އަލްފާޟިލާ އާމިނަތު ފާއިޒާ
ގ.ޑޭޒީމާގެ

               ރާއްޖޭގައި އުފެދުނު ކުޅަދާނަ ޅެންވެރިންނާ އެއްސަފެއްގައި ގުނާލެވޭ އާމިނަތު ފާއިޒާ ޅެން ހައްދަވަން ފަށްޓަވާފައިވަނީ ވަރަށް ތުއްޕުޅުއިރުއެވެ. މިކަމަށް ފާއިޒާ ޝައުޤުވެރިވެވަޑައިގެންނެވީ މަރްޙޫމް ބޮޑުފެންވަޅުގޭ ސީދީގެ ޅެންތަކާއި، މަރްޙޫމް ޙުސައިން ޞަލާޙުއްދީނުގެ ޅެންތައް ވިދާޅުވެވޭލެއް ގިނަކަމުންކަމަށް ވިދާޅުވެއެވެ. ފާއިޒާ ޢިޝްޤީ ޅެމާއި، ޞޫފިޔާނާ ޅެމާއި، ދީނީ ނަސޭހަތުގެ ޅެމާއި، ޤައުމީ ޅެންތައް ހައްދަވާފައި ވެއެވެ. ފާއިޒާ ހެއްދެވި ޅެންތަކުގެ ތެރެއިން ވަރަށް ގިނަ ޅެންތައް ވަނީ ދެފޮތެއްގައި ނެރުއްވާފައެވެ. އެއީ "ޑޭޒީމާ" އާއި "ޑޭޒީމާ 2" އެވެ. މީގެ އިތުރުން، ކީރިތި ރަސޫލާގެ އަނބިއަނބިކަނބަލުންގެ މައްޗަށް އެކުލަވައިލައްވާފައިވާ ޅެންފޮތެއް މިހާރު ވަނީ ޝާއިޢު ކުރައްވާފައެވެ.

               ޅެންވެރިކަމުގެ ރޮނގުން ޝަރަފުވެރި ވަނަތަކެއް ފާއިޒާ ވަނީ ޙާޞިލު ކުރައްވާފައެވެ. މީގެތެރެއިން، ކުޑަކުދިންގެ އަހަރުގެ މުނާސަބަތުގައި ހެއްދެވި "ދެއްވާށެ ކުޑަކުދިންނަށް" މި ޅެން 1 ވަނައަށް ހޮވިފައިވާކަން ފާހަގަކޮށްލެވެއެވެ. ފާއިޒާގެ ޅެންތައް، ރާއްޖޭގައި ނުކުމެފައިވާ އަދި މިހާރުވެސް ނުކުންނަމުންދާ ބައެއް ނޫސްމަޖައްލާތަކުގައި ޝާއިޢުކުރެވެމުންދެއެވެ. ފާއިޒާ ހައްދަވާފައިވާ ލަވަތައް ދިވެހި ބައެއް ފިލްމުތަކުގަޔާއި، ބައެއް ލަވަރޯލުތަކުގައިވެސް ހިމެނިފައި ވެއެވެ. ޅެންވެރިކަމުގެ މަސައްކަތް ކުރައްވާތާ ގާތްގަނޑަކަށް 54 އަހަރަށްވުރެ ގިނަވެދާނެކަމަށް ފާއިޒާ ވިދާޅުވެއެވެ. ދިވެހި ޅެންވެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު 1980 ގައި ފާއިޒާއަށް ލިބިވަޑައިގެންފައި ވެއެވެ.