1.       ދިވެހިރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަމާއި އަމަންއަމާންކަން ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތަކާއި، ކުށްކުރުން މަދުކުރުމާއި އާންމުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމާއި، މުދަލާއި ފައިސާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރުން.

2.       ދިވެހިންގެ މެދުގައި ޤައުމީ އަދި ވަޠަނީ ރޫޙު އާލާކޮށް، ދިވެހި ޤައުމިއްޔަތުގެ ސިފަތައް ލިބިފައިވާ ދިވެހިވަންތަ މުޖުތަމަޢެއް ބިނާކުރުމަށް މަސައްކަތްކުރުން.

3.       ސިޔާސީ ވިސްނުމާއި ފިކުރުގެ ބޭރުން ދިވެހި މުޖުމަތަޢުގައި ކަންކަމާމެދު ޚިޔާލުފާޅުކޮށް މަޝްވަރާކުރާނެ މާހައުލެއް އުފެއްދުން.

4.       ޒިންމާދާރު ރައްޔިތުކަމާމެދު ހޭލުންތެރިކަން އިތުރުކޮށް، ޖަމާޢަތުގެ ތަރައްޤީގައި ޒިންމާދާރު ރައްޔިތުން ބިނާކުރުން.

5.       ޤައުމީ ގޮތުން ފާހަގަކުރަންޖެހޭ ދުވަސްތަކާއި މުނާސަބަތުތައް ޤައުމީ ފެންވަރުގައި ފާހަގަކޮށް، ޤައުމީ އިޙްތިފާލުތައް ބޭއްވުން.

6.       ކުށްވެރިން ބެލެހެއްޓުމާގުޅޭ ސިޔާސަތުތައް ކަނޑައަޅައި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ ސިޔާސަތުތައް ތަންފީޒުކުރުން.

7.       ޤާނޫނު ނަންބަރު 2020/34 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތިން ފުލުހުންގެ ޚިދުމަތް ދިނުމުގެ އެންމެހައި ކަންކަމުގެ ޒިންމާ އުފުލައި، އަދި ފުލުހުންގެ ޚިދުމަތް ހިނގަމުންދަނީ އެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިންކަން ކަށަވަރުކުރުމަށްޓަކައި ވަޒީރުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުން.

8.       ޤާނޫނު ނަންބަރު 2013/1 (ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު)ގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި، ކަމާބެހޭ ފާރާތްތަކާ ގުޅިގެން އެ ގަވާއިދުތައް ތަންފީޒުކުރުން.

9.       ޤާނޫނު ނަންބަރު 2013/13 (އެންޓި ޓޯޗަރ ޤާނޫނު)ގެ ދަށުން މިނިސްޓްރީން ހަދަންޖެހޭ ގަވާއިދުތައް ހަދައި، ކަމާބެހޭ ފާރާތްތަކާ ގުޅިގެން އެ ގަވާއިދުތައް ތަންފީޒުކުރުން.

10.   ޤާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) އިން މިނިސްޓްރީން ކުރަން ކަނޑައަޅާފައިވާ ކަންކަން ތަންފީޒުކުރުން.

11.   ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ތަރައްޤީކުރުމުގެ ސިޔާސަތު ކަނޑައަޅައި ވިލަރެސްކުރުން.

12.   ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު)ގެ 71 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޤައުމީ އިދާރާތަކުން ދޭ ޚިދްމަތްތައް އިދާރީ ދާއިރާތަކުން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އެ އިދާރާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

13.   ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން ރާއްޖޭގެ އިދާރީ ދާއިރާތަކުގެ ތަރައްޤީއާއި، އިދާރީކަންތައްތައް ހިނގާނުހިނގާ ގޮތް ބަލައި، ރަނގަޅުކުރަންޖެހޭ ކަންތައްތައް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

14.   ލޯކަލް ކައުންސިލްތަކުގެ ސިއްކަ ރަޖިސްޓަރީކޮށްދިނުމާބެހޭ އުސޫލު ކަނޑައަޅައި، އެ އުސޫލާއެއްގޮތަށް ލޯކަލް ކައުންސިލްތަކުގެ ސިއްކަ ރަޖިސްޓަރީކޮށްދީ، އެކަމާބެހޭ މަޢުލޫމާތު ބެލެހެއްޓުން.

15.   ދިވެހިރާއްޖޭގެ ޕްރިންޓް މީޑިއާއާއި، އިލެކްޓްރޯނިކް މީޑިއާ ތަރައްޤީކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައަޅައި، އެދާއިރާތައް ތަރައްޤީކުރުމަށް މަގުފަހިކޮށްދިނުން.

16.   ދިވެހިރާއްޖޭގެ ޕްރިންޓް މީޑިއާއާއި، އިލެކްޓްރޯނިކް މީޑިއާގެ ވަސީލަތްތައް ރަޖިސްޓަރީކުރުން.

17.   ދިވެހިރާއްޖޭގައި މަސައްކަތްކުރާ ނޫސްވެރިންނާއި ލިޔުންތެރިން ދަފްތަރުކޮށް، އެ ދަފްތަރު ބެލެހެއްޓުން.

18.   މީޑިއާގެ ރޮނގުން ބައިނަލްއަޤްވާމީ މަސްރަޙުގައި ރާއްޖެ ތަމްސީލުކޮށް ދިވެހިރާއްޖެ ބައިވެރިވާންޖެހޭ ފެސްޓިވަލްތަކާއި، ފެއަރތަކާއި އެނޫންވެސް އެފަދަ އެއްވުންތަކުގައި ރާއްޖެ ތަމްސީލުކުރުމާގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.

19.   މޯލްޑިވްސް މީޑިއާ ކައުންސިލުގެ އިންތިޚާބުގެ ކަންކަން ބެލެހެއްޓުން.

20.   އާންމުކޮށް އިޝްތިހާރުކުރުމަށް ހުއްދަ ދިނުމާބެހޭ ސިޔާސަތުތައް ކަނޑައެޅުން.

21.   ކާނިވަލް، ފަންފެއަރފަދަ ތަންތަން ހުޅުވުމުގެ ހުއްދަ ދިނުމާގުޅޭ ސިޔާސަތުތައް ކަނޑައެޅުން.

22.   އަޚްލާޤީގޮތުން މަނާ ލަވަޖެހުމާއި، އެފަދަ ލަވަކިއުން މަނާކޮށް ބެލެހެއްޓުމާގުޅޭ ސިޔާސަތުތައް ކަނޑައެޅުން.

23.   މީހެއްގެ އެއްޗަކުން ނުވަތަ ބައެއްގެ އެއްޗަކުން އަނެކަކަށް ނުވަތަ ބަޔަކަށް ތުރާވާނަމަ އެކަމެއް ފިލުވައި ދިނުމާއި އާންމު އުނދަގުލުގެ މައްސަލަތައް ބެލުމާގުޅޭ ސިޔާސަތުތައް ކަނޑައެޅުން.

24.   މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން ޤާނޫނީގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.

ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް ހިނގަމުންދާނީ، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ދަށުންނެވެ.

 

ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް

ޤާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު)ގެ 18 ވަނަ މާއްދާއިން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ މަސްޢޫލިއްޔަތުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންކަން ތިރީގައިއެވަނީއެވެ.

1.      ޤާނޫނާ ޚިލާފުވާ 18 (އަށާރަ) އަހަރުން ދަށުގެ ކުދިންގެ މައްސަލަތައް ފުލުހުން ހުށަހެޅުމުން، އެކުދިންގެ މަޞްލަޙަތު ޙިމާޔާތްކޮށްދިނުމަށް ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ކޭސް ވަރކްކުރުމަށާއި، އަދި އެކުދިން އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަށް ރީހެބިލިޓޭޝަން ޕްރޮގްރާމް ހިންގުން.

2.      ތަޙްޤީޤު މަރުޙަލާގައި ކޯޓަށް ހާޒިރުކުރެވޭ ކުދިންނާއި، ޖިނާއީ ދަޢުވާ އުފުލިފައިވާ ކުދިންގެ މަޞްލަޙަތު ޙިމާޔަތްކޮށްދިނުމަށްޓަކައި ޝަރީޢަތަށް ހާޒިރުވުން.

3.      ކުޑަކުދިން ކުށްކުރުމަށް މެދުވެރިވާ ސަބަބުތައް ދެނެގަތުމަށް ކުރަންޖެހޭ ދިރާސާތައް ކުރުން.

4.      ކުޑަކުދިން ކުށްކުރުމުން ދުރުހެލިކުރުމަށް ކަމާގުޅޭ މުއައްސަސާތަކާ ގުޅިގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.

5.      މި ޤާނޫނުގެ ދަށުން ހިންގޭ ޑައިވަރޝަންގެ ޕްރޮގްރާމްތަކާއި ކޮމިއުނިޓީ ކޮންފަރަންސިންގ ރާވައި ހިންގުން.

6.      ކުށަށް އަރައިގަންނަ ކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމަށް ހިންގަންޖެހޭ ރީހެބިލިޓޭޓިވް ޕްރޮގްރާމްތައް ކަމާބެހޭ އިދާރާތަކުގެ ބައިވެރިވުމާއެކު ރާވައި ހިންގުން.

7.      ކުޑަކުދިންގެ މަރުކަޒުތަކުގައި ބަންދުގައި ތިބޭ ކުދިންގެ ޙާލަތު މޮނިޓަރކުރުން އަދި ބަންދުކުރާ ތަންތަން މޮނިޓަރކުރެވޭނެ ނިޒާމެއް އެކުލަވާލައި ގަވާއިދުން މޮނިޓަރކުރުން.

8.      ޑިޕާޓްމަންޓްއަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ ނުވަތަ ހުށަހެޅިދާނެކަމަށް ފެންނަ ކުދިންގެ މައްސަލަތަކުގައި ނަފްސާނީ އަދި އިޖްތިމާޢީ އެހީތެރިކަން ފޯރުކޮށްދީ އަދި ހުރިހާ މަރުޙަލާއެއްގައި ކުޑަކުދިންގެ ޙައްޤުތަކާއި މަޞްލަޙަތު ޙިމާޔަތްކުރޭތޯ ބެލުން.

9.      ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ކުޑަކުދިންނާ މުޢާމަލާތްކޮށް، އެކުދިންނާމެދު ފިޔަވަޅުއެޅުމުގައި މަސައްކަތްކުރާ ފަރާތްތަށް ދެނެގަނެ އެފަރާތްތަކަށް ތަމްރީން ޕްރޮގްރާމްތައް ރާވައި ހިންގުން.

10. މުޖުތަމަޢުގައި ކުޑަކުދިން ކުށްކުރަން ދިމާވާ ސަބަބުތައް ދެނެގަތުމުގެ ގޮތުން ދިރާސާތައް ކުރުމާއި، މި މަޢުލޫމާތު ކަމާބެހޭ މުއައްސަސާތަކާ ޙިއްޞާކުރުން.

11. ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް ހުށަހެޅޭ މައްސަލަތަކުގެ ތަފާސް ހިސާބު އެއްކުރުމާއި، ކަމާބެހޭ ޑޭޓާބޭސްއެއް ޤާއިމުކުރުމާއި ބެލެހެއްޓުން.

12. ކުޑަކުދިންގެ ޢަދުލުގެ ނިޒާމަށް މުޖުތަމަޢު އަހުލުވެރިކުރުމުގެ ގޮތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުން.

13. ބައިނަލްއަޤްވާމީ މިންގަނޑުތަކާއި، ކުޑަކުދިންގެ ޢަދުލުގެ ނިޒާމަށް ކަމާބެހޭ ދާއިރާތައް އަހުލުވެރިކުރުމުގެ ގޮތުން ތަމްރީން ޕްރޮގްރާމްތައް ހިންގުން.

14. ކުށްކުރާ ކުދިންގެ ތެރެއިން މުޖުތަމަޢުން އެކަހެރިކުރަންޖެހޭ ކުދިންނަށް ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމާއި، މިފަދަ ކުދިން ބައިތިއްބާނެ މަރުކަޒުތައް ޤާއިމުކޮށް، އެ މަރުކަޒުތައް ހިންގައި ބެލެހެއްޓުން.