މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން މިދިޔަ އަހަރުވެސް ބާއްވަވާފައިވަނީ ދާރުލްއާޘާރުގައެވެ. މި މުހިންމު ބައްދަލުކުރެއްވުން މިއަހަރުވެސް ދާރުލްއާޘާރުގައި ބާއްވަވަން ނިންމެވީ، ރާއްޖެއަކީ ޒަމާންވީ ތާރީޚަކާއި ޘަޤާފަތެއް އޮތް ޤައުމަކަށްވެފައި، ރާއްޖޭގެ ތާރީޚާއި ޘަޤާފަތާއި އާދަކާދަ ދައްކައިދޭ އެކިއެކި ތަކެތި، މި ޙަފްލާ ޝަރަފްވެރިކޮށްދެއްވަން ވަޑައިގަންނަވާ ރާއްޖެއިން ބޭރުގެ ބޭފުޅުންނާއި އަދި އެހެނިހެން މެހްމާނުންނަށް ތަޢާރުފްކޮށް އެރުވުމަކީ، މުހިންމު ކަމެއް ކަމަށް ދެކޭތީއެވެ. އަދި މިއީ ރާއްޖޭގެ ތާރީޚާއި ޘަޤާފަތް ދިރުވުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް ލިބޭ އިތުރު ހިތްވަރަކާއި ބާރެކެވެ. ދުނިޔޭގެ އެހެން ބައެއް ޤައުމުތަކުގައިވެސް މިފަދަ ޙަފްލާތައް، އެތަންތާނގެ ދާރުލްއާޘާރުގައި ބާއްވަމުން ގެންދެއެވެ. މި އާޘާރީ މުހިންމު ތަކެތި ހުންނާނީ ޙަފްލާއަށް ވަޑައިގަންނަވާ މެހްމާނުންނަށް ފެނިވަޑައިގަންނަވާ ގޮތަށެވެ. އަދި މިތަކެތި ބެހެއްޓިފައި ހުންނާނީ ރައްކާތެރިކަމާ އެކުގައެވެ.

މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން ދާރުލްއާޘާރުގައި ބާއްވަވަނީ، މި މުނާސަބަތަކީ ދިވެހިންގެ ތާރީޚާއި ޘަޤާފަތް އަދި ދިވެހިވަންތަކަން ދިރުވައި އާލާކުރުމަށް ލިބޭ ވަރަށް މުހިންމު ދުވަހެއް ކަމުގައިވާތީއެވެ. އެހެންކަމުން، މިއީ ވަރަށް މުހިންމު މަޤްޞަދެއް ޙާޞިލު ކުރެއްވުމަށް ކުރައްވާ ކަމަކަށްވާތީ، މިކަމުގެ ޙަޤީޤީ މަޤްޞަދު ހާމަކުރުމަށް މި ފުރްޞަތުގެ ބޭނުންކުރީމެވެ.