ޗަމްޕާ ޙުސައިން ޢަފީފް
މއ. ޗަމްޕާވިލާ

ޙުސައިން ޢަފީފަކީ ރާއްޖޭގެ އިޤްތިޞާދީ ދާއިރާގައި، ޚާއްޞަކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ވަރަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ އަދި އެ ދާއިރާގެ ތަރައްޤީއަށާއި ކުރިއެރުމަށް އިޚްލާޞްތެރި މަސައްކަތްޕުޅުތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. ރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފު ކުރެއްވުމުގެ މަސައްކަތުގައި އެމަނިކުފާނު އަދާކުރައްވާފައިވާ ދައުރަކީ، ވަކިން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ދައުރެކެވެ. އެމަނިކުފާނަކީ، ރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފު ކުރެއްވި އެންމެ އިސް އެއް މޭސްތިރިއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ޢަފީފްގެ ޚިދުމަތް ފެށިގެން ދިޔައީ ރާއްޖޭގައި ފުރަތަމަ ހުޅުވުނު ޓޫރިސްޓް ރިޒޯޓް ކަމަށްވާ [ކުރުނބާ ވިލެޖް] ހުޅުވުނު ހިސާބުން ފެށިގެންނެވެ. އެ ރިޒޯޓު ހެއްދެވުމުގެ މަސައްކަތުގަޔާއި، އެރިޒޯޓަށް ޒިޔާރަތްކުރި ފަތުރުވެރިންނަށް އެތަނުން ދޭންޖެހުނު ހުރިހާ ޚިދުމަތްތަކެއް ދިނުމުގައި ޢަފީފް ޢަމަލީގޮތުންވަނީ ބައިވެރިވެވަޑައިގެންފައެވެ. ރިޒޯޓްގެ ފުރަތަމަ މެނޭޖަރަކީވެސް ޢަފީފެވެ.

ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗޭންތައް ރާއްޖެއަށް ތަޢާރުފުކޮށްދެއްވުމުގައިވެސް ޢަފީފްވަނީ ވަރަށް މުހިންމު ދައުރެއް އަދާކުރައްވާފައެވެ. އަދި ރާއްޖޭގައި ފުރަތަމަ ހުޅުވުނު ޓްރެވަލް އޭޖެންސީ ކަމަށްވާ ވޮޔެޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އުފެއްދެވުމުގެ މަސައްކަތުގައި ޢަފީފްވަނީ އޭނާގެ އެކުވެރިންނާއެކު އިސް ދައުރެއް އަދާކުރައްވާފައެވެ.

ޢަފީފަކީ ރާއްޖެއިން ބޭރުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށްދެއްވައި، ޔޫރަޕުންނާއި އަދި އެހެން ޤައުމުތަކުން ސީދާ ރާއްޖެއަށް ފަތުރުވެރިން ގެންނެވުމުގައި ޢަމަލީގޮތުން ޙަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދަވާ ބޭފުޅެއްވެސްމެއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ތަރައްޤީއަށާއި ކުރިއެރުމަށް އެމަނިކުފާނުގެ ހިތްޕުޅުގައި އޮތް ލޯތްބާއި ޤަދަރު، މިކަމުން އެކަނިވެސް ދޭހަވެގެންދެއެވެ.

ޢަފީފަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ޖަމްޢިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ، [މަޓީ]ގެ ވައިސް ޗެއަރޕަސަންގެ މަޤާމުގައިވެސް ހުންނެވި ބޭފުޅެކެވެ. އެމަޤާމުގައި ހުންނަވައިގެން ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމަށްޓަކައި އެ ޞިނާޢަތުގައި ހިމެނޭ އެކި ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިކުރެއްވުމަށް ޢަފީފް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހެއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ޢަފީފް މި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި ތަފާތު އެތައް އެވޯޑެއް ރާއްޖެއާއި ރާއްޖެއިން ބޭރުން އެމަނިކުފާނަށްވަނީ ލިބިވަޑައިގެންފައެވެ. ރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފް ކުރެއްވި ބޭފުޅެއްގެ ގޮތުގައި ފާހަގަކުރައްވައި، މިނިސްޓްރީ އޮފް ޓޫރިޒަމުން ދެއްވި [ޑިޝްޓިންގްއިޝްޑް ސަރވިސް އެވޯޑް] އާއި، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީ ކުރެއްވުމަށް ކުރައްވާފައިވާ ޚިދުމަތްތައް ފާހަގަކުރައްވައި ދެއްވި [އައުޓްސްޓޭންޑިންގ ސަރވިސް އެވޯޑް] އާއި، މެދުނުކެނޑި 25 އަހަރު ފަތުރުވެރިކަމުގެ ދާއިރާއަށް ޚިދުމަތް ކުރައްވާފައިވާތީ، މިނިސްޓްރީ އޮފް ޓޫރިޒަމުން ދެއްވި އެވޯޑް ޢަފީފަށް ލިބިވަޑައިގެންފައިވެއެވެ.

ފަތުރުވެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ޢަފީފަށް ލިބިވަޑައިގަތީ 1989 ވަނަ އަހަރުއެވެ. އަދި ފަތުރުވެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު 2004 ވަނަ އަހަރު ލިބިވަޑައިގެެންފައިވެއެވެ. 16 ސެޕްޓެމްބަރ 2010 ގައި ޙުސައިން ޢަފީފަށް ވަނީ [ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރެއްވި ޢިއްޒަތްތެރިޔާ]ގެ ލަޤަބުވެސް އަރުވާފައެވެ.

ރާއްޖޭގައި ފަތުރުވެރިކަމުގެ ޞިނާޢަތް ފެށުނީއްސުރެ މިއަދާ ހަމައަށް އެ ޞިނާޢަތު ތަރައްޤީ ކުރައްވައި، އެ ޞިނާޢަތުގެ ފައިދާ މުޅި ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް ހޯއްދަވައިދެއްވުމުގައި ޢަފީފް އަދާކުރައްވާފައިވާ ދައުރަކީ އާދަޔާ ޚިލާފު ދައުރެކެވެ. މިއަދުވެސް އެ މަސައްކަތުގައި ހީވާގިކަމާއެކު ދެމިހުންނެވިކަން އެއީ، ދިވެހި ޤައުމަށާއި ދިވެހި ރައްޔިތުންނަށް އޭނާ ދައްކަވަމުން ގެންދަވާ ރީތި ނަމޫނާއެކެވެ.