އަލްފާޟިލް އަޙްމަދު ޙަމްދޫން
ސ. ހިތަދޫ/ އަބުހަރީގެ

       އަޙްމަދު ޙަމްދޫންގެ ނޫސްވެރިކަމުގެ ފެށުމަކީ، ރާއްޖޭގެ އެންމެ ދުވަސްވީ ނޫސް [ހަވީރު] އެވެ. މިއަދާ ހަމައަށްވެސް އޭނާ ދެމިހުންނެވީ ހަވީރު ނޫހުގައި ޚިދުމަތް ކުރެއްވުމުގައެވެ. މިހާރު އޭނާއަކީ ރާއްޖޭގެ އެންމެބޮޑު އޮންލައިން ވެބްސައިޓް [ހަވީރު އޮންލައިން]ގެ އިންޗާޖެވެ. އަދި ހަވީރު ނޫހުގެ ސީނިއަރ އެސިސްޓެންޓް އެޑިޓަރުވެސް މެއެވެ. 

       އަޙްމަދު ޙަމްދޫންގެ ނޫސްވެރިކަމުގެ ޚިދުމަތް، މީގެ 17 އަހަރު ކުރިން ފެށުނުއިރު އޭނާ ފުރަތަމަ ވެދެވަޑައިގަތީ، ހަވީރު ނޫހުގެ އާދައިގެ ވަޒީފާއަކަށެވެ. ނޫސްވެރިކަން އެއީ އޭނާގެ ކުރިމަގު ކަމަށް ވަރަށް ޒުވާން ޢުމުރުގައި ނިންމަވައި، އޭނާއަކީ މިއަދާ ހަމަޔަށް އައިއިރު، ފަހަތަށް އެއްވެސް ފިޔަވަޅެއް ނާޅުއްވައި، ކުރިއަރަމުން ވަޑައިގެންނެވި ހުނަރުވެރިއެކެވެ. ނޫސްވެރިކަމުގެ ލިޔުންތައް ލިޔުއްވަން އޭނާ ފެށްޓެވީ، ތަޢުލީމީ ދާއިރާގެ ލިޔުންތަކާ ހިސާބުންނެވެ. ހަވީރު ނޫހުގައި އޭރު އޮންނަ ސްކޫލް ކުދިންގެ ޞަފްޙާ، މެދުނުކެނޑި ފަސް އަހަރު އޭނާ ލިޔުއްވަމުން ގެންދެވިއެވެ. އޭރުވެސް ރާއްޖޭގެ ޚަބަރުތަކާއި ރިޕޯޓްތައް ލިޔުއްވައި، އެކިއެކި ދިރާސާތައް ކުރެއްވުމުގެ އިތުރުން، ސިޔާސީ ލިޔުންތައްވެސް ލިޔުއްވަމުން ގެންދެވިއެވެ. އަދި ހަވީރު ނޫހުގައި އެންމެގިނަ ޚަބަރު ލިޔެގެން، ކޮންމެ ހަފްތާއަކު ދޭ އިނާމާއި، އެންމެ ރަނގަޅު ލިޔުންތައް ލިޔުމުގެ އިނާމު، އެތައްފަހަރަކު ޙަމްދޫނަށް ވަނީ ލިބިވަޑައިގެންފައެވެ. އަދި ހަވީރު ނޫހުންދޭ އެކިއެކި އެވޯޑްތަކާއި އިނާމުތައްވެސް އޭނާވަނީ ޙާޞިލު ކުރައްވާފައެވެ. 

      ރާއްޖޭގައި ހިނގާ ހުރިހާ ޙަރަކާތްތަކެއްގެ ޚަބަރުތައް، ހަވީރު ނޫހުން ޢާންމުންނާ ހަމަޔަށް ގެނެސްދިނުމުގައި ޙަމްދޫންގެ ޒިންމާ ވަރަށް ބޮޑެވެ. ނޫސްވެރިން އެކިއެކި ރަސްމިއްޔާތުތަކަށާއި ޖަލްސާތަކަށް ފޮނުއްވުމާއި، ޚަބަރުތައް ލިޔުއްވުމާއި، ޚަބަރުތައް އެޑިޓް ކުރެއްވުމާއި، ފޮޓޯ އެއްކުރައްވައި، މުޅި އެ ރަސްމިއްޔާތެއްގެ ނުވަތަ އެ ޖަލްސާއެއްގެ ހުރިހާ ޒިންމާއެއް ހަވީރު ނޫހުން ޙަވާލުކުރައްވާފައިވަނީ އަޙްމަދު ޙަމްދޫނާއެވެ. 

      މިދެންނެވި ރަސްމިއްޔާތުތަކާއި ޖަލްސާތަކުގެ އިތުރުން، ޙަމްދޫނަކީ ހަވީރު ނޫހުގައި މިހާރުވެސް ޚަބަރުތަކާއި ރިޕޯޓްތައް ލިޔުއްވުމުގެ އިތުރުން، ޚާއްޞަ ކަވަރޭޖްތައް ހަވީރު ނޫހުން ވަގުތުން ގެނެސްދިނުމުގައިވެސް ޙަރަކާތްތެރިވެވަޑައިގަންނަވާ އިސް ބޭފުޅެކެވެ. މީގެއިތުރުން، ޙަމްދޫނަކީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ޚަބަރުތައް ވަގުތުން ގެނެސްދިނުމަށް ހަވީރު ނޫހުގެ އިދާރާގައި އުފައްދާފައިވާ ޓީމާއި، ބްރޭކިންގ ނިއުސް ގެނެސްދިނުމަށް އުފައްދާފައިވާ ޓީމުގެ މެންބަރެއްވެސް މެއެވެ. ޙަމްދޫނަކީ ރާއްޖޭގެ ސިޔާސީ މަސްރަޙާ ބެހޭގޮތުން ހަވީރު ނޫހުގައި އެންމެ ގިނަ ލިޔުއްވުންތައް ލިޔުއްވާފައިވާ އަދި ހަވީރު ނޫހުގެ ލޯކަލް ނިއުސް ޑިޕާޓްމަންޓްގެ ވެރިޔާވެސް މެއެވެ. 

      ހަވީރު ނޫހުގެ އެންމެ ސީނިއަރ 5 މުވައްޒަފުންގެ ތެރޭގައި ޙަމްދޫން ހިމެނިވަޑައިގަންނަވައެވެ. މިހާރު އޭނާ އަދާކުރައްވަމުން ގެންދަވާ ވަޒީފާއަކީ، 24 ގަޑިއިރުގެ ވަޒީފާއެކެވެ. ކޮންމެ ދުވަހަކު، ކޮންމެއިރަކު ކަމެއް ހިނގިޔަސް، އެކަމެއްގެ ޚަބަރު ރައްޔިތުންނާ ހަމަޔަށް ގެނެސްދެއްވުމުގައި އެންމެކުރީ ސަފުގައި ހުންނަވާ ބޭފުޅަކީ ޙަމްދޫނެވެ. 

      ހަވީރު ނޫހުން ނެރުނު މަޝްހޫރު މަޖައްލާ [ހުވާސް] ގައިވެސް ޙަމްދޫން ވަނީ މަސައްކަތް ކުރައްވާފައެވެ. އަދި 2000 ވަނަ އަހަރުން ފެށިގެން 2007 ވަނަ އަހަރާ ހަމަޔަށް އޭނާވަނީ އެ ނޫހަށް ވަރަށްގިނަ ލިޔުންތައް ލިޔުއްވާފައެވެ. ވޭތުވެދިޔަ 17 އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގައި ހިނގާފައިވާ ބޮޑެތި ޙާދިޘާތަކުގެ ތެރެއިން، ވައިގެ ދަތުރުފަތުރުގެ ނުރައްކާތެރި ހުރިހާ ޙާދިޘާތަކަކާއި، ކަނޑުދަތުރުގެ ނުރައްކާތެރި ޙާދިޘާތަކާއި، މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓްތަކާއި، މީހުން މެރުންފަދަ ޙާދިޘާތަކުގެ މަޢްލޫމާތު ހޯދުމަށް، ސީދާ އެތަންތަނަށް ވަޑައިގެން، އަދި ދަތުރުކުރައްވައިގެން ޙަމްދޫން ވަނީ އެކިއެކި ޚަބަރުތަކާއި ރިޕޯޓްތައް ލިޔުއްވާފައެވެ. އަދި 2004 ވަނަ އަހަރުގެ ސުނާމީއާއި، އޭގެފަހުން ދިމާވި ކަންތައްތަކާ ގުޅިގެން، އެކިރަށްރަށަށް ދަތުރުކުރައްވައި، ޢާންމުންގެ ޙާލަތާބެހޭ ރިޕޯޓްތައް އޭނާވަނީ ލިޔުއްވާފައެވެ.

       އަޙްމަދު ޙަމްދޫނަކީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ބޯޑު މެންބަރެކެވެ. އޭނާއަކީ ނޫސްތަކުން އިންތިޚާބުކޮށްފައިވާ 8 މެންބަރުންގެ ތެރެއިން އެއް މެންބަރެވެ. މޯލްޑިވްސް މިޑިއާ ކައުންސިލުން ނޫސްވެރިންނަށް ހިންގާ ކޯސްތައް އިންތިޒާމު ކުރެއްވުމުގަޔާއި، ފަންނީ ލަފާ ދެއްވުމުގައި ޙަމްދޫން ބައިވެރިވެވަޑައިގަންނަވައެވެ. ހަމައެހެންމެ، ރަށްރަށަށް ވަޑައިގެން ނޫސްވެރިން ތަމްރީނު ކުރެއްވުމާއި، ނޫސްވެރިކަމުގެ މަޢްލޫމާތު ފޯރުކޮށްދެއްވުމަށް އޭނާ ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. މީގެއިތުރުން، ކިޔަވާ ކުދިންނަށާއި، އެކިއެކި ކޯސްތަކުގެ ބައިވެރިންނަށް، ނޫސްވެރިކަމާއި އިޖުތިމާޢީ އެކި ދާއިރާތަކުން އަމިއްލަގޮތުން މަޢްލޫމާތު ފޯރުކޮށްދެއްވުމުގެ މަސައްކަތް، ހިލޭ ސާބަހަށް ކޮށްދެއްވަމުން ގެންދަވައެވެ. އަދި ހަވީރު ނޫހަށް އަލަށް ވަންނަ ނޫސްވެރިން ތަމްރީނު ކުރެއްވުމުގައިވެސް ޙަމްދޫނުގެ ޙިއްޞާ ބޮޑެވެ.