ހިންގުމުގެ ދާއިރާގެ އިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމް 2021 - 2023"ގެ ފަސްވަނަ ސެޝަން ބާއްވައިފި 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކެބިނެޓް އޮފީހުގެ ޕަބްލިކް އެޑްމިނިސްޓްރޭޝަން ރިފޯމް ޔުނިޓާއި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް (ސީ.އެސް.ޓީ.އައި) ގުޅިގެން ކުރިޔަށްގެންދާ "ހިންގުމުގެ ދާއިރާގެ އިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމް 2021 - 2023"ގެ ފަސްވަނަ ސެޝަން، ދިވެހިބަހުގެ އެކެޑަމީގެ އެހީތެރިކަމާ އެކު މިއަދު ބާއްވައިފިއެވެ. މި ސެޝަން ބޭއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލުގެ އޮޑިޓޯރިއަމްގައެވެ. "މިއީ ފަސޭހަ ކަމެއް" މި މައުޟޫޢަށް، މިއަދު ބޭއްވި ސެޝަންގައި، ދިވެހިބަހުން ވާހަކަދެއްކުމުގައި ބަހުގެ ދަރަޖަތައް، ބަހުގެ ހަމަތަކާ އެއްގޮތަށް ބޭނުންކުރުމާ ބެހޭ  ގޮތުން މަޢުލޫމާތު ދެއްވިއެވެ. މި ސެޝަން ނަންގަވައިދެއްވީ، ދިވެހިބަހާއި އަދަބިއްޔާތު އުނގަންނަވައިދެއްވުމުގައްޔާއި، ވާހަކަދެއްކުމާއި ޅެންވެރިކަމަށް މީހުން ތަމްރީނުކުރެއްވުމުގައި ތަޖުރިބާކާރު ބޭފުޅެއް ކަމުގައިވާ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދާރިސް އަލްފާޟިލް އާދަމް ނަޞީރު އިބްރާހީމެވެ.

ވަޒީފާގެ މާހައުލުގައި ވާހަކަދެއްކުމުގެ އަދަބުތައް ގެންގުޅެންވީ ގޮތާބެހޭގޮތުންނާއި، އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ ގޮތުން މުއާޞަލާތުކުރާނެ ގޮތްތަކާބެހޭ ގޮތުންނާއި، ވަޒީފާގެ މާހައުލަކީ އިޙްތިރާމް ކުރާ، އިޙްތިރާމް ލިބޭ މާހައުލެއްގެ ގޮތުގައި ބިނާކުރުމާ ގުޅޭ ގޮތުން މި ސެޝަންގައި މަޢުލޫމާތު ދެއްވިއެވެ. ސަރުކާރުގެ އިދާރާތައް ހިންގުމުގެ ދާއިރާގައި އުޅުއްވާ، ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި200އަށް ވުރެ ގިނަ ބޭފުޅުން މި ސެޝަންގައި ބައިވެރިވެވަޑައިގެންނެވިއެވެ.

އެގްޒެކެޓިވް އެންހާންސްމަންޓް އެންޑް އެންރިޗްމަންޓް  ޕްރޮގްރާމަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، 2021 ޑިސެންބަރު 27ވަނަ ދުވަހު އިފުތިތާހުކުރައްވައިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ، ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނަށާއި ސިވިލް ސަރވިސްގެ އިސް މުވައްޒަފުންނަށް އަމާޒުކޮށްގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ސިވިލް ސަރވިސް ކޮމިޝަން ގުޅިގެން 2 އަހަރު ދުވަހުގެ މުއްދަތައް ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ސެޝަންތައް ކުރިއަށްގެންދަނީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ކަމާ ބެހޭ މާހިރުންގެ އެހީތެރިކަމާ އެކުގައެވެ.