ޑޮކްޓަރ މުޙަންމަދު ވަޙީދު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތީ، 7 ފެބްރުއަރީ 2012 ގައި، އޭރުގެ ރައީސް އަލްފާޟިލް މުޙަންމަދު ނަޝީދު ވެރިކަމުން އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ. ރިޔާސީ އިންތިޚާބަކުން ހޮވިވަޑައިގެންނެވި ރާއްޖޭގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާގެ ނައިބަކީވެސް، ޑޮކްޓަރ މުޙަންމަދު ވަޙީދެވެ. ނައިބު ރައީސް ކަމުގެ ހުވާ ކުރެއްވީ 11 ނޮވެމްބަރ 2008 ގައެވެ.

 
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދަކީ، ޤައުމީ އިއްތިޙާދު ޕާޓީގެ ލީޑަރެވެ. އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅު ފެށިގެން އައީ، 1988 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މާލޭގެ ގޮނޑިއަށް ވާދަކުރައްވައި، ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުޅަނގުގެ ސަގާފަތަށް ކެމްޕެއިނެއް ކުރައްވައިގެން، އެ އިންތިޚާބު ކާމިޔާބު ކުރެއްވި ހިސާބުންނެވެ.
 
ޑޮކްޓަރ މުޙަންމަދު ވަޙީދަކީ އ.ދ. ގެ މައި އޮފީހުގައާއި، އަދި އެކި ޤައުމުތަކުގައި ހުންނަ އ.ދ. ގެ ސަރަޙައްދީ އޮފީސްތަކުގައި މަސައްކަތްކުރައްވާފައިވާ ވަރަށް ތަޖުރިބާކާރު ޚިދުމަތްތެރިއެކެވެ. އެންމެ ފަހުން އެމަނިކުފާނު މަސައްކަތް ކުރައްވާފައިވަނީ، ތުރުކުމަނިސްތާނުގައި ހުންނަ ޔުނިސެފްގެ ކަންޓްރީ ރެޕްރެޒެންޓެޓިވް (ޔުނިސެފްގެ ފަރާތުން ހުންނަ ޤައުމުގެ މަންދޫބު) އެއްގެ ގޮތުގައެވެ. ޔުނިސެފްގައި މަސައްކަތްކުރެއްވި ދުވަސްވަރު، އެކި ޤަމުތަކުގެ މިޝަންތަކުގެ އިސް ވެރިއެއްގެ ގޮތުގައި އެމަނިކުފާނު މަސައްކަތް ކުރައްވާފައިވެއެވެ. މިގޮތުން އެމަނިކުފާނުވަނީ ޔުނިސެފްގެ ރީޖަނަލް އޮފީސް ފޮރ ސައުތް އޭޝިޔާގެ އެކްޓިންގ ރީޖަނަލް ޑިރެކްޓަރ ކަމާއި، އަފްޣާނިސްތާނާއި، ޔަމަނާއި މޮންޓެނެގްރޯ އަދި އެފް.ވައި.އާރު މެސެޑޯނިޔާގެ އިންޓެރިމް ރެޕްރެޒެންޓެޓިވް ކަމުގެ މަޤާމު އަދާކުރައްވާފައެވެ.
 
2002 ވަނަ އަހަރާއި 2005 ވަނަ އަހަރާ ދެމެދު، ޑޮކްޓަރ ވަޙީދު ވަނީ އ.ދ. ގެ ޚާއްޞަ މަންދޫބެއްގެ ގޮތުން އަފްޣާނިސްތާނުގައި މަސައްކަތް ކުރައްވާފައެވެ. މިގޮތުން އެމަނިކުފާނު ވަނީ އަފްޣާނިސްތާނުގެ ރައީސް ޙާމިދު ކަރްޒާއީގެ ސަރުކާރަށް އެކި ކަންކަމުގައި ލަފާ އަރުއްވާފައެވެ. އަދި، އަފްޣާނިސްތާނުގައި ހުންނަ އ.ދ.ގެ އެހީދޭ އޮފީސް "އެސިސްޓެންސް މިޝަން"ގެ ފަރާތުން އެޤައުމުގެ ތަޢުލީމީ ދާއިރާ ވިލަރެސްކުރައްވައި، އެ ދާއިރާ ތަރައްޤީ ކުރައްވައި އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމުގައި، އެންމެ އިސް ބޭފުޅެއްގެ ގޮތުން ވަނީ ޚިދުމަތް ކުރައްވާފައެވެ.
 
ނިއުޔޯކުގައި ހުންނަ އ.ދ. ގެ ޑިވެލޮޕްމަންޓް ގްރޫޕް އޮފީހުގެ އެސޯސިއޭޓް ޑިރެކްޓަރ ކަމުގެ މަޤާމަށް 2005 ވަނަ އަހަރު ޑޮކްޓަރ ވަޙީދު ޢައްޔަން ކުރެއްވިއެވެ. މި މަޤާމުގައި ހުންނަވައިގެން ޑޮކްޓަރ ވަޙީދު ވަނީ އ.ދ.ގެ އިދާރީ މަސައްކަތްތައް ހަރުދަނާކުރެއްވުމުގެ ގޮތުން އެކަންކަން އަލުން އެކުލަވައިލައްވައި، ރާއްވަވާފައެވެ.
 
ނިއުޔޯކުގައި ހުންނަ އ.ދ. ގެ ޑިވެލޮޕްމަންޓް ގްރޫޕް އޮފީހުގެ އެސޯސިއޭޓް ޑިރެކްޓަރުގެ ހައިސިއްޔަތުން ޑޮކްޓަރ ވަޙީދު ވަނީ ޔޫ.އެން.ޑީ.ޖީ މެނެޖްމަންޓް ގްރޫޕްގެ ސެކްރެޓަރީކަންވެސް ކުރައްވާފައެވެ. މިގޮތުން، އ.ދ. ގެ އެކިއެކި އޮފީސްތަކުން ގުޅިގެން މަސައްކަތްކުރާނެ ޖޮއިންޓް އޮފީހެއް ތަޢާރުފު ކުރެއްވުމުގައި، އަދި އެފަދަ އޮފީހެއްގެ މަސައްކަތްތައް ރާވައި ވިލަރެސްކުރެއްވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވީ ޑޮކްޓަރ ވަޙީދެވެ. އަދި ޔޫރަޕާއި މެދުއިރުމަތީގައި ހުންނަވާ އ.ދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރުގެ މައި އިދާރާއަށް އ.ދ. އިން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދެއްވުމުގެ ފުރިހަމަ ޒިންމާވެސް އުފުއްލެވީ އެމަނިކުފާނެވެ.
 
ޔުނިސެފާ ގުޅިވަޑައިގެންނެވުމުގެ ކުރިން ޑޮކްޓަރ ވަޙީދު ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލޭ މެންބަރުކަން ކުރައްވާފައެވެ. އަދި އެޑިޔުކޭޝަން މިނިސްޓްރީގެ ދާއިރާގެ އިސް މަޤާމުތަކެއްވަނީ ފުރުއްވާފައެވެ. އެގޮތުން، އެޑިޔުކޭޝަނަލް ޑިވެލޮޕްމަންޓް ސެންޓަރުގެ އެސިސްޓެންޓް ޑިރެކްޓަރ ކަމުގެ މަޤާމާއި، ޑެޕިއުޓީ ޑިރެކްޓަރ ކަމުގެ މަޤާމާއި، ޑިރެކްޓަރ ކަމުގެ މަޤާމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑިރެކްޓަރ އޮފް އެޑިޔުކޭޝަނަލް ސަރވިސަސް ކަމުގެ މަޤާމު ފުރުއްވާފައިވެއެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޚާއްޞަ މަސައްކަތް ކުރައްވާ ކަމުގެ މަޤާމާއި، ވަކީލު ކަމުގެ މަޤާމުވެސް ފުރުއްވާފައިވެއެވެ. ސަރުކާރުގައި ވަޒީފާ އަދާކުރެއްވި ދުވަސްވަރު ޑޮކްޓަރ ވަޙީދު ވަނީ، އެޓޮލްސް ޑިވެލޮޕްމަންޓް އެޑްވައިޒަރީ ބޯޑު މެންބަރުކަން ކުރެއްވުމުގެ އިތުރުން، މޯލްޑިވްސް ޔޫތު ކައުންސިލާއި، ކައުންސިލް ފޮރ ދިވެހި ލެންގުއޭޖް އެންޑް ލިޓްރޭޗަރގައިވެސް މަސައްކަތް ކުރައްވާފައެވެ.
 
ޑޮކްޓަރ މުޙަންމަދު ވަޙީދަކީ، މިޗިގަން ސްޓޭޓް ޔުނިވަރސިޓީގައި ލެކްޗަރަރއެއްގެ މަޤާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި، ސޭންފްރެންސިސްކޯގެ އިންފޮރމޭޝަން ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ އެޗް.އެސް.ކިޔު ޓެކްނޮލޮޖީ އިންކޯޕޮރޭޓެޑް ޔޫ.އެސް.އޭ ގެ ޕްރޮގްރާމް މެނޭޖަރެއްގެ މަޤާމުވެސް އެމަނިކުފާނު ފުރުއްވިއެވެ. 1991 ވަނަ އަހަރާއި 1992 ވަނަ އަހަރާ ދެމެދު އެމަނިކުފާނު ވަނީ ސްވާޒިލަންޑް، ލެސޯތޯ، މޮޒަމްބީކް، ބަންގްލަދޭޝް، ފީޖީ، އަދި ވެސްޓަން ސަމޯއާގައި ހުންނަ ޔޫ.އެން.ޑީ.ޕީ އާއި ޔުނެސްކޯގެ އޮފީހުގައި މަސައްކަތް ކުރައްވާފައެވެ.
 
ޑޮކްޓަރ މުޙަންމަދު ވަޙީދު ޕީ.އެޗް.ޑީ ހާސިލު ކުރެއްވީ، އެމެރިކާގެ ސްޓެމްފަރޑް ޔުނިވަރސިޓީން، އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓްގެ ދާއިރާއިން 1987 ވަނަ އަހަރުއެވެ. އަދި ހަމަ އެ ޔުނިވަރސިޓީން 1985 ވަނަ އަހަރު ޕޮލިޓިކަލް ސައިންސްގެ ދާއިރާއިން، އަދި 1979 ވަނަ އަހަރު ތަޢުލީމީ ދާއިރާއިން އެމް.އޭ ޑިގްރީ ހާސިލު ކުރައްވާފައިވެއެވެ. އެމަނިކުފާނު ފުރަތަމަ ޑިގްރީ ހާސިލު ކުރެއްވީ 1976 ވަނަ އަހަރު، އެމެރިކަން ޔުނިވަރސިޓީ އޮފް ބެއިރޫތުންނެވެ.
 
ޑޮކްޓަރ މުޙަންމަދު ވަޙީދު ކައިވެނިފުޅު ބައްލަވައިގަތީ އަލްފާޟިލާ އިލްހާމް ޙުސައިނާއެވެ. މިދެކަނބަލުންގެ 3 ބޭފުޅުން ތިއްބަވައެވެ.