1.         ރައްޔިތުންނަށް ސަލާމަތް ޞިއްޙަތެއް ލިބިދިނުމަށް ބޭނުންވާ ސިޔާސަތު ކަނޑައަޅައި، އެކަމާބެހޭ އެންމެހައި ކަންތައްތައް ރާވައި، ކުރިއަރުވައި، ޑޮކްޓަރީ ބޭސްފަރުވާއާއި، ދިވެހި ބޭސްވެރިކަމާއި، އޯލްޓަނޭޓިވް މެޑިސިންގެ ބޭސްފަރުވާގެ ކަންތައްތަކާއި، އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ކަންތައްތަކާއި، ނަފްސާނީ ޞިއްޙަތުގެ ދާއިރާގެ ކަންތައްތައް ރާއްޖޭގައި ހިނގާ ނުހިނގާގޮތް ބެލެހެއްޓުން.

2.         ޤާނޫނު ނަންބަރު 2015/29 (ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނު) ގެ ދަށުން، ރާއްޖޭގައި ޞިއްޙީ ޚިދުމަތްދޭ ތަންތަން ރަޖިސްޓްރީކުރުމާއި، ޞިއްޙީ ޚިދުމަތް ދިނުމުގެ ލައިސަންސް ދިނުން.

3.         ޤާނޫނު ނަންބަރު 2015/29 (ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނު) ގެ ދަށުން، ހަދަންޖެހޭ ގަވާއިދުތައް ހެދުމާއި، ރާއްޖޭގައި ޞިއްޙީ ޚިދުމަތް ދިނުމުގެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި، ޞިއްޙީ ޚިދުމަތްތަކުގެ އަގުތަކުގެ މިންގަނޑުތައް ކަނޑައެޅުން.

4.         ޤާނޫނު ނަންބަރު 2015/29 (ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނު)ގެ ދަށުން ހަދާ ގަވާއިދުތަކާއި މިންގަނޑުތަކާއި އުސޫލުތަކުގެ ދަށުން، ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި އެތަންތަނުގެ ޚިދުމަތްތައް ރެގިއުލޭޓުކުރުން.

5.         ޞިއްޙީ ޚިދުމަތްދޭ ސަރުކާރުގެ ތަންތަނުން ރައްޔިތުންނަށް ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތްތަކާބެހޭ ސިޔާސަތުތަކާއި އުސޫލުތައް ކަނޑައަޅައި، އެ ސިޔާސަތުތަކާއި އުސޫލުތަކާ އެއްގޮތަށް ޚިދުމަތްދޭކަން ކަށަވަރުކުރުން.

6.         ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ޙާލަތަށް އެންމެ އެކަށީގެންވާ ސައެންސާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުންނަށް ބޭނުންވާ ޞިއްޙީ ފަރުވާދެވޭނެ ތަންތަނާއި، ބަލިތައް ތަޙުލީލުކުރުމަށް ބޭނުންވާ މެޑިކަލް ލެބޯރެޓަރީގެ ޚިދުމަތާއި މިނޫންވެސް މިފަދަ ޞިއްޙީ ޚިދުމަތްތައް ދޭނެ ތަންތަން ޤާއިމުކޮށް، ހިންގައި ބެލެހެއްޓުން.

7.         އިމަރޖެންސީ ޞިއްޙީ ފަރުވާދިނުމުގެ ޤައުމީ ނިޒާމު ޤާއިމުކޮށް ހިންގައި ބެލެހެއްޓުމާއި، ކުއްލި ނުރައްކާތަކާއި ކާރިސާތަކަށް ތައްޔާރުވެ ތިބުމާއި، އެފަދަ ހާލަތްތަކުގައި ޞިއްޙީ ޚިދުމަތްތައް ފޯރުވައިދޭނެ ގޮތްތައް ރޭވުން.

8.         ޤާނޫނު ނަންބަރު 2012/4 (ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ޤާނޫނު) ގެ ދަށުން، ތެލެސީމިއާއާއި އެހެނިހެން ހީމޮގްލޮބިނޯޕަތީސް ބަލި މީހުންނަށް ދޭންޖެހޭ ފަރުވާގެ ނިޒާމެއް ޤާއިމުކުރުމާއި، އެފަދަ ބަލި މީހުންނަށް ބޭނުންވާ ލޭ ރައްކާތެރިކަމާއެކު ލިބޭނެ ނިޒާމެއް ޤާއިމުކުރުން.

9.         ޕްރައިމަރީ ހެލްތް ކެއަރއާއި ޞިއްޙީ ރައްކާތެރިކަމާގުޅޭ އަސާސީ ޚިދުމަތްތައް ދިނުން.

10.    ޕްރައިމަރީ ހެލްތް ކެއަރގެ އުސޫލުން އާންމު ޞިއްޙަތާގުޅޭ ޕްރޮގްރާމްތައް ރާވައި، މުޖުތަމަޢާއި، މި މަސައްކަތްތަކާއި ގުޅުން ހުރި އެހެނިހެން ދާއިރާތަކާ ގުޅިގެން ކޮމިއުނިޓީ އައުޓްރީޗް ޚިދުމަތްތައް ރާއްޖޭގައި ހިންގުން.

11.    ޞިއްޙީ ޚިދުމަތްދޭ ސަރުކާރުގެ މަރުކަޒުތަކަށް ބޭނުންވާ މެޑިކަލް ސަޕްލައިތަކާއި މެޑިކަލް ކޮންސިއުމަބަލްސްއާއި އެސެންޝިއަލް މެޑިސިން ފޯރުކޮށްދީ، އެ ތަކެތި އެ ތަންތަނަށް މެދުކެނޑުމެއްނެތި ލިބޭކަން ކަށަވަރުކުރުން.

12.    ލާމަރުކަޒީ އުސޫލުން ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ޤާބިލުކަން ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި އުފައްދައި، އެކަމަށް ބޭނުންވާ އެހީތެރިކަންދިނުން.

13.    ޞިއްޙީ ޚިދުމަތްދޭ ސަރުކާރުގެ ޓަރޝަރީ ހޮސްޕިޓަލްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން އަދި އެ ފަރާތަށް ޖާވާބުދާރީވާ، މިނިސްޓްރީ އޮފް ހެލްތްއާ ގުޅިފައިވާ ގަވަރނިންގ ބޯޑުތަކެއްގެ ދަށުން ހިނގަމުންދާ ތަންތަނުގެ ގޮތުގައި ބައްޓަންކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

14.    ޤާނޫނު ނަންބަރު 2015/13 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު)ގެ ދަށުން ރާއްޖޭގައި ޞިއްޙީ ޚިދުމަތްދޭ މީހުން ރަޖިސްޓްރީކުރުމާއި، އެ މީހުންނަށް މަސައްކަތްކުރުމުގެ ހުއްދަ ދިނުމާއި، މިފަދަ މީހުންގެ ފެންވަރު ބެލުމާއި، ފެންވަރު ހިފެހެއްޓުމާއި، މަސައްކަތުގައި ގެންގުޅެންޖެހޭ ފަންނީ މިންގަނޑުތައް ކަނޑައަޅައި ބެލެހެއްޓުމާއި، މަސައްކަތުގެ އަޚުލާޤީ މިންގަނޑު ހިފެހެއްޓުމާ އަދި މިކަންކަމާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން.

15.    ޞިއްޙީ ޚިދުމަތްތައް ދިނުމުގައި އަމިއްލަ ފަރާތްތަކާއި ޖަމުޢިއްޔާތަކުގެ އެއްބާރުލުން ހޯދުމާއި، އެފަރާތްތަކުން ކުރާ މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަމާއި ލަފާދީ، އެފަރާތްތަކާއެކު މަސައްކަތް ކުރުން.

16.    ރާއްޖޭގެ ރަސްމީ އިދާރާގެ ހައިސިއްޔަތުން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއާއި ރާއްޖޭގެ ރެޑް ކްރެސެންޓް ސޮސައިޓީއާއެކު މުޢާމަލާތު ކުރުން.

17.    އުފަންވުމާގުޅޭ މަޢުލޫމާތު ރެކޯޑުކުރުމާއި މަރު ސާބިތުކުރުމާގުޅޭ ކަންކަމާގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމާއި، ޤާނޫނު ނަންބަރު 2022/23 (އުފަންވުމާއި މަރުވުން ރަޖިސްޓަރީކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާބެހޭ ޤާނޫނު)ގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހެދުން.

18.    މިނިސްޓްރީއާއި މިނިސްޓްރީގެ އެކިއެކި ދާއިރާތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ތަރައްޤީކުރުމަށް ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ލަފައާއި އެހީ ހޯދުމާއި، މިނިސްޓްރީއާއި މިނިސްޓްރީގެ އެކިއެކި ދާއިރާތަކުން ރާއްޖެއަށް ފައިދާކުރާ ކަންކަމުގައި އެ ޖަމާޢަތްތަކާ ގުޅުން ބަދަހިކުރުން.

19.    މިނިސްޓްރީގެ މަސައްކަތާ ގުޅުން ހުރި، ރާއްޖެ ބައިވެރިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކާއި، އެއްބަސްވުންތަކުގައި ހިމެނޭ މަސައްކަތްތައް ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުން. މިފަދަ ބައިނަލްއަޤްވާމީ މުޢާހަދާތައް ތަންފީޒު ކުރަމުންދާ ގޮތާބެހޭ ގޮތުން ރިޕޯޓްކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓްކުރުމާއި، މި ރިޕޯޓް އެކުލަވާލުމަށް ކުރާ ދިރާސާތަކުގެ އަލީގައި އިޞްލާޙުކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ބާރު އަޅައި، މި ކަންތައްތައް ކަމާ ގުޅުންހުރި ދާއިރާތަކުގެ ސަމާލުކަމަށް ގެނައުން.

20.    މިނިސްޓްރީގެ ދާއިރާއާ ގުޅުންހުރި އެކިއެކި ދިރާސާތައް ކުރުމާއި، އެފަދަ ދިރާސާތައް ކުރާ ފަރާތްތަކަށް ހުއްދަ ދިނުމާއި، ދިރާސާތަކުގެ ފެންވަރާއި، އެތިކްސް ހިފެހެއްޓުމާއި، މި ދާއިރާގައި ދިރާސާކުރުމުގެ މާޙައުލެއް ކުރިއަރުވައި ދިރުވުން.

21.    ޞިއްޙީ ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ މަޢުލޫމާތު ބެލެހެއްޓުމާބެހޭ މިންގަނޑުތަކާއި، ޞިއްޙީ ދާއިރާގެ މަސައްކަތްތަކާ ގުޅޭ ތަފާސްހިސާބުތައް އެއްކުރުމުގެ މިންގަނޑުތައް ކަނޑައެޅުން.

22.    ޞިއްޙީ ދާއިރާގެ މަސައްކަތްތަކާ ގުޅޭ ތަފާސްހިސާބުތައް އެއްކޮށް ބަލަހައްޓައި، އެނަލައިޒްކޮށް، މަޢުލޫމާތު ހާމަކުރުން.

23.    ޞިއްޙީ ދާއިރާއިން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމާއި، ޞިއްޙަތާއި ބަލިބައްޔާބެހޭ މަޢުލޫމާތު ފޯރުކޮށްދިނުން.

24.    މިނިސްޓްރީގެ ދަށުން ހިނގާ ތަންތަނުގެ މަސައްކަތްތައް ހިންގުމަށް ބޭނުންވާ އިދާރީ މިންގަނޑުތައް ކަނޑައަޅައި، މަސައްކަތުގެ ފެންވަރު ހިފަހައްޓައި، އެތަންތަނުގެ މަސައްކަތްތައް ހިނގާނުހިނގާ ގޮތް ބަލައި، ވިލަރެސްކޮށް، އެތަންތަނަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމުގައި އިދާރީގޮތުންނާއި ފަންނީގޮތުން ދޭންޖެހޭ އެހީތެރިކަންދިނުން.

25.    ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން، ޤާނޫނު ނަންބަރު 2015/29 (ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނު) ގެ ދަށުގައި ބަޔާންކުރާ ޞިއްޙީ ދާއިރާގެ ދުރު ރާސްތާ ޕްލޭން އެކުލަވާލުމާއި، މިނިސްޓްރީގެ ދާއިރާއާ ގުޅުންހުރި ތަރައްޤީގެ މަޝްރޫޢުތައް އެކުލަވައިލުމާއި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ މަޝްރޫޢުތައް ރާވައި ހިންގުމާއި، މޮނިޓަރކޮށް އިވެލުއޭޓްކުރުން.

26.    މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން، ޤާނޫނީގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.

ތިރީގައި މިވާ ތަންތަން ހިނގަމުންދާނީ، މިނިސްޓްރީ އޮފް ހެލްތުގެ ދަށުންނެވެ.

(ހ) މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

(ށ) ހެލްތް ޕްރޮޓެކްޝަން އޭޖެންސީ

(ނ) ނޭޝަނަލް މެންޓަލް ހެލްތް ޑިޕާޓްމަންޓް

(ރ) ދަމަނަވެށި

(ބ) މޯލްޑިވިއަން ބްލަޑް ސަރވިސަސް

(ބ.1) ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރ

(ޅ) ޓަރޝަރީ ހޮސްޕިޓަލްތައް

(ކ) ހޮސްޕިޓަލްތައް

(އ) ޞިއްޙީ މަރުކަޒުތައް

(ހ) މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މަސައްކަތްތައް

1.      ކާބޯތަކެއްޗާއި، ބޯފެނާއި، ބޭހާއި، މެޑިކަލް ގޭހާއި، ވެކްސިނާއި، މިނޫންވެސް ބައޮލޮޖިކަލް ތަކެއްޗާއި، މެޑިކަލް ޑިވައިސްތަކާއި، ޑައިގްނޮސްޓިކް ޑިވައިސްތަކުގެ މިންގަނޑުތައް ކަނޑައަޅައި، މިތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުގެ ފެންވަރު ހިފެހެއްޓުމާއި، މިކަންކަމާބެހޭ މަޢުލޫމާތު ބެލެހެއްޓުމާބެހޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

2.      ރާއްޖެއަށް އެތެރެކުރާ ބޭހާއި، މެޑިކަލް ގޭހާއި، ވެކްސިނާއި، މިނޫންވެސް ބައޮލޮޖިކަލް ތަކެއްޗާއި، ޑައިގްނޯސްޓިކް ޑިވައިސްތަކުގައި ހުންނަންޖެހޭ މިންގަނޑުތަކާ އެއްގޮތަށް އެތަކެތި ހުރިތޯ ބަލައި، ޗެކްކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

3.      ރާއްޖެއަށް އެތެރެކުރާ އަދި ރާއްޖޭގައި އުފައްދާ ކާބޯތަކެއްޗާއި، ބޭހާއި، މެޑިކަލް ގޭހާއި، ވެކްސިނާއި، މިނޫންވެސް ބައޮލޮޖިކަލް ތަކެއްޗާއި، މެޑިކަލް ޑިވައިސްތަކާއި، ޑައިގްނޮސްޓިކް ޑިވައިސްތަކުގެ ތެރެއިން ރަޖިސްޓަރީކުރަންޖެހޭ ބާވަތްތައް ކަނޑައެޅުމާއި ރަޖިސްޓަރީކުރުން.

4.      ބޭހާއި، މެޑިކަލް ގޭހާއި، ވެކްސިނާއި، މިނޫންވެސް ބައޮލޮޖިކަލް ތަކެއްޗާއި، މެޑިކަލް ޑިވައިސްތަކާއި، ޑައިގްނޯސްޓިކް ޑިވައިސްތައް އުފެއްދުމަށާއި، އިމްޕޯޓްކުރުމަށާއި، އެކްސްޕޯޓްކުރުމަށާއި، ވިޔަފާރިކުރުމަށްޓަކައި ޢަމަލުކުރަންޖެހޭ އުސޫލުތަކާއި، މިންގަނޑުތައް ކަނޑައެޅުމާއި، އެ ތަކެތީގެ ވިޔަފާރިކުރުމަށް ދޫކުރަންޖެހޭ ހުއްދަ ދޫކުރުމާއި، އެ ހުއްދަ ބާޠިލްކުރުމާއި، އެ މިންގަނޑުތަކާ ޚިލާފުވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުއެޅުން.

5.      ރާއްޖެއަށް އެތެރެކުރާ ބޭހާއި، ރާއްޖޭގައި އުފައްދާ ބޭހާއި، މެޑިކަލް ގޭހާއި، ވެކްސިނާއި، މިނޫންވެސް ބައޮލޮޖިކަލް ތަކެއްޗާއި، މެޑިކަލް ޑިވައިސްތަކާއި، ޑައިގްނޯސްޓިކް ޑިވައިސްތަކަށް ދޫކުރަންޖެހޭ ހުއްދަ ދޫކުރުމާއި ހުއްދަ ބާޠިލްކުރުމާއި، ރައްކާތެރިކަމާއި ފެންވަރު ހިފެހެއްޓުމަށް (ކޮލިޓީ އެޝުއަރެންސް) ކުރަންޖެހޭ ކަންތައްތައް ކުރުން.

6.      ބޭހާއި، މެޑިކަލް ގޭހާއި، ވެކްސިނާއި، މިނޫންވެސް ބައޮލޮޖިކަލް ތަކެއްޗާއި، މެޑިކަލް ޑިވައިސްތަކާއި، ޑައިގްނޯސްޓިކް ޑިވައިސްތަކާބެހޭ ގޮތުން އާންމު ހޭލުންތެރިކަން އިތުރުކުރުން.

7.      ކާބޯތަކެއްޗާއި، ބޯފެނާއި، ބޭހާއި، މެޑިކަލް ގޭހާއި، ވެކްސިނާއި، މިނޫންވެސް ބައޮލޮޖިކަލް ތަކެއްޗާއި، މެޑިކަލް ޑިވައިސްތަކާއި، ޑައިގްނޮސްޓިކް ޑިވައިސްތައް ތަޙުލީލުކުރުމުގެ ޚިދުމަތްދިނުން.

8.      ބޭހާއި، މެޑިކަލް ގޭހާއި، ވެކްސިނާއި، މިނޫންވެސް ބައޮލޮޖިކަލް ތަކެއްޗާއި، މެޑިކަލް ޑިވައިސްތަކާއި، ޑައިގްނޮސްޓިކް ޑިވައިސްތައް އުފައްދާ ތަންތަނާއި، ތަޙުލީލުކުރާ ތަންތަނާއި ގުދަންކުރާ ތަންތަނާއި، ވިއްކާ ތަންތަން ޗެކުކުރުމާއި ސަރޓިފައިކުރުން.

9.      ރާއްޖޭގައި ބުއިމަށް ބޭނުންކުރާ ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެ ފެން ތަޙުލީލުކުރުމާއި، ރާއްޖޭގައި ބޭނުންކުރާ ބަންދުކުރި ބޯފެނުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރުކުރުމާއި، ބޯފެން ބަންދުކުރާ ތަންތަން ބަލައި ފާސްކޮށް، އެ ތަންތަނަށް ހުއްދަ ދޫކުރުން.

10. ކާބޯތަކެތި އުފައްދާ ތަންތަނާއި، ކާބޯތަކެތި ތަޙުލީލުކުރާ ތަންތަނާއި، ގުދަންކުރާ ތަންތަން ޗެކުކުރުމާއި، އެތަންތަން ސަރޓިފައިކުރުން.

11. ރާއްޖެއަށް އެތެރެކުރާ، ރާއްޖެއިން ބޭރުކުރާ، ރާއްޖޭގައި އުފައްދާ، އަދި ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެތީގެ ހުންނަންޖެހޭ ރައްކާތެރިކަމާއި ފެންވަރާބެހޭ މިންގަނޑުތައް ކަނޑައަޅައި، އެ މިންގަނޑުތަކާ އެއްގޮތަށް ކާބޯތަކެތީގެ ރައްކާތެރިކަމާއި ފެންވަރު ހުރިތޯ ބަލައި، އެ މިންގަނޑުތަކާ ޚިލާފުވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

12. ރާއްޖޭގައި ކާބޯތަކެތި އުފައްދާ ތަންތަން ރަޖިސްޓްރީ ކުރުން.

13. ރާއްޖެއިން އެކްސްޕޯޓްކުރާ ކާބޯތަކެތި ސަރޓިފައިކުރާ ކޮންޕީޓަންޓް އޮތޯރިޓީގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

14. ކާބޯތަކެއްޗާއި ބޭސް އިމްޕޯރޓްކުރާ ފަރާތްތަކާއި އެތަކެތި އެކްސްޕޯޓްކުރާ ފަރާތްތަކުން ބޭނުންވާ ހުއްދަ ދޫކުރުމާއި، ކާބޯތަކެއްޗާއި ބޭސް ބަލައި ފާސްކުރާ ފަރާތްތައް (އިންސްޕެކްޓަރުން) ތަމްރީނުކުރުމާއި، އެފަރާތްތަކަށް ލައިސަންސް ދޫކުރުމާއި އެ ފަރާތްތަކުގެ ފެންވަރު ބެލުމަށް ކުރަންޖެހޭ ކަންކަން ކުރުން.

15. އޮތޯރިޓީގެ މަސައްކަތްތަކާ ގުޅުންހުރި، ރާއްޖެ ބައިވެރިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި އެއްބަސްވުންތަކުގައި ހިމެނޭ މަސައްކަތްތައް ކުރުމާއި، ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑުތައް ކަނޑައެޅުމަށް އުފައްދާފައިވާ "ކޯޑެކްސް އެލިމެންޓޭރިއަސް ކޮމިޝަން" ގެ ކޯޑެކްސް ކޮންޓެކްޓް ޕޮއިންޓެއްގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

16. ކާބޯތަކެއްޗާއި ބޭހުގެ ރައްކާތެރިކަމާއި ގުޅޭ ގޮތުން ހަދަންޖެހޭ ރިސްކް އެސެސްމަންޓްތައް ހެދުމާއި، ކާބޯތަކެއްޗާއި ބޭހުގެ ރައްކާތެރިކަމާގުޅޭ ގޮތުން ނެރެންޖެހޭ އެލަރޓްތައް އާންމު ކުރުމާއި، އެ އެލަރޓްތަކާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރުން.

17. ކާބޯތަކެއްޗާއި ބޭހުގެ ރައްކާތެރިކަމާބެހޭގޮތުން އާންމު ފަރާތްތަކުން ހުށަހަޅާ ހުށަހެޅުންތައް ބަލައިގަނެ، އެ ހުށަހެޅުންތަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން.

18. އެންޓިމައިކްރޯބިއަލް ރެސިސްޓަންޓް (އޭ.އެމް.އާރު) ކޮންޓްރޯލްކުރުމުގެ އެންމެހައި މަސައްކަތްތައް ކޯޑިނޭޓްކޮށް ހިންގުން.

19. ރާއްޖެ އެތެރެކުރާ ކެމިކަލްތަކުގެ ތެރެއިން އިންސާނުންގެ ޞިއްޙަތަށް ނުރައްކާތެރިވާ ކެމިކަލްތަކަށް ހެލްތު ކްލިއަރެންސް ދިނުން.

20. މަސްވެރިކަންކުރާ އުޅަނދުތަކާއި ކާބޯތަކެތި އުފުލާ އުޅަނދުތަކުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ކަނޑައެޅުމާއި، އެ އުޅަނދުތައް ބަލައިފާސްކޮށް ސާފުތާހިރުކަމުގެ ސެޓްފިކެޓްދޫކުރުން.

21. ކާބޯތަކެތި އިޝްތިހާރުކުރުމުގައި ޢަމަލުކުރަންޖެހޭ މިންގަނޑުތައް ކަނޑައަޅައި އާންމުކުރުމާއި، ކާބޯތަކެތީގެ އިޝްތިހާރުތައް ފާސްކުރުން.

(ށ) ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ މަސައްކަތްތައް

ތިރީގައިމިވަނީ ޤާނޫނު ނަންބަރު 7/2012 (އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު)ގެ 7 ވަނަ މާއްދާއިން ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ އިޚްތިޞާޞްގެ ދާއިރާގެ ތެރޭގައި ހިމެނިގެންވާ، އަދި އެކަންކަން ކުރުމުގެ ޒިންމާ އެ އެޖެންސީން އުފުލަންޖެހޭ ކަންކަމެވެ.

1.      އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަގާމުތަކާއި އެ މާއްދާގެ ދަށުން އުފައްދާ އިތުރު މަގާމުތަކުގެ މަސްއޫލިއްޔަތުތަކާއި ޝަރުޠުތަކާއި، އެ މަގާމުތަކުގެ ވާޖިބުތައް އަދާކުރުމަށް ބޭނުންވާނެ ހުނަރުތަކާއި، އެ މަގާމުތަކުގެ ވާޖިބުތައް އަދާކުރާނެ ހަމަތައް ސިވިލް ސަރވިސް ކޮމިޝަނުގެ މަޝްވަރާގެ މަތިން އެކުލަވައިލުން.

2.      އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އާންމު ޞިއްޙަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ހިންގަންޖެހޭ ޕްރޮގްރާމްތަކަކީ ކޮބައިކަން ކަނޑައެޅުމާއި، އެ ޕްރޮގްރާމްތަކުން ހާސިލުކުރަން ބޭނުންވާ އަމާޒުތައް ކަނޑައެޅުމާއި، އެ ޕްރޮގްރާމްތައް ހިންގުމުގެ މިންގަނޑުތައް ކަނޑައެޅުމާއި، އެ ޕްރޮގްރާމްތައް ހިންގާނެގޮތުގެ ހަމަތައް ކަނޑައެޅުން.

3.      ކައުންސިލްތަކުގެ އިޚްތިޞާޞްގެ ދާއިރާގައި ހިމެނޭ ސަރަޙައްދުތަކުގައި ހުރި ޞިއްޙީ ޚިދުމަތް ދޭ މުއައްސަސާތަކުން ނުވަތަ މަރުކަޒުތަކުން، އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އަމާޒުތަކަށާއި، ހަމަތަކަށާއި، އުސޫލުތަކަށް ތަބާވުން ލާޒިމުކުރުން.

4.      ޞިއްޙީ ނުރައްކާތަކާއި، ގައިންގަޔަށް އަރާ ބަލިތަކާއި ނުރައްކާތެރި ބަލިތަކާއި ރިޕޯޓުކުރަންޖެހޭ ބަލިތައް ދެނެގަތުމަށާއި، އެ ބަލިތައް ފެތުރޭ ނިސްބަތް ބެލުމުގެ މަސައްކަތާއި އެއިން ބައްޔެއް ފެތުރުމުން އެ ބަލިތަކަށް ދެވޭނެ އިޖާބައަކީ ކޮބައިތޯ ބެލުމުގެ މަސައްކަތްތައް ކުރުން.

5.      ޞިއްޙީ ނުރައްކާތަކާއި ގައިންގަޔަށް އަރާ ބަލިތައް، ބޭރުގެ ޤައުމުތަކުން ރާއްޖެއަށް ތަޢާރުފުވުން ކޮންޓްރޯލްކުރުމަށާއި ރާއްޖޭގައި އެފަދަ ނުރައްކާތެރި ބަލިތައް ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.

6.      ގައިންގަޔަށް އަރާ ބައްޔަކާ ގުޅޭގޮތުން ނުވަތަ ނުރައްކާތެރި ބައްޔަކާ ގުޅޭގޮތުން، ނުވަތަ ޞިއްޙީ ނުރައްކަލަކާ ގުޅޭގޮތުން އުފެދިދާނެ ނުރައްކަލަކުން ސަލާމަތްވުމަށްޓަކައި، ނުވަތަ އެފަދަ ނުރައްކަލެއް ކޮންޓްރޯލް ކުރުމަށްޓަކައި، ނުވަތަ އެފަދަ ނުރައްކަލެއްގެ މިންވަރު ކުޑަކުރުމަށްޓަކައި، ނުވަތަ އެފަދަ ނުރައްކަލަކުން ސަލާމަތްވުމަށްޓަކައި އަޅަންޖެހޭނެ ފިޔަވަޅުތައް ކައުންސިލްތަކުގެ އިޚްތިޞާޞްގެ ދާއިރާގައިވާ އާންމު ޞިއްޙަތުގެ މުއައްސަސާތަކަށާއި މަރުކަޒުތަކަށް އެންގުމާއި، ކަމާގުޅޭ އިރުޝާދުތައް އެތަންތަނަށް ދިނުން.

7.      އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު ހިންގުމަށްޓަކައި އަދި އާންމު ޞިއްޙަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި، ބޭރުގެ ޖަމާޢަތްތަކާއި ޤައުމުތަކާއެކު އެއްބަސްވުންތައް ގާއިމުކުރުމާއި، އެފަދަ ޖަމާޢަތްތަކާއި ޤައުމުތަކާ ގުޅިގެން ޕްރޮގްރާމްތައް ރާވައި ހިންގުން.

8.      އެކަށީގެންވާ މުވައްޒަފުންނާއި، އެކަށީގެންވާ ވަސީލަތްތައް ހުރެގެން، އާންމު ޞިއްޙަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ބޭނުންވާ މިންވަރަށް ޕަބްލިކް ހެލްތް ލެބޯރެޓަރީތައް އުފައްދައި، އެތަނުން ދޭނެ ޚިދުމަތްތައް ކަނޑައަޅައި، އެ ޚިދުމަތްތައް، އެތަންތަނުން ދެމެހެއްޓެނިވި ގޮތެއްގައި ދެމުންދިޔުން.

9.      ގައިންގަޔަށް އަރާ ބައްޔާއި ނުރައްކާތެރި ބަލި ރާއްޖެއަށް ފެތުރެމުންދާ ނިސްބަތް ނުވަތަ ފެތުރުމުގެ ފުރުޞަތު އޮތް ނިސްބަތް ބެލުމަށްޓަކައި ހިންގަންޖެހޭ މަޝްރޫޢުތަކާއި ޕްރޮގްރާމްތައް ހިންގައި، ރާއްޖެއަށް އެފަދަ ބައްޔެއް ތަޢާރުފުވެއްޖެނަމަ، އެކަމަށް އިޖާބަދިނުމުގެ ކަންކަން ރާއްޖޭގައި ހިންގަންޖެހޭނެގޮތުގެ އުސޫލުތައް ރާވައި، މަޝްރޫޢުތައް އެކުލަވާލައި، ޢަމަލީ މަސައްކަތުގެ ތާވަލުތައް ތައްޔާރުކުރުން.

10. ޞިއްޙީ ނުރައްކަލެއް ދިމާވެއްޖެނަމަ، ނުވަތަ ގައިންގަޔަށް އަރާ ބައްޔެއް ފެތުރިއްޖެނަމަ، ނުވަތަ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތަކަށް ރާއްޖެ ހިނގައްޖެނަމަ، ނުވަތަ ނުރައްކާތެރި ބައްޔެއް ފެތުރިއްޖެނަމަ، އަންގަންޖެހޭ އެންގުންތައް އެންގުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މައިގަނޑު އުސޫލުތައް ދުރާލާ ތައްޔާރުކުރުން.

11. އާންމު ޞިއްޙަތު ރައްކާތެރިކުރުމަށްޓަކައި، މީހުންނަށް ދޭންޖެހޭ އާންމު ޞިއްޙަތުގެ ޚިދުމަތްތައް ދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި އެކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

12. އެއްވެސް ބައްޔެއް ފެތުރުމުގެ ވަސީލަތަކަށް ވެދާނެ އެއްޗެއް، މީހުން ދިރިއުޅޭ ތަނެއްގައި ހުރެއްޖެކަމަށްވާނަމަ، އެ ތަނެއްގެ ވެރިފަރާތަށް އެކަން ކޮންޓްރޯލް ކުރުމަށާއި އެކަމެއް ނައްތާލުމަށްޓަކައި، އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން، އަންގަންޖެހޭ އެންގުންތައް އެންގުމާއި، އެމީހަކު އެ އެންގުމާ އެއްގޮތަށް ޢަމަލުކުރަން ލާޒިމުކުރުން.

13. އާންމު ޞިއްޙަތުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ބޭނުންވާ އާންމު ސާފުތާހިރުކަމުގެ މިންގަނޑުތައް އެކުލަވާލައި، އެ މިންގަނޑުތައް ތަންފީޒުކުރަމުން ދިޔުން.

14. ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ބަލިތައް ކޮންޓްރޯލްކުރުމަށާއި، މުޖުތަމަޢުގެ އާންމު ދުޅަހެޔޮކަން ދެމެހެއްޓުމަށް މަސައްކަތްކުރުން.

15. އާންމު ޞިއްޙަތަށް ކުއްލި ނުރައްކަލުގެ ޙާލަތެއް ދިމާވެއްޖެހިނދެއްގައި، އެކަން ދިމާވިގޮތާއި، އެކަމުގައި ޢަމަލުކުރިގޮތާއި، ޢަމަލުކުރެވުނުގޮތުގެ ސަބަބުން ގެނެވުނު ބަދަލާއި، އެކަން ހުއްޓުވުމަށް ދިމާވި ގޮންޖެހުންތަކާއި، ދެން އެފަދަކަމެއް ދިމާވެއްޖެކަމަށްވާނަމަ، ރަނގަޅުކުރަންޖެހޭނެ ކަންތައްތަކަކީ ކޮބައިކަން ބަލައި، މުރާޖަޢާކުރުމަށްފަހު، ރިޕޯޓެއް އެކުލަވާލައި، ވަޒީރަށް ހުށަހެޅުން.

16. ނުރައްކާތެރި ބަލިތަކާއި ގައިންގަޔަށް އަރާ ބަލިތަކާއި ރިޕޯޓުކުރަންޖެހޭ ބަލިތަކާ ގުޅޭގޮތުން ކަންކުރަމުންގެންދާގޮތުގެ މައްޗަށް ރިޕޯޓެއް އެކުލަވާލައި، ކޮންމެ އަހަރެއްގެވެސް ޖަނަވަރީ މަސް ހުސްވުމުގެ ކުރިން ވަޒީރަށް ރިޕޯޓެއް ހުށަހެޅުން.

އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 7 ވަނަ މާއްދާގައި، ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ އިޚްތިޞާޞްގެ ދާއިރާގައި ހިމެނޭ ކަންކަން ތަންފީޒުކުރުމަށްޓަކައި ތިރީގައި މިވާ މަސައްކަތްތައްތައް ހިންގައި ބެލެހެއްޓުން.

17. ރާއްޖޭގެ ނާޒުކު ޙާލަތުގައިވާ އާބާދީގެ ގިންތިތަކުގެ ޞިއްޙަތު ރައްކާތެރިކުރުމަށް ބޭނުންވާ ޚިދުމަތްތައް ރާވައި ހިންގައި، އާންމު ޞިއްޙަތު ރައްކާތެރިކުރުމުގައި ދައުލަތުގެ ފަރާތުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުން.

18. ޤާނޫނު ނަންބަރު 2010/15 (ދުންފަތް ކޮންޓްރޯލްކުރުމުގެ ޤާނޫނު)ގެ ދަށުން ދުންފަތުގެ އިސްތިޢުމާލުކުރުމުން މުޖްތަމަޢު ރައްކާތެރިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން.

19. ވެކްސިންދީގެން ރައްކާތެރިކުރެވޭ ބަލިތަކުން ރައްކާތެރިކުރުމަށް އިމިއުނައިޒޭޝަން ޕްރޮގްރާމް ރާވައި ހިންގުމާއި، އެފަދަ ބައްޔެއް އުޅޭނަމަ އެކަން ބަލައި ތަޙުލީލުކޮށް، ބަލި ކޮންޓްރޯލުކުރުމާ ގުޅޭގޮތުން އާންމު ޞިއްޙަތާއި ބައިނަލްއަޤްވާމީގޮތުން ބޭނުންވާ ވެކްސިނޭޝަންގެ ކަންތައް ހިންގައި ބެލެހެއްޓުން.

20. އިންޓަރނޭޝަނަލް  ހެލްތް ރެގިއުލޭޝަންގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް އުޅަނދުތަކަށް ސެޓްފިކެޓް ދޫކުރުމާއި، ރާއްޖޭގެ ބައިނަލްއަޤްވާމީ އެއްގަމާއި، ވައިގެ ބަނދަރުތަކުގައި އެ ރެގިއުލޭޝަނާ އެއްގޮތަށް ހުންނަންޖެހޭ ކަންކަން  ކަނޑައަޅައި، އެބަނދަރުތަކުގައި ޞިއްޙީގޮތުން ބަލަންޖެހޭ ކަންތައްތައް ބަލައި، ކަރަންޓީނާބެހޭ އެންމެހައި ކަންތައްތައް ރާވައި ބެލެހެއްޓުން.

21. ރާއްޖޭގެ ބައިނަލްއަޤްވާމީ ބަނދަރުތަކަށް އަންނަ އުޅަނދުތަކާއި މީހުންނާއި، ފުރާ އުޅަނދުތަކާއި މީހުންނާ މެދު ޞިއްޙީގޮތުން ބަލަންޖެހޭ ކަންކަމާއި، ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބެލުން.

22. ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށް ކުރަންޖެހޭ ކަންތައްތައް ރާވައި، ހިންގައި، މޮނިޓަރކުރުން.

23. ރާއްޖޭގެ ނިއުޓްރިޝަންގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ކުޑަކުދިންގެ ހެދިބޮޑުވުން މޮނިޓަރކުރުމާއި، މިކަންކަމަށް މުޖްތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުން.

24. ދަރިމައިވުމުގެ ޞިއްޙަތާއި، ކުޑަކުދިންގެ ޞިއްޙަތާ ބެހޭގޮތުން ދޭންޖެހޭ ޚިދުމަތްތައް ދެވޭނެ ގޮތްތައް ފަހިކޮށްދީ، އެކަންކަން ހިނގަމުންދާގޮތް ބަލައި، ރައްޔިތުން ހޭލުންތެރިކުރުވުން.

25. މަދިރިއާއި ބަލި ފަތުރާ އެހެނިހެން ސޫފާސޫފި އުފެދުމާއި ގިނަވިޔަނުދީ ހިފެހެއްޓުމަށް ބޭނުންވާ ފަންނީ ލަފާދީ މިންގަނޑުތައް ކަނޑައަޅައި، މިކަންކަން ހިނގާ ނުހިނގާގޮތް ބެލުން. 

26. މީހުން ދިރިއުޅޭ ތަންތަނާއި، ދިރިނޫޅޭ ތަންތަނާއި، އާންމު ތަންތަނާއި، މަސައްކަތުގެ މާހައުލަކީ ޞިއްޙީ ގޮތުން ރައްކާތެރި އަދި ދުޅަހެޔޮ ޞިއްޙަތަކަށް މަގުފަހިކޮށްދޭ މާހައުލުތަކަށް ހެދުމަށްޓަކައި ކަމާބެހޭ ދާއިރާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން. އަދި މިކަން ކުރުމަށް ބޭނުންވާ އުސޫލުތަކާއި، މިންގަނޑުތަކާއި ގަވާއިދުތައް ހެދުމަށް އެޑްވޮކޭޓް ކުރުމާއި، އެކަންކަމާބެހޭ ގޮތުން ހޭލުންތެރިކުރުވުން.

27. އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ މަސައްކަތްތަކުގައި އަމިއްލަ ފަރާތްތަކާއި ޖަމުޢިއްޔާތަކުގެ އެއްބާރުލުން ހޯދުމާއި އެފަރާތްތަކުން ކުރާ މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަމާއި ލަފާދީ، އެފަރާތްތަކާއެކު މަސައްކަތް ކުރުން.

28. ފުރާވަރުގެ ކުދިންނާއި ޒުވާނުންގެ ޞިއްޙަތު ކުރިއެރުވުމަށާއި، އުމުރުން ދުވަސްވީ މީހުންނަށް ދިމާވާ ޞިއްޙީ މައްސަލަތަކަށް ޢާއިލާ ހޭލުންތެރިކުރުވުމާއި، އެފަދަ މީހުންނަށް އެހީތެރިވާ މުޖުތަމަޢެއް އުފެއްދުމަށް މަސައްކަތް ކުރުން.

29. ކާބޯތަކެތި އެއްތަނުން އަނެއްތަނަށް އުފުލައި، ގުދަންކޮށް، ތައްޔާރުކޮށް އަދި ވިއްކުމުގައި ހުންނަންޖެހޭކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކަނޑައަޅާ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ޢަމަލުކުރަމުންދޭތޯ ބަލައި ޗެކްކޮށް މިކަމާގުޅިގެން އަޅަންޖެހޭ ފިޔަވަޅު އެޅުން.

(ނ) ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓްގެ މަސައްކަތްތައް

1.      ނަފްސާނީ ސިއްޙަތުގެ ދާއިރާގެ ސިޔާސަތުތަކާއި ލަނޑުދަނޑިތައް ޙާޞިލްކުރުމުގެ ގޮތުން ޕްލޭންތައް އެކަށައަޅައި، އެ ޕްލޭންތައް ތަންފީޒުކުރުމުގެ ކަންކަން ވިލަރެސްކުރުން.

2.      ނަފްސާނީ ސިއްޙަތުގެ ދާއިރާއިން ހިންގާ ޕްރޮގްރާމްތައް އެކުލަވާލައި، އެ ޕްރޮގްރާމްތަކުން ހާސިލުކުރަން ބޭނުންވާ އަމާޒުތައް ކަނޑައަޅައި، ޕްރޮގްރާމްތައް ތަންފީޒުކުރުމުގެ ކަންކަން ވިލަރެސްކުރުމާއި، އެ ޕްރޮގްރާމްތައް ހިންގުމުގެ މިންގަނޑުތައް ކަނޑައަޅައި، އެ ޕްރޮގްރާމްތައް ހިންގާނެގޮތުގެ ހަމަތައް ކަނޑައަޅައި، އެ ޕްރޮގްރާމްތައް ހިނގާނުހިނގާގޮތް ބަލައި މޮނީޓަރކުރުމާއި، އެ ޕްރޮގްރާމްތަކަށް ގެންނަންޖެހޭ ބަދަލުތަކަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ގެނައުން.

3.      ޞިއްޙީ ޚިދުމަތްދޭ ސަރުކާރުގެ ތަންތަނުން ރައްޔިތުންނަށް ފޯރުކޮށްދޭ ނަފްސާނީ ޞިއްޙީ ޚިދުމަތްތަކާބެހޭ ސިޔާސަތުތަކާއި އުސޫލުތައް ކަނޑައެޅުމުގައާއި އެ ސިޔާސަތުތަކާއި އުސޫލުތަކާ އެއްގޮތަށް ޚިދުމަތްދޭކަން ކަށަވަރުކުރުމުގައި މިނިސްޓްރީއަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

4.      ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓްއިން ކަނޑައަޅާ ޕްލޭންތަކާ އެއްގޮތަށް، ޞިއްޙީ ޚިދުމަތްދޭ ސަރުކާރުގެ ތަންތަނުން ނަފްސާނީ ޞިއްޙަތުގެ ޚިދުމަތްތައް ފޯރުކޮށްދޭކަން ކަށަވަރުކުރުން.

5.      ނަފްސާނީ ކަންކަމާމެދު މަޝްވަރާ ކުރެވޭނެ އަދި ނަފްސާނީ ކަންކަމާ ގުޅިގެން އެހީ ހޯދޭނެ ޚާއްޞަ ހެލްޕްލައިނެއްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖެއްސުން.

6.      ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަމާބެހޭ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމާއި، އެ މަސައްކަތްތަކުގައި ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކާއި ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުގެ އެއްބާރުލުން ހޯދުން.

7.      ނަފްސާނީ ޞިއްޙަތާއި ގުޅުންހުރި މަސައްކަތްތައް ކުރާ އަމިއްލަ ފަރާތްތަކާއި ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކާއި ގުޅުން ބަދަހިކޮށް އެ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރެވޭނެ މާޙައުލެއް ޤާއިމުކުރުމާއި، ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ޕްރޮގްރާމްތައް ހިންގުމުގައި އެ ފަރާތްތަކުގެ އެއްބާރުލުން ހޯދުމާއި، އެފަރާތްތަކުން ކުރާ މަސައްކަތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ލަފާދިނުން.

8.      ދިވެހިރާއްޖެއަށް ކުރިމަތިވާ ކުއްލި ނުރައްކާތަކާއި ކާރިސާތަކުގައި، ނަފްސާނީ ޞިއްޙަތުގެ ދާއިރާއިން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ކަމާބެހޭ ފަރާތްތަކާ ގުޅިގެން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސައި އެ ކަންކަން ވިލަރެސްކުރުމާއި، ކުއްލި ނުރައްކާތަކާއި ކާރިސާތަކުގެ ހާލަތްތަކުގައި ނަފްސާނީ ޞިއްޙީ ޚިދުމަތްތައް ފޯރުވައިދޭނެ ގޮތްތައް ކަނޑައެޅުން.

9.      ނަފްސާނީ ޞިއްޙަތުގެ ދާއިރާއިން ރާއްޖެއަށް ފަންނީ ހުނަރުވެރިން ބޭނުންވާ ދާއިރާތައް ދެނެގަނެ، ޤާބިލު މީހުން ބިނާކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުން. 

10. ދިވެހިރާއްޖޭގައި ހިންގާ މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތަކުން ނަފްސާނީ ސިއްޙަތުގެ ދާއިރާގެ ކޯސްތައް އެކުލަވައިލައި ހިންގުމުގައި އެ މަރުކަޒުތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

11. ނަފްސާނީ ޞިއްޙަތުގެ ދާއިރާގެ ޚިދުމަތްތައް ދިނުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަތުމަށް އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ޚިދުމަތްދޭ އިދާރާތަކާއެކު މަޝްވަރާކުރުމާއި، އެ ގޮންޖެހުންތަކުގެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުން.

12. ނަފްސާނީ ޞިއްޙަތުގެ ދާއިރާއިން ރާއްޖެ ބައިވެރިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކާއި، އެއްބަސްވުންތަކުގައި ހިމެނޭ ކަންކަން ތަންފީޒުކުރުމުގައި ކަމާބެހޭ އިދާރާތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދީ އެ މަސައްކަތްތައް ވިލަރެސްކުރުމާއި، މިފަދަ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި، އެއްބަސްވުންތަކުގައި ހިމެނޭ ކަންކަން ތަންފީޒުކުރުމުގެގޮތުން އިޞްލާޙުކޮށް ބަދަލުގެންނަންޖެހޭ ކަންކަމަށް ބަދަލުގެނައުމަށް ބާރުއަޅައި، މި ކަންތައްތައް ކަމާ ގުޅުންހުރި ދާއިރާތަކުގެ ސަމާލުކަމަށް ގެނައުން.

13. ނަފްސާނީ ޞިއްޙަތުގެ ދާއިރާގެ ސިޔާސަތުތަކާއި ލަނޑުދަނޑިތައް ޙާޞިލްކުރުމަށް ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުން ލަފައާއި އެހީ ހޯދުމާއި، އެ ޖަމާޢަތްތަކާ ގުޅުން ބަދަހިކުރުން.

14. ނަފްސާނީ ޞިއްޙަތުގެ ދާއިރާއާ ގުޅުންހުރި ދިރާސާތައް ކުރުމާއި، އެ ދިރާސާތަކުން ހޯދޭ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން.

15. ނަފްސާނީ ޞިއްޙަތުގެ ދާއިރާއާ ގުޅޭ ތަފާސްހިސާބުތައް އެއްކޮށް، އަދާހަމަކޮށް ބަލަހައްޓައި، އެނަލައިޒްކޮށް، ތަފާސްހިސާބުތައް އާންމުކުރުން.

(ރ) ދަމަނަވެށީގެ މަސައްކަތްތައް

1.      މައިންނާއި ޅަދަރިންގެ ޞިއްޙަތު ރައްކާތެރިކުރުމަށާއި، އާންމު ޞިއްޙަތަށް ނުރައްކާވާފަދަ ބަލިތައް ކޮންޓްރޯލް ކުރުމަށް ދޭންޖެހޭ ބޭސްފަރުވާ (ވެކްސިން ދިނުމާއި ޚާއްޞަ ބަލިބައްޔަށް ފަރުވާދިނުމަށް ކްލިނިކްތައް ހިންގުންފަދަ ޕްރޮގްރާމްތައް) ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ލަފާގެ މަތިން ފޯރުވައިދިނުން.

2.      މާބަނޑު މީހުންނަށް ބޭނުންވާ އެންޓިނޭޓަލް ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ގަވާއިދުން އެންޓިނޭޓަލް ކްލިނިކް ހިންގުމާއި މާބަނޑު މީހުންނަށާއި އެފަރާތްތަކުގެ ޢާއިލާއަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމަށް މަޢުލޫމާތު ސެޝަންތައް ހިންގުން.

3.      ވިހެއުމަށްފަހު މައިމީހާއާއި ދަރިފުޅަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޕޯސްޓްނޭޓަލް ކްލިނިކް ހިންގުމާއި ދަރިމައިވުމާއި ޢާއިލާ ރޭވުމާބެހޭ މަޢުލޫމާތާއި ޢާއިލާ ރޭވުމުގެ ވަސީލަތްތައް ފޯރުކޮށްދިނުން.

4.      5 އަހަރުން ދަށުގެ ކުދިން ހެދިބޮޑުވާ މިންވަރު ބެލުމަށް ގްރޯތް މޮނިޓަރިންގ ޕްރޮގްރާމް ހިންގުން.

5.      އާންމު ޞިއްޙަތު ކުރިއެރުވުމަށް އާންމުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމާއި ކައުންސެލިންގގެ ޚިދުމަތް ދޭންޖެހޭ ފަރާތްތަކަށް އެފަދަ ޚިދުމަތް ދިނުން.

6.      ކެންސަރ ސްކްރީނިންގފަދަ ގައިންގަޔަށް ނާރާ ބަލިތަކާބެހޭ ޕްރޮގްރާމް ހިންގުމާއި، ޖިންސީ ގުޅުމުން އަރާ ބަލިތަކަށް ސްކްރީން ކުރުމާއި، މިފަދަ ބަލިތަކާ ބެހޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނުން.

7.      ލޭ މައްޗަށް ދާ މީހުންނާއި، ހަކުރުބަލީގެ މީހުންނަށް އަދި ގައިންގަޔަށް ނާރާ އެހެނިހެން ބަލިތަކުގެ މީހުންނަށް އަމާޒުކޮށްގެން ސްކްރީނިންގ ޕްރޮގްރާމްތައް ހިންގުމާއި، ޚާއްޞަ ކްލިނިކްތައް ހިންގުން.

8.      ދުންފަތުގެ އިސްތިޢުމާލު ކުރާ ފަރާތްތަކަށް ކައުންސެލިންގ ދިނުމާއި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ސެސޭޝަން ކްލިނިކްގެ ޚިދުމަތް ދިނުން.

9.      ޖެނަރަލް ޕްރެކްޓިޝަނަރ ސަރވިސް އާއި އާންމު ބަލިތަކަށް  އޯ.ޕީ.ޑީ ގެ ޚިދުމަތް  ފޯރުކޮށްދިނުމާއި، ބައެއް ބާވަތުގެ ބަލިތަކަށް އަމާޒުކޮށްގެން ޚާއްޞަ ކްލިނިކްތައް ހިންގުން.

10. ދަމަނަވެށްޓަށް ޒިޔާރަތްކުރާ ބަލިމީހުންގެ ތެރެއިން ލެބޯރެޓަރީ ޓެސްޓް ހަދަންޖެހޭ ފަރާތްތަކުގެ ޓެސްޓުތައް ހެދުމުގެ އިންތިޒާމު ހަމަޖެއްސުން.

11. ގޭގެއަށް ޒިޔާރަތްކޮށް ދާނުގައި ތިބޭ ބަލިމީހުންނަށް ފަރުވާދިނުމާއި، އެހެނިހެން ބަލިބަލީގެ މީހުންނަށް ޞިއްޙީ ލަފަޔާއި އިރުޝާދު ދިނުން.

12. މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ ޕަބްލިކް ހެލްތު ސަރވޭލަންސްގެ މަޢުލޫމާތާއި، އަދި އެހެނިހެން މަޢުލޫމާތު އެއްކޮށް، ބަލަހައްޓައި ރިޕޯޓުކުރުން.

(ބ) މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ މަސައްކަތްތައް

1.      ދިވެހިރާއްޖޭގައި ލޭ ނެގުމާއި، ލޭ ރައްކާކުރުމާއި، ލޭ ފޯރުކޮށްދިނުމާގުޅޭ ސިޔާސަތުތައް ތަންފީޒުކުރަމުންދާގޮތް މޮނިޓަރކުރުން.

2.      ދިވެހިރާއްޖޭގައި ލޭ ނެގުމާއި، ލޭ ރައްކާކުރުމާއި، ލޭ ފޯރުކޮށްދިނުމާގުޅޭ ގަވާއިދުތަކާއި، އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅައި، މި ގަވާއިދުތަކާއި، އުސޫލުތަކާއި، މިންގަނޑުތަކަށް ޢަމަލުކުރަމުންދާ ގޮތް ބެލުން.

3.      ސެންޓްރަލް ބްލަޑް ބޭންކާއި ޤާނޫނު ނަންބަރު 4/2012 (ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނު)ގައި ބަޔާންކުރާ ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރ ހިންގައި ބެލެހެއްޓުމާއި، އެތަންތަނުގެ އިދާރީ، ޓެކްނިކަލް އަދި ކްލިނިކަލް ކަންތައްތައް ރާވައި ހިންގުން.

4.      ދިވެހިރާއްޖޭގައި ލޭ ނެގުމާއި، ލޭ ރައްކާކުރުމާއި، ލޭ ފޯރުކޮށްދިނުމާގުޅޭ ތަފާސްހިސާބު ބެލެހެއްޓުމާއި، އެކަންކަމާގުޅޭ ދިރާސާ ރިޕޯޓްތައް އެކުލަވާލައި އާންމުކުރުން.

5.      ރާއްޖޭގައި ލޭ ބޭނުންވާ ފަރާތްތަކަށް ރައްކާތެރި ލޭ ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ ތަޙުލީލުތައް ކުރުން.

6.      ރާއްޖޭގައި ޤާއިމުކޮށްފައިވާ ޔުނިވަރސިޓީތަކާއި، ބައިނަލްއަޤްވާމީ ފަރާތްތަކާ ގުޅިގެން މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ މަސައްކަތްތަކާގުޅޭ ދިރާސާތައް ކުރުމާއި، އެ ދިރާސާތަކުގެ ނަތީޖާތައް އާންމުކުރުން.

7.      ޤާނޫނު ނަންބަރު 2012/4 (ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނު)ގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ތެލަސީމިއާ ފަންޑު ހިންގައި ބެލެހެއްޓުން.

8.      ލޭ ބޭނުންވާ ފަރާތްތަކަށް ރައްކާތެރި ލޭ ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމްކޮށް، މި ނިޒާމުގެ ދަށުން ލޭ ބޭނުންވާ ފަރާތްތަކަށް ލޭ ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެއްސުން.

9.      ލޭ ނެގުމާއި، ލޭ ރައްކާކުރުމާއި، ލޭ ފޯރުކޮށްދިނުމަށްޓަކައި ހިންގަންޖެހޭ މަޝްރޫޢުތަކާއި ޕްރޮގްރާމްތައް ހިންގުން.

10. ލޭއެޅުމުގައި ދިމާވެދާނެ ނުރައްކާތައް ހޯދައި، އެކަންކަން ހައްލުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

11. ލޭ ހަދިޔާކުރުމާބެހޭ ގޮތުން އާންމު ހޭލުންތެރިކަން އިތުރުކުރުމާއި، އަލަށް ލޭ ހަދިޔާކުރުމަށް އެދޭ ފަރާތްތައް އިތުރުކޮށް، ދާއިމީ ގޮތެއްގައި ލޭ ހަދިޔާކުރުމަށް ބާރުއެޅުމުގެ ގޮތުން ހިންގަންޖެހޭ ޕްރޮގްރާމްތައް ރާވައި ހިންގުން.

12. ލޭ ނެގުމާއި، ލޭ ރައްކާކުރުމާއި، ލޭ ފޯރުކޮށްދިނުމާގުޅޭ ގޮތުންނާއި، ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސްއާ ގުޅޭގޮތުން އާންމު ހޭލުންތެރިކަން އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

13. ބޯންމެރޯ ޓްރާންސްޕްލާންޓް ހަދާ ފަރާތްތަކުގެ އެންމެހައި ކަންތައްތައް ކަމާބެހޭ ފަރާތްތަކާ ގުޅިގެން އިންތިޒާމުކޮށް ބެލެހެއްޓުން.

(ބ.1) ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރގެ މަސައްކަތްތައް

ތިރީގައި މިވަނީ ޤާނޫނު ނަންބަރު 4/2012 (ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނު)ގެ 7 ވަނަ މާއްދާއިން ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރުގެ އިޚްތިޞާޞްގެ ދާއިރާގެ ތެރޭގައި ހިމެނިގެންވާ، އަދި އެކަންކަން ކުރުމުގެ ޒިންމާ ސެންޓަރުން އުފުލަންޖެހޭ ކަންކަމެވެ.

1.      ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނުގެ ދަށުން ތެލަސީމިއާ ކޮންޓްރޯލްކުރުމަށްޓަކައި ހިންގަންޖެހޭ ޕްރޮގްރާމްތަކަކީ ކޮބައިކަން ކަނޑައެޅުމާއި، އެ ޕްރޮގްރާމްތަކުން ޙާޞިލުކުރަން ބޭނުންވާ އަމާޒުތައް ކަނޑައެޅުމާއި، އެ ޕްރޮގްރާމްތައް ހިންގުމުގެ މިންގަނޑުތައް ކަނޑައެޅުމާއި، އެ ޕްރޮގްރާމްތައް ހިންގާނެގޮތުގެ ހަމަތައް ކަނޑައެޅުން.

2.      ކައުންސިލްތަކުގެ އިޚްތިޞާޞްގެ ދާއިރާގައި ހިމެނޭ ސަރަޙައްދުތަކުގައި ހުރި ޞިއްޙީ ޚިދުމަތްދޭ މުއައްސަސާތަކުން ނުވަތަ މަރުކަޒުތަކުން، ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަމާޒުތަކަށާއި، ހަމަތަކަށާއި، އުސޫލުތަކަށް ތަބާވުން ލާޒިމުކުރުން.

3.      ތެލަސީމިއާ ކޮންޓްރޯލްކުރުމާ ގުޅޭގޮތުން ޤައުމީ ފެންވަރުގައި ހިންގަންޖެހޭ މަޝްރޫޢުތައް ހިންގުން.

4.      ތެލަސީމިއާއަށް ފަރުވާދިނުމަށްޓަކައި ހިންގަންޖެހޭ މަޝްރޫޢުތަކާއި، ޕްރޮގްރާމްތައް ހިންގުން.

5.      ތެލަސީމިއާ ހުއްޓުވުމަށްޓަކައި އާބާދީގެ އެކި ގިންތިތަކުގެ މީހުންނަށް އަމާޒުކޮށްގެން ހިންގަންޖެހޭ ތަޢުލީމާއި ތަމްރީނާއި ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުން.

6.      ތެލަސީމިއާ ދިވެހިރާއްޖޭގައި އިތުރުވަމުންދާ ނިސްބަތާގުޅޭ މަޢުލޫމާތުތައް އެއްކުރުމާއި، އެ ބަލި އިތުރުވަމުންދާގޮތް ބަލަމުން ގެންދިއުން.

7.      ތެލަސީމިއާއާ ގުޅޭގޮތުން ޞިއްޙީ މަސައްކަތްތެރިންނަށާއި، ތެލަސީމިއާ ކުދިންނަށާއި، އެ ކުދިންގެ ބެލެނިވެރިންނަށާއި، އާންމުކޮށް މުޅި މުޖުތަމަޢަށް އަމާޒުކޮށްގެން ހިންގަންޖެހޭ ޕްރޮގްރާމްތައް ހިންގުން.

8.      ތެލަސީމިއާ ކުދިންނަށް، ތެލަސީމިއާގެ ސަބަބުން ޖެހޭ ބަލިތަކަށް ފަރުވާދެވޭނެ ނިޒާމެއް ޤާއިމުކުރުން.

9.      ޤާނޫނު ނަންބަރު 2012/4 (ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނު) ހިންގުމުގެގޮތުންނާއި، ތެލަސީމިއާ ކޮންޓްރޯލްކުރުމަށް މަސައްކަތްކުރުމުގެގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޖަމާޢަތްތަކާއި ބޭރުގެ ޤައުމުތަކާއެކު އެއްބަސްވުންތައް އެއްބަސްވުމާއި، އެފަދަ ޖަމާޢަތްތަކާއި ޤައުމުތަކާއި ގުޅިގެން ޕްރޮގްރާމްތައް ރާވައި ހިންގުން.

10. އެކަށީގެންވާ މުވައްޒަފުންނާއި އެކަށީގެންވާ ވަސީލަތްތައް ހުރެގެން، ތެލަސީމިއާއަށް ޓެސްޓުކުރުމަށްޓަކައި ބޭނުންވާ މިންވަރަށް ލެބޯރެޓަރީތައް އުފައްދައި، އެ ތަންތަނުން ދޭނެ ޚިދުމަތްތައް ކަނޑައަޅައި، އެ ޚިދުމަތްތައް، އެ ތަންތަނުން ދެމެހެއްޓެނިވި ގޮތެއްގައި ދެމުންދިއުން.

11. ތެލަސީމިއާ ކޮންޓްރޯލްކުރުމަށް ކުރެވެމުންދާ ކަންކަމާއި ފަރުވާދިނުމުގެ ނިޒާމު ހިންގަމުންގެންދާގޮތުގެ މައްޗަށް ރިޕޯޓެއް އެކުލަވާލައި، ކޮންމެ އަހަރެއްގެވެސް ޖަނަވަރީ މަސް ހުސްވުމުގެ ކުރިން ވަޒީރަށް ރިޕޯޓު ހުށަހެޅުން.

12. މީހާއަށް ވާރުތަވާ ޙާލަތެއްގެ ސަބަބުން ނުވަތަ މީހާގެ ގައިގައި އުފެދޭ ޙާލަތެއްގެ ސަބަބުން، އޭނާގެ ލޭގައި ހިމެނެންޖެހޭ މާއްދާތަކެއް އުނިވެގެން، ނުވަތަ އޭނާގެ ލޭގައި ހުންނަންވީ މާއްދާތަކެއް ހުންނަންވީ ނިސްބަތަށްވުރެ އިތުރުވެގެން، ނުވަތަ އޭނާގެ ލޭގައި ހިމެނެންޖެހޭ މާއްދާތަކެއް ހިމެނެންޖެހޭ ތަރުތީބަށް އައިސްފައިވާ ބަދަލަކުން، އޭނާއަށް ދިމާވާ ޞިއްޙީ ޙާލަތްތަކާ ގުޅޭގޮތުން ހިންގަންޖެހޭ މަޝްރޫޢުތައް ހިންގައި، ފަރުވާގެ ނިޒާމުތައް ހަމަޖެއްސުން.

(ޅ) ޓަރޝަރީ ހޮސްޕިޓަލްތަކުގެ މަސައްކަތްތައް

1.      ރައްޔިތުންނަށް ބޭނުންވާ ޑޮކްޓަރީ ބޭސްފަރުވާ ދިނުމުގެ ކަންތައް، ޓަރޝަރީ ފެންވަރުގައި ފޯރުވައިދީ، އެކަމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދައި، ޚިދުމަތް ތަރައްޤީކުރުން.

2.      ބަލިތައް ދެނެގަތުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތަކާއި، ލެބޯރެޓަރީގެ ޚިދުމަތްތަކާއި، ރިހެބިލިޓޭޝަންގެ ޚިދުމަތް ތަރައްޤީކޮށް ޚިދުމަތް ފޯރުވައިދިނުން.

3.      މައިންނާއި ޅަދަރިންގެ ޞިއްޙަތު ރައްކާތެރިކުރުމަށާއި، އާންމު ޞިއްޙަތަށް ނުރައްކާވާފަދަ ބަލިތައް ކޮންޓްރޯލްކުރުމަށް ދޭންޖެހޭ ބޭސްފަރުވާގެ ކަންތައް (ވެކްސިން ދިނުމާއި، ޚާއްޞަ ބަލިބައްޔަށް ފަރުވާދޭ ކްލިނިކްތައް ހިންގުން ފަދަ ޕްރޮގްރާމްތައް) ހެލްތް ޕްރޮޓެކްޝަން އޭޖެންސީއާ ގުޅިގެން ފޯރުވައިދީ، އާންމު ޞިއްޙަތު ރައްކާތެރިކުރުމަށް ސަރުކާރުން ހިންގާ ޕްރޮގްރާމްތަކަށް އެހީތެރިވެދިނުން.

4.      ސަރަޙައްދީ ފެންވަރުގައާއި އަތޮޅު ފެންވަރުގައި ހިންގާ ހޮސްޕިޓަލްތަކުގައި، މޯބައިލް ފޯނުގެ ޒަރީޢާއިންނާއި، އިންފޮރމޭޝަން ޓެކްނޮލޮޖީގެ ޒަރީޢާއިން، ޚާއްޞަ ބަލިތަކަށް ފަރުވާދޭ ސްޕެޝަލިސްޓުންގެ ޚިދުމަތް ފޯރުވައިދިނުން.

5.      ޤުދްރަތީގޮތުން ނުވަތަ އެހެން ގޮތަކުންވެސް ދިމާވާ ނުރައްކާތެރި ހާދިސާތަކުގައި ބޭނުންވާ ޞިއްޙީ ޚިދުމަތްތައް ރާވައި، ޞިއްޙީ ޚިދުމަތްދިނުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށް، އެފަދަ ހާދިސާތަކުގައި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ކަނޑައަޅާ ގިއުގަނޑުގެ ތެރެއިން ކުރަންޖެހޭ ކަންތައްތައް ކުރުން.

6.      ސަރުކާރުގެ އެހީގެ ދަށުން ބޭސްފަރުވާ ކޮށްދިނުމަށް އެދޭ މީހުންނާބެހޭ ކަންތައްތަކުގައާއި، ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ ބަލިމީހުންނާ ބެހޭގޮތުން، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ލަފަޔާއި އެހީ ފޯރުވައިދިނުން.

7.      ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނުކުރުމަށާއި، ޞިއްޙީ ޚިދުމަތުގައި ހަރަކާތްތެރިވާ މީހުންނަށް ޢަމަލީ ތަމްރީނާއި ތަޖުރިބާ ލިބިދިނުމުގެ މަގުފަހިކޮށްދީ، ސަރުކާރުގެ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން.

8.      ހޮސްޕިޓަލުން ޚިދުމަތް ފޯރުވައިދެވޭ މީހުންގެ ރެކޯޑްތަކާއި، ސަރވޭލަންސަށް ބޭނުންވާ މަޢުލޫމާތުތައް ބަލަހައްޓައި، ރިޕޯޓްކުރުން.

9.      މިނިސްޓްރީ އޮފް ހެލްތުގެ މެންޑޭޓުގައި ހިމެނޭ އެންމެހައި މަސައްކަތްތައް ތަންފީޒުކުރުމަށް ޓާރޝަރީ ފެންވަރުގައި ހަރަކާތްތެރިވުން.

(ކ) ހޮސްޕިޓަލްތަކުގެ މަސައްކަތްތައް

1.      އެ ހޮސްޕިޓަލެއް ގިންތިކުރެވިފައިވާ ފެންވަރުގައި ބަލިމީހުންނަށް ފަރުވާދިނުމާއި، ބަލިތައް ތަޙުލީލުކުރުމުގެ ޚިދުމަތްތައް ދިނުން.

2.      ހޮސްޕިޓަލުން ފަރުވާ ދެވެން ނެތް ޙާލަތްތަކުގައި ޑޮކްޓަރު ކަނޑައަޅާ ގޮތެއްގެ މަތިން އެ ޚިދުމަތްތައް ލިބެންހުންނަ ޞިއްޙީ ފަރުވާދޭތަނަކަށް ރައްކާތެރިކަމާއެކު ބަލިމީހުން ފޮނުވުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން.

3.      ހޮސްޕިޓަލް ނިސްބަތްވާ ސަރަޙައްދުގެ އާބާދީގެ ދުޅަހެޔޮކަމަށް މުހިއްމުވާ ކަންތައްތައް ހޮސްޕިޓަލުން ދެނެގަތުމާއި، ސަރަޙައްދުގައި ދެވޭ ޚިދުމަތްތައް މޮނިޓަރކުރުމާއި އެކަންކަމަށް ރިޢާޔަތްކޮށް ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރަން މަސައްކަތްތައްކުރުން.

4.      އައުޓްރީޗް ޕްރޮގްރާމްތައް ރާވައި ހިންގުމާއި، ޚާއްޞަ ބަލިތަކަށް ފަރުވާދޭނެ ޑޮކްޓަރުންގެ ޚިދުމަތް، ސަރަޙައްދުގެ ރަށްތަކަށް ފޯރުކޮށްދިނުން.  

5.      ގޭގެއަށް ޒިޔާރަތްކޮށް ދާނުގައި ތިބޭ ބަލިމީހުންނަށް ފަރުވާދިނުމާއި، އެހެނިހެން ބަލިބަލީގެ މީހުންނަށް ޞިއްޙީ ލަފަޔާއި އިރުޝާދު ދިނުމާއި، ރޯގާ ފަދަ ބަލިމަޑުކަން ފެތުރުނަނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

6.      އާންމު ޞިއްޙަތު ކުރިއެރުވުމަށާއި، ވެށި ސާފުކޮށް ބޭއްވުމަށް އިޖްތިމާޢީ ހޭލުންތެރިކަން އިތުރުކޮށް  އެކަމަށް އަހުލުވެރިކުރުވުން.

7.      ކަމާބެހޭ ފަރާތްތަކުގެ ލަފައާއި މަޝްވަރާގެ މަތިން އާންމު ޞިއްޙަތު ކުރިއަރުވައި، ގައިންގަޔަށް އަރާ ބަލިތަކާއި، ގައިންގަޔަށް ނާރާ ބަލިތައް ފެތުރުނަ ނުދިނުމަށް ދުރާލާ ފިޔަވަޅުތައް އެޅުމާއި، ބަލިމަޑުކަމެއް ފެތުރޭ ހާލަތެއް ދިމާވެއްޖެނަމަ، ކޮންޓްރޯލް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

8.      އުފަންވެނި ޞިއްޙަތާއި، މައިންނާއި، ޅަދަރިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، އަދި ޚާއްޞަ އަޅާލުން ބޭނުންވާ (ވަލްނަރަބަލް) ފަރާތްތަކުގެ ޞިއްޙަތު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުން.

9.      ޚާއްޞަ ބަލިތަކަށް ފަރުވާދޭ ކްލިނިކްތަށް ހިންގުމާއި، ވިއްސުމާއި، ވެކްސިނޭޝަން ޕްރޮގްރާމް ހިންގުން.

10. ޤުދުރަތީ ކާރިސާތަކާއި، ކުއްލިއަކަށް ދިމާވާ ނުރައްކާތެރި ހާދިސާތަކުގައި މީހުންގެ ފުރާނަ ސަލާމަތްކުރުމަށާއި ޞިއްޙަތު ރައްކާތެރިކުރުމަށް އަވަސްފަރުވާގެ ޚިދުމަތްތައް ފޯރުކޮށްދިނުމާއި، ޙާލަތާގުޅޭ ޞިއްޙީ އެހެނިހެން ޚިދުމަތްތައް ދިނުން.

11. ޤުދުރަތީ ކާރިސާތަކާއި، ކުއްލިއަކަށް ދިމާވާ ނުރައްކާތެރި ހާދިސާތަކުގައި ޞިއްޙީ ޚިދުމަތްދިނުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށް، އެފަދަ ހާދިސާތަކުގައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުން.

12. ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓު ފަދަ ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ތަންތަނުގެ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަލައި ފާސްކޮށް ކަމާބެހޭ ފަރާތްތަކުގެ ލަފާގެމަތިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

13. ވިޔަފާރިކުރާ ތަންތަނާއި، ވިއްކުމަށް ކާބޯތަކެތި އުފައްދާ ތަންތަނާއި އެތަންތަނުން ވިއްކާ ކާބޯތަކެއްޗާއި، ވިޔަފާރިކުރާ ތަންތަނުން ވިއްކާ ބޯފެނުގެ ރައްކާތެރިކަން ކަމާބެހޭ ފަރާތްތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ހުރިތޯބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

14. ބޭސްފިހާރަތައް އިންސްޕެކްޓްކޮށް ކަމާބެހޭ ފަރާތްތަކުގެ ލަފާގެމަތިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

15. މަސްވެރިކަން ކުރާ އުޅަނދުފަހަރުގެ "ސާފުތާހިރުކަމުގެ ސެޓްފިކެޓް" އަށް އެދޭ ފަރާތްތަކުގެ އުޅަނދުފަހަރު ކަމާބެހޭ ފަރާތްތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ހުރިތޯ ބަލައި، އެ އުޅަނދުފަހަރަށް ސެޓްފިކެޓް ދޫކުރުން.

16. އެކިއެކި ބަލިތަކާއި އެނޫން ޞިއްޙީ ޙާލަތްތައް ތަޙައްމަލުކުރަމުންދާ މީހުންނާއި، ހޮސްޕިޓަލުން ޚިދުމަތް ލިބިގަންނަ މީހުންގެ ރެކޯޑުތައް ބެލެހެއްޓުން.

17. މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ ޕަބްލިކް ހެލްތު ސަރވޭލަންސްގެ މަޢުލޫމާތާއި، އެހެނިހެން މަޢުލޫމާތު އެ ހޮސްޕިޓަލް ނިސްބަތްވާ އަތޮޅުގެ ރަށްރަށުން އެއްކޮށް، ބަލަހައްޓައި ރިޕޯޓުކުރުން.

18. އެ ސަރަޙައްދުގެ ޞިއްޙީ މަރުކަޒުތަކުން ފޯރުކޮށްދޭ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

(އ) ޞިއްޙީ މަރުކަޒުތަކުގެ މަސައްކަތްތައް

1.      އެ މަރުކަޒެއް ގިންތިކުރެވިފައިވާ ފެންވަރުގައި ބަލިމީހުންނަށް ފަރުވާދިނުމާއި، ބަލިތައް ތަޙުލީލުކުރުމުގެ އަސާސީ ޚިދުމަތްތައް ދިނުން.

2.      ޞިއްޙީ މަރުކަޒުން ފަރުވާ ދެވެން ނެތް ޙާލަތްތަކުގައި ޑޮކްޓަރު ކަނޑައަޅާ ގޮތެއްގެ މަތިން އެ ޚިދުމަތްތައް ލިބެންހުންނަ ޞިއްޙީ ފަރުވާދޭތަނަކަށް ރައްކާތެރިކަމާއެކު ބަލިމީހުން ފޮނުވުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން.

3.      އެރަށެއްގެ އާބާދީގެ ދުޅަހެޔޮކަމަށް މުހިންމުވާ ކަންތައްތައް ޞިއްޚީ މަރުކަޒުން ދެނެގަނެ، އެކަންކަމަށް ރިޢާޔަތްކޮށް ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރަން މަސައްކަތްކުރުން.

4.      އެކިއެކި ބަލިތަކާއި އެނޫން ޞިއްޙީ ޙާލަތްތައް ތަޙައްމަލުކުރަމުންދާ މީހުންނާއި، ޞިއްޙީ މަރުކަޒުން ޚިދުމަތް ލިބިގަންނަ މީހުންގެ  ރެކޯޑުތައް ބެލެހެއްޓުން.

5.      އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ މަސައްކަތް ރަށު ފެންވަރުގައި ކުރިއަށްގެންދިއުމަށް ގޭގެއަށް ޒިޔާރަތްކުރުމާއި ދާނުގައި ތިބޭ ބަލިމީހުންނަށް ފަރުވާދިނުމާއި، އެހެނިހެން ބަލިބަލީގެ މީހުންނަށް ޞިއްޙީ ލަފަޔާއި އިރުޝާދު ދިނުމާއި، ރޯގާ ފަދަ ބަލިތަކުން ރައްކާތެރިވުމަށް މަޢުލޫމާތު ފޯރުކޮށްދީ އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

6.      އާންމު ޞިއްޙަތު ކުރިއެރުވުމަށާއި، ވެށި ސާފުކޮށް ބޭއްވުމަށް އިޖްތިމާޢީ ހޭލުންތެރިކަން އިތުރުކޮށް  އެކަމަށް އަހުލުވެރިކުރުވުން.

7.      ކަމާބެހޭ ފަރާތްތަކުގެ ލަފައާއި މަޝްވަރާގެ މަތިން އާންމު ޞިއްޙަތު ކުރިއަރުވައި، ގައިންގަޔަށް އަރާ ބަލިތަކާއި، ގައިންގަޔަށް ނާރާ ބަލިތައް ފެތުރުނަ ނުދިނުމަށް ދުރާލާ ފިޔަވަޅުތައް އެޅުމާއި، ބަލިމަޑުކަމެއް ފެތުރޭ ހާލަތެއް ދިމާވެއްޖެނަމަ، ކޮންޓްރޯލް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

8.      އުފަންވެނި ޞިއްޙަތާއި، މައިންނާއި، ޅަދަރިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، އަދި ޚާއްޞަ އަޅާލުން ބޭނުންވާ (ވަލްނަރަބަލް) ފަރާތްތަކުގެ ޞިއްޙަތު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުން.

9.      ޚާއްޞަ ބަލިތަކަށް ފަރުވާދޭ ކްލިނިކްތަކާއި ޤައުމީ ފެންވަރުގައި ހިންގާ އާންމު ޞިއްޙަތުގެ ޕްރޮގްރާމްތައް ރަށު ފެންވަރުގައި ހިންގުން.

10. ޤުދުރަތީ ކާރިސާތަކާއި، ކުއްލިއަކަށް ދިމާވެދާނެ ނުރައްކާތެރި ހާދިސާތަކަށް ތައްޔާރުވުމާއި މިފަދަ ޚާދިސާއެއް ދިމާވެއްޖެ ހާލަތެއްގައި ޞިއްޙީގޮތުން ދޭންޖެހޭ އެންމެހައި ޚިދުމަތްތައް މިނިސްޓްރީ އޮފް ހެލްތާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ކަނޑައަޅާ ގިއުގަނޑުގެ ތެރެއިން ކަމާބެހޭ ފަރާތްތަކާ ގުޅިގެން ރަށު ފެންވަރުގަޔާއި އަތޮޅު ފެންވަރުގައި ފޯރުކޮށްދިނުން. 

11. ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓު ފަދަ ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ތަންތަނުގެ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަލައި ފާސްކޮށް މިނިސްޓްރީގެ ލަފާގެ މަތިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

12. ވިޔަފާރިކުރާ ތަންތަނާއި، ވިއްކުމަށް ކާބޯތަކެތި އުފައްދާ ތަންތަނާއި އެތަންތަނުން ވިއްކާ ކާބޯތަކެއްޗާއި، ވިޔަފާރިކުރާ ފަރާތްތަކުން ވިއްކާ ބޯފެނުގެ ރައްކާތެރިކަން ކަމާބެހޭ ފަރާތްތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ހުރިތޯ ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން

13. ބޭސްފިހާރަތައް އިންސްޕެކްޓްކޮށް ކަމާބެހޭ ފަރާތްތަކުގެ ލަފާގެ މަތިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

14. މަސްވެރިކަން ކުރާ އުޅަނދުފަހަރުގެ "ސާފުތާހިރުކަމުގެ ސެޓްފިކެޓް" އަށް އެދޭ ފަރާތްތަކުގެ އުޅަނދުފަހަރު ކަމާބެހޭ ފަރާތްތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ހުރިތޯ ބަލައި، އެ އުޅަނދުފަހަރަށް ސެޓްފިކެޓް ދޫކުރުން.

15. އެކިއެކި ބަލިތަކާއި އެނޫން ޞިއްޙީ ޙާލަތްތައް ތަޙައްމަލުކުރަމުންދާ މީހުންނާއި، ޞިއްޚީ މަރުކަޒުން ޚިދުމަތް ލިބިގަންނަ މީހުންގެ ރެކޯޑުތައް ބެލެހެއްޓުން.

16. މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ ޕަބްލިކް ހެލްތު ސަރވޭލަންސްގެ މަޢުލޫމާތާއި، އެހެނިހެން މަޢުލޫމާތު އެ ޞިއްޚީ މަރުކަޒެއް ނިސްބަތްވާ ރަށްރަށުން އެއްކޮށް، ބަލަހައްޓައި ރިޕޯޓުކުރުން.

17. މިނިސްޓްރީ އޮފް ހެލްތުގެ މެންޑޭޓުގައި ހިމެނޭ އެންމެހައި މަސައްކަތްތައް ތަންފީޒުކުރުމަށް ރަށު ފެންވަރުގައި ހަރަކާތްތެރިވުން.