އަލްފާޟިލް ސިނާން ޢަލީ
ދަފްތަރު ނަންބަރު 950

      ސިނާން ޢަލީ ނޫސްތަކަށް ލިޔުއްވަން ފެށްޓެވީ ސްކޫލް ދައުރުގައެވެ. ވަޒީފާއެއްގެ ގޮތުގައި ރަސްމީ ނޫސްވެރިކަން ސިނާން ފެށްޓެވީ، މީގެ 14 އަހަރު ކުރީން، 2000 ވަނަ އަހަރު ދުވަހު ނޫސް "މިއަދު" ނޫހުގައެވެ. އެއީ، ޖޫނިއަރ ޖާނަލިސްޓެއްގެ ގޮތުގައެވެ. މިއަދު ނޫހުން ވަކިވެވަޑައިގެންނެވިއިރު ސިނާން ހުންނެވީ އެ ނޫހުގެ ސީނިއަރ އެސިސްޓެންޓް އެޑިޓަރުގެ މަގާމުގަ އެވެ.  

      މިއަދު ނޫހުގެ އިތުރުން ދުވަހު ނޫސް "ހަވީރު" ގައިވެސް ސިނާން ވަނީ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. އޭގެ އިތުރުން، ރާއްޖޭގައި ކުރީން ނުކުތް ދުވަހު ނޫހެއް ކަމަށްވާ "ޖަޒީރާ" އަށާއި މަޖައްލާއެއްގެ ގޮތުގައި ނެރެމުން ދިޔަ "ހުވާސް" އަށްވެސް އޭނާ ވަނީ ލިޔުއްވާފައެވެ. ޓީވީއެމް އިން ކުރިޔަށް ގެންދާ "ރާއްޖެ މިއަދު" ޕްރޮގްރާމް ހުށަހެޅުއްވުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ޓީވީއެމުން ގެނެސްދެމުން އަންނަ "ދާއިރާތަކުގެ ބަހުސް" ޕްރޮގްރާމް އެންމެ ފުރަތަމަ ފެށި އަހަރު އެ ސީރީސްއަށް ޓީވީ.އެމް އިން މުޅި ރާއްޖެއިން ހޮވައިލި ހަތަރު ޕްރެޒެންޓަރުންގެ ތެރޭގައި ސިނާން ހިމެނިވަޑައިގެން އޭގެ ގިނަ ޕްރޮގްރާމްތަކެއް ހުށަހެޅުއްވިއެވެ. 

     މިއަދު ރާއްޖޭގެ އެންމެ ބޮޑު އެއް މީޑިއާ ސްޓޭޝަން ކަމުގައިވާ "ސަން މީޑިއާ ގުރޫޕް"ގެ ޗީފް އެގްޒެކެޓިވް އޮފިސަރަކީ ސިނާނެވެ. މީގެ ހައެއްކަ އަހަރު ކުރީން 2008 ވަނަ އަހަރު ސިނާން އެ މަގާމާ ހަވާލުވެވަޑައިގެންނެވިއިރު އެ ތަނުގައި އޮތީ ހަމައެކަނި މާލޭ ސަރަހައްދަށް ޚިދުމަތްދޭ "ސަން އެފް.އެމް" ރޭޑިއޯ އެކަންޏެވެ. އެހެންނަމަވެސް ސަން މީޑިއާގެ އެންމެ އިސް މަގާމުގައި ސިނާން ހުންނަވައިގެން ކުރެއްވި ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިއަދު ސަން މީޑިއާގެ ކުޑައިގެ ދަށުގައި މީޑިއާގެ ގިނަ ވަސީލަތްތަކެއް އުފައްދަވައި، ޤައުމީ ނިސްބަތުގައި ކާމިޔާބު މީޑިއާތަކަކަށް އެ މީޑިއާތައް ވަނީ ހައްދަވާފައެވެ. އެ ގޮތުން ސަން އޮންލައިންގެ ދިވެހި އަދި އިނގިރޭސި އެޑިޝަނެއް އުފައްދަވައި، ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި ރައްޔިތުންގެ މެދުގައި އިތުބާރު ހިފޭ އަދި މަޤުބޫލު ނޫހަކަށް އެނޫސް ހައްދަވައިފައިވާއިރު، ސަން އޮންލައިންގެ އެޑިޓަރަކީ ސިނާނެވެ. ސަން މީޑިއާ ގުރޫޕުގެ ކުޑައިގެ ދަށުން "ސަން"ގެ ނަމުގައި މަޖައްލާއެއް ނެރޭއިރު އެ މަޖައްލާގެ އެޑިޓަރަކީވެސް ސިނާނެވެ. އަދި ހަމައެހެންމެ، ސަންގެ ކުޑައިގެ ދަށުގައި "ސަން ޓީ.ވީ." ގެ ނަމުގައި ހިންގަމުން އަންނަ ޓީވީ ޗެނެލާއި "ސަން އެފް.އެމް." ރޭޑިއޯގެ ސީ.އީ.އޯ. އަކީވެސް ސިނާނެވެ.

     ސިނާންގެ ސީދާ އިސްނެންގެވުމުގެ ތެރެއިން ސަން މީޑިއާ އިން ވަނީ ނޫސްވެރިކަމުގެ ޒަމާނީ ޓެކްނޮލޮޖީގެ ފަސޭހަކަން ދިވެހީންގެ ތެރެއަށް ތަޢާރަފުކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެ ގޮތުން މޯބައިލް ފޯނުތަކަށް ސަންގެ ޚަބަރު ސުރުޚީތައް ފޮނުވައިދޭ ޚިދުމަތަކީ، ފާހަގަކޮށްލެވޭ ޚިދުމަތެކެވެ. އެ ޚިދުމަތް ރާއްޖޭގައި އެންމެ ފުރަތަމަ ދޭން ފެށީ ސަން އިންނެވެ. 

     މީޑިއާގެ ފަސް ވަސީލަތެއްގެ އެންމެ އިސް މަގާމުގައި ހުންނަވައިގެން، ސަން މީޑިއާ ގުރޫޕު ހިންގެވުމުގެ އެންމެ އިސް ޒިންމާ ސިނާން މިއަދު އުފުއްލަވަމުން ގެންދަވާއިރު، ޚަބަރު ލިޔުއްވުމާއި އެހެން ނޫސްވެރީން ލިޔާ ޚަބަރުތައް އެޑިޓް ކުރެއްވުމުގެ މަސައްކަތް މިއަދުވެސް ސިނާން ގެންދަވަނީ ކުރައްވަމުންނެވެ. 

     ޕްރިންޓް މީޑިއާގެ އިތުރުން، ސިނާނަކީ، މިއަދު މަގުބޫލުކަން ހޯއްދަވާފައިވާ ޓީވީ ޕްރެޒެންޓަރެއްވެސްމެއެވެ. އެ ގޮތުން މީގެ ހަ އަހަރު ކުރީން ސަން އެފްއެމް އިން ފަށައިގެން ކޮންމެ ދުވަހަކު ހެނދުނު ކުރިޔަށް ގެންދާ "އާފެށުން" ޕްރޮގްރާމަކީ އާންމުންގެ މަގުބޫލުކަން ވަރަށް ބޮޑަށް ލިބިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައި ޕްރެޒެންޓަރަކީ ސިނާނެވެ. ޤައުމުގައި އިސްލާހު ކުރާންޖެހޭ ކަންކަމާ ގުޅޭ ގޮތުން ވަރަށް ބިނާކުރަނިވި ގޮތެއްގައި ސިނާން "އާފެށުން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ގެންދަވާއިރު، އޭގެ 2400 އަށްވުރެ ގިނަ ޕްރޮގްރާމްވަނީ މިހާތަނަށް ހުށަހަޅުއްވާފައެވެ. މީގެ އިތުރުން، ކޮންމެ ރޯދަމަހަކު ހަވީރު، ކުރީން ސަން އެފްއެމް އިން މިހާރު ސަން ޓީވީން ގެނެސްދޭ މަޝްހޫރު "ފިނިއަށި" ޕްރޮގްރާމްގެވެސް އެގްޒެކެޓިވް ޕްރޮޑިއުސަރުގެ އިތުރުން މައި ޕްރެޒެންޓަރަކީ ސިނާނެވެ. 

     ސިނާން ވަނީ ދިވެހި ނޫސްވެރިކަމުގެ އެންމެ އާދައިގެ ފަންތީން ފެށިގެން އެންމެ މަތީ ފަށަލަ އާއި ހަމަޔަށް ނޫސްވެރިކަމުގެ ހުރިހާ ތަޖުރިބާތަކެއް ކުރައްވާފައެވެ. ރާއްޖޭގެ މީޑިއާ ތަކުން ވަކިވަކީންނާއި ގުޅިގެން ހިންގާފައިވާ ބޮޑެތި ހަރަކާތްތަކުގެ އެންމެ އިސް ސަފުން ސިނާންގެ ބައިވެރިވެވަޑައިގަތުން ވަނީ ފެނިގެން ގޮސްފައެވެ. 

      ނޫސްވެރިކަމުގައި ސިނާން ހޭދަކުރެއްވި 15 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އޭނާ ފާހަގަކުރެވިފައި ވަނީ ޤައުމީ ވިސްނުން އިސްކުރެއްވުމާއެކު ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާ ތަރައްޤީ ކުރައްވައި ޒަމާނީ ތަރައްޤީ ނޫސްވެރިކަމަށް ގެންނަވަން މަސައްކަތް ކުރެއްވި އަދި ސިޔާސަތަށް ފާޑުވިދާޅުވުމުގައިވެސް ޖެހިލުން ކުޑަ ބޭފުޅެއްގެ ގޮތުގައެވެ. އަދި ފުލް ޓައިމްކޮށް މި ޚިދުމަތުގައި ދެމިތިއްބެވި ބޭފުޅުންގެ ތެރެއިން އެންމެ ތަޖުރިބާކާރު އެއް ބޭފުޅެއްގެ ގޮތުގައެވެ.