1.         ރައްޔިތުންނަށް ސަލާމަތް ޞިއްޙަތެއް ލިބިދިނުމަށް ބޭނުންވާ ސިޔާސަތު ކަނޑައަޅައި، އެކަމާބެހޭ އެންމެހައި ކަންތައްތައް ރާވައި، ކުރިއަރުވައި، ޑޮކްޓަރީ ބޭސްފަރުވާއާއި، ދިވެހި ބޭސްވެރިކަމާއި، އޯލްޓަނޭޓިވް މެޑިސިންގެ ބޭސްފަރުވާގެ ކަންތައްތަކާއި، އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ކަންތައްތައް ރާއްޖޭގައި ހިނގާނުހިނގާގޮތް ބެލެހެއްޓުން.

2.         ޤާނޫނު ނަންބަރު 2015/29 (ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނު) ގެ ދަށުން، ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ހުއްދަދިނުމާއި، ހުއްދަ ބާޠިލުކުރުމާއި، މިފަދަ ޚިދުމަތްތަކާއި، ޚިދުމަތްދޭ ތަންތަނާއި، އެތަންތަނުންދޭ ޚިދުމަތްތަކުގެ ފެންވަރާއި، ޚިދުމަތްދޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅައި، މިފަދަ ޚިދުމަތްތަކުގެ އަގުތައް އެކަށީގެންވާ މިންގަނޑެއްގައި ހިފެހެއްޓުން.

3.         ޤާނޫނު ނަންބަރު 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު)ގެ ދަށުން ރާއްޖޭގައި ޞިއްޙީ ޚިދުމަތްދޭ މީހުން ރަޖިސްޓްރީކުރުމާއި، އެ މީހުންނަށް މަސައްކަތްކުރުމުގެ ހުއްދަ ދިނުމާއި، މިފަދަ މީހުންގެ ފެންވަރު ބެލުމާއި، ފެންވަރު ހިފެހެއްޓުމާއި، މަސައްކަތުގައި ގެންގުޅެންޖެހޭ ފަންނީ މިންގަނޑުތައް ކަނޑައަޅައި ބެލެހެއްޓުމާއި، މަސައްކަތުގެ އަޚުލާޤީ މިންގަނޑު ހިފެހެއްޓުމާ އަދި މިކަންކަމާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން.

4.         ރާއްޖޭގެ ރަސްމީ އިދާރާގެ ހައިސިއްޔަތުން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއާއި ރާއްޖޭގެ ރެޑް ކްރެސެންޓް ސޮސައިޓީއާއެކު މުޢާމަލާތު ކުރުން.

5.         ޤާނޫނު ނަންބަރު 7/92 (އުފަންވުން ރަޖިސްޓްރީ ކުރުމާއި އުފަން ދުވަހުގެ ސެޓްފިކެޓް ހެއްދުމާއި، މަރުވާ މީހުންގެ މަރު ސާބިތުކުރުމާބެހޭ ޤާނޫނު)ގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހެދުން.

6.         ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ޙާލަތަށް އެންމެ އެކަށީގެންވާ ސައެންސާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުންނަށް ބޭނުންވާ ޞިއްޙީ ފަރުވާދެވޭނެ ތަންތަނާއި، ބަލިތައް ތަޙުލީލުކުރުމަށް ބޭނުންވާ މެޑިކަލް ލެބޯރެޓަރީގެ ޚިދުމަތާއި މިނޫންވެސް މިފަދަ ޞިއްޙީ ޚިދުމަތްތައް ދެވޭނެ ތަންތަން ޤާއިމުކޮށް، ހިންގައި ބެލެހެއްޓުން.

7.         އިމަރޖެންސީ ޞިއްޙީ ފަރުވާދިނުމުގެ ޤައުމީ ނިޒާމު ޤާއިމުކޮށް ހިންގައި ބެލެހެއްޓުމާއި، ކުއްލި ނުރައްކާތަކާއި ކާރިސާތަކަށް ތައްޔާރުވެތިބުމާއި، އެފަދަ ހާލަތްތަކުގައި ޞިއްޙީ ޚިދުމަތްތައް ފޯރުވައިދޭނެ ގޮތްތައް ރޭވުން.

8.         ޤާނޫނު ނަންބަރު 4/2012 (ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ޤާނޫނު) ގެ ދަށުން، ތެލެސީމިއާއާއި އެހެނިހެން ހީމޮގްލޮބިނޯޕަތީސް ބަލިމީހުންނަށް ދޭންޖެހޭ ފަރުވާގެ ނިޒާމެއް ޤާއިމުކުރުމާއި، އެފަދަ ބަލިމީހުންނަށް ބޭނުންވާ ލޭ ރައްކާތެރިކަމާއެކު ލިބޭނެ ނިޒާމެއް ޤާއިމުކުރުން.

9.         ޕްރައިމަރީ ހެލްތް ކެއަރއާއި ޞިއްޙީ ރައްކާތެރިކަމާގުޅޭ އަސާސީ ޚިދުމަތްތައް ދިނުން.

10.    ޕްރައިމަރީ ހެލްތް ކެއަރގެ އުސޫލުން އާންމު ޞިއްޙަތާގުޅޭ ޕްރޮގްރާމްތައް ރާވައި، މުޖުތަމަޢާއި، މިމަސައްކަތްތަކާއި ގުޅުން ހުރި އެހެނިހެން ދާއިރާތަކާ ގުޅިގެން ކޮމިއުނިޓީ އައުޓްރީޗް ޚިދުމަތްތައް ރާއްޖޭގައި ހިންގުން.

11.    ޞިއްޙީ ޚިދުމަތްތައް ދިނުމުގައި އަމިއްލަ ފަރާތްތަކާއި ޖަމުޢިއްޔާތަކުގެ އެއްބާރުލުން ހޯދުމާއި، އެފަރާތްތަކުން ކުރާ މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަމާއި ލަފާދީ، އެފަރާތްތަކާއެކު މަސައްކަތް ކުރުން.

12.    ޞިއްޙީ ޚިދުމަތްދޭ ސަރުކާރުގެ މަރުކަޒުތަކަށް ބޭނުންވާ މެޑިކަލް ސަޕްލައިތަކާއި މެޑިކަލް ކޮންސިއުމަބަލްސްއާއި އެސެންޝިއަލް މެޑިސިން ފޯރުކޮށްދީ، އެ ތަކެތި އެ ތަންތަނަށް ލިބޭކަން ކަށަވަރު ކުރުން.

13.    ލާމަރުކަޒީ އުސޫލުން ޞިއްޙީ ޚިދުމަތްފޯރުކޮށްދިނުމަށް ބޭނުންވާ ޤާބިލުކަން ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި އުފައްދައި، އެކަމަށް ބޭނުންވާ އެހީތެރިކަންދިނުން.

14.    ޞިއްޙީ ޚިދުމަތްދޭ ސަރުކާރުގެ ތަންތަނުން ރައްޔިތުންނަށް ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތްތަކާބެހޭ ސިޔާސަތުތަކާއި އުސޫލުތައް ކަނޑައަޅައި، އެ ސިޔާސަތުތަކާއި އުސޫލުތަކާ އެއްގޮތަށް ޚިދުމަތްދޭކަން ކަށަވަރުކުރުން.

15.    މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމާގުޅޭ ސިޔާސަތުތައް ތަންފީޒުކުރުން.

16.    މިނިސްޓްރީއާއި މިނިސްޓްރީގެ އެކިއެކި ދާއިރާތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ތަރައްޤީކުރުމަށް ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ލަފައާއި އެހީ ހޯދުމާއި، މިނިސްޓްރީއާއި މިނިސްޓްރީގެ އެކިއެކި ދާއިރާތަކުން ރާއްޖެއަށް ފައިދާކުރާ ކަންކަމުގައި އެ ޖަމާޢަތްތަކާ ގުޅުން ބަދަހިކުރުން.

17.    މިނިސްޓްރީގެ މަސައްކަތާ ގުޅުން ހުރި، ރާއްޖެ ބައިވެރިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކާއި، އެއްބަސްވުންތަކުގައި ހިމެނޭ މަސައްކަތްތައް ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުން. މިފަދަ ބައިނަލްއަޤްވާމީ މުޢާހަދާތައް ތަންފީޒު ކުރަމުންދާ ގޮތާބެހޭ ގޮތުން ރިޕޯޓްކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓްކުރުމާއި، މި ރިޕޯޓް އެކުލަވާލުމަށް ކުރާ ދިރާސާތަކުގެ އަލީގައި އިޞްލާޙުކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ބާރުއަޅައި، މި ކަންތައްތައް ކަމާ ގުޅުންހުރި ދާއިރާތަކުގެ ސަމާލުކަމަށް ގެނައުން.

18.    މިނިސްޓްރީގެ ދާއިރާއާ ގުޅުންހުރި އެކިއެކި ދިރާސާތައް ކުރުމާއި، އެފަދަ ދިރާސާތައް ކުރާ ފަރާތްތަކަށް ހުއްދަ ދިނުމާއި، ދިރާސާތަކުގެ ފެންވަރާއި، އެތިކްސް ހިފެހެއްޓުމާއި، މި ދާއިރާގައި ދިރާސާކުރުމުގެ މާޙައުލެއް ކުރިއަރުވައި ދިރުވުން.

19.    ޞިއްޙީ ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ މަޢުލޫމާތު ބެލެހެއްޓުމާބެހޭ މިންގަނޑުތަކާއި، ޞިއްޙީ ދާއިރާގެ މަސައްކަތްތަކާ ގުޅޭ ތަފާސްހިސާބުތައް އެއްކުރުމުގެ މިންގަނޑުތައް ކަނޑައެޅުން.

20.    ޞިއްޙީ ދާއިރާގެ މަސައްކަތްތަކާ ގުޅޭ ތަފާސްހިސާބުތައް އެއްކޮށް ބަލަހައްޓައި، އެނަލައިޒްކޮށް، މަޢުލޫމާތު ހާމަކުރުން.

21.    ޞިއްޙީ ދާއިރާއިން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމާއި، ޞިއްޙަތާއި ބަލި ބައްޔާބެހޭ މަޢުލޫމާތު ފޯރުކޮށްދިނުން.

22.     މިނިސްޓްރީގެ ދަށުން ހިނގާ ތަންތަނުގެ މަސައްކަތްތައް ހިންގުމަށް ބޭނުންވާ އިދާރީ މިންގަނޑުތައް ކަނޑައަޅައި، މަސައްކަތުގެ ފެންވަރު ހިފަހައްޓައި، އެތަންތަނުގެ މަސައްކަތްތައް ހިނގާނުހިނގާ ގޮތް ބަލައި، ވިލަރެސްކޮށް، އެތަންތަނަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމުގައި އިދާރީގޮތުންނާއި ފަންނީގޮތުން ދޭންޖެހޭ އެހީތެރިކަންދިނުން.

23.    މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން، ޤާނޫނީގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.

ތިރީގައިމިވާ ތަންތަން ހިނގަމުންދާނީ، މިނިސްޓްރީ އޮފް ހެލްތްގެ ދަށުންނެވެ.

1.        މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

2.        ހެލްތް ޕްރޮޓެކްޝަން އޭޖެންސީ

o       ދަމަނަވެށި

3.        މޯލްޑިވިއަން ބްލަޑް ސަރވިސަސް

o       ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރ

4.        ހޮސްޕިޓަލްތައް

5.        ޞިއްޙީ މަރުކަޒުތައް

6.        ޓަރޝަރީ ހޮސްޕިޓަލްތައް

7.        ނޭޝަނަލް ޑްރަގް އެޖެންސީ

 

 

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މަސައްކަތްތައް

1.         ކާބޯތަކެއްޗާއި، ބޯފެނާއި، ބޭހާއި، ކެމިކަލްތަކުގެ ތެރެއިން އާންމު ޞިއްޙަތަށް ނޭދެވޭ އަސަރުކުރާ ކެމިކަލްތަކާއި، މެޑިކަލް ގޭހާއި، ވެކްސިނާއި، މިނޫންވެސް ބައޮލޮޖިކަލް ތަކެއްޗާއި، މެޑިކަލް ޑިވައިސްތަކާއި، ޑައިގްނޮސްޓިކް ޑިވައިސްތަކާއި، ރޭޑިއޭޝަން އެމިޓިންގ ޑިވައިސްތައް ބޭނުންކުރުމުގެ މިންގަނޑުތައް ކަނޑައަޅައި، މިތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުގެ ފެންވަރު ހިފެހެއްޓުމާއި، މިކަންކަމާބެހޭ މަޢުލޫމާތު ބެލެހެއްޓުމާބެހޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

2.         ރާއްޖެއަށް އެތެރެކުރާ ބޭހާއި، ކެމިކަލްތަކުގެ ތެރެއިން އާންމު ޞިއްޙަތަށް ނޭދެވޭ އަސަރުކުރާ ކެމިކަލްތަކާއި، މެޑިކަލް ގޭހާއި، ވެކްސިނާއި، މިނޫންވެސް ބައޮލޮޖިކަލް ތަކެއްޗާއި، ޑައިގްނޯސްޓިކް ޑިވައިސްތަކުގައި ހުންނަންޖެހޭ މިންގަނޑުތަކާ އެއްގޮތަށް ހުރިތޯ ބަލައި، ޗެކްކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

3.         ރާއްޖެއަށް އެތެރެކުރާ އަދި ރާއްޖޭގައި އުފައްދާ ކާބޯތަކެއްޗާއި، ބޭހާއި، ކެމިކަލްތަކުގެ ތެރެއިން އާންމު ޞިއްޙަތަށް ނޭދެވޭ އަސަރުކުރާ ކެމިކަލްތަކާއި، މެޑިކަލް ގޭހާއި، ވެކްސިނާއި، މިނޫންވެސް ބައޮލޮޖިކަލް ތަކެއްޗާއި، މެޑިކަލް ޑިވައިސްތަކާއި، ޑައިގްނޮސްޓިކް ޑިވައިސްތަކާއި، ރޭޑިއޭޝަން އެމިޓިންގ ޑިވައިސްތަކާއި، ދުންފަތާއި ދުންފަތުގެ ބާވަތްތަކުގެ ތެރެއިން ރަޖިސްޓަރީކުރަންޖެހޭ ބާވަތްތައް ކަނޑައެޅުމާއި ރަޖިސްޓަރީކުރުން (ޕްރޮޑަކްޓް ރަޖިސްޓްރޭޝަން).

4.         ރާއްޖެއަށް އެތެރެކުރާ  ބޭހާއި، ރާއްޖޭގައި އުފައްދާ ބޭހާއި، ކެމިކަލްތަކުގެ ތެރެއިން އާންމު ޞިއްޙަތަށް ނޭދެވޭ އަސަރުކުރާ ކެމިކަލްތަކާއި، މެޑިކަލް ގޭހާއި، ވެކްސިނާއި، މިނޫންވެސް ބައޮލޮޖިކަލް ތަކެއްޗާއި، މެޑިކަލް ޑިވައިސްތަކާއި، ޑައިގްނޯސްޓިކް ޑިވައިސްތަކާއި، ރޭޑިއޭޝަން އެމިޓިންގ ޑިވައިސްތަކާއި، ދުންފަތާއި ދުންފަތުގެ ބާވަތްތައް އުފެއްދުމަށާއި އެތެރެކުރުމަށާއި، އެކްސްޕޯޓްކުރުމަށާއި، ވިޔަފާރިކުރުމަށްޓަކައި ޢަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި، އެ ތަކެތީގެ ވިޔަފާރިކުރުމަށް ދޫކުރަންޖެހޭ ހުއްދަ ދޫކުރުމާއި، އެ ހުއްދަ ބާޠިލްކުރުމާއި، އެ މިންގަނޑުތަކާ ޚިލާފުވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުއެޅުން.

5.         ރާއްޖެއަށް އެތެރެކުރާ ބޭހާއި، ރާއްޖޭގައި އުފައްދާ ބޭހާއި، ކެމިކަލްތަކުގެ ތެރެއިން އާންމު ޞިއްޙަތަށް ނޭދެވޭ އަސަރުކުރާ ކެމިކަލްތަކާއި، މެޑިކަލް ގޭހާއި، ވެކްސިނާއި، މިނޫންވެސް ބައޮލޮޖިކަލް ތަކެއްޗާއި، މެޑިކަލް ޑިވައިސްތަކާއި، ޑައިގްނޯސްޓިކް ޑިވައިސްތަކާއި، ރޭޑިއޭޝަން އެމިޓިންގ މެޑިކަލް ޑިވައިސްތަކަށް ދޫކުރަންޖެހޭ ހުއްދަ ދޫކުރުމާއި ހުއްދަ ބާޠިލްކުރުމާއި، ރައްކާތެރިކަމާއި ފެންވަރު ހިފެހެއްޓުމަށް (ކޮލިޓީ އެޝުއަރެންސް) ކުރަންޖެހޭ ކަންތައްތައް ކުރުން.

6.         ބޭހާއި، ކެމިކަލްތަކުގެ ތެރެއިން އާންމު ޞިއްޙަތަށް ނޭދެވޭ އަސަރުކުރާ ކެމިކަލްތަކާއި، މެޑިކަލް ގޭހާއި، ވެކްސިނާއި، މިނޫންވެސް ބައޮލޮޖިކަލް ތަކެއްޗާއި، މެޑިކަލް ޑިވައިސްތަކާއި، ޑައިގްނޯސްޓިކް ޑިވައިސްތަކާއި ރޭޑިއޭޝަން އެމިޓިންގ ޑިވައިސްތަކާބެހޭ ގޮތުން އާންމު ހޭލުންތެރިކަން އިތުރުކުރުން.

7.         ކާބޯތަކެއްޗާއި، ބޯފެނާއި، ބޭހާއި، ކެމިކަލްތަކުގެ ތެރެއިން އާންމު ޞިއްޙަތަށް ނޭދެވޭ އަސަރުކުރާ ކެމިކަލްތަކާއި، މެޑިކަލް ގޭހާއި، ވެކްސިނާއި، މިނޫންވެސް ބައޮލޮޖިކަލް ތަކެއްޗާއި، މެޑިކަލް ޑިވައިސްތަކާއި، ޑައިގްނޮސްޓިކް ޑިވައިސްތަކާއި، ރޭޑިއޭޝަން އެމިޓިންގ ޑިވައިސްތައް ތަޙުލީލުކުރުމުގެ ޚިދުމަތްދިނުން.

8.         ރާއްޖެއަށް އެތެރެކުރާ ބޭހާއި، ރާއްޖޭގައި އުފައްދާ ބޭހާއި، ކެމިކަލްތަކުގެ ތެރެއިން އާންމު ޞިއްޙަތަށް ނޭދެވޭ އަސަރުކުރާ ކެމިކަލްތަކާއި، މެޑިކަލް ގޭހާއި، ވެކްސިނާއި، މިނޫންވެސް ބައޮލޮޖިކަލް ތަކެއްޗާއި، މެޑިކަލް ޑިވައިސްތަކާއި، ޑައިގްނޮސްޓިކް ޑިވައިސްތަކާއި، ރޭޑިއޭޝަން އެމިޓިންގ ޑިވައިސްތައްފަދަ ތަކެތި އުފައްދާ، ތަޙުލީލުކުރާ، ގުދަންކުރާ އަދި ވިއްކާ ތަންތަން ޗެކުކުރުމާއި ސަރޓިފައިކުރުން.

9.         ރާއްޖޭގައި  ބުއިމަށް ބޭނުންކުރާ ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ތަޙުލީލުކުރުމާއި، ރާއްޖޭގައި ބޭނުންކުރާ ފުޅީގައި ބަންދުކުރި ބޯފެނުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރުކުރުމާއި، ބޯފެން އުފައްދާ ފަރާތްތަކަށް ހުއްދަ ދޫކުރުން.

10.     ކާބޯތަކެއްޗާއި ފުޅީގައި ބަންދުކުރާފެން އުފައްދާ ތަންތަނާއި، ތަޙުލީލުކުރާ ތަންތަން، ޗެކުކުރުމާއި އެތަންތަން ސަރޓިފައިކުރުން.

11.     ރާއްޖެއަށް އެތެރެކުރާ، ރާއްޖެއިން ބޭރުކުރާ، ރާއްޖޭގައި އުފައްދާ، އަދި ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެތީގެ ހުންނަންޖެހޭ ރައްކާތެރިކަމާއި ފެންވަރާބެހޭ މިންގަނޑުތައް ކަނޑައަޅައި، އެ މިންގަނޑުތަކާ އެއްގޮތަށް ކާބޯތަކެތީގެ ރައްކާތެރިކަމާއި ފެންވަރު ހުރިތޯ ބަލައި، އެ މިންގަނޑުތަކާ ޚިލާފުވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

12.     ރާއްޖޭގައި ކާބޯތަކެތި އުފައްދާ ތަންތަނާއި، ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ރަޖިސްޓްރީ ކުރުން.

13.     ރާއްޖެއިން އެކްސްޕޯޓްކުރާ ކާބޯތަކެތި ސަރޓިފައިކުރާ ކޮންޕީޓަންޓް އޮތޯރިޓީގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

14.     ކާބޯތަކެއްޗާއި ބޭސް އެކްސްޕޯޓްކުރާ ފަރާތްތަކުން ބޭނުންވާ ލައިސަންސް ދޫކުރުމާއި، ކާބޯތަކެއްޗާއި ބޭސް ބަލައި ފާސްކުރާ ފަރާތްތައް (އިންސްޕެކްޓަރުން) ތަމްރީނުކުރުމާއި، އެފަރާތްތަކަށް ލައިސަންސް ދޫކުރުމާއި އެފަދަ ފަރާތްތަކުގެ ފެންވަރު ބެލުމަށް ކުރަންޖެހޭ ކަންކަން ކުރުން.

15.     އޮތޯރިޓީގެ މަސައްކަތާ ގުޅުންހުރި، ރާއްޖެ ބައިވެރިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި އެއްބަސްވުންތަކުގައި ހިމެނޭ މަސައްކަތްތައް ކުރުމާއި ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑުތައް ކަނޑައެޅުމަށް ބައިނަލްއަޤްވާމީގޮތުން އުފައްދާފައިވާ "ކޯޑެކްސް އެލިމެންޓޭރިއަސް ކޮމިޝަން" ގެ ފޯކަލް ޕޮއިންޓެއްގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައްކުރުން.

16.     ކާބޯތަކެއްޗާއި ބޭހުގެ ރައްކާތެރިކަމާބެހޭގޮތުން އާންމުންނަށް ކޮންމެހެން އަންގަންޖެހޭ ކަންތައްތައް އަންގައި،  އާންމުންގެ ސަމާލުކަމަށް ގެނައުން.

17.     ކާބޯތަކެއްޗާއި ބޭހުގެ ރައްކާތެރިކަމާބެހޭގޮތުން އާންމު ފަރާތްތަކުން ހުށަހަޅާ ހުށަހެޅުންތައް ބަލައިގަނެ، އެކަންކަމާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން.

ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ މަސައްކަތްތައް

ތިރީގައިމިވަނީ ޤާނޫނު ނަންބަރު 2012/7 (އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު)ގެ 7 ވަނަ މާއްދާއިން ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ އިޚްތިޞާޞްގެ ދާއިރާގެ ތެރޭގައި ހިމެނިގެންވާ، އަދި އެކަންކަން ކުރުމުގެ ޒިންމާ އެ އެޖެންސީން އުފުލަންޖެހޭ ކަންކަމެވެ.

1.         އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަގާމުތަކާއި އެ މާއްދާގެ ދަށުން އުފައްދާ އިތުރު މަގާމުތަކުގެ މަސްއޫލިއްޔަތުތަކާއި ޝަރުޠުތަކާއި، އެ މަގާމުތަކުގެ ވާޖިބުތައް އަދާކުރުމަށް ބޭނުންވާނެ ހުނަރުތަކާއި، އެ މަގާމުތަކުގެ ވާޖިބުތައް އަދާކުރާނެ ހަމަތައް ސިވިލް ސަރވިސް ކޮމިޝަނުގެ މަޝްވަރާގެ މަތިން އެކުލަވައިލުން.

2.         އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އާންމު ޞިއްޙަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ހިންގަންޖެހޭ ޕްރޮގްރާމްތަކަކީ ކޮބައިކަން ކަނޑައެޅުމާއި، އެ ޕްރޮގްރާމްތަކުން ހާސިލުކުރަން ބޭނުންވާ އަމާޒުތައް ކަނޑައެޅުމާއި، އެ ޕްރޮގްރާމްތައް ހިންގުމުގެ މިންގަނޑުތައް ކަނޑައެޅުމާއި، އެ ޕްރޮގްރާމްތައް ހިންގާނެގޮތުގެ ހަމަތައް ކަނޑައެޅުން.

3.         ކައުންސިލްތަކުގެ އިޚްތިޞާޞްގެ ދާއިރާގައި ހިމެނޭ ސަރަޙައްދުތަކުގައި ހުރި ޞިއްޙީ ޚިދުމަތް ދޭ މުއައްސަސާތަކުން ނުވަތަ މަރުކަޒުތަކުން، އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އަމާޒުތަކަށާއި، ހަމަތަކަށާއި، އުސޫލުތަކަށް ތަބާވުން ލާޒިމުކުރުން.

4.         ޞިއްޙީ ނުރައްކާތަކާއި، ގައިންގަޔަށް އަރާ ބަލިތަކާއި ނުރައްކާތެރި ބަލިތަކާއި ރިޕޯޓުކުރަންޖެހޭ ބަލިތައް ދެނެގަތުމަށާއި، އެ ބަލިތައް ފެތުރޭ ނިސްބަތް ބެލުމުގެ މަސައްކަތާއި އެއިން ބައްޔެއް ފެތުރުމުން އެ ބަލިތަކަށް ދެވޭނެ އިޖާބައަކީ ކޮބައިތޯ ބެލުމުގެ މަސައްކަތްތައް ކުރުން.

5.         ޞިއްޙީ ނުރައްކާތަކާއި ގައިންގަޔަށް އަރާ ބަލިތައް، ބޭރުގެ ޤައުމުތަކުން ރާއްޖެއަށް ތަޢާރުފުވުން ކޮންޓްރޯލްކުރުމަށާއި ރާއްޖޭގައި އެފަދަ ނުރައްކާތެރި ބަލިތައް ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.

6.         ގައިންގަޔަށް އަރާ ބައްޔަކާ ގުޅޭގޮތުން ނުވަތަ ނުރައްކާތެރި ބައްޔަކާ ގުޅޭގޮތުން، ނުވަތަ ޞިއްޙީ ނުރައްކަލަކާ ގުޅޭގޮތުން އުފެދިދާނެ ނުރައްކަލަކުން ސަލާމަތްވުމަށްޓަކައި، ނުވަތަ އެފަދަ ނުރައްކަލެއް ކޮންޓްރޯލް ކުރުމަށްޓަކައި، ނުވަތަ އެފަދަ ނުރައްކަލެއްގެ މިންވަރު ކުޑަކުރުމަށްޓަކައި، ނުވަތަ އެފަދަ ނުރައްކަލަކުން ސަލާމަތްވުމަށްޓަކައި އަޅަންޖެހޭނެ ފިޔަވަޅުތައް ކައުންސިލްތަކުގެ އިޚްތިޞާޞްގެ ދާއިރާގައިވާ އާންމު ޞިއްޙަތުގެ މުއައްސަސާތަކަށާއި މަރުކަޒުތަކަށް އެންގުމާއި، ކަމާގުޅޭ އިރުޝާދުތައް އެތަންތަނަށް ދިނުން.

7.         އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު ހިންގުމަށްޓަކައި އަދި އާންމު ޞިއްޙަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި، ބޭރުގެ ޖަމާޢަތްތަކާއި ޤައުމުތަކާއެކު އެއްބަސްވުންތައް އެއްބަސްވުމާއި، އެފަދަ ޖަމާޢަތްތަކާއި ޤައުމުތަކާ ގުޅިގެން ޕްރޮގްރާމްތައް ރާވައި ހިންގުން.

8.         އެކަށީގެންވާ މުވައްޒަފުންނާއި، އެކަށީގެންވާ ވަސީލަތްތައް ހުރެގެން، އާންމު ޞިއްޙަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ބޭނުންވާ މިންވަރަށް ޕަބްލިކް ހެލްތް ލެބޯރެޓަރީތައް އުފައްދައި، އެތަނުން ދޭނެ ޚިދުމަތްތައް ކަނޑައަޅައި، އެ ޚިދުމަތްތައް، އެތަންތަނުން ދެމެހެއްޓެނިވި ގޮތެއްގައި ދެމުންދިޔުން.

9.         ގައިންގަޔަށް އަރާ ބައްޔާއި ނުރައްކާތެރި ބަލި ރާއްޖެއަށް ފެތުރެމުންދާ ނިސްބަތް ނުވަތަ ފެތުރުމުގެ ފުރުޞަތު އޮތް ނިސްބަތް ބެލުމަށްޓަކައި ހިންގަންޖެހޭ މަޝްރޫޢުތަކާއި ޕްރޮގްރާމްތައް ހިންގައި، ރާއްޖެއަށް އެފަދަ ބައްޔެއް ތަޢާރުފުވެއްޖެނަމަ، އެކަމަށް އިޖާބަދިނުމުގެ ކަންކަން ރާއްޖޭގައި ހިންގަންޖެހޭނެގޮތުގެ އުސޫލުތައް ރާވައި، މަޝްރޫޢުތައް އެކުލަވާލައި، ޢަމަލީ މަސައްކަތުގެ ތާވަލުތައް ތައްޔާރުކުރުން.

10.    ޞިއްޙީ ނުރައްކަލެއް ދިމާވެއްޖެނަމަ، ނުވަތަ ގައިންގަޔަށް އަރާ ބައްޔެއް ފެތުރިއްޖެނަމަ، ނުވަތަ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތަކަށް ރާއްޖެ ހިނގައްޖެނަމަ، ނުވަތަ ނުރައްކާތެރި ބައްޔެއް ފެތުރިއްޖެނަމަ، އަންގަންޖެހޭ އެންގުންތައް އެންގުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މައިގަނޑު އުސޫލުތައް ދުރާލާ ތައްޔާރުކުރުން.

11.    އާންމު ޞިއްޙަތު ރައްކާތެރިކުރުމަށްޓަކައި، މީހުންނަށް ދޭންޖެހޭ އާންމު ޞިއްޙަތުގެ ޚިދުމަތްތައް ދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި އެކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

12.    އެއްވެސް ބައްޔެއް ފެތުރުމުގެ ވަސީލަތަކަށް ވެދާނެ އެއްޗެއް، މީހުން ދިރިއުޅޭ ތަނެއްގައި ހުރެއްޖެކަމަށްވާނަމަ، އެ ތަނެއްގެ ވެރިފަރާތަށް އެކަން ކޮންޓްރޯލް ކުރުމަށާއި އެކަމެއް ނައްތާލުމަށްޓަކައި، އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން، އަންގަންޖެހޭ އެންގުންތައް އެންގުމާއި، އެމީހަކު އެ އެންގުމާ އެއްގޮތަށް ޢަމަލުކުރަން ލާޒިމުކުރުން.

13.    އާންމު ޞިއްޙަތުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ބޭނުންވާ އާންމު ސާފުތާހިރުކަމުގެ މިންގަނޑުތައް އެކުލަވާލައި، އެ މިންގަނޑުތައް ތަންފީޒުކުރަމުން ދިޔުން.

14.    ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ބަލިތައް ކޮންޓްރޯލްކުރުމަށާއި، މުޖުތަމަޢުގެ އާންމު ދުޅަހެޔޮކަން ދެމެހެއްޓުމަށް މަސައްކަތްކުރުން.

15.    އާންމު ޞިއްޙަތަށް ކުއްލި ނުރައްކަލުގެ ޙާލަތެއް ދިމާވެއްޖެހިނދެއްގައި، އެކަން ދިމާވިގޮތާއި، އެކަމުގައި ޢަމަލުކުރިގޮތާއި، ޢަމަލުކުރެވުނުގޮތުގެ ސަބަބުން ގެނެވުނު ބަދަލާއި، އެކަން ހުއްޓުވުމަށް ދިމާވި ގޮންޖެހުންތަކާއި، ދެން އެފަދަކަމެއް ދިމާވެއްޖެކަމަށްވާނަމަ، ރަނގަޅުކުރަންޖެހޭނެ ކަންތައްތަކަކީ ކޮބައިކަން ބަލައި، މުރާޖަޢާކުރުމަށްފަހު، ރިޕޯޓެއް އެކުލަވާލައި، ވަޒީރަށް ހުށަހެޅުން.

16.    ނުރައްކާތެރި ބަލިތަކާއި ގައިންގަޔަށް އަރާ ބަލިތަކާއި ރިޕޯޓުކުރަންޖެހޭ ބަލިތަކާ ގުޅޭގޮތުން ކަންކުރަމުންގެންދާގޮތުގެ މައްޗަށް ރިޕޯޓެއް އެކުލަވާލައި، ކޮންމެ އަހަރެއްގެވެސް ޖަނަވަރީ މަސް ހުސްވުމުގެ ކުރިން ވަޒީރަށް ރިޕޯޓެއް ހުށަހެޅުން.

17.    އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 7 ވަނަ މާއްދާގައި، ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ އިޚްތިޞާޞްގެ ދާއިރާގައި ހިމެނޭ ކަންކަން ތަންފީޒުކުރުމަށްޓަކައި ތިރީގައި މިވާ މަސައްކަތްތައްތައް ހިންގައި ބެލެހެއްޓުން.

(ހ) ރާއްޖޭގެ ނާޒުކު ޙާލަތުގައިވާ އާބާދީގެ ގިންތިތަކުގެ ޞިއްޙަތު ރައްކާތެރިކުރުމަށް ބޭނުންވާ ޚިދުމަތްތައް ރާވައި ހިންގައި، އާންމު ޞިއްޙަތު ރައްކާތެރިކުރުމުގައި ދައުލަތުގެ ފަރާތުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުން.

(ށ) ޤާނޫނު ނަންބަރު 2010/15 (ދުންފަތް ކޮންޓްރޯލްކުރުމުގެ ޤާނޫނު)ގެ ދަށުން ދުންފަތުގެ އިސްތިޢުމާލުކުރުމުން މުޖްތަމަޢު ރައްކާތެރިކުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން.

(ނ) ވެކްސިންދީގެން ރައްކާތެރިކުރެވޭ ބަލިތަކުން ރައްކާތެރިކުރުމަށް އިމިއުނައިޒޭޝަން ޕްރޮގްރާމް ރާވައި ހިންގުމާއި، އެފަދަ ބައްޔެއް އުޅޭނަމަ އެކަން ބަލައި ތަޙުލީލުކޮށް، ބަލިކޮންޓްރޯލުކުރުމާ ގުޅޭގޮތުން އާންމު ޞިއްޙަތާއި ބައިނަލްއަޤްވާމީގޮތުން ބޭނުންވާ ވެކްސިނޭޝަންގެ ކަންތައް ހިންގައި ބެލެހެއްޓުން.

(ރ) އިންޓަރނޭޝަނަލް  ހެލްތް ރެގިއުލޭޝަންގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް އުޅަނދުތަކަށް ސެޓްފިކެޓް ދޫކުރުމާއި، ރާއްޖޭގެ ބައިނަލްއަޤްވާމީ އެއްގަމާއި، ވައިގެ ބަނދަރުތަކުގައި އެ ރެގިއުލޭޝަނާ އެއްގޮތަށް ހުންނަންޖެހޭ ކަންކަން  ކަނޑައަޅައި، އެބަނދަރުތަކުގައި ޞިއްޙީގޮތުން ބަލަންޖެހޭ ކަންތައްތައް ބަލައި، ކަރަންޓީނާބެހޭ އެންމެހައި ކަންތައްތައް ރާވައި ބެލެހެއްޓުން.

(ބ) ރާއްޖޭގެ ބައިނަލްއަޤްވާމީ ބަނދަރުތަކަށް އަންނަ އުޅަނދުތަކާއި މީހުންނާއި، ފުރާ އުޅަނދުތަކާއި މީހުންނާ މެދު ޞިއްޙީގޮތުން ބަލަންޖެހޭ ކަންކަމާއި، ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބެލުން.

(ޅ) ގައިންގަޔަށް ނާރާ ބަލިތަކާއި، ނަފްސާނީ ބަލިތަކުން ރައްކާތެރިވުމަށް ކުރަންޖެހޭ ކަންތައްތައް ރާވައި، ހިންގައި،  މޮނިޓަރކުރުން.

(ކ) ރާއްޖޭގެ ނިއުޓްރިޝަންގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ކުޑަކުދިންގެ ހެދިބޮޑުވުން މޮނިޓަރކުރުމާއި، މިކަންކަމަށް މުޖްތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުން.

(އ) ދަރިމައިވުމުގެ ޞިއްޙަތާއި، ކުޑަކުދިންގެޞިއްޙަތާ ބެހޭގޮތުން ދޭންޖެހޭ ޚިދުމަތްތައް ދެވޭނެގޮތްތައް ފަހިކޮށްދީ، އެކަންކަން ހިނގަމުންދާގޮތް ބަލައި، ރައްޔިތުން ހޭލުންތެރިކުރުވުން.

(ވ) މަދިރިއާއި ބަލި ފަތުރާ އެހެނިހެން ސޫފާސޫފި އުފެދުމާއި ގިނަވިޔަނުދީ ހިފެހެއްޓުމަށް ބޭނުންވާ ފަންނީ ލަފާދީ މިންގަނޑުތައް ކަނޑައަޅައި، މިކަންކަން ހިނގާ ނުހިނގާގޮތް ބެލުން.

(މ) މީހުން ދިރިއުޅޭ ތަންތަނާއި، ދިރިނޫޅޭ ތަންތަނާއި، އާންމު ތަންތަނާއި، މަސައްކަތުގެ މާހައުލަކީ ޞިއްޙީ ގޮތުން ރައްކާތެރި އަދި ދުޅަހެޔޮ ޞިއްޙަތަކަށް މަގުފަހިކޮށްދޭ މާހައުލުތަކަށް ހެދުމަށްޓަކައި ކަމާބެހޭ ދާއިރާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން. އަދި މިކަން ކުރުމަށް ބޭނުންވާ އުސޫލުތަކާއި، މިންގަނޑުތަކާއި ގަވާއިދުތައް ހެދުމަށް އެޑްވޮކޭޓް ކުރުމާއި، އެކަންކަމާބެހޭ ގޮތުން ހޭލުންތެރިކުރުވުން.

(ފ) އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ މަސައްކަތްތަކުގައި އަމިއްލަ ފަރާތްތަކާއި ޖަމުޢިއްޔާތަކުގެ އެއްބާރުލުން ހޯދުމާއި އެފަރާތްތަކުން ކުރާ މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަމާއި ލަފާދީ، އެފަރާތްތަކާއެކު މަސައްކަތް ކުރުން.

(ދ) ފުރާވަރުގެ ކުދިންނާއި ޒުވާނުންގެ ޞިއްޙަތު ކުރިއެރުވުމަށާއި، އުމުރުން ދުވަސްވީ މީހުންނަށް ދިމާވާ ޞިއްޙީ މައްސަލަތަކަށް ޢާއިލާ ހޭލުންތެރިކުރުވުމާއި، އެފަދަ މީހުންނަށް އެހީތެރިވާ މުޖުތަމަޢެއް އުފެއްދުމަށް މަސައްކަތް ކުރުން.

(ތ) ކާބޯތަކެތި އެއްތަނުން އަނެއްތަނަށް އުފުލައި، ގުދަންކޮށް، ތައްޔާރުކޮށް އަދި ވިއްކުމުގައި ހުންނަންޖެހޭކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ކަނޑައަޅާ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ޢަމަލުކުރަމުންދޭތޯ ބަލައި ޗެކްކޮށް މިކަމާގުޅިގެން އަޅަންޖެހޭ ފިޔަވަޅު އެޅުން.

މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ މަސައްކަތްތައް

1.     ދިވެހިރާއްޖޭގައި ލޭ ނެގުމާއި، ލޭ ރައްކާކުރުމާއި، ލޭ ފޯރުކޮށްދިނުމާގުޅޭ ސިޔާސަތުތައް ތަންފީޒުކުރަމުންދާގޮތް މޮނިޓަރކުރުން.

2.     ދިވެހިރާއްޖޭގައި ލޭ ނެގުމާއި، ލޭ ރައްކާކުރުމާއި، ލޭ ފޯރުކޮށްދިނުމާގުޅޭ ގަވާއިދުތަކާއި، އުސޫލުތަކާއި މިންގަޑުތައް ކަނޑައަޅައި، މި ގަވާއިދުތަކާއި، އުސޫލުތަކާއި، މިންގަޑުތަކަށް ޢަމަލުކުރަމުންދާ ގޮތް ބެލުން.

3.     ސެންޓްރަލް ބްލަޑް ބޭންކާއި ޤާނޫނު ނަންބަރު 2012/4 (ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނު)ގައި ބަޔާންކުރާ ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރ ހިންގައި ބެލެހެއްޓުމާއި، އެތަންތަނުގެ އިދާރީ، ޓެކްނިކަލް އަދި ކްލިނިކަލް ކަންތައްތައް ރާވައި ހިންގުން.

4.     ދިވެހިރާއްޖޭގައި ލޭ ނެގުމާއި، ލޭ ރައްކާކުރުމާއި، ލޭ ފޯރުކޮށްދިނުމާގުޅޭ ތަފާސް ހިސާބު ބެލެހެއްޓުމާއި، އެކަންކަމާގުޅޭ ދިރާސާ ރިޕޯޓްތައް އެކުލަވާލައި އާންމުކުރުން.

5.     ރާއްޖޭގައި ލޭ ބޭނުންވާ ފަރާތްތަކަށް ރައްކާތެރި ލޭ ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ ތަޙުލީލުތައް ކުރުން.

6.     ރާއްޖޭގައި ޤާއިމުކޮށްފައިވާ ޔުނިވަރސިޓީތަކާއި، ބައިނަލްއަޤްވާމީ ފަރާތްތަކާ ގުޅިގެން މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ މަސައްކަތްތަކާގުޅޭ ދިރާސާތައް ކުރުމާއި، އެ ދިރާސާތަކުގެ ނަތީޖާތައް އާންމުކުރުން.

7.     ޤާނޫނު ނަންބަރު 2012/4 (ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނު)ގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ތެލަސީމިއާ ފަންޑު ހިންގައި ބެލެހެއްޓުން.

8.     ލޭ ބޭނުންވާ ފަރާތްތަކަށް ރައްކާތެރި ލޭ ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމްކޮށް، މި ނިޒާމުގެ ދަށުން ލޭ ބޭނުންވާ ފަރާތްތަކަށް ލޭ ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެއްސުން.

9.     ލޭ ނެގުމާއި، ލޭ ރައްކާކުރުމާއި، ލޭ ފޯރުކޮށްދިނުމަށްޓަކައި ހިންގަންޖެހޭ މަޝްރޫޢުތަކާއި ޕްރޮގްރާމްތައް ހިންގުން.

10. ލޭއެޅުމުގައި ދިމާވެދާނެ ނުރައްކާތައް ހޯދައި، އެކަންކަން ހައްލުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

11. ލޭ ހަދިޔާކުރުމާބެހޭ ގޮތުން އާންމު ހޭލުންތެރިކަން އިތުރުކުރުމާއި، އަލަށް ލޭ ހަދިޔާކުރުމަށް އެދޭ ފަރާތްތައް އިތުރުކޮށް، ދާއިމީ ގޮތެއްގައި ލޭ ހަދިޔާކުރުމަށް ބާރުއެޅުމުގެ ގޮތުން ހިންގަންޖެހޭ ޕްރޮގްރާމްތައް ރާވައި ހިންގުން.

12. ލޭ ނެގުމާއި، ލޭ ރައްކާކުރުމާއި، ލޭ ފޯރުކޮށްދިނުމާގުޅޭ ގޮތުންނާއި، ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސްއާގުޅޭގޮތުން އާންމު ހޭލުންތެރިކަން އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުން.

13. ބޯންމެރޯ ޓްރާންސްޕްލާންޓް ހަދާ ފަރާތްތަކުގެ އެންމެހައި ކަންތައްތައް ކަމާބެހޭ ފަރާތްތަކާ ގުޅިގެން އިންތިޒާމުކޮށް ބެލެހެއްޓުން.

ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރު ހިނގަމުންދާނީ މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ދަށުންނެވެ.

 

ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރުގެ މަސައްކަތްތައް

ތިރީގައިމިވަނީ ޤާނޫނު ނަންބަރު 2012/4 (ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނު)ގެ 7 ވަނަ މާއްދާއިން ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރުގެ އިޚްތިޞާޞްގެ ދާއިރާގެ ތެރޭގައި ހިމެނިގެންވާ، އަދި އެކަންކަން ކުރުމުގެ ޒިންމާ ސެންޓަރުން އުފުލަންޖެހޭ ކަންކަމެވެ.

1.        ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނުގެ ދަށުން ތެލަސީމިއާ ކޮންޓްރޯލްކުރުމަށްޓަކައި ހިންގަންޖެހޭ ޕްރޮގްރާމްތަކަކީ ކޮބައިކަން ކަނޑައެޅުމާއި، އެ ޕްރޮގްރާމްތަކުން ޙާޞިލުކުރަން ބޭނުންވާ އަމާޒުތައް ކަނޑައެޅުމާއި، އެ ޕްރޮގްރާމްތައް ހިންގުމުގެ މިންގަނޑުތައް ކަނޑައެޅުމާއި، އެ ޕްރޮގްރާމްތައް ހިންގާނެގޮތުގެ ހަމަތައް ކަނޑައެޅުން.

2.        ކައުންސިލްތަކުގެ އިޚްތިޞާޞްގެ ދާއިރާގައި ހިމެނޭ ސަރަޙައްދުތަކުގައި ހުރި ޞިއްޙީ ޚިދުމަތްދޭ މުއައްސަސާތަކުން ނުވަތަ މަރުކަޒުތަކުން، ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަމާޒުތަކަށާއި، ހަމަތަކަށާއި، އުސޫލުތަކަށް ތަބާވުން ލާޒިމުކުރުން.

3.        ތެލަސީމިއާ ކޮންޓްރޯލްކުރުމާ ގުޅޭގޮތުން ޤައުމީ ފެންވަރުގައި ހިންގަންޖެހޭ މަޝްރޫޢުތައް ހިންގުން.

4.        ތެލަސީމިއާއަށް ފަރުވާދިނުމަށްޓަކައި ހިންގަންޖެހޭ މަޝްރޫޢުތަކާއި، ޕްރޮގްރާމްތައް ހިންގުން.

5.        ތެލަސީމިއާ ހުއްޓުވުމަށްޓަކައި އާބާދީގެ އެކި ގިންތިތަކުގެ މީހުންނަށް އަމާޒުކޮށްގެން ހިންގަންޖެހޭ ތަޢުލީމާއި ތަމްރީނާއި ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުން.

6.        ތެލަސީމިއާ ދިވެހިރާއްޖޭގައި އިތުރުވަމުންދާ ނިސްބަތާގުޅޭ މަޢުލޫމާތުތައް އެއްކުރުމާއި، އެ ބަލި އިތުރުވަމުންދާގޮތް ބަލަމުން ގެންދިއުން.

7.        ތެލަސީމިއާއާ ގުޅޭގޮތުން ޞިއްޙީ މަސައްކަތްތެރިންނަށާއި، ތެލަސީމިއާ ކުދިންނަށާއި، އެ ކުދިންގެ ބެލެނިވެރިންނަށާއި، އާންމުކޮށް މުޅި މުޖުތަމަޢަށް އަމާޒުކޮށްގެން ހިންގަންޖެހޭ ޕްރޮގްރާމްތައް ހިންގުން.

8.        ތެލަސީމިއާ ކުދިންނަށް، ތެލަސީމިއާގެ ސަބަބުން ޖެހޭ ބަލިތަކަށް ފަރުވާދެވޭނެ ނިޒާމެއް ޤާއިމުކުރުން.

9.        ޤާނޫނު ނަންބަރު 2012/4 (ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނު) ހިންގުމުގެގޮތުންނާއި، ތެލަސީމިއާ ކޮންޓްރޯލްކުރުމަށް މަސައްކަތްކުރުމުގެގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޖަމާޢަތްތަކާއި ބޭރުގެ ޤައުމުތަކާއެކު އެއްބަސްވުންތައް އެއްބަސްވުމާއި، އެފަދަ ޖަމާޢަތްތަކާއި ޤައުމުތަކާއި ގުޅިގެން ޕްރޮގްރާމްތައް ރާވައި ހިންގުން.

10.    އެކަށީގެންވާ މުވައްޒަފުންނާއި އެކަށީގެންވާ ވަސީލަތްތައް ހުރެގެން، ތެލަސީމިއާއަށް ޓެސްޓުކުރުމަށްޓަކައި ބޭނުންވާ މިންވަރަށް ލެބޯރެޓަރީތައް އުފައްދައި، އެ ތަންތަނުން ދޭނެ ޚިދުމަތްތައް ކަނޑައަޅައި، އެ ޚިދުމަތްތައް، އެ ތަންތަނުން ދެމެހެއްޓެނިވިގޮތެއްގައި ދެމުންދިއުން.

11.    ތެލަސީމިއާ ކޮންޓްރޯލްކުރުމަށް ކުރެވެމުންދާ ކަންކަމާއި ފަރުވާދިނުމުގެ ނިޒާމު ހިންގަމުންގެންދާގޮތުގެ މައްޗަށް ރިޕޯޓެއް އެކުލަވާލައި، ކޮންމެ އަހަރެއްގެވެސް ޖަނަވަރީ މަސް ހުސްވުމުގެކުރިން ވަޒީރަށް ރިޕޯޓު ހުށަހެޅުން.

12.    މީހާއަށް ވާރުތަވާ ޙާލަތެއްގެ ސަބަބުން ނުވަތަ މީހާގެ ގައިގައި އުފެދޭ ޙާލަތެއްގެ ސަބަބުން، އޭނާގެ ލޭގައި ހިމެނެންޖެހޭ މާއްދާތަކެއް އުނިވެގެން، ނުވަތަ އޭނާގެ ލޭގައި ހުންނަންވީ މާއްދާތަކެއް ހުންނަންވީ ނިސްބަތަށްވުރެ އިތުރުވެގެން، ނުވަތަ އޭނާގެ ލޭގައި ހިމެނެންޖެހޭ މާއްދާތަކެއް ހިމެނެންޖެހޭ ތަރުތީބަށް އައިސްފައިވާ ބަދަލަކުން، އޭނާއަށް ދިމާވާ ޞިއްޙީ ޙާލަތްތަކާ ގުޅޭގޮތުން ހިންގަންޖެހޭ މަޝްރޫޢުތައް ހިންގައި، ފަރުވާގެ ނިޒާމުތައް ހަމަޖެއްސުން.

ދަމަނަވެށީގެ މަސައްކަތްތައް

1.         މައިންނާއި ޅަދަރިންގެ ޞިއްޙަތު ރައްކާތެރިކުރުމަށާއި، އާންމު ޞިއްޙަތަށް ނުރައްކާވާފަދަ ބަލިތައް ކޮންޓްރޯލް ކުރުމަށް ދޭންޖެހޭ ބޭސްފަރުވާ (ވެކްސިން ދިނުމާއި ޚާއްޞަ ބަލިބައްޔަށް ފަރުވާދިނުމަށް ކްލިނިކްތައް ހިންގުންފަދަ ޕްރޮގްރާމްތައް) ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ލަފާގެ މަތިން ފޯރުވައިދިނުން.

2.         މާބަނޑު މީހުންނަށް ބޭނުންވާ އެންޓިނޭޓަލް ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ގަވާއިދުން އެންޓިނޭޓަލް ކްލިނިކް ހިންގުމާއި މާބަނޑުމީހުންނަށާއި އެފަރާތްތަކުގެ ޢާއިލާއަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމަށް މަޢުލޫމާތު ސެޝަންތައް ހިންގުން.

3.         ވިހެއުމަށްފަހު މައިމީހާއާއި ދަރިފުޅަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޕޯސްޓްނޭޓަލް ކްލިނިކް ހިންގުމާއި ދަރިމައިވުމާއި ޢާއިލާ ރޭވުމާބެހޭ މަޢުލޫމާތާއި ޢާއިލާ ރޭވުމުގެ ވަސީލަތްތައް ފޯރުކޮށްދިނުން.

4.         5 އަހަރުން ދަށުގެ ކުދިން ހެދިބޮޑުވާ މިންވަރު ބެލުމަށް ގްރޯތް މޮނިޓަރިންގ ޕްރޮގްރާމް ހިންގުން.

5.         އާންމު ޞިއްޙަތު ކުރިއެރުވުމަށް އާންމުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމާއި ކައުންސެލިންގގެ ޚިދުމަތް ދޭންޖެހޭ ފަރާތްތަކަށް އެފަދަ ޚިދުމަތް ދިނުން.

6.         ކެންސަރ ސްކްރީނިންގފަދަ ގައިންގަޔަށް ނާރާ ބަލިތަކާބެހޭ ޕްރޮގްރާމް ހިންގުމާއި، ޖިންސީ ގުޅުމުން އަރާ ބަލިތަކަށް ސްކްރީން ކުރުމާއި، މިފަދަ ބަލިތަކާ ބެހޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނުން.

7.         ލޭ މައްޗަށް ދާ މީހުންނާއި، ހަކުރުބަލީގެ މީހުންނަށް އަދި ގައިންގަޔަށް ނާރާ އެހެނިހެން ބަލިތަކުގެ މީހުންނަށް އަމާޒުކޮށްގެން ސްކްރީނިންގ ޕްރޮގްރާމްތައް ހިންގުމާއި، ޚާއްޞަ ކްލިނިކްތައް ހިންގުން.

8.         ދުންފަތުގެ އިސްތިޢުމާލު ކުރާ ފަރާތްތަކަށް ކައުންސެލިންގ ދިނުމާއި ދުންފަތުގެ އިސްތިޢުލާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ސެސޭޝަން ކްލިނިކްގެ ޚިދުމަތް ދިނުން.

9.         ޖެނަރަލް ޕްރެކްޓިޝަނަރ ސަރވިސް އާއި އާންމު ބަލިތަކަށް  އޯ.ޕީ.ޑީ ގެ ޚިދުމަތް  ފޯރުކޮށްދިނުމާއި، ބައެއް ބާވަތުގެ ބަލިތަކަށް އަމާޒުކޮށްގެން ޚާއްޞަ ކްލިނިކްތައް ހިންގުން.

10.    ދަމަނަވެށްޓަށް ޒިޔާރަތްކުރާ ބަލިމީހުންގެ ތެރެއިން ލެބޯރެޓަރީ ޓެސްޓް ހަދަންޖެހޭ ފަރާތްތަކުގެ ޓެސްޓުތައް ހެދުމުގެ އިންތިޒާމު ހަމަޖެއްސުން.

11.    ގޭގެއަށް ޒިޔާރަތްކޮށް ދާނުގައި ތިބޭ ބަލިމީހުންނަށް ފަރުވާދިނުމާއި، އެހެނިހެން ބަލިބަލީގެ މީހުންނަށް ޞިއްޙީ ލަފަޔާއި އިރުޝާދު ދިނުން.

12.    މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ ޕަބްލިކް ހެލްތު ސަރވޭލަންސްގެ މަޢުލޫމާތާއި، އަދި އެހެނިހެން މަޢުލޫމާތު އެއްކޮށް، ބަލަހައްޓައި ރިޕޯޓުކުރުން.

ހޮސްޕިޓަލުތަކުގެ މަސައްކަތްތައް

1.        އެ ހޮސްޕިޓަލެއް ގިންތިކުރެވިފައިވާ ފެންވަރުގައި ބަލިމީހުންނަށް ފަރުވާދިނުމާއި، ބަލިތައް ތަޙުލީލުކުރުމުގެ ޚިދުމަތްތައް ދިނުން.

2.        ހޮސްޕިޓަލުން ފަރުވާ ދެވެން ނެތް ޙާލަތްތަކުގައި ޑޮކްޓަރު ކަނޑައަޅާ ގޮތެއްގެ މަތިން އެ ޚިދުމަތްތައް ލިބެންހުންނަ ޞިއްޙީ ފަރުވާދޭތަނަކަށް ރައްކާތެރިކަމާއެކު ބަލިމީހުން ފޮނުވުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން.

3.        ހޮސްޕިޓަލް ނިސްބަތްވާ ސަރަޙައްދުގެ އާބާދީގެ ދުޅަހެޔޮކަމަށް މުހިއްމުވާ ކަންތައްތައް ހޮސްޕިޓަލުން ދެނެގަތުމާއި، ސަރަޙައްދުގައި ދެވޭ ޚިދުމަތްތައް މޮނިޓަރކުރުމާއި އެކަންކަމަށް ރިޢާޔަތްކޮށް ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރަން މަސައްކަތްތައްކުރުން.

4.        އައުޓްރީޗް ޕްރޮގްރާމްތައް ރާވައި ހިންގުމާއި، ޚާއްޞަ ބަލިތަކަށް ފަރުވާދޭނެ ޑޮކްޓަރުންގެ ޚިދުމަތް، ސަރަޙައްދުގެ ރަށްތަކަށް ފޯރުކޮށްދިނުން. 

5.        ގޭގެއަށް ޒިޔާރަތްކޮށް ދާނުގައި ތިބޭ ބަލިމީހުންނަށް ފަރުވާދިނުމާއި، އެހެނިހެން ބަލިބަލީގެ މީހުންނަށް ޞިއްޙީ ލަފަޔާއި އިރުޝާދު ދިނުމާއި، ރޯގާ ފަދަ ބަލިމަޑުކަން ފެތުރުނަނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

6.        އާންމު ޞިއްޙަތު ކުރިއެރުވުމަށާއި، ވެށި ސާފުކޮށް ބޭއްވުމަށް އިޖްތިމާޢީ ހޭލުންތެރިކަން އިތުރުކޮށް  އެކަމަށް އަހުލުވެރިކުރުވުން.

7.        ކަމާބެހޭ ފަރާތްތަކުގެ ލަފައާއި މަޝްވަރާގެ މަތިން އާންމު ޞިއްޙަތު ކުރިއަރުވައި، ގައިންގަޔަށް އަރާ ބަލިތަކާއި، ގައިންގަޔަށް ނާރާ ބަލިތައް ފެތުރުނަ ނުދިނުމަށް ދުރާލާ ފިޔަވަޅުތައް އެޅުމާއި، ބަލިމަޑުކަމެއް ފެތުރޭ ހާލަތެއް ދިމާވެއްޖެނަމަ، ކޮންޓްރޯލް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

8.        އުފަންވެނި ޞިއްޙަތާއި، މައިންނާއި، ޅަދަރިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، އަދި ޚާއްޞަ އަޅާލުން ބޭނުންވާ (ވަލްނަރަބަލް) ފަރާތްތަކުގެ ސިއްޙަތު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުން.

9.        ޚާއްޞަ ބަލިތަކަށް ފަރުވާދޭ ކްލިނިކްތަށް ހިންގުމާއި، ވިއްސުމާއި، ވެކްސިނޭޝަން ޕްރޮގްރާމް ހިންގުން.

10.    ޤުދުރަތީ ކާރިސާތަކާއި، ކުއްލިއަކަށް ދިމާވާ ނުރައްކާތެރި ހާދިސާތަކުގައި މީހުންގެ ފުރާނަ ސަލާމަތްކުރުމަށާއި ސިއްޙަތު ރައްކާތެރިކުރުމަށް އަވަސްފަރުވާގެ ޚިދުމަތްތައް ފޯރުކޮށްދިނުމާއި، ޙާލަތާގުޅޭ ޞިއްޙީ އެހެނިހެން ޚިދުމަތްތައް ދިނުން.

11.    ޤުދުރަތީ ކާރިސާތަކާއި، ކުއްލިއަކަށް ދިމާވާ ނުރައްކާތެރި ހާދިސާތަކުގައި ސިއްޙީ ޚިދުމަތްދިނުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށް، އެފަދަ ހާދިސާތަކުގައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުން.

12.    ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓު ފަދަ ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ތަންތަނުގެ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަލައި ފާސްކޮށް ކަމާބެހޭ ފަރާތްތަކުގެ ލަފާގެމަތިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

13.    ވިޔަފާރިކުރާ ތަންތަނާއި، ވިއްކުމަށް ކާބޯތަކެތި އުފައްދާ ތަންތަނާއި އެތަންތަނުން ވިއްކާ ކާބޯތަކެއްޗާއި، ވިޔަފާރިކުރާ ތަންތަނުން ވިއްކާ ބޯފެނުގެ ރައްކާތެރިކަން ކަމާބެހޭ ފަރާތްތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ހުރިތޯބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

14.    ބޭސްފިހާރަތައް އިންސްޕެކްޓްކޮށް ކަމާބެހޭ ފަރާތްތަކުގެ ލަފާގެމަތިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

15.    މަސްވެރިކަން ކުރާ އުޅަނދުފަހަރުގެ "ސާފުތާހިރުކަމުގެ ސެޓްފިކެޓް" އަށް އެދޭ ފަރާތްތަކުގެ އުޅަނދުފަހަރު ކަމާބެހޭ ފަރާތްތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ހުރިތޯބަލައި، އެ އުޅަނދުފަހަރަށް ސެޓްފިކެޓް ދޫކުރުން.

16.    އެކިއެކި ބަލިތަކާއި އެނޫން ސިއްޙީ ޙާލަތްތައް ތަޙައްމަލުކުރަމުންދާ މީހުންނާއި، ހޮސްޕިޓަލުން ޚިދުމަތް ލިބިގަންނަ މީހުންގެ ރެކޯޑުތައް ބެލެހެއްޓުން.

17.    މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ ޕަބްލިކް ހެލްތު ސަރވޭލަންސްގެ މަޢުލޫމާތާއި، އެހެނިހެން މަޢުލޫމާތު އެ ހޮސްޕިޓަލް ނިސްބަތްވާ އަތޮޅުގެ ރަށްރަށުން އެއްކޮށް، ބަލަހައްޓައި ރިޕޯޓުކުރުން.

18.    އެ ސަރަޙައްދުގެ ސިއްޙީ މަރުކަޒުތަކުން ފޯރުކޮށްދޭ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

ޞިއްޙީ މަރުކަޒުތަކުގެ މަސައްކަތްތައް

1.        އެމަރުކަޒެއް ގިންތިކުރެވިފައިވާ ފެންވަރުގައި ބަލިމީހުންނަށް ފަރުވާދިނުމާއި، ބަލިތައް ތަޙުލީލުކުރުމުގެ އަސާސީ ޚިދުމަތްތައް ދިނުން.

2.        ސިއްޙީ މަރުކަޒުން ފަރުވާ ދެވެން ނެތް ޙާލަތްތަކުގައި ޑޮކްޓަރު ކަނޑައަޅާ ގޮތެއްގެ މަތިން އެ ޚިދުމަތްތައް ލިބެންހުންނަ ޞިއްޙީ ފަރުވާދޭތަނަކަށް ރައްކާތެރިކަމާއެކު ބަލިމީހުން ފޮނުވުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން.

3.        އެރަށެއްގެ އާބާދީގެ ދުޅަހެޔޮކަމަށް މުހިއްމުވާ ކަންތައްތައް ސިއްޚީ މަރުކަޒުން ދެނެގަނެ، އެކަންކަމަށް ރިޢާޔަތްކޮށް ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރަން މަސައްކަތްކުރުން.

4.        އެކިއެކި ބަލިތަކާއި އެނޫން ސިއްޙީ ޙާލަތްތައް ތަޙައްމަލުކުރަމުންދާ މީހުންނާއި، ޞިއްޙީ މަރުކަޒުން ޚިދުމަތް ލިބިގަންނަ މީހުންގެ  ރެކޯޑުތައް ބެލެހެއްޓުން.

5.        އާންމުޞިއްޙަތު ރައްކާތެރިކުރުމުގެ މަސައްކަތް ރަށު ފެންވަރުގައި ކުރިއަށްގެންދިއުމަށް ގޭގެއަށް ޒިޔާރަތްކުރުމާއި ދާނުގައި ތިބޭ ބަލިމީހުންނަށް ފަރުވާދިނުމާއި، އެހެނިހެން ބަލިބަލީގެ މީހުންނަށް ޞިއްޙީ ލަފަޔާއި އިރުޝާދު ދިނުމާއި، ރޯގާ ފަދަ ބަލިތަކުން ރައްކާތެރިވުމަށް މަޢުލޫމާތު ފޯރުކޮށްދީ އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

6.        އާންމު ޞިއްޙަތު ކުރިއެރުވުމަށާއި، ވެށި ސާފުކޮށް ބޭއްވުމަށް އިޖްތިމާޢީ ހޭލުންތެރިކަން އިތުރުކޮށް  އެކަމަށް އަހުލުވެރިކުރުވުން.

7.        ކަމާބެހޭ ފަރާތްތަކުގެ ލަފައާއި މަޝްވަރާގެ މަތިން އާންމު ޞިއްޙަތު ކުރިއަރުވައި، ގައިންގަޔަށް އަރާ ބަލިތަކާއި، ގައިންގަޔަށް ނާރާ ބަލިތައް ފެތުރުނަ ނުދިނުމަށް ދުރާލާ ފިޔަވަޅުތައް އެޅުމާއި، ބަލިމަޑުކަމެއް ފެތުރޭ ހާލަތެއް ދިމާވެއްޖެނަމަ، ކޮންޓްރޯލް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

8.        އުފަންވެނި ޞިއްޙަތާއި، މައިންނާއި، ޅަދަރިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، އަދި ޚާއްޞަ އަޅާލުން ބޭނުންވާ (ވަލްނަރަބަލް) ފަރާތްތަކުގެ ސިއްޙަތު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުން.

9.        ޚާއްޞަ ބަލިތަކަށް ފަރުވާދޭ ކްލިނިކްތަކާއި ޤައުމީ ފެންވަރުގައި ހިންގާ އާންމު ޞިއްޙަތުގެ ޕްރޮގްރާމްތައް ރަށު ފެންވަރުގައި ހިންގުން.

10.    ޤުދުރަތީ ކާރިސާތަކާއި، ކުއްލިއަކަށް ދިމާވެދާނެ ނުރައްކާތެރި ހާދިސާތަކަށް ތައްޔާރުވުމާއި މިފަދަ ޚާދިސާއެއް ދިމާވެއްޖެ ހާލަތެއްގައި ޞިއްޙީގޮތުން ދޭންޖެހޭ އެންމެހައި ޚިދުމަތްތައް މިނިސްޓްރީ އޮފްހެލްތާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ކަނޑައަޅާ ގިއުގަނޑުގެ ތެރެއިން ކަމާބެހޭ ފަރާތްތަކާ ގުޅިގެން ރަށު ފެންވަރުގަޔާއި އަތޮޅު ފެންވަރުގައި ފޯރުކޮށްދިނުން.

11.    ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓު ފަދަ ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ތަންތަނުގެ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަލައި ފާސްކޮށް މިނިސްޓްރީގެ ލަފާގެ މަތިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

12.    ވިޔަފާރިކުރާ ތަންތަނާއި، ވިއްކުމަށް ކާބޯތަކެތި އުފައްދާ ތަންތަނާއި އެތަންތަނުން ވިއްކާ ކާބޯތަކެއްޗާއި، ވިޔަފާރިކުރާ ފަރާތްތަކުން ވިއްކާ ބޯފެނުގެ ރައްކާތެރިކަން ކަމާބެހޭ ފަރާތްތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ހުރިތޯބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

13.    ބޭސްފިހާރަތައް އިންސްޕެކްޓްކޮށް ކަމާބެހޭ ފަރާތްތަކުގެ ލަފާގެ މަތިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

14.    މަސްވެރިކަން ކުރާ އުޅަނދުފަހަރުގެ "ސާފުތާހިރުކަމުގެ ސެޓްފިކެޓް" އަށް އެދޭ ފަރާތްތަކުގެ އުޅަނދުފަހަރު ކަމާބެހޭ ފަރާތްތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ހުރިތޯބަލައި، އެ އުޅަނދުފަހަރަށް ސެޓްފިކެޓް ދޫކުރުން.

15.    އެކިއެކި ބަލިތަކާއި އެނޫން ސިއްޙީ ޙާލަތްތައް ތަޙައްމަލުކުރަމުންދާ މީހުންނާއި، ސިއްޚީ މަރުކަޒުން ޚިދުމަތް ލިބިގަންނަ މީހުންގެ ރެކޯޑުތައް ބެލެހެއްޓުން.

16.    މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ ޕަބްލިކް ހެލްތު ސަރވޭލަންސްގެ މަޢުލޫމާތާއި، އެހެނިހެން މަޢުލޫމާތު އެ ސިއްޚީ މަރުކަޒެއް ނިސްބަތްވާ ރަށްރަށުން އެއްކޮށް، ބަލަހައްޓައި ރިޕޯޓުކުރުން.

17.    މިނިސްޓްރީ އޮފް ހެލްތުގެ މެންޑޭޓުގައި ހިމެނޭ އެންމެހައި މަސައްކަތްތައް ތަންފީޒުކުރުމަށް ރަށު ފެންވަރުގައި ހަރަކާތްތެރިވުން.

ޓަރޝަރީ ހޮސްޕިޓަލްތަކުގެ މަސައްކަތްތައް

1.        ރައްޔިތުންނަށް ބޭނުންވާ ޑޮކްޓަރީ ބޭސްފަރުވާ ދިނުމުގެ ކަންތައް، ޓަރޝަރީ ފެންވަރުގައި ފޯރުވައިދީ، އެކަމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދައި، ޚިދްމަތް ތަރައްޤީކުރުން.

2.        ބަލިތައް ދެނެގަތުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތަކާއި، ލެބޯރެޓަރީގެ ޚިދްމަތްތަކާއި، ރިހެބިލިޓޭޝަންގެ ޚިދްމަތް ތަރައްޤީކޮށް ޚިދްމަތް ފޯރުވައިދިނުން.

3.        މައިންނާއި ޅަދަރިންގެ ޞިއްޙަތު ރައްކާތެރިކުރުމަށާއި، އާންމު ޞިއްޙަތަށް ނުރައްކާވާފަދަ ބަލިތައް ކޮންޓްރޯލްކުރުމަށް ދޭންޖެހޭ ބޭސްފަރުވާގެ ކަންތައް (ވެކްސިން ދިނުމާއި، ޚާއްޞަ ބަލިބައްޔަށް ފަރުވާދޭ ކްލިނިކްތައް ހިންގުން ފަދަ ޕްރޮގްރާމްތައް) ހެލްތް ޕްރޮޓެކްޝަން އޭޖެންސީއާ ގުޅިގެން ފޯރުވައިދީ، އާންމު ޞިއްޙަތު ރައްކާތެރިކުރުމަށް ސަރުކާރުން ހިންގާ ޕްރޮގްރާމްތަކަށް އެހީތެރިވެދިނުން.

4.        ސަރަޙައްދީ ފެންވަރުގައާއި އަތޮޅު ފެންވަރުގައި ހިންގާ ހޮސްޕިޓަލްތަކުގައި، މޯބައިލް ފޯނުގެ ޒަރިއްޢާއިންނާއި، އިންފޮރމޭޝަން ޓެކްނޮލޮޖީގެ ޒަރިއްޢާއިން، ޚާއްޞަ ބަލިތަކަށް ފަރުވާދޭ ސްޕެޝަލިސްޓުންގެ ޚިދުމަތް ފޯރުވައިދިނުން.

5.        ޤުދްރަތީގޮތުން ނުވަތަ އެހެން ގޮތަކުންވެސް ދިމާވާ ނުރައްކާތެރި ހާދިސާތަކުގައި ބޭނުންވާ ޞިއްޙީ ޚިދްމަތްތައް ރާވައި، ޞިއްޙީ ޚިދްމަތްދިނުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށް، އެފަދަ ހާދިސާތަކުގައި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ކަނޑައަޅާ ގިއުގަނޑުގެ ތެރެއިން ކުރަންޖެހޭ ކަންތައްތައް ކުރުން.

6.        ސަރުކާރުގެ އެހީގެ ދަށުން ބޭސްފަރުވާ ކޮށްދިނުމަށް އެދޭ މީހުންނާބެހޭ ކަންތައްތަކުގައާއި، ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ ބަލިމީހުންނާ ބެހޭގޮތުން، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ލަފަޔާއި އެހީ ފޯރުވައިދިނުން.

7.        ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނުކުރުމަށާއި، ޞިއްޙީ ޚިދްމަތުގައި ހަރަކާތްތެރިވާ މީހުންނަށް ޢަމަލީ ތަމްރީނާއި ތަޖުރިބާ ލިބިދިނުމުގެ މަގުފަހިކޮށްދީ، ސަރުކާރުގެ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން.

8.        ހޮސްޕިޓަލުން ޚިދްމަތް ފޯރުވައިދެވޭ މީހުންގެ ރެކޯޑްތަކާއި، ސަރވޭލަންސަށް ބޭނުންވާ މަޢުލޫމާތުތައް ބަލަހައްޓައި، ރިޕޯޓްކުރުން.

9.        މިނިސްޓްރީ އޮފް ހެލްތުގެ މެންޑޭޓުގައި ހިމެނޭ އެންމެހައި މަސައްކަތްތައް ތަންފީޒުކުރުމަށް ޓާޝަރީ ފެންވަރުގައި ހަރަކާތްތެރިވުން.

ނޭޝަނަލް ޑްރަގް އެޖެންސީގެ މަސައްކަތްތައް

ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު)ގެ 27 ވަނަ މާއްދާގެ ދަށުން ނޭޝަނަލް ޑްރަގް އެޖެންސީން ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްތައް ތިރީގައި އެވަނީއެވެ. 

1.        މަސްތުވާތަކެތި ބޭނުންކުރުމާއި ޕެޑްލްކުރުމާއި ޓްރެފިކްކުރުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް އެކި މުއްދަތުތަކުގައާއި ހާލަތުތަކުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

2.        މަސްތުވާތަކެއްޗާ ގުޅިފައިވާ ކުށްކުށާއި، މަސްތުވާތަކެތި ބޭނުންކުރުމާ ގުޅިގެން ހިންގޭ ހަރުކަށި ޢަމަލުތަކާއި، މަސްތުވާތަކެތި ބޭނުންކުރުމުގެ  ސަބަބުން އުފެދޭ ޞިއްޙީ މައްސަލަތައް ދެނެގަނެ، އެކަމާ ދެކޮޅަށް ތަޢާރުފުކުރާ ޤައުމީ ސިޔާސަތުތައް ތަންފީޒުކުރުން.

3.        މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމާ ގުޅޭގޮތުން ސަރުކާރުން ކަނޑައަޅާ ސިޔާސަތުތައް، ސަރުކާރުގެ އިދާރާތަކުން ތަންފީޒުކުރަމުންދޭތޯ ބަލަމުންދިޔުން.

4.        މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމުގެ ގޮތުން ހިންގާ އެކިއެކި ޕްރޮގްރާމްތައް ހިނގާގޮތް ބަލައި، ކަމާބެހޭ އެންމެހައި އިދާރާތަކުގެ މަސައްކަތްތައް ވިލަރެސްކުރުން.

5.        މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދީ، އެމީހުން ރަނގަޅުކޮށް، އަނބުރާ މުޖުތަމަޢަށް ގެނައުމުގެ މަސައްކަތްކުރުން.

6.        މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި އަމިއްލަ ފަރާތްތަކުގެ އެއްބާރުލުން ހޯދުމާއި، އަމިއްލަ ފަރާތްތަކުން ކުރާ މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަމާއި ލަފާ ދީ، އެފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން.

7.        މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތުގައި މުޖުތަމަޢުގައި ހިމެނޭ ހުރިހާ ފަރާތްތަކެއްގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ކަމާބެހޭ ހުރިހާ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުން.

8.        މަސްތުވާތަކެއްޗާގުޅޭ ބޭރުގެ އިދާރާތަކާ ގުޅިގެން، އެކިއެކި ޕްރޮގްރާމްތައް ދިވެހިރާއްޖޭގައި ހިންގުމާއި، މަޢުލޫމާތު ޙިއްޞާކުރުމާއި، އެމީހުންގެ މަޢުލޫމާތާއި ތަޖުރިބާއިން ދިވެހިރާއްޖެއަށް ފައިދާއާއި މަންފާއާއި އެހީ ހޯދުމަށް މަސައްކަތްކުރުން.