بسـم اللّه الرّحـمٰـن الـرّحيـم

الحمد للـه ذى العـرش رفيـع الدرجـات، شـرع للحـاكمين والمحكـومين الحقـوق والواجبـات. والصلاة والسلام على سيـدنـا محمـد، خـاتم النبـوة والرسـالات، بين للجميع حدود الحـريـات والمسئوليـات، وعلى آلـه وأصحـابـه، الذيـن كانـواللأمـة خيـرالهـداة وأحسن القدوات.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް:

السّـلام عليـكم ورحمــة اللّـه وبـركاتـه،

މިއަދު އަޅުގަނޑު މި ޢިއްޒަތްތެރި މަޖިލީހަށް މިއައީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ސަރުކާރުގެ ސިޔާސަތު ހާމަކުރާ ބަޔާނެއް ދިނުމަށް. އަދި ޤާނޫނު ނަންބަރު 68/1ޖ. ގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވައިދިނުމަށް.

އަޅުގަނޑު މަޖިލީހަށް އައުމުން، މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންގެ ނަންފުޅުގައި ވިދާޅުވި މަރްޙަބާއަށްޓަކައި، މަނިކުފާނަށާއި، ޢިއްޒަތްތެރި މެންބަރުންނަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް:

ކުރީ އަހަރުތަކެކޭ އެއްފަދައިން، މިއަހަރުވެސް، ދިވެހި ސަރުކާރުގެ މައިގަނޑު ސިޔާސަތުގެ ބިންގަލަަކަށްވާނީ:

• ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތް ކުރުމާއި، ރާއްޖޭގެ ރައްޔިތުންގެ މަތިވެރި އިސްލާމީ ޢަޤީދާ ރައްކާތެރި ކުރުމަށް މަސައްކަތްކުރުން.

• އަދި، ސުނާމީ ކާރިސާގެ ސަބަބުން ރާއްޖެއަށް ލިބުނު ބޮޑެތި ގެއްލުންތައް ފޫބައްދައި، ޤައުމު އަލުން ބިނާކުރުމަށް ކުރަމުން މިގެންދާ މަސައްކަތްތައް، މާތްاللّهގެ ވާގިފުޅާއެކު، ވަރަށް ޚާއްޞަ ގޮތެއްގައި ކުރިޔަށް ގެންދިޔުން.

• ހަމައެޔާއެކު، ރައްޔިތުންނަށް އިތުރު ކުރިއެރުމާއި އުފާ ފާގަތިކަމާއި ތަނަވަސްކަން ހޯދައިދިނުމަށް މަސައްކަތް ކުރުން.

• އަދި ދިވެހި ރައްޔިތުންގެ ޙައްޤުތައް ރައްކާތެރި ކުރުމާއި، ރައްޔިތުންގެ މެދުގައި އިޖްތިމާޢީ ހަމަޖެހުމާއި އެއްބައިވަންތަކަން ޤާއިމު ކުރުމާއި، ޤައުމުގެ އަމަންއަމާންކަމާއި ސުލްޙަމަސަލަސްކަން ދެމެހެއްޓުމަށް މަސައްކަތް ކުރުން.

• އަދި ރާއްޖޭގެ ދީމުޤްރާޠީ ނިޒާމު އިތުރަށް ވަރުގަދަ ކުރުމަށް ސަރުކާރުން ފަށްޓާފައިވާ އިޞްލާޙީ ޕްރޮގްރާމް، ހަލުވިކަމާއެކު ކުރިޔަށް ގެންދިޔުމަށް މަސައްކަތްކުރުން.

ހިންގުމުގެ ދާއިރާގައި ސަރުކާރުގެ ސިޔާސަތަކަށްވާނީ:

• ރައްޔިތުންނަށް ބޭނުންވާ ޚިދްމަތްތައް ވާސިލުކޮށްދެވޭނެ މިހާރަށްވުރެ ހަރުދަނާ ނިޒާމެއް ޤާއިމު ކުރުމާއި، ރާއްޖޭގައި ލާމަރްކަޒީ އުސޫލުން އެފަދަ ޚިދްމަތްތައް ދެވޭގޮތަށް، ސަރުކާރުގެ ހިންގުމުގެ އިދާރީ އޮނިގަނޑު ބައްޓަން ކުރުން.

• އަދި ސަރުކާރުގެ މުއައްސަސާތަކުންދޭ ޚިދްމަތުގެ ފެންވަރު ބަލަމުން ގެންދެވޭނެ ފުރިހަމަ ނިޒާމެއް ޤާއިމު ކުރުމާއި، ރައްޔިތުންނަށްދޭ ޚިދްމަތުގެ ފެންވަރު މަތިކޮށް ހަލުވިކުރުމާއި، ސަރުކާރުގެ ހިންގުމަށް ގެންނަންޖެހޭ ބަދަލުތަކާއި އިޞްލާޙުތައް ގެންނަމުން ގެންދިޔުން.

އިޤްތިޞާދީ ދާއިރާއިން ސަރުކާރުގެ ސިޔާސަތަކަށްވާނީ:

• ރާއްޖޭގެ މަސްވެރިކަމާއި ފަތުރުވެރިކަމާއި ވިޔަފާރިއާއި ދަނޑުވެރިކަމާއި މަސައްކަތްތެރިކަން ތަރައްޤީކޮށް، މި މުހިންމު ދާއިރާތަކުގައި ނުހަނު ބުރަކޮށް ހަރަކާތްތެރިވާ އެންމެންނަށާއި، މުޅި ޤައުމަށް ލިބޭ އާމްދަނީ އިތުރުކުރުމަށް މަސައްކަތް ކުރުން.

• ޖުމްލަ ގޮތެއްގައި ދަންނަވާނަމަ، އިޤްތިޞާދީ ފައިދާ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފޯރުވައިދިނުމަށް މަސައްކަތްކުރުން.

އިޖްތިމާޢީ ދާއިރާއިން ސަރުކާރުގެ ސިޔާސަތަކަށްވާނީ:

• މަސްތުވާ ތަކެތީގެ ނުރައްކަލުން ދިވެހި ޤައުމު ސަލާމަތް ކުރުމާއި، ކުށްކުރުން މަދުކުރުވުން.

• ދިވެހި މުޖްތަމަޢަކީ، އުފާވެރި، ބަދަހި ޢާއިލާތަކެއް ދިރިއުޅޭ އެކުވެރި މުޖްތަމަޢަކަށް ހެދުމާއި، އަފްރާދުންނާއި ޖަމާޢަތްތަކުގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމާއި، ޖިންސުގެ ހަމަހަމަކަމުގެ އުސޫލު ހިފެހެއްޓުމާއި، ޒުވާނުންގެ ކުރިއެރުމަށް މަސައްކަތް ކުރުން.

• އަދި ރާއްޖޭގައި ދެވޭ ތަޢްލީމުގެ ފެންވަރު މަތިކޮށް، ތަޢްލީމުގެ ފުރްޞަތުތައް ފުޅާކުރުމާއި، އެކިއެކި ހުނަރުތައް ތަރައްޤީ ކުރުން.

• ހަމައެއާއެކު، ޞިއްޙީ ޚިދްމަތްތައް ފުޅާކޮށް، ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުން.

ރާއްޖޭގެ ޚާރިޖީ ސިޔާސަތަކަށްވާނީ:

• ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމާއި، ބައިނަލްއަޤްވާމީ ޞުލްޙައާއި، އެއްބާރުލުމަށް މަސައްކަތް ކުރުމާއި، ބޭރު ދުނިޔޭގައި ދިވެހިރާއްޖޭގެ ޤަދަރާއި ކަރާމާތް އުފުލުން.

• އަދި ބޭރު ޤައުމުތަކާއި ބައިނަލްއަޤްވާމީ މުޖްތަމަޢާ ރާއްޖެއާ ދެމެދު އުފެދިފައިވާ ރަޙްމަތްތެރިކަމުގެ ގުޅުންތައް، އިތުރަށް ބަދަހިކޮށް، އެފަދަ އިތުރު ގުޅުންތައް އުފެއްދުން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް:

އަޅުގަނޑު ކުރިއަށް މިގެންދާ އިޞްލާޙީ އެޖެންޑާގެ ތެރެއިން މުހިންމު ބައެއް ކަންތައްތައް މިހާރުވަނީ ކުރެވިފައި. އޭގެތެރޭގައި، ސިޔާސީ ޕާޓީގެ ނިޒާމު ތަޢާރުފު ކުރުމާއި، ޖުޑީޝަލް ސަރވިސަސް ކޮމިޝަން އުފެއްދުމާއި، މީޑިއާގެ މިނިވަންކަން ހަރުދަނާކުރުމާއި، އިންސާނީ ޙައްޤުތައް އިތުރަށް ޙިމާޔަތް ކުރުން ހިމެނޭ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރަށް، ސަރުކާރުން ހުށަހަޅާ ގިނަ ބިލުތަކަކީވެސް، އިޞްލާޙީ އެޖެންޑާގެ ތަފާތު ދާއިރާތައް ތަންފީޒު ކުރުމުގެ މަޤްޞަދުގައި ހުށަހަޅާ ބިލުތަކެއް. މީގެތެރޭގައި، ސިޔާސީ ޕާޓީއާބެހޭ ބިލަކާއި، ސިފައިންނާބެހޭ ބިލަކާއި، ފުލުހުންނާބެހޭ ބިލަކާއި، ދިވެހިރާއްޖެއަށް އާ ޤާނޫނުލްޢުޤޫބާތެއް ތަޢާރުފް ކުރުމުގެ ބިލެއް ހިމެނޭ.

މި ބިލުތަކުގެ އިތުރަށްވެސް، އިޞްލާޙީ އެޖެންޑާގެ އެކިބައިތައް ތަންފީޒު ކުރުމަށްޓަކައި ގިނަ އަދަދެއްގެ ބިލުތައް މިއަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ކުރިޔަށް އެބަގެންދަން. މީގެއިތުރުން، އިޖްތިމާޢީ އަދި އިޤްތިޞާދީ ދާއިރާގެ މުހިންމު ބިލުތަކެއްވެސް، މިއަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭނެ.

ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ މަސައްކަތަކީވެސް، އިޞްލާޙީ އެޖެންޑާގެ ވަރަށް މުހިންމު ބައެއް. މިކަން މިހެން އޮތުމާއެކު، އެއްރޫޙެއްގައި މަސައްކަތް ކުރައްވައިގެން، ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ މަސައްކަތް، ވެވަޑައިގެންނެވި އެންމެ އަވަހަކަށް ނިންމަވައިދެއްވުމަށް، ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް، މި ފުރްޞަތުގައިވެސް، އަޅުގަނޑު ގޮވާލަން.

ޝަރްޢީ ނިޒާމު އިތުރަށް ފުޅާކުރުމަށްޓަކައި، މިއަހަރުގެ ތެރޭގައި، އާބިޓްރޭޝަން ނުވަތަ ޞުލްޙަކޮށްގެން މައްސަލަތައް ޙައްލުކުރެވޭނެ ނިޒާމެއް، ޤާއިމު ކުރުމުގެ މަސައްކަތް ފެށިގެންދާނެ.

ސަރުކާރުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ސަރުކާރުގެ ވަޒީފާއާބެހޭ ކަންތައްތައް ހިންގުމަށް، ސިވިލް ސަރވިސް ކޮމިޝަނެއް އުފެއްދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރުދަނީ ކުރެވެމުން. އަދި ސަރުކާރުގެ މުވައްޒަފުންގެ ފެންވަރު މަތިކުރުމާއި، ހިންގުމުގެ ދާއިރާގެ ތަފާތު ހުނަރުތަކުގެ ތަމްރީނުތައް ދިނުމަށްޓަކައި، ޕަބްލިކް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓެއް ޤާއިމު ކުރުމަށްވެސް ވަނީ ރޭވިފައި.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް:

ރާއްޖޭގެ އިޤްތިޞާދު 2004 ވަނަ އަހަރު ވަނީ 9.5 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައި. އެހެން ނަމަވެސް، ސުނާމީ ކާރިސާގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ވަރަށް ބޮޑަށް ދަށަށް ދިޔުމާއި، ތައްޔާރީ އަންނައުނުގެ ބާވަތްތައް އެކްސްޕޯޓް ކުރުން ހުއްޓުމުގެ ނަތީޖާއެއްގެ ގޮތުން، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން 2005 ވަނަ އަހަރު ވަނީ، ވަރަށްބޮޑުތަން ދަށަށްގޮސްފައި.

ސުނާމީ ކާރިސާގެ ސަބަބުން ރާއްޖެއަށް ލިބުނު ބޮޑެތި ގެއްލުންތައް ފޫބެއްދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް، މާތްاللّهގެ ވާގިފުޅާއެކު، ހުއްޓުމެއްނެތި މިއަހަރުގެ ތެރޭގައިވެސް ކުރަމުން ގެންދާނަން. މި މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިޔަށް ގެންދިޔުމުގައި، ދިވެހި ރައްޔިތުން ދައްކަވާދެއްވާފައިވާ އެއްބާރުލެއްވުމާއި، އެއްބައިވަންތަކަމުގެ ރީތި ނަމޫނާއަށްޓަކައި، ދިވެހި ރައްޔިތުންނަށް އަޅުގަނޑު ޝުކުރު ދަންނަވަނީ، ހިތުގެ އެންމެ ފުންމިނުން.

ރާއްޖެއަށް އެހީދޭނެކަމަށް ބުނެފައިވާ ބައެއް ޤައުމުތަކުންނާއި ޖަމާޢަތްތަކުން އެ އެހީތައް އަދި ލިބިފައި ނުވާތީ، އެ އެހީތައް ހޯދުމަށާއި، ބޭރުގެ އިތުރު އެހީ ހޯދުމަށްވެސް، އާ ބާރަކާއެކު ސަރުކާރުން މިހާރުވެސް މަސައްކަތް ކުރަމުން އެބަގެންދަން.

ސުނާމީ ކާރިސާއާ ގުޅިގެން، ގެދޮރު އިމާރާތް ކުރުމަށާއި، ގެދޮރު މަރާމާތު ކުރުމަށް، ސަރުކާރުން ހިންގަމުން މިގެންދާ މަޝްރޫޢުގެ މަސައްކަތްތަކާއި، ބޭރުގެ އެކިއެކި ޤައުމުތަކާއި، އެކިއެކި ޖަމްޢިއްޔާތަކުގެ އެހީގައި އެކިރަށްރަށުގައި އިމާރާތް ކުރެވޭ ގެތައް، އިމާރާތް ކުރުމުގެ މަސައްކަތް ދަނީ ހިނގަމުން. އަދި މަސައްކަތް ނިމެމުންދާވަރަކުން ދާއިމީ ގޭގެއަށް މީހުން ދަނީ ބަދަލުވަމުން.

ސުނާމީ ކާރިސާއަށްފަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު، ވޭތުވެދިޔަ އަހަރު މަދުވި ކަމުގައިވިޔަސް، ސަރުކާރާއި ފަތުރުވެރިކަމުގެ ދާއިރާާއިން މިދިޔަ އަހަރު ކުރި ގިނަގުނަ މަސައްކަތްތަކުގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަން އަހަރު ނިމުނުއިރު ވަނީ، ވަރަށްބޮޑުތަން ރަނގަޅުވާން ފަށާފައި.

ފަތުރުވެރިކަމަކީ، ރާއްޖޭގެ އިޤްތިޞާދީ ދާއިރާތަކުގެ ތެރެއިން އެންމެބޮޑު ފައިދާއާއި މަންފާ ލިބޭ ދާއިރާ ކަމަށްވާތީ، ޓޫރިސްޓް ރިޒޯޓު ހެދުމަށް އިތުރު 35 ރަށެއް ދޫކުރުމުގެ މަސައްކަތް، އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ފެށޭނެ. އަދި ރިޒޯޓު ތަރައްޤީ ކުރުމުގައި ސަރުކާރާއެކު ބައިވެރިވުމަށް، ރައްޔިތުންގެ ތެރެއިން އެދޭ ބަޔަކަށް ހިއްސާ ގަނެގެން ބައިވެރިވެވޭގޮތަށް، ޕަބްލިކް ކުންފުންޏެއް ވަރަށް އަވަހަށް ޤާއިމު ކުރެވޭނެ.

މީހުން ދިރިއުޅޭ ސަރަޙައްދަކާ އެއްގަމުން ގުޅިފައިވާ ސަރަޙައްދުތަކުގައި ބިނާކުރެވޭ ރިޒޯޓުތަކަކީ، އެ ސަރަޙައްދެއްގައި ދިރިއުޅޭ ދިވެހިންނަށާއި، ރާއްޖޭގެ އެހެން ސަރަޙައްދުތަކުގައި ދިރިއުޅޭ ދިވެހިންނަށްވެސް ހިއްސާ ގަނެވޭގޮތަށް އުފައްދާ، ސަރުކާރާއި ރައްޔިތުން ބައިވެރިވާ ކުންފުންޏަކުން ތަރައްޤީކުރާ ރިޒޯޓުތަކަކަށް ހެދުމަށްވެސް، ސަރުކާރުން މިހާރު ވާނީ ނިންމާފައި.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް:

ރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ، އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓަށް އިތުރަށް ހުޅުވާލައިގެން، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން ހަލުވިކުރުމަށާއި، ދިވެހިންނަށް ވަޒީފާގެ ފުރްޞަތުތައް ހޯދައިދިނުމުގެ އިތުރު މަސައްކަތްތަކެއްް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ފެށޭނެ. އަދި މަސްވެރިކަމާއި ދަނޑުވެރިކަމަކީ، ރައްޔިތުންނަށް ބޭނުންވާ މިންވަރަށް އޮށްޓަރު ރަނގަޅު ކާނާ ލިބިދިނުމުގެ ވަސީލަތްތަކަކަށް ހެދުމަށާއި، ދަނޑުވެރިކަމުގެ ބާވަތްތައް ދެމެހެއްޓެނިވި ގޮތަކަށް އިތުރުކުރުމަށް މަސައްކަތް ކުރެވޭނެ.

މި ފުރްޞަތުގައި، މަސްވެރިން ބާނާ މަސް ގަނެ ފިނިކޮށްފައި ބެހެއްޓުމުގެ ޖާގަ އިތުރު ކުރުމުގެ މަސައްކަތް، ޚާއްޞަ މަސައްކަތެއްގެ ގޮތުގައި ސަރުކާރުން މިއަހަރު ކުރަމުން ގެންދާނެ ވާހަކަވެސް ދަންނަވަން.

ރާއްޖޭގެ ތަރައްޤީއާއި އިޤްތިޞާދު ކުރިއަރުވައި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރެވޭނީ، ބޭރުގެ އިންވެސްޓަރުންނަށްވެސް، ރާއްޖޭގައި އިންވެސްޓް ކުރެވޭނެ ގިނަ ދާއިރާތަކެއް ކަނޑައެޅިގެން ކަމަށްވާތީ، އެފަދަ ފުރްޞަތުތައް ހުޅުވާލުމުގެ މަސައްކަތް، މާތްﷲގެ ވާގިފުޅާއެކު މިއަހަރުގެ ތެރޭގައި ކުރަމުން ގެންދާނަން. އަދި ރާއްޖޭގައި ވިޔަފާރިއަށް ފަހި މާޙައުލެއް ޤާއިމު ކުރުމަށްޓަކައި، އެކަމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތްވެސް، އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ކުރެވޭނެ.

އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން، ދިރިއުޅެން ފަސޭހަ ބޮޑެތި ރަށްރަށަށް މީހުން ބަދަލުކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައްވެސް، ދަނީ ހިނގަމުން. ސުނާމީ ކާރިސާގެ ސަބަބުން ގެދޮރު ނެތިދިޔަ މީހުންނާއި، ދިރިއުޅެން ފަސޭހަ ރަށްރަށަށް ބަދަލުވާން އެދޭ މީހުންވެސް، އެފަދަ ރަށްރަށަށް މިގެންދަނީ ބަދަލުކުރަމުން.

މިގޮތުން، އެއްރަށުން އަނެއް ރަށަށް މީހުން ބަދަލުކުރުމުގެ މަސައްކަތް، މިއަހަރުވެސް އިރާދަކުރެއްވިއްޔާ ހިނގަމުންދާނެ. އަދި މީހުން ބަދަލުކުރުމަށް ބޭރުގެ އެކިއެކި ޖަމާޢަތްތަކުގެ އެހީގައި ހިނގަމުންދާ މަޝްރޫޢުގެ މަސައްކަތްތައްވެސް ކުރިޔަށްދާނެ.

މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން، މިއަންނަ އަހަރުން ފެށިގެން ޔުނިވަރސިޓީއަކަށް ބަދަލުކުރުމަށް ހަމަޖެހިފައިވާތީ، އެކަމާ ގުޅިގެން ޢަމަލީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް، މިހާރު މިގެންދަނީ ކުރަމުން. ރާއްޖޭގައި ޔުނިވަރސިޓީއެއް އުފެދޭކަން އެއީ، ތަރައްޤީގެ މަގުގައި ރާއްޖެ ހާސިލުކުރާ ވަރަށް މުހިންމު ލަނޑުދަނޑިއެއް ކަމަށް އަޅުގަނޑު ދެކެން.

ރާއްޖޭގައި ސާނަވީ ތަޢްލީމު ފުޅާކުރުމުގެ މަރްޙަލާގެ ތެރޭގައި، ސާނަވީ ފެންވަރަށް ކިޔަވައިދޭ ދިވެހިންގެ ނިސްބަތް އިތުރުކުރުމަށްވެސް، މިގެންދަނީ މަސައްކަތް ކުރަމުން.

ދިވެހި ރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަމަކީ، ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދޭ ކަމެއް ކަމަށްވާތީ، ޞިއްޙީ ފަރުވާއަށް ބޭނުންވާ މީހުންނަށް، އިތުބާރާއެކު ޞިއްޙީ ފަރުވާ ލިބޭނެ ނިޒާމެއް ޤާއިމުވެފައި އޮތުމުގެ މުހިންމުކަން ވަރަށްބޮޑު.

އެހެންކަމުން، ހެލްތް އިންޝުއަރެންސް ސްކީމެއްގެ ޚިދްމަތް ލިބިދެވޭނެ ގޮތަކާމެދު ކުރެވުނު ދިރާސާތަކުގެ އަލީގައި، ޤާއިމުކުރެވޭ ހެލްތް އިންޝުއަރެންސް ސްކީމެއް، އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ތަޢާރުފު ކުރެވޭނެ.

މި ސްކީމް ފުރަތަމަ ތަޢާރުފު ކުރެވޭނީ، ސަރުކާރުގެ މުވައްޒަފުންނަށް. މި ނިޒާމު ހިންގަން ފެށުމަށްފަހު، ސަރުކާރުގެ ކުންފުނިތަކާއި، އަމިއްލަ ފަރާތްތަކުގައި ވަޒީފާ އަދާކުރާ މީހުންނާއި، އާންމުންގެ ތެރެއިން މި ސްކީމްގައި ބައިވެރިވާންއެދޭ މީހުންނަށް، މި ސްކީމް ފުޅާކުރެވޭނެ.

އަތޮޅު ހޮސްޕިޓަލް ޤާއިމު ނުކުރެވިހުރި އަތޮޅުތަކުގައި، މާތްاللّهގެ ވާގިފުޅާއެކު، މިއަހަރު އަތޮޅު ހޮސްޕިޓަލް އުފައްދައި، އެ ހޮސްޕިޓަލުތަކުގައި ޚިދްމަތްދޭން ފެށޭނެ. އަދި އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުންދޭ ޚިދްމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށާއި، ޚިދްމަތް ފުޅާކުރުމަށް އިތުރު މަސައްކަތްތަކެއް ކުރެވޭނެ.

މީގެއިތުރުން، އަތޮޅުތަކަށް އަމާޒުކޮށްގެން އިތުރު ރަށްރަށުގައި ޞިއްޙީ މަރްކަޒުތަކާއި ހެލްތް ޕޯސްޓް އުފައްދައި، އަތޮޅުތަކުގައި ދެވޭ ޞިއްޙީ ޚިދްމަތްތަކަށް މިހާރަށްވުރެ ލުއިފަސޭހަ ގޮތްތައް ހޯދައިދެވޭތޯ، މިގެންދަނީ މަސައްކަތް ކުރަމުން.

ދުނިޔޭގައި މިވަގުތު ދޫނި ރޯގާ ވަރަށް ހަލުވިކޮށް ފެތުރެމުންދާތީ، ރާއްޖޭގައިވެސް، މި ވަބާއިން ރައްކާތެރިވުމަށްޓަކައި، އަޅަންވީ ފިޔަވަޅުތަކާމެދު ލަފާ ދެއްވުމަށް، ވަޒީރުންގެ ކޮމިޓީއެއް މިހާރު ވަނީ އުފައްދާފައި. ބައެއް ފަރާތްތަކަށް ވަގުތީ ދަތިތަކެއް ކުރިމަތިވިޔަސް، ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުން ދެއްވާ އިރްޝާދުތަކާ އެއްގޮތްވާ ގޮތުގެމަތިން، މުޅި ޤައުމުގެ ސަލާމަތަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ، ހުރިހާ އެންމެންގެ އެއްބާރުލުން ލިބުން ވަރަށް މުހިންމު ކަމެއް.

ޢާއިލީ ގުޅުންތައް ބަދަހިކުރުމަށް ކުރަމުން މިގެންދާ މަސައްކަތްތަކުގެ ތެރޭގައި، ޢާއިލާއާބެހޭ ޤައުމީ ސިޔާސަތު އެކުލަވާލުން ހިމެނޭ. އަދި މާލޭގެ އަވަށްތަކުގަޔާއި، ރާއްޖޭގެ އަތޮޅުތަކުގައި އިޖްތިމާޢީ ރައްކާތެރިކަމުގެ މަރްކަޒުތަކެއް، އިރާދަކުރެއްވިއްޔާ ކުރިޔަށްއޮތް ތިންއަހަރުގެ ތެރޭގައި ޤާއިމުކޮށް ނިމޭނެ.

މުސްތަޤްބަލުގެ ޖީލަކީވެސް، ޤައުމަށް ހެވާއި ލާބަ ހޯދައިދޭ ޖީލެއް ކަމަށް ހެދުމަށް، މިއަދުގެ ޒުވާން މައިންބަފައިންނަށް ބޭނުންވާ ހުނަރާއި މަޢްލޫމާތު ފޯރުވައިދިނުމަށްޓަކައި، ޒުވާން މައިންބަފައިންނަށް އަމާޒުކޮށްގެން، ތަމްރީނާއި ހޭލުންތެރިކަމުގެ ޕްރޮގްރާމުތަކެއް މިއަހަރުގެ ޒުވާނުންގެ ދުވަހު ފަށާގޮތަށް، މިހާރު ވަނީ ހަމަޖެހިފައި.

މިއަދު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެބޮޑު އެއްމައްސަލައަކީ، މަސްތުވާ ތަކެތީގެ މައްސަލަ. މަސްތުވާ ތަކެތީގެ ނުރައްކަލުން ދިވެހި ޤައުމު ސަލާމަތް ކުރުމަށް ހިންގަމުން މިގެންދާ ޤައުމީ ކެމްޕޭނުގެ މަސައްކަތްތައް، އާ ބާރަކާއެކު މިހާރު ވަނީ ފެށިފައި.

މަސްތުވާ ތަކެތީގެ ވަބާގައި ޖެހިފައިވާ މީހަކު، ތިމާގެ އަމިއްލަ ނަފްސަށް ދީފާނެ ގެއްލުމަކުން، ނުވަތަ އެހެންވެސް މީހަކަށް ކުރިމަތިކޮށްފާނެ ނުރައްކަލަކުން ސަލާމަތް ކުރުމުގެ ގޮތުން، އެފަދަ މީހަކު ޤާނޫނީ ހަމަތަކުގެ މަތިން މުޖްތަމަޢާ އެކަހެރިކޮށް، ފަރުވާ ދިނުމަށްޓަކައި، ޢަމަލު ކުރަންވީ ގޮތުގެ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައި.

މަސްތުވާ ތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމުގެ ނިޒާމު ފުރިހަމަކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރޭގައި، މިހާރު ފަރުވާދޭ ދެ މަރްކަޒުގެ ޖާގަ ބޮޑުކުރުމާއި، ފަރުވާއަށް ބޭނުންވާ މީހުންނަށް، ފަސޭހަކަމާއެކު ފަރުވާ ލިބޭނެގޮތް ހަމަޖެއްސުން ހިމެނޭ. އަދި މަސްތުވާ ތަކެތި ބޭނުންކުރާ މީހުންނަށް، ފަރުވާ ދިނުމުގެ ކަންތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން، ޤާނޫނީ ބިލެއް އެކުލަވާލައި އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ވާހަކަ ދަންނަވަން.

ރައްޔިތުންނަށް ހިޔާވަހިކަން ހޯދައިދިނުމަށް، ކުރަމުން މިގެންދާ މަސައްކަތްތަކުގެ ތެރޭގައި، ހުޅުމާލޭގައި މިހާރު ބިނާކުރެވެމުންދާ ގެތަކާއި، އެއްކޮޓަރީގެ ފްލެޓުތައް ޢިމާރާތްކޮށް، އިރާދަކުރެއްވިއްޔާ މިއަހަރު ނިންމައި، ކަނޑައެޅޭ އުސޫލަކުން އެތަންތަން ވިއްކަން ފެށޭނެ.

މީގެއިތުރުން، ހުޅުމާލޭގައި އިތުރު ފްލެޓު ޢިމާރާތް ކުރުމުގެ މަސައްކަތާއި، އިތުރު ގޯތި ވިއްކުމުގެ މަސައްކަތްވެސް، މިއަހަރުގެ ތެރޭގައި ކުރުމަށް ވަނީ، ހަމަޖެހިފައި. އަދި ގެދޮރުވެނީގެ ގޮތުގައި ބިން ތަރައްޤީ ކުރުމަށްޓަކައި، އަމިއްލަ ފަރާތްތަކަށް ބިން ވިއްކުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި.

ރާއްޖޭގެ ތަރައްޤީގެ 7 ވަނަ ޤައުމީ މަޝްރޫޢުގެ ފުރަތަމަ ދެލިކޮޕީ މިހާރު ވަނީ، އެކުލަވާލައި ނިމިފައި. އަދި ސަރުކާރުގެ ދާއިރާތަކުން މިއަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ހިންގަވަންޖެހޭ ކަންކަމުގެ ޢަމަލީ މަސައްކަތްވެސް، ވަނީ ފެށިފައި. މި މަޝްރޫޢާ ބެހޭގޮތުން، މިއަހަރުގެ ތެރޭގައި ސަރަޙައްދީ އަދި ޤައުމީ ފެންވަރުގައި މަޝްވަރާތައް ބާއްވައި، މިއަހަރުގެ ފަހުކޮޅު މި މަޝްރޫޢުގެ ލިޔުން ޢާންމުކޮށް ޝާއިޢު ކުރެވޭނެ ކަމަށް ފެނޭ.

ރަށްރަށަށް ކުރިމަތިވެފައިވާ ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމަށް ހިންގަމުން މިގެންދާ ޚާއްޞަ މަޝްރޫޢުގެ ދަށުން، މިދިޔަ އަހަރު އެއްފަހަރާ ހަ ސަރަޙައްދެއްގައި މަސައްކަތް ކުރެވިފައިވޭ. އަދި މިއަހަރު މި މަސައްކަތް އިތުރަށް ހަލުވިކުރުމަށް ވަނީ ރޭވިފައި.

ރާއްޖޭގެ އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުން އަންނަ މާޗުމަހު ބޭއްވުމަށް ހަމަޖެހިފައިވާތީ، މި މަސައްކަތަށް ވަރަށް ފުރިހަމަ އެއްބާރުލެއްވުމެއް ދެއްވުމަށް، ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަން.

ރާއްޖޭގެ ތިމާވެށީގެ ޙާލަތުގެ ނާޒުކުކަން، ސުނާމީ ކާރިސާގެ ސަބަބުން އިތުރަށް މިވަނީ ސާބިތުވެފައި. އެހެންކަމުން، ރާއްޖޭގެ ތިމާވެށްޓަށް ކުރިމަތިވަމުންދާ މައްސަލަތަކާއި އަޅުގަނޑުމެންގެ ދިރިއުޅުމާ ހުރި ގުޅުންތަކާމެދު އިތުރަށް ހޭލުންތެރިވެ، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގައި އެންމެންގެ ޒިންމާއާއި އެއްބާރުލުން އިތުރުކުރުމަކީ، ރާއްޖޭގެ ތިމާވެށި ދުޅަހެޔޮކަންމަތީ ދެމެހެއްޓުމަށް، މިފަދަ ދަނޑިވަޅެއްގައި އެޅޭނެ ވަރަށް މުހިންމު ބާރެއް.

2001 ން 2005 އަށް އެކުލަވާލެވުނު ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ސިޔާސަތުގެ ދަށުން މިހާތަނަށް ހާސިލު ވެފައިވާ ކަންތައްތަކާއި، ހާސިލުނުވެ ހުރި ކަންތައްތަކަށް ވިސްނައި، ކުރިޔަށްއޮތް ފަސްއަހަރަށް ޓެލެކޮމިއުނިކޭޝަންގެ ދާއިރާ ބައްޓަންކުރާނެ ސިޔާސަތެއް، މާތްﷲގެ ވާގިފުޅާއެކު މިއަހަރުގެ ތެރޭގައި އެކުލަވާލެވޭނެ. އަދި މިއަހަރު ޤާއިމު ކުރެވޭ ކޮމްޕިއުޓަރ ވިއުގަ މެދުވެރިކޮށް، އީ-ގަވަރންމަންޓް ނިޒާމެއް އުފެއްދުމުގެ ޢަމަލީ މަސައްކަތްތައް، އިރާދަކުރެއްވިއްޔާ، މިއަންނަ އަހަރުގެ މެދެއްހާ ހިސާބުގައި ނިމޭވަރުވާނެ.

ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާއަކީ، މިނިވަން ދާއިރާއަކަށް ހެދުމަށާއި، ހަރުދަނާ އަދި ޒިންމާދާރު ގޮތެއްގައި މި ދާއިރާ ހިންގުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، އެކުލަވާލެވިފައިވާ ހަތަރު ބިލެއް މިހާރު ވާނީ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރަށް ފޮނުވާފައި. އަދި ބްރޯޑްކާސްޓިންގގެ ޤާނޫނީ ބިލަކާއި، ކޭބަލް ޓެލެވިޜަންގެ ޤާނޫނީ ބިލެއް އެކުލަވާލުމުގެ މަސައްކަތްވެސް، މިހާރު ހިނގަމުންދާ ވާހަކަ ދަންނަވަން.

ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާ މިއަދު ކިތަންމެ މިނިވަންކޮށް އޮތްނަމަވެސް، މި މިނިވަންކަމުގެ ބޭނުންކޮށްގެން ޙަޤީޤަތާ ޚިލާފު މަޢްލޫމާތުތައް ފަތުރައި، މީހުންގެ އަބުރާބެހި، މުޖްތަމަޢުގައި ބައިބައިވުމާއި ހަމަނުޖެހުން އުފެއްދުމަށް، އެ މިނިވަންކަމުގެ ބޭނުން ކޮށްގެނެއް ނުވާނެ. ޒިންމާދާރު ނޫސްވެރިކަމުގެ ހަރުދަނާ ހަމަތަކާއި، އިސްލާމީ އުޞޫލުތަކާއި، ދިވެހި މުޖްތަމަޢުގެ ރީތި އަދަބުތައް އަޅުގަނޑުމެން ހިފަހައްޓަންޖެހޭނެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް:

ރާއްޖޭގެ ސިޔާސީ މަސްރަޙަށް މިއަދު ބޮޑެތި ބަދަލުތަކެއް އަންނަމުންދާއިރު، އަޅުގަނޑުމެން އެންމެބޮޑު ސަމާލުކަމެއް ދޭންޖެހޭ ކަމަކީ، ޤައުމުގެ ހަމަޖެހުމާއި ޞުލްޙަމަސަލަސްކަން ދެމެހެއްޓުން. މިކަންކަން ދެމެހެއްޓުމުގައި، އިންސާނީ ކަރާމާތް ހިފެހެއްޓުމާއި، ޤާނޫނުތަކަށާއި ގަވާއިދުތަކަށް ޙުރްމަތްތެރިކޮށް ހިތުމާއި، އަޚްލާޤީ ރީތި އާދަތަކަށާއި އިޖްތިމާޢީ އަދަބުތަކަށް ފުރިހަމައަށް ތަބާވުމަކީ، ކޮންމެ ދިވެހި ރައްޔިތެއްގެ މައްޗަށްވެސް، އޮތް ޤައުމީ ވާޖިބެއް.

އަޅުގަނޑުމެންގެ ތެރޭގައި ޤާނޫނުތަކަށާއި ގަވާއިދުތަކަށް ޙުރްމަތްތެރިކޮށް ހިތުން ކުޑަވަމުންދާތަން، މިހާރަކަށް އައިސް ވަރަށްބޮޑަށް ފެންނަމުންދާކަމީ، ވަރަށް ހިތާމަހުރި ކަމެއް. މިކަމުގެ ސަބަބުން، މުޅި މުޖްތަމަޢަށް އަސަރު ފޯރައި، ޤައުމީ އެއްބައިވަންތަކަމަށް ބުރޫއަރައި، އަޅުގަނޑުމެންގެ ޅަދަރިންގެ އަޚްލާޤަށް ނުބައި އަސަރުތަކެއް ކުރަމުން އެބަދޭ. އަދި މިއީ، ކުރިމަގުގެ ޖީލުތަކަށްވެސް އޮތް، ވަރަށްބޮޑު ނުރައްކަލެއް.

އެހެންކަމުން، އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް، ޤާނޫނަށާއި ގަވާއިދަށް ފުރިހަމައަށް އިޙްތިރާމް ކުރުމަށް، މިއަދު އަޅުގަނޑު ވަރަށް ބޮޑަށް އިލްތިމާސް ކުރަން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް:

އަޅުގަނޑު ހުށަހަޅާފައިވާ އިޞްލާޙީ އެޖެންޑާ ކުރިޔަށް ގެންދާނެ ގޮތަކާ ބެހޭގޮތުން މަގުޗާޓެއް ތައްޔާރު ކުރުމަށްޓަކައި، ސިޔާސީ ޕާޓީތައް ގުޅިގެން މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް، އަޅުގަނޑު ވާނީ ވޭތުވެދިޔަ އަހަރު ގޮވާލާފައި.

އެހެން ނަމަވެސް، މިހާ ހިސާބަށް ދިޔައިރުވެސް މިކަމަށް އެކަށީގެންވާ އިޖާބައެއްވަނީ ނުލިބި. އިޞްލާޙީ މަސައްކަތްތަކަކީ، ލަސްކުރެވޭނެ މަސައްކަތްތަކެއް ނޫން. އެހެންކަމުން، އިޞްލާޙީ އެޖެންޑާގެ މުހިންމު ބައިތައް، ސަރުކާރުން ތަންފީޒު ކުރަން ޤަޞްދުކުރާ ގޮތުގެ މަގުޗާޓެއް، އަންނަ މާޗުމަސް ނިމުމުގެ ކުރިން ސަރުކާރުން އިޢްލާނު ކުރާނެ ވާހަކަ ދަންނަވަން. މި މަގުޗާޓުގައި، އިޞްލާޙީ އެޖެންޑާއާ ގުޅިފައިވާ ހުރިހާ މުހިންމު މަރްޙަލާތަކެއް ކަނޑައަޅައި، އެ މަރްޙަލާތައް ނިމެމުންދާނެ މުއްދަތުތައް ކަނޑައެޅިގެންދާނެ.

އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ރާއްޖޭގައި ހިނގަމުންދާ ސިޔާސީ ޕާޓީތައް ވާންޖެހޭނީ، ރާއްޖޭގެ ރައްޔިތުންނަށް މަންފާކުރަނިވި، ރާއްޖޭގެ ކުރިއެރުމަށާއި ތަރައްޤީއަށް ބޭނުންތެރި، އީޖާބީ ޚިޔާލުތަކެއް ހުށަހަޅާ ޕާޓީތަކަކަށް. ސިޔާސީ ޕާޓީތަކުގެ މަޤްޞަދު ތަފާތުވި ކަމުގައި ވިޔަސް، ޤައުމީ ކަންކަމުގައި، ހުރިހާ ޕާޓީތަކުންވެސް، އެއްވިސްނުމެއް ގެންގުޅުމުގެ މުހިންމުކަން ވަރަށްބޮޑު.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް:

ވޭތުވެދިޔަ 2005 ވަނަ އަހަރަކީ، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ވަރަށް ފުޅާ ދާއިރާއެއްގައި ކުރެވުނު އަހަރެއް. މަޖިލީހަށް ހުށަހެޅޭ ބިލުތަކާ ބެހޭގޮތުންނާއި، މަޖިލީހުގައި ވާހަކަފުޅު ދައްކަވާ އެކިމައްސަލަތަކުގައި، މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، މަޝްވަރާ ކުރައްވައި ބަހުސް ކުރައްވަމުން ގެންދަވާކަމީ، މަޖިލީހުގެ ޙަޤީޤީ ދައުރު ވަރަށްބޮޑަށް ފާޅުވެގެންދާ ކަމެއް.

މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، މިވޭތުވެދިޔަ އަހަރުވެސް އެބޭފުޅުންގެެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި ކުރައްވާފައިވާ މަސައްކަތްޕުޅުތައް ހަނދާންކުރަމުން، މަޖިލީހުގެ ޢިއްޒަތްތެރި ރައީސަށާއި، ޢިއްޒަތްތެރި މެންބަރުންނަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި ރާއްޖޭގެ ކުރިއެރުމަށާއި ތަރައްޤީއަށް ކުރަމުން މިގެންދާ މަސައްކަތްތަކުގައި، ޢިއްޒަތްތެރި މަޖިލީހުގެ ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަން، ކުރިޔަށްއޮތް ތާނގައިވެސް، ސަރުކާރަށް ލިބެމުންދާނެކަމަށް، އަޅުގަނޑު ޔަޤީން ކުރަން.

މިވާހަކަތައް ދަންނަވާލުމަށްފަހު، މާތްاللّهގެ އިސްމުފުޅުގެ ބަރަކާތުން، އަދި އެކަލާނގެ ވާގިފުޅާއެކު، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވައިދިނުމުގެ އުފަލާއި ޝަރަފު އަޅުގަނޑު ލިބިގަންނަން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ:

• މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި އަބަދުމެ ފައިތިލަ ސާބިތުކޮށްގެން ތިބުމުގެ ހެޔޮ ތައުފީޤު، މާތްاللّه އެންމެހައި ދިވެހި ރައްޔިތުންނަށް ދެއްވުން.

• ދިވެހި ރައްޔިތުންނަކީ، ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި އެއްބައިވަންތަކަމާއި ޞުލްޙަ މަސަލަސްކަމަށް ލޯބިކުރާ ބަޔަކު ކަމުގައި ދެމެހެއްޓެވުން.

• އަޅުގަނޑުމެންގެ މި ލޮބުވެތި ޤައުމު، މިނިވަންކަމާއި އަމަންއަމާންކަމާއެކު ތަރައްޤީގެ މަގުގައި، އެއްދުވަހުން އަނެއް ދުވަހަށް ހަލުވި ފިޔަވަޅުތަކެއް އަޅަމުން ގެންދިޔުމުގެ ވިސްނުމާއި ޤާބިލިއްޔަތު ދެއްވުން.

• ރާއްޖޭގެ ދީމުޤްރާޠީ ނިޒާމު ފުރިހަމަ ކުރުމަށާއި، ރާއްޖެއަށް އިޞްލާޙީ ބަދަލުތައް ގެނައުމަށް ކުރަމުން މިގެންދާ މަސައްކަތްތަކުގައި، މާތްاللّه ބަރަކާތް ލެއްވުން.

”ربنـا اغفـرلنـا ولإخواننـا الذيـن سـبقونـا بالإيمٰن، ولاتجعـل فى قلوبنـا غلا للذيـن آمنـوا؛ ربنـا إنك رءوف رحيـم.“

والسّـلام عليـكم ورحمــة اللّـه وبركاتـه.