އަލްފާޟިލް ޙުސައިން ނަދުވީ
ގ.ކުދިވިނަ

 

އަލްފާޟިލް ޙުސައިން ނަދުވީއަކީ، ދިވެހި ރައްޔިތުންނަށާއި ދިވެހި ޤައުމަށް ވަރަށް އަގުހުރި ޚިދްމަތެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. ޙުސައިން ނަދުވީގެ ޚިދްމަތް ގުޅިފައިވަނީ ލެޔާއެވެ. ލޭ ބޭނުންވާ އެކި ފަރާތްތަކަށް ގަވާއިދުން ލޭ ހަދިޔާ ކުރައްވަމުން ގެންދެވުމަކީ، ނަދުވީއަށް ލިބިވަޑައިގަންނަވާ ވަރަށް ޚާއްޞަ އުފަލެކެވެ.
 
1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ބިރުވެރި ޢުދުވާނީ ޙަމަލާއާ ގުޅިގެން، އެ ޙަމަލާގައި ޒަޚަމްވި މީހުންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި އެންމެ ބޮޑަށް ލޭ ބޭނުންވި ވަގުތު، ޢުމުރުން އެންމެ 13 އަހަރުގައި ޙުސައިން ނަދުވީ ލޭ ދެއްވި ދެއްވުން ފާހަގަކޮށްލަންޖެހެއެވެ. ނަމަވެސް، ލޭ ހަދިޔާ ކުރެއްވުމުގެ ޝައުޤުވެރިކަން ނަދުވީގެ ހިތްޕުޅުގައި އުފެދިގެންދިޔައީ، ޢުމުރުން ދުވަސްވީ އަންހެނަކު، ލޭ ބޭނުންވެގެން އެކަމަށް އެދި އާދޭސްކުރި ހިސާބުން ފެށިގެންނެވެ. އިންސާނާގެ ފުރާނައަށްޓަކައި ލޭގެ މުހިންމުކަން އިޙްސާސް ކުރެއްވުނުލެއް ބޮޑުކަމުން، ނަދުވީގެ ލޭގެ ގްރޫޕަކީ އެހެން ގްރޫޕަކަށްވާތީ، މިދެންނެވި މީހާއަށް އެހީތެރިވުމުގެގޮތުން، ލޭ ބޭނުންވާ ގްރޫޕުގެ މީހަކު ނަދުވީ ހޯއްދަވައިދެއްވިއެވެ. ގަވާއިދުން ލޭ ހަދިޔާކުރައްވަމުން ގެންދެވުމަށް ނަދުވީ ޢަޒުމު ކަނޑައެޅުއްވީ، އެދުވަހުން ފެށިގެންނެވެ.
 
މެދުކެނޑުމެއްނެތި ނަދުވީ ލޭ ހަދިޔާ ކުރައްވަމުން ގެންދަވާތާ މިހާރު 24 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް 78 ފަހަރު ނަދުވީވަނީ ލޭ ހަދިޔާ ކުރައްވާފައިވެއެވެ. ލޭ ބޭނުންވެގެން މީހަކު އެދެންދެން އެއްވެސްފަހަރަކު މަޑެއް ނުކުރައްވައެވެ. ލޭ ދޭންޖެހޭ މުއްދަތު ހަމަވުމުން، ގަވާއިދުން ލޭ ދެއްވަމުން ގެންދަވައެވެ.
 
ލޭ ދިނުމުގެ މުހިންމުކަމާއި، ލޭ ދިނުމަކީ ޞިއްޙަތަށް އެއްވެސް ގެއްލުމެއް ލިބޭ ކަމެއް ނޫންކަން، މީހުންނަށް ވިސްނަވައިދެއްވައި، ލޭ ހަދިޔާ ކުރުމުގެ ޝައުޤުވެރިކަން މީހުންގެ ހިތްތަކުގައި އުފެއްދެވުމުގެ މަސައްކަތާއި، ލޭ ދޭނެ މީހުން ހޯއްދަވައިދެއްވުމުގެ މަސައްކަތް ވަރަށް ޝައުޤުވެރިކަމާއެކު ނަދުވީ ކުރައްވަމުން ގެންދަވައެވެ. އަދި ލޭ ހޯދުމަށް ހިންގާ އެކިއެކި ކެމްޕެއިންތަކުގައިވެސް ލޭ ދޭނެ މީހުން ހޯއްދަވައި، އެފަދަ މީހުން އެ ކޭމްޕަށް ފޮނުއްވައި، ލޭ ހަދިޔާ ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވައެވެ.
 
ޙުސައިން ނަދުވީއަށްވަނީ، 2008 ވަނަ އަހަރާއި، 2009 ވަނަ އަހަރު ޗެމްޕިއަން ޑޯނަރ އެވޯޑް ލިބިވަޑައިގެންފައެވެ. އަދި މިނިސްޓްރީ އޮފް ހެލްތުން ކޮންމެ އަހަރަކު ފާހަގަކުރައްވާ ލޭ ހަދިޔާކުރާ މީހުންގެ ދުވަހާ ގުޅިގެން 2007 ވަނަ އަހަރާއި، 2008 ވަނަ އަހަރާއި، 2009 ވަނަ އަހަރު ވަނީ ސިލްވަރ ޝީލްޑް އެވޯޑް ލިބިވަޑައިގެންފައެވެ.
 
ނަދުވީ ހިލޭ ސާބަހަށް ކުރައްވާފައިވާ ޚިދުމަތްތަކުގެ ތެރެއިން 1987 ވަނަ އަހަރުން 1991 ވަނަ އަހަރާ ދެމެދު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ހިންގި ހުރިހާ ކުޅިވަރު ޙަރަކާތްތަކެއް އިންތިޒާމް ކުރެއްވުމުގައި ކޮށްދެއްވާފައިވާ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. އަދި 2011 ވަނަ އަހަރާއި 2012 ވަނަ އަހަރު ކޮރަޕްޝަން ނައްތާލުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހިންގި މީޑިއާ ކެމްޕޭން "ބިތުފަންގި" ޕްރޮގްރާމް ހިލޭ ސާބަހަށް ހުށަހަޅުއްވައިދެއްވާފައިވެއެވެ.
 
ނަދުވީގެ އުންމީދަކީ، މި މަތިވެރި އިންސާނީ ޚިދުމަތުގައި އަދިވެސް ކުރިއަށްވަޑައިގަތުމެވެ. އަދި ލޭ ބޭނުންވާ މީހުންނަށް މިރޮނގުން އެހީތެރިކަން ފޯރުއްވައިދެއްވައި، އެކަމުގެ ހޭލުންތެރިކަން އާންމުންގެ މެދުގައި އިތުރުކުރެއްވުމެވެ.