ޗަމްޕާ މުޙައްމަދު މޫސާ
މއ. ޗަމްޕާމާގެ

ޗަމްޕާ މުޙައްމަދު މޫސާއަކީ ރާއްޖޭގެ އިޤްތިޞާދީ ދާއިރާއަށާއި، ރާއްޖޭގެ އިޖްތިމާޢީ ދާއިރާއަށް ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ޒުވާން ދައުރުގައިވެސް ފެނިގެންދިޔައީ ވަރަށް މަސައްކަތްތެރި ބޭފުޅެއްގެ ގޮތުގައެވެ.

މަޖީދިއްޔާ ސްކޫލުން ތަޢުލީމު ހާސިލުކުރެއްވުމަށްފަހު، އޭނާ ބޭނުންފުޅުވީ އިތުރަށް ކިޔަވައި ވިދާޅުވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށެވެ. އެހެން ނަމަވެސް، ޢުމުރުން ހަގުކަމާއެކު، ސަރުކާރުގެ ފަރާތުން އެ ފުރުޞަތު ލިބުމުގައި ގިނަ ދަތިތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމުން، ޢާއިލާގެ އެހީތެރިކަމާއެކު، ތަޢުލީމު ހާސިލު ކުރެއްވުމަށް އިންޑިއާގެ ކޮއިންބަތޫރަށް ފުރާވަޑައިގަތީ 1958 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. ކޮއިންބަތޫރުން ތައުލީމު ހާސިލު ކުރެއްވުމަށްފަހު، ތަފާތު އެކި މަސައްކަތްތައް ދަސްކުރެއްވުމުގެ ގޮތުން އެތާނގެ ތަފާތު ކާރުޚާނާތަކުގައި ޚިދުމަތް ކުރެއްވިއެވެ.

1966 ވަނަ އަހަރު ރާއްޖެ ވަޑައިގަތުމަށްފަހު، ޢުމުރުން އެންމެ 21 އަހަރުގައި ވަޔަރލެސް އޮޕަރޭޓަރެއްގެ ގޮތުގައި ސަރުކާރުގެ ޚިދުމަތް ފެށްޓެވިއެވެ. އޭރު ވަޔަރލެސް އޮޕަރޭޓަރުންނަކީ، ދިވެހިންގެ ތެރޭގައި ވަރަށްމަދު ބަޔެކެވެ. ޕްރޮފެޝަނަލް ވަޔަރލެސް އޮޕަރޭޓަރެއްގެ ގޮތުގައި މަސައްކަތް ފަށްޓަވައި، ރާއްޖޭގެ އެހެން ޒުވާނުންނަށް އެމަސައްކަތް ދަސްކޮށްދެއްވިއެވެ. އޭގެއިތުރުން، ސައިބޯނި ހެދުމުގެ މަސައްކަތް ދަސްކުރައްވައިގެން، އެމަސައްކަތްވެސް ވަރަށްފުޅާ ދާއިރާއެއްގައި ކުރެއްވިއެވެ.

ޗަމްޕާ މުޙަންމަދު މޫސާ، ޢަމަލީގޮތުން އެކި މަސައްކަތްތަކުގައި ޙަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދަވާފައިވަނީ، އެމަނިކުފާނުގެ ހިތްޕުޅުގައި އެކަމަށް އޮންނަ ޝައުޤުވެރިކަމެއްގެ ބޮޑުކަމުންނެވެ. އަމިއްލަފުޅަށް ދަނޑުވެރިކަމުގެ މަސައްކަތް ކުރެއްވިއެވެ. އެމަސައްކަތް ފަށްޓަވައި، ވަރަށްފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދަވައި، އެތައް ބަޔަކަށް ދަސްކޮށްދެއްވިއެވެ. ހަމައެއާއެކު، ރާއްޖޭގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރަމުންގެންދާ ފަރާތްތަކަށް، އެކިގޮތްގޮތުން އެހީތެރިކަން ފޯރުއްވައިދެއްވަމުން ގެންދަވާފައިވެއެވެ. ދަނޑުވެރިކަމުގެ އުފެއްދުންތައް ބާޒާރަށް ނެރުއްވައި، އެކަށީގެންވާ ހެޔޮ އަގެއްގައި ލިބޭނެ އިންތިޒާމު މުޙަންމަދު މޫސާ ހަމަޖައްސަވައިދެއްވިއެވެ.

ދަނޑުވެރިކަމުގައި ގަސްގަހާގެއްސާ ގުޅޭ މަސައްކަތް ކުރައްވައިގެން، 1996 ވަނަ އަހަރު އެމަނިކުފާނަށް ވަނީ ތިމާވެށީގެ ފެހިފަތް ސަރުކާރުން އަރުވާފައެވެ. މާލެއަތޮޅު ކަގީގަޔާއި، އެމަނިކުފާނު ބައިވެރިވެވަޑައިގެންފައިވާ ވިޔަފާރީގެ މަސައްކަތްތައް ހިންގާ އެކި ރަށްރަށުގައި ގަސް ހެއްދުމުގެ ރޮނގުން ކުރައްވާފައިވާ މަސައްކަތްތައް ފާހަގަކުރެވެއެވެ. އަދި ސަރުކާރުން ހިންގެވި މިލިއަން ގަސް ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ދެ ރަށެއްގައި، ގިނަ އަދަދަކަށް މޭވާ ގަހާއި ތަރުކާރީ ގަސް އިންދެވުމުގައި އެމަނިކުފާނު ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ނަރސަރީއަށް ގިނަ އަދަދެއްގެ މޭވާގަހާއި ތަރުކާރީ ގަސް ހަދިޔާ ކުރެއްވިއެވެ. އެގްރިކަލްޗަރ އެޑްވައިޒަރީ ބޯޑުގެ މެންބަރުކަންވެސް އެމަނިކުފާނު ވަނީ ކުރައްވާފައެވެ.

މިއަދު މުޙަންމަދު މޫސާއަކީ ރާއްޖޭގެ ވިޔަފާރިވެރިންގެ ތެރޭގައި ވަރަށް ކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އެމަނިކުފާނު ކުރައްވާ މައިގަނޑު ވިޔަފާރިއަކީ ފަތުރުވެރިކަމުގެ ވިޔަފާރިއެވެ. މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީކޮށް ކުރިއަށް ގެންދިޔުމުގައި، މުޙަންމަދު މޫސާގެ ހިއްސާ ވަރަށް ބޮޑެވެ.

މުޙަންމަދު މޫސާއަކީ ޤައުމީ ކަންކަމުގައިވެސް ވަރަށް ޙަރަކާތްތެރިކަމާއެކު މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އަދި ޤައުމީ ކަންކަމުގެ އިތުރުން އިޖުތިމާޢީ ޚިދުމަތުގެ ދާއިރާގައިވެސް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ތަފާތު އެކި ކަންކަމުގައި، އެކިފަރާތްތަކަށް ތަކެތީގެ ގޮތުންނާއި މާލީގޮތުންވެސް ގިނަ ޢަދަދެއްގެ އެހީތައް ދެއްވަމުން ގެންދަވާފައިވެއެވެ. ސަރުކާރުން ކުރައްވަމުން ގެންދަވާ އެކިއެކި ކަންކަމަށާއި، ހިންގަވާ އެކި ޕްރޮގްރާމްތަކަށްވެސް ވަރަށް ފުރިހަމަ އެއްބާރުލެއްވުމެއް ދެއްވަމުން ގެންދަވައެވެ. ޚާއްޞަކޮށް، އެމް.އެން.ޑީ.އެފް. އަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެކި ރޮނގުތަކުން ވެދެއްވާ އެހީތެރިކަން ފާހަގަކޮށްލެވެއެވެ.

މީގެއިތުރުން، ޗަމްޕާ މުޙަންމަދު މޫސާގެ ލޮބުވެތި ބައްޕަ ޢަލިފުޅު ތުއްތުގެ ހަނދާނުގައި [ޢަލިފުޅު ތުއްތު ފައުންޑޭޝަން]ގެ ނަމުގައި ޖަމްޢިއްޔާއެއް އުފައްދަވައި، ކޮންމެ އަހަރަކު ގިނަ އަދަދެއްގެ ކުދިން މަތީ ތަޢުލީމު ހާސިލު ކުރުމަށް ރާއްޖެއިން ބޭރަށް ފޮނުއްވަމުން ގެންދަވާކަންވެސް ފާހަގަކޮށްލެވެއެވެ.

ޕްރައިވެޓް ބްރޯޑްކާސްޓިންގގެ ޚިދުމަތް ޢާންމު ފަރާތްތަކަށް ހުޅުވާލުމާއެކު، ރާއްޖޭގެ ރައްޔިތުންނަށް މިރޮނގުންވެސް ޚިދުމަތްތަކެއް ކޮށްދެއްވުމަށް ޢަޒުމް ކަނޑައެޅުއްވިއެވެ. އެގޮތުން ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު އަމިއްލަ ބްރޯޑްކާސްޓަރ ދި އެފް.އެމް އާއި، ދި އެފް.އެމް ޕްލަސްގެ އިތުރުން، ދި ޓީ.ވީ.ގެ ބާނީއަކީވެސް މުޙަންމަދު މޫސާއެވެ. އަމިއްލަ ޓީ.ވީ ސްޓޭޝަނެއް އުފައްދަވައި، އެ ސްޓޭޝަން ގެންދަވަނީ ހިންގަވަމުންނެވެ.

މުޙަންމަދު މޫސާ މިއަދުވެސް ދެމިހުންނެވީ ދިވެހި ޤައުމަށާއި، ދިވެހި ރައްޔިތުންނަށް ތަފާތު ރޮނގުތަކުން ޚިދުމަތް ކުރެއްވުމުގައެވެ. އެމަނިކުފާނުގެ އުންމީދަކީ، އެމަނިކުފާނުގެ ފަރާތްޕުޅުން ދިވެހި ދައުލަތަށާއި، ދިވެހި ސަރުކާރަށާއި، ދިވެހި ރައްޔިތުންނަށް ކުރިއަށް އޮތް ތާނގައިވެސް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވުމެވެ.