތެރި މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން:

މިދިޔަ އަހަރުގެ ތެރޭގައި، ބޯހިޔާވަހިކަން ނެތި ތިބި މީހުން ތިބީ ހަމަ އެހާލުގައި. ޢާއިލާތައް ރޫޅުމާއި، ކުޑަކުދިންނަށް ގޯނާކުރުން ދިޔައީ އިތުރުވަމުން. އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ޢާއިލީ ގުޅުންތައް ހަރުދަނާ ކުރުމަށް، މިސަރުކާރުން ތިޔަބޭފުޅުންނަށް އަޅުގަނޑު ޔަޤީންކޮށް އަރުވަން ބޭނުން، ކެނޑިނޭޅި އިރާދަކުރެއްވިއްޔާ މަސައްކަތް ކުރާނަން.

ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން:

މިދިޔަ އަހަރުގެ ޙާލަތު އޮތީ ވަރަށް ދެރަކޮށް. ވަރަށް ދެރަކޮށް. އެ ޙާލަތު ރަނގަޅު ކުރުމަށް ރާއްޖޭގެ ރައްޔިތުންވަނީ ވަރަށް ހަރުދަނާ ދުރު ވިސްނޭ ފިޔަވަޅުތަކެއް އަޅާފައި.

ރާއްޖޭގައި ފުރަތަމައަށް ބޭއްވުނު ގިނަޕާޓީ ވާދަކުރާ ރިޔާސީ އިންތިޚާބު ބޭއްވުނީ 2008 ވަނައަހަރު. ޙާލަތު ހުރިގޮތް ކަމަށް ރައްޔިތުން ދުށީ، ސަރުކާރު ބަދަލުކުރަންޖެހޭ ގޮތަށް ކަމަށް. 2008 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގައި، 30 އަހަރުގެ ދިގު ސަރުކާރު ރައްޔިތުން ބަދަލުކުރީ، މިދެންނެވި ޙާލަތަށްޓަކައި. އޭގެ ސަބަބުން، މިހާރު އެނގިވަޑައިގަންނަވާނެ، ހިނގަމުން މިދަނީ އާ ސަރުކާރެއް. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި، ޞުލްޙަވެރި ސިޔާސީ ޙަރަކާތްތަކަށް ޖާގަދޭ، ރައްޔިތުންގެ ސަރުކާރެއް.

ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން:

އަޅުގަނޑުމެންނަކަށް އުންމީދު ނަގާލައި، އަތްއުރާލައި، މާޔޫސްވެ މިއަދު ތިބެވޭކަށެއް ނެތް. ރައްޔިތުންގެ މިސަރުކާރު ހިންގުމާ އެމް.ޑީ.ޕީ.ގެ ރިޔާސީ ކެންޑިޑޭޓެއްގެ ޙައިޘިއްޔަތުން އަޅުގަނޑު ހަވާލުވެ މިހުރީ، އިހު މިދެންނެވި ޙަޤީޤަތް އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގިހުރެ. އަޅުގަނޑުމެންނަށް އެނގޭ، މިރާއްޖޭގެ ޙާލު އޮތީ މިދެންނެވި ގޮތަށްކަން. އެހެންނަމަވެސް، ދަންނަވަން ބޭނުމީ، މާތްރަސްކަލާނގެ އިރާދަފުޅާއެކު، މިރާއްޖޭގެ ޙާލަތު ރަނގަޅު ކުރެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑުމެންނަށް އަބަދުވެސްއޮވެއޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ކުރާނަން.

ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން:

ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރުމަށްޓަކައި، މި ސަރުކާރުގެ އިޤްތިޞާދީ އަދި މާލީ ސިޔާސަތަކީ، ވިޔަފާރީގެ އުޞޫލުން ހިންގޭނެ ކަންކަން ފާހަގަކޮށް، އެކަންކަމާ ސަރުކާރުގެ ބެހުން ވީހާ ކުޑަކުރުމާއެކު، ހަމައެކަނި ވިޔަފާރީގެ އުޞޫލުން އެކަންކަން ހިންގުން. އަދި ހަމައެހެންމެ، އެއާއެކު އާމްދަނީ މަދުން ލިބޭ ރައްޔިތުންނަށް އެހީތެރިވެދޭނޭ އިންތިޒާމުތަކެއް ޤާއިމު ކުރުން. މި ޢިއްޒަތްތެރި މަޖިލީހަށް، ޢިއްޒަތްތެރި ރައީސްގެ އިޒުނައާއެކު އަޅުގަނޑު ކުޑަކުޑަ މިސާލެއް އަރުވާނަން.

މިއަދު ސަރުކާރުން ދަނީ މާލޭގައި ކަރަންޓްދޭ މައި ކުންފުނި، ސްޓެލްކޯއަށް ޚަރަދު ކުރަމުން. އެ ޚަރަދު ސަރުކާރުން ކުރަމުންދާކަމުން، މާލޭގެ ކުދިބޮޑު އެންމެހާ ރައްޔިތުންގެ، މިތަނުގައި ދިރިއުޅޭ ދޮޅުލައްކަ މީހުންގެ ކަރަންޓް ބިލަށް ސަރުކާރުން މިދަނީ ހިލޭ އެހީ ދެމުން. އަޅުގަނޑުގެ ކަރަންޓް ބިލަށްވެސް، މި ޢިއްޒަތްތެރި މަޖިލީހުގެ ހުރިހާ މެންބަރުންގެ ކަރަންޓް ބިލަށްވެސް. އަޅުގަނޑުމެން ނުދެކެން އެއީ އިންޞާފު ކަމަކަށް. އަޅުގަނޑުމެން މިބުނަނީ އެ ކުންފުނި ވިޔަފާރީގެ އުޞޫލުން ހިންގާށޭ، އިތުރު އިންވެސްޓްމަންޓް އެކުންފުންޏަށް ތަޢާރުފު ކުރާށޭ، ބޭރުގެ އެކިއެކި ފަރާތްތަކާއި އަމިއްލަ ފަރާތްތަކާ އެކުންފުނި ގުޅޭށޭ. ހިންގީމާ، އާމްދަނީ މަދުކަމުން، ކަރަންޓް ބިލް ނުދެއްކޭ ފަރުދަކުވާނަމަ، އެ ފަރުދަކަށް މި ސަރުކާރުން ހިލޭ އެހީދޭނަމޭ. އެހީތެރިވެދޭނަމޭ.

ރާއްޖޭގެ ބަނދަރުތަކާއި އެއަރޕޯޓްތަކަކީ، ސަރުކާރަށް އުފުލަންޖެހޭ ބުރައަކަށްވާކަށް ނުޖެހޭ. ގަބޫލުފުޅު ކުރައްވާ، މިއަދު ރީޖަނަލް އެއަރޕޯޓަކަށް މަހެއްގެ މައްޗަށް ދެލައްކަ ރުފިޔާ ނުލިބޭ ކަމަށްވަނީ. އަޅުގަނޑު ދަންނަވާނީ، އެއީ ބޮޑު ކީހަކުން ލިބޭނެ ޢަދަދޭ. އަޅުގަނޑުމެން ދެކޭގޮތުގައި، ވިޔަފާރީގެ އުޞޫލުން އެކިއެކި އަމިއްލަ ފަރާތްތަކާ ޙިއްޞާވެގެން، ފުރިހަމަ ޓެކްނޮލޮޖީ އާއި އަދި އިންވެސްޓްމަންޓް ލިބިގެން، ނުހަނު ފައިދާހުރި ގޮތުގައި ރާއްޖޭގެ ބަނދަރުތަކާއި އެއަރޕޯޓުތައް ހިންގިދާނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެ މަސައްކަތް އެގޮތަށް ކުރާނަން.

ބަނދަރުތަކާއި އެއަރޕޯޓުތައް ތަރައްޤީ ކުރުމަށްޓަކައި އަމިއްލަ ފަރާތްތަކާ ޙިއްޞާވެގެން، އެތަންތަން ތަރައްޤީކޮށް ހިންގޭނެ ކަމުގެ ފުރިހަމަ އިތުބާރު މި ސަރުކާރަށް އެބައޮތް. އަދި ހަމަ މި އުޞޫލުން އިތުރު ބަނދަރާއި އެއަރޕޯޓް ތަރައްޤީ ކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަންވެސް މި ސަރުކާރަށް އެބައޮތް. އަޅުގަނޑު ދަންނަވާނީ، އިރާދަކުރެއްވިއްޔާ، މި ސަރުކާރު މިދެންނެވި ކަންކަން މިމަގަށް ކުރާނެއޭ.

ޢިއްޒަތްތެރި ރައީސް، މި ޢިއްޒަތްތެރި މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން:

މިއަދު މިވަނީ ރާއްޖޭގެ ރައްޔިތުންނަށް ކިތަންމެ އަސާސީ ޚިދުމަތްތަކަކަށް ބޭނުންވެފައި. ފެނާއި، ނަރުދަމާއާއި، ބަނދަރާއި، ފުރިހަމަ ކަރަންޓާއި އަދި މަގުތައް މިވަނީ ހަދަން ޖެހިފައި. މިކަންކަން ނުކޮށް ލަސްކުރެވޭކަށެއް ނެތް. އަދި މިކަންކަން ސަރުކާރުގެ ބަޖެޓުން ކުރާން އުޅުމަކީ، ޢަމްދުން ބުއްދިވެރި ކަމެއް ކަމަކަށް މިސަރުކާރަކުން ނުދެކޭ. ދަތުރުފަތުރު ކުރުމާއި، ހޮސްޕިޓަލްތައް ހިންގުމާއި އަދި މިނޫންވެސް މިފަދަ އެތައް ކަމަކީ، ސަރުކާރުގެ ބަޖެޓުން ބޭރުން ކުރެވެންހުރި ކަންކަން. ވިޔަފާރީގެ އުޞޫލުން މި ޚިދްމަތްތައް ފޯރުކޮށްދިނުމުގައި، ވިޔަފާރީގެ އުޞޫލުން އެކަންކަން ކުރާނެ ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް ނުވަތަ ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން ހިންގާ އުޞޫލުން މިކަންކަން ކުރެވިދާނެ. ސަރުކާރުގެ އަމާޒަކީ، މިދެންނެވި ލަނޑުދަނޑިތައް ކާމިޔާބު ކުރުމަށާއި، މައިގަނޑުތައް ޢިމާރާތް ކުރުމަށް، މަދުވެގެން 500 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ރާއްޖެއަށް ގެނައުން.

އަޅުގަނޑު މިއަދު މި ޢިއްޒަތްތެރި މަޖިލީހުގެ ރައީސަށާއި، އަދި މި މަޖިލީހުގެ އެންމެހާ މެންބަރުންނަށް ފުރިހަމަ ޔަޤީންކަން އަރުވަން ބޭނުން، މިދަންނަވާ އަގުގެ އިންވެސްޓްމަންޓްސް، މިދަންނަވާ އުޞޫލުން ސަރުކާރު ޙިއްޞާވާ އަދި ސަރުކާރާއި އަމިއްލަ ފަރާތްތައް ބައިވެރިވާ އުޞޫލުން މި ރާއްޖޭގައި ހިންގުމަށް ހޯދުމަކީ، ވެދާނެ ކަމެކޭ. އެކަށީގެންވާ ކަމެކޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެކޭ. އަޅުގަނޑުމެން ކުރާނެ ކަމެކޭ.

އަޅުގަނޑުމެން އުންމީދު ކުރަނީ، ސަރުކާރުގެ ޚަރަދުގެ ތެރެއިން މަދުވެގެން އެއްބިލިއަން ރުފިޔާގެ ޚަރަދު، ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގައި ހިންގުމަށް. މިދެންނެވި 500 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްސް ތަޢާރުފު ކުރުމުގެ، ގެނައުމުގެ އިތުރުން އަދި ސަރުކާރުގެ ބަޖެޓުގެ ނުވަތަ ސަރުކާރުން މިހާރު ހިންގަމުން ގެންދާ ޚަރަދުގެ ތެރެއިން މަދުވެގެން އެއްބިލިއަން ރުފިޔާގެ ޚަރަދު، ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން ހިންގުން. އަޅުގަނޑުމެންގެ ބޭނުމަކީ، ސަރުކާރަށް ލިބޭއެއްޗަކުން ފުއްދޭނެ ގޮތެއް ހޯދުން. އަޅުގަނޑު، މަޖިލީހުގެ ޢިއްޒަތްތެރި ރައީސަށާއި، އަދި މި މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނަށް ޔަޤީންކޮށް އަރުވަން ބޭނުން، ނުވެގެންދާތަނެއްގައި މެނުވީ މި ސަރުކާރުން ލޯނެއް ނުނަގާނަން.

މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، މި މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން:

މިދިޔަ 3 މަހުވެސް އަދި ކުރިއަށް މިއޮތް 6 މަހުވެސް މި ސަރުކާރުން ހިންގާ މައިގަނޑު ޚަރަދުގެ ބޮޑުބަޔަކީ، މިދިޔަ ސަރުކާރުން ކުރަން ފަށާފައިވާ ޚަރަދުތައް. އެ ޚަރަދުތައް ހުރީ ބޮޑުކޮށް. އެހެންނަމަވެސް، މިއާ އެކުވެސް ސަރުކާރުން މިދަނީ، ކޮންމެ މަހަކުވެސް ކުރާ ޚަރަދު ކުޑަކުރުމަށް ވީހާވެސް ގިނަ މަސައްކަތެއް ކުރަމުން. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވި ފުރަތަމަ މަހު ލިބުނު އެއްޗަކަށްވުރެ ދުއިސައްތަ މިލިއަން ރުފިޔާ އިތުރަށް ޚަރަދު ކުރަން ޖެހުނު. ދެވަނަ މަހުވެސް ކަންއޮތީ ހަމަ އެފަދަ ގޮތަކަށް. ދެން އައި މަހު އިރާދަކުރައްވައިގެން، އަޅުގަނޑުމެންނަށް އެ ޢަދަދު 160 އެތައް މިލިއަން ރުފިޔާއަކަށް ތިރިކުރެވުނު. އަޅުގަނޑު މިއަދު ހެނދުނު ޢިއްޒަތްތެރި ފައިނޭންސް މިނިސްޓަރު އަރިހުން އިތުރަށް ސާފުކޮށްލިއިރުގައި، މިމަހު އަދި ހުރީ މާއުފާވެރި ގޮތަކަށް. އަޅުގަނޑުމެންނަށްވަނީ އެ ޢަދަދު 150 މިލިއަން ރުފިޔާއަށް ތިރިކުރެވިފައި. އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި، އަޅުގަނޑުމެން ސަރުކާރުގެ ޚަރަދު، ލިބޭ އެއްޗަކުން ފުއްދޭނެ މަގަށް ގެންނާނަން.

ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން:

ސަރުކާރު ޙިއްޞާވާ ކުންފުނިތަކާއެކުގައި އުފެއްދޭ ޕްރައިވެޓް ޕަބްލިކް ޕާޓްނަރޝިޕްތަކުގެ ސަބަބުން ނުވަތަ ސަރުކާރުގެ އެކިއެކި ކަންކަމުގައި ހިމެނޭ ވިޔަފާރީގެ އުޞޫލުން ހިންގޭނެ ކަންކަން އެ އުޞޫލުން ހިންގުމަށް، އެކިއެކި އަމިއްލަ ފަރާތްތަކާ ގުޅޭ ހިނދު، ސަރުކާރަށް އިތުރު އާމްދަނީއެއް ލިބޭނެ. ސަރުކާރުގެ ކުންފުންޏެއްގެ ޙިއްޞާ، އެހެން ފަރާތަކަށްދޭ ހިނދު، އެހެން ފަރާތަކާ މުޢާމަލާތު ކުރެވޭ ހިނދު، ސަރުކާރަށް އިތުރު އާމްދަނީއެއް ލިބޭނެ. އަޅުގަނޑުމެން ހަނދާނެއް ނުނެތޭނެ، މި އާމްދަނީއަކީ ހަރުމުދާ ވިއްކައިގެން ލިބޭ އާމްދަނީކަން. އެހެންވީމާ، މިފަދަ ފައިސާ ބޭނުންކުރެވޭނީ، ސަރުކާރުގެ ދަރަނި އަދާކުރުމަށާއި، އިންވެސްޓްމަންޓް އިތުރު ކުރުމަށާއި އަދި ޙަޤީޤީ ރިޒަރވެއް އުފެއްދުމަށް.

އަޅުގަނޑު މި މަޖިލީހުގެ ޢިއްޒަތްތެރި ރައީސަށާއި، ޢިއްޒަތްތެރި މެންބަރުންނަށް ޔަޤީންކޮށް އަރުވަން ބޭނުން، މި ސަރުކާރުގައި އިޤްތިޞާދީ ވިސްނުން، ހުނަރު، ޙިކްމަތް، ޢިލްމު އެބަހުއްޓޭ. އަޅުގަނޑުމެންނަށް މި ރާއްޖޭގެ އިޤްތިޞާދު އަލުން އަނބުރާ ހަމަ ތިލަފަތަކަށް ގެނެވިދާނެއޭ. އަޅުގަނޑުމެންނަށް އެކަން ކުރެވޭނީ، މިހާރުވެސް މި ޢިއްޒަތްތެރި މަޖިލިސް، މި ދައުލަތުގެ ކަންކަމާ ގުޅޭގޮތުން ތިޔަ ބަހައްޓަވާ އަހަންމިއްޔަތުކަމާއި، ތިޔަ ދެއްވާ އެއްބާރުލެއްވުން، ތިޔަ ދެއްވަމުން ގެންދަވާ އުޞޫލުން ގެންދެވީމާ. އެކަމަށްޓަކައި އަޅުގަނޑު ތިޔަބޭފުޅުންނަށް މިހިނދުގައިވެސް ޝުކުރު ދަންނަވަން ބޭނުން.

ސަރުކާރުން ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ވީހާވެސް ރައްޔިތުންނާ ގާތުން ހަމަހަމައަށް ދިނުމަށްޓަކައި، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ 7 ސްޓޭޓް މިނިސްޓަރެއް މަސައްކަތް ކުރައްވަމުން ގެންދަވަނީ، 7 ސަރަޙައްދެއްގައި. އަދި ހަމަ ލާމަރުކަޒީ އުޞޫލުން ހިންގުމަށް ބޭނުންވާ ޤާނޫނުގެ ބިލް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މަޖިލީހަށް ހުށަހެޅޭނެ. އަޅުގަނޑަށް ޔަޤީން، މި ޢިއްޒަތްތެރި މަޖިލީހަށް ވެވަޑައިގެންނެވި އެންމެ އަވަސްމިނެއްގައި އެ ބިލުގެ މަސައްކަތް މިޢިއްޒަތްތެރި މަޖިލީހުން ނިންމަވާ ދެއްވާނެ ކަމަށް. އެކަމުގެ ފުރިހަމަ އިތުބާރު އެބައޮތް. އިރާދަކުރެއްވިއްޔާ، ޤާނޫނުއަސާސީ ބުނާ މުއްދަތުގައި، ލާމަރުކަޒީ އުޞޫލުން ހިންގުމަށް ޤާނޫނުއަސާސީ ލާޒިމްކުރާ ޤާނޫނުތައް ހެދޭނެ. ރާއްޖޭގެ ރައްޔިތުން އުންމީދު ކުރަމުން ތިޔަ އަންނަ އަނެއް ދިވެހިރާއްޖެ، އިރާދަކުރެއްވިއްޔާ، އެ ރައްޔިތުންނަށް ފެންނާނެ. ލިބޭނެ.

2008 ވަނަ އަހަރު ރާއްޖޭގެ ޤާނޫނުއަސާސީވަނީ އިޞްލާޙު ކުރެވިފައި. އިޞްލާޙު ކުރެވުނު ޤާނޫނުއަސާސީ ލާޒިމްކުރާ އެތައް ޤާނޫނެއް މިވަނީ ބިލްގެ ގޮތުގައި ނިމި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިނުވާތީވެ، ފާސްނުވެ އެކުލަވާނުލެވި. އަޅުގަނޑު މި ޢިއްޒަތްތެރި މަޖިލީހަށް، މަޖިލީހުގެ ޢިއްޒަތްތެރި ރައީސަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، މިއަހަރުތެރޭގައި މިއެންމެހާ ޤާނޫނުތައް އިރާދަކުރެއްވިއްޔާ މަޖިލީހަށް ހުށަހެޅޭނެއޭ. ހަމައެހެންމެ، މިދެންނެވި ޤާނޫނުގެ އިތުރުން، ކުންފުނީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނެއް ސަރުކާރުންވާނީ މި ޢިއްޒަތްތެރި މަޖިލީހަށް މިހާރު ހުށަހަޅާފައި.

އަދި މިއަހަރު ތެރޭގައި އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަކާއި އަދި ޓޫރިސްޓް ރިސޯޓްތަކުން މިހާރު ޓެކްސް ނެގޭ ގޮތުގެ ބަދަލުގައި ވިޔަފާރީގެ ހަމަހަމަ އުޞޫލުން ޓެކްސް ނެގުމުގެ އިތުރު ބިލެއް ހުށަހެޅޭނެ. މިބިލްތަކުގެ ތެރޭގައި، ރާއްޖޭގެ ފޮރިން އިންވެސްޓްމަންޓް ފުރިހަމަކުރުމަށް ބޭނުންވާ ޤާނޫނުގެ ބިލާއި، ބިމާބެހޭ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުގެ ބިލާއި، މި އެންމެހާ ބިލްތައް، އިރާދަކުރެއްވިއްޔާ ހުށަހެޅޭނެ.

އަދި އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު، ޢިއްޒަތްތެރި ރައީސް، މި ޢިއްޒަތްތެރި މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންގެ އަރިހުން އެދެނީ، ޢަދުލު އިންޞާފަށް ނުހަނު ބޭނުންތެރި ދެބިލެއް، މަޖިލީހުގެ ތަޅުމުގައި އެބަވޭ. އެއީ، ރާއްޖޭގެ ޤާނޫނުލްޢުޤޫބާތު އިޞްލާޙު ކުރުމުގެ ބިލާއި، ޖިނާއީ އިޖުރާތުގެ ބިލް. އަޅުގަނޑު އެދެނީ، ވެވަޑައިގެންނެވި އަވަހަކަށް މިދެބިލް މިމަޖިލީހުން ނިންމަވައިދެއްވުމަށް. އަޅުގަނޑަށްވެސް ހަމަ ވަރަށް ރަނގަޅަށް ސާފުކޮށް އެނގޭ، ތިޔަބޭފުޅުންގެ މަސައްކަތްޕުޅުގެ ބުރަކަމާއި، މިހާރުވެސް މަސައްކަތް ކުރައްވަމުން ތިޔަގެންދަވާ މިންނެތް މިންވަރު. އެހެން ނަމަވެސް، ޢިއްޒަތްތެރި މެންބަރުން، ޤައުމުގެ ޙާލަތު ގޮވަނީ، މިކަންކަން އަޅުގަނޑުމެންނަށް ހަމަ ތަރުތީބަކަށް ވީހާވެސް އަވަހަކަށް ގެންދިޔުމަށް. އަޅުގަނޑަށް ޔަޤީން، ތިޔަ ޢިއްޒަތްތެރި މެންބަރުން، މިކަންކަން އޭގެ ފުރިހަމަ މުނާސިބު ވަގުތުތަކުގައި، ފުރިހަމައަށް ކުރައްވައި ނިންމަވައިދެއްވާނެކަން.

ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން:

ދުނިޔޭގެ ތިމާވެށި މިއަދު މިވަނީ ވަރަށް ނާޒުކު ފައްތަރެއްގައި. ދުނިޔޭގެ ތިމާވެށްޓަށް ލިބެމުންދާ ހީނަރުކަމުގެ ސަބަބުން، އަޅުގަނޑުމެންގެ ދިވެހިރާއްޖެފަދަ ޖަޒީރާ ޤައުމުތަކަށް ކުރާ އަސަރު ވަރަށްބޮޑު. ރަށްރަށް ގިރާ، ރަށްރަށް ވޮޑޭވެސްމެ. ގިރަމުންދާ ރަށްރަށަށް ކުރަންޖެހޭ ޚަރަދު، ދުވަހުން ދުވަހަށް މިދަނީ އިތުރުވަމުން. އިރުގެ ހޫނުކަން އިތުރުވެ، ކަނޑުގެ ލޮނުގަނޑު އުސްވަމުންދާކަން މިހާރު ޢިލްމުވެރިންނަށްވަނީ ކަށަވަރު ކުރެވިފައި.

ދުނިޔޭގައި ތަރައްޤީވެފައިވާ އެމެރިކާއާއި އިނގިރޭސިވިލާތްފަދަ އިންޑަސްޓްރިއަލް ޤައުމުތަކުންވެސް ދުނިޔޭގެ ތިމާވެށްޓާމެދު މިހާރު ދެކެމުންދާގޮތް ބަދަލުކޮށް، އެޤައުމުތަކުގެ އިޤްތިޞާދީ ސިޔާސަތު ބައްޓަން ކުރަމުންދަނީ، ތިމާވެށްޓަށް އިތުރު ހީނަރުކަން ނުލިބޭނެފަދަ ގޮތްގޮތަށް. ރައްކާތެރިކަން ހޯދަމުން. އަޅުގަނޑުދެކެނީ މިއީ ވަރަށް ރަނގަޅު ފާލެއް ކަމަށް.

އަޅުގަނޑުމެންގެ ޤައުމު ކިތަންމެ ކުޑަ ނަމަވެސް، ތިމާވެށި ރައްކާތެރިކުރުމަށް އިސްވެ ޢަމަލީގޮތުން މަސައްކަތް ކުރުމަކީ، މި ސަރުކާރުގެ މުހިންމު ސިޔާސަތެއް. ދިވެހިރާއްޖޭގެ ގިރި، ފަޅާއި އަދި ފަރުތަކާއި، ޖުމްލަކޮށް ރާއްޖޭގެ ތިމާވެށްޓަށް ވަމުންދާ ގޮތްތައް ދިރާސާކޮށް ތަޙްލީލު ކުރުމަށް ވަރަށްބޮޑު އަހަންމިއްޔަތު ކަމެއް މި ސަރުކާރުންދޭނަން. މިގޮތުން، ދުނިޔޭގެ ބޮޑެތި ޔުނިވަރސިޓީތަކާއި، އަމިއްލަ ޖަމާޢަތްތަކާ ގުޅިގެން، މިފަދަ ދިރާސާތައް ރާއްޖޭގައި ކުރެވޭނެ މަގު މިހާރުވާނީ ފަހިކޮށްދެވިފައި.

ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން:

އަޅުގަނޑު މި ޢިއްޒަތްތެރި މަޖިލީހަށާއި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ދަންނަވަން ބޭނުމީ، ޙާލަތު ދެރައޭ. މިއަދުގެ ޙާލަތު، އިޤްތިޞާދީ ޙާލަތު، އިޖްތިމާޢީ ޙާލަތު، ސިޔާސީ ޙާލަތު ދެރައޭ. އެހެންނަމަވެސް، އަޅުގަނޑުމެންނަކަށެއް ނެތޭ، މާޔޫސްވެ، އަތްއުރާލައި ތިބެވޭކަށެއް. އަޅުގަނޑުމެން މިމަސައްކަތަށް ނުކުމެ މިތިބީ، އަޅުގަނޑުމެންނަށް މި ރާއްޖޭގެ ޙާލަތު ރަނގަޅު ކުރެވޭނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަޤީންކަން އަޅުގަނޑުމެންނަށް އޮވެގެންނޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިރާއްޖޭގެ ރައްޔިތުންނަށް އެކަންކަން ކޮށްދޭނަމޭ.

ރައްޔިތުންނަށް މިއަދު ދަންނަވާލަން ބޭނުންވަނީ، ތިޔަ ރައްޔިތުންގެ އުންމީދުތަކާއި ތިޔަ ރައްޔިތުންގެ ދިރިއުޅުން ބާއްޖަވެރިކުރުމަށް މެނުވީ، މި ސަރުކާރު ދެމިނޯންނާނެއޭ. މިސަރުކާރު ދެމިއޮތުމުގެ ހަމައެކަނި ބޭނުމަކީ، ރައްޔިތުންނަށް ޚިދްމަތް ކޮށްދިނުމޭ. އަޅުގަނޑުމެން، ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުމޭ. މި ސަރުކާރުން ކަންކަން ކުރަމުންދާއިރުގައި، އެންމެ ހިނދުކޮޅަކުވެސް އަޅުގަނޑުމެންގެ ހިތްތަކުން ކެހިގެނެއް ނުވާނެއޭ، މި ސަރުކާރަށް ލިބޭ ކޮންމެ ފައިސާ ފޮއްޗަކީ، ރައްޔިތުންގެ ފައިސާކަން. އެފައިސާ ޚަރަދު ކުރަންވީގޮތް ސަރުކާރުގެ އުޞޫލުތަކާއި، ހަމަތަކާއި މިންވަރުތައް ކަނޑައަޅައިދެނީ، މި ޢިއްޒަތްތެރި މަޖިލީހުން. އަޅުގަނޑުމެން، އެފައިސާ ޚަރަދުކުރާއިރުގައި، އެފައިސާއަށް ޚިޔާނާތްތެރިވެގެން ނުވާނެ. ރައްޔިތުންނަށް، ރައްޔިތުންގެ އަމާނާތެއްގެ ގޮތުގައި އެކަންކަން އިރާދަކުރެއްވިއްޔާ، ދިވެހި ރައްޔިތުންނަށް އަޅުގަނޑުމެން ބަލަހައްޓައިދޭނަން. އިރާދަކުރެއްވިއްޔާ، އެއްދުވަހަށްވުރެ އަނެއް ދުވަސް، އަޅުގަނޑުމެންގެ ރާއްޖޭގައި ދާނީ ހެޔޮވަމުން. އަދި ފަހިވަމުން، ފަރިވަމުން، ފޮޅެމުން.

އަޅުގަނޑުމެންނަށް ދަތިތަކާއި އުނދަގޫތައް ހުރަސް ކުރެވޭނެ. އަޅުގަނޑުމެންނަށް ބާއްޖަވެރިކަމާއި ފާގަތިކަން އިރާދަކުރެއްވިއްޔާ މި ދިވެހިރާއްޖެއަށް ގެނެސްދެވޭނެ. އަބަދަށްޓަކައި ބާއްޖަވެރިކަން މިރާއްޖެއަށް މިންވަރު ކުރުމަށާއި، މިރާއްޖޭގެ ރައްޔިތުންނަށް ހެޔޮގޮތް މެދުވެރި ކުރެއްވުމަށް މާތްﷲގެ ޙަޟުރަތުގައި އަޅުގަނޑު ދުޢާ ދަންނަވާ ޙާލު، ތިޔަބޭފުޅުންނާ ވަކިވެލަން.

ވަރަށް ބޮޑަށް ޝުކުރިއްޔާ!

السّلام عليكم