މާލޭ އެރޭޓެޑް ވޯޓަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް

               މާލޭ އެރޭޓެޑް ވޯޓަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ފުރަތަމަ މަސަައްކަތް ފެށްޓެވީ 1983 ވަނަ އަހަރުގައެވެ. އޭރު ތައްޔާރުކުރެއްވީ ހަމައެކަނި ސޮފްޓް ޑްރިންކްސް އެވެ. 1995 ވަނަ އަހަރު، ލޮނުން ފެން ވަކިކުރާ މެޝިން ބޭނުންކުރައްވައިގެން "އެކުވޭރިއަސް"ގެ ނަމުގައި ބޯފެން ތައްޔާރުކުރެއްވުމުގެ މަސައްކަތް ވަނީ ފަށްޓަވާފައެވެ.

               މި ކުންފުނިން އެވްރެޖްކޮށް މަހަކު ގާތްގަނޑަކަށް 9 ލައްކަ ފުޅި އުފައްދައެވެ. މިތަނުން އުފައްދާ ބުއިންތަކާއި ބޯފެން، ރާއްޖޭގެ ވަރަށްގިނަ ރިޒޯޓުތަކުގައާއި، ރާއްޖޭގެ އެހެން ކަންކޮޅުތަކުގައިވެސް ލިބެން ހުރެއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް ބޭރުން ގެންނަންޖެހޭ މި ބާވަތްތައް މަދުވެގެންދިޔަކަން ފާހަގަކުރެވެއެވެ. 

               މި ކުންފުނީގެ އުފެއްދުންތައް ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން ޤަބޫލުކުރުމާއެކު، 1996 ވަނަ އަހަރު ކޯކާކޯލާ ސައުތުއީސްޓް އެންޑް ވެސްޓް އޭޝިޔާ ޑިވިޜަނުންދޭ، މޯސްޓް އިމްޕްރޫވްޑް ޕްލާންޓުގެ ކޮލިޓީ އިނާމާއި، 1997 ވަނަ އަހަރު، ރިޓާރނަބްލް ގްލާސް ޕްލާންޓްސް ކޮލިޓީ އިނާމު މި ކުންފުންޏަށް ލިބިފައި ވެއެވެ.