އަލްފާޟިލާ އާމިނަތު ނަޝީދާ އަބޫބަކުރު
ގ.ގްރޭސްލޭންޑް

               އާމިނަތު ނަޝީދާ އަބޫބަކުރަކީ މީގެ 14 ވަރަކަށް އަހަރު ކުރިން ފެށިގެން ކޭކު އެޅުމާއި، ކޭކު ޒީނަތްތެރި ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މިކަމާބެހޭ ކޯސްތަކެއް ރާއްޖެއިން ބޭރުން ނަޝީދާ ވަނީ ހައްދަވާފައެވެ. މި މަސައްކަތް އެހެން ފަރާތްތަކަށް ދަސްކޮށްދެއްވުމަށް ކޯސްތައް ހިންގަވައި، މިހާތަނަށް ވަރަށް ގިނަ ބަޔަކަށް މިކަން ވަނީ ދަސްކޮށްދެއްވާފައެވެ.

               މިރޮނގުން، ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކިއެކި މުބާރާތްތަކުގައި އެކަށީގެންވާ ކާމިޔާބީތަކެއް އާމިނަތު ނަޝީދާ ވަނީ ހާސިލު ކުރައްވާފައެވެ. 1996 ވަނަ އަހަރު ސިންގަޕޫރުގައި ބޭއްވި، އެފް.އެޗް.އޭ. އިންޓަރނޭޝަނަލް ސެލޫން ކޮލިނެއަރ އިން ރިހިމެޑެލް ލިބިވަޑައިގެންފައިވެއެވެ. އަދި މިއަހަރު ހޮންގކޮންގގައި ބޭއްވި އޭޝިއަން ސެލޫން ކޮލިނެއަރ މުބާރާތުގައި އަމިއްލަގޮތުން ބައިވެރިވެވަޑައިގެންފައިވެއެވެ. މިއަހަރު މިނިސްޓްރީ އޮފް ޓޫރިޒަމުން ބޭއްވެވި ސެލޫން ކޮލިނެއަރ މުބާރާތުން 2 ވަނަ، އަދި މި މުބާރާތުގެ އާޓިސްޓިކް ޕޭސްޓްރީ ޝޯ ޕީސް އިން 3 ވަނަ ނަޝީދާއަށް ލިބިވަޑައިގެންފައިވެސް ވެއެވެ.