އަލްމަރްޙޫމް އަބޫބަކުރު އިބްރާހީމުގެ ހަނދާނަށް

އަލްމަރްޙޫމް އަބޫބަކުރު އިބްރާހީމަކީ، ޖަމްޢިއްޔަތުލްފަލާޙު އުފައްދަވައި، އެ ޖަމްޢިއްޔާއިން ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ވަރަށްގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. މި ޖަމްޢިއްޔާއަކީ ރާއްޖޭގައި ހުރި އެންމެ ގިނަދުވަސްވީ އިސްލާމީ ޖަމްޢިއްޔާއެވެ. އޭނާ މި މަސައްކަތްތައް ކުރައްވަން ފެށްޓެވީ، ރާއްޖޭގައި ދީނީ ހޭލުންތެރިކަމަށް މާބޮޑު ސަމާލުކަމެއް ނުދެވި އޮތް ދުވަސްވަރެއްގައެވެ. މިދުނިޔެ ދޫކުރައްވައި ﷲގެ ތަނަވަސް ރަޙްމަތަށް ދަތުރުކުރެއްވުމާ ހަމައަށް ޖަމްޢިއްޔާގެ ހުރިހާ ކަމެއްގައި އެންމެ އިސްކޮށް ޙަރަކާތްތެރިވެވަޑައިގެންފައިވަނީ ޚުދު އޭނާއެވެ. ޖަމްޢިއްޔާގެ ޢުމުރުންމިވީ 39 އަހަރު ދުވަހުގެ ތެރޭގައި ޖަމްޢިއްޔާގެ ރައީސްކަން ކުރައްވާފައިވަނީވެސް އޭނާއެވެ.

ޖަމްޢިއްޔަތުލްފަލާޙުގެ ފަރާތުން ކޮންމެ ރަމަޟާންމަހަކު ބާއްވަމުން ގެންދާ ޤުރްއާން ކިޔެވުމުގެ މުބާރާތަކީ، އެ މުބާރާތް ބާއްވަމުން ގެންދާތާ 28 އަހަރު ވެފައިވާ މުބާރާތެކެވެ. މީގެއިތުރުން، ޖަމްޢިއްޔަތުލްފަލާޙުން ހިންގާ މަދްރަސަތުލް ފަލާޙުގައިވެސް ތުއްތުކުދިންނަށް ތަޢުލީމު ދިނުމާއި، ޤުރްއާން ކިޔަވައިދޭ ކްލާސްތަކެއް ހިންގަމުން ގެންދާތާ ވަރަށްގިނަދުވަސް ވެއްޖެއެވެ.

އަލްމަރްޙޫމް އަބޫބަކުރު އިބްރާހީމް މިދުނިޔެ ދޫކުރައްވާފައިވިޔަސް، އޭނާގެ ޢާއިލާގެ ފަރާތުން އޭނާގެ ބޭފުޅުން، އޭނާ ޖަމާޢަތަށް ކުރައްވަމުން ގެންދެވި މި އަގުހުރި ޚިދުމަތް މެދުކަނޑާނުލައްވައި ކުރިއަށް އެބަގެންދަވައެވެ.

ޖަމާޢަތަށް ފައިދާހުރި ކަންތައްތައް ކުރުމުގެ ރޮނގުން ޢާންމު ޚިދުމަތަށް ހިތްވަރު ދިނުމުގެ އިނާމު، 1985 ގައި އަބޫބަކުރު އިބްރާހީމަށްވަނީ ލިބިވަޑައިގެންފައެވެ.