އަލްފާޟިލް އިލްޔާސް މުޙައްމަދު
ހ. ދެވެލިކިނާރާ

      އިލްޔާސް މުޙައްމަދު ނުވަތަ އަޅުގަނޑުމެންގެ ތެރެއަށް މަޝްހޫރު ނަމުންނަމަ ގައިޑެންސް އިލްޔާސަކީ، އަމިއްލަފުޅަށް އިސްނަންގަވައިގެން، އެހެން މީހުންނަށް ކަންކަން ދަސްކޮށްދެއްވުމުގައި ލާމަސީލު ނަމޫނާ ބޭފުޅެކެވެ. އަދި އިލްޔާސަކީ އެކިއެކި ފަރާތްތަކަށް އެއްގަމު އުޅަނދުފަހަރު ދުއްވަން ދަސްކޮށްދެއްވައި، އަދި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނަންގަވައިދެއްވުމުގައި ފާހަގަކޮށްލެވޭ އަދި އެކަމުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ހުނަރުވެރި ބޭފުޅެކެވެ. 

     އިލްޔާސް މުޙައްމަދުގެ ހިތްޕުޅުގައި މިކަމަށް ޝައުޤުވެރިކަން އުފެދުނީ، މީގެ 23 އަހަރު ކުރިންނެވެ. ޢާންމު ފަރާތްތަކަށް އެއްގަމު އުޅަނދުފަހަރު ދުއްވަން ދަސްކޮށްދެއްވައި، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނަންގަވައިދެއްވުމުގެ ޚިދުމަތް، އޭނާ އަމިއްލަފުޅަށް ފެށްޓެވީ 1992 ވަނަ އަހަރުއެވެ. 

      އިލްޔާސް މުޙައްމަދުގެ މި މަސައްކަތް ފުޅާކުރައްވައި، އިތުރަށް ކުރިއަށް ގެންދެވުމުގެ ގޮތުން، އޭނާގެ އެއްބަނޑުއެއްބަފާ ބޭބެ ޢައްބާސް މުޙައްމަދާ ވާހަކަ ދައްކަވައިގެން، އަމިއްލަފުޅު ޚިޔާލަށް، ދިވެހިރާއްޖޭގެ ފުރަތަމަ ޑްރައިވިންގ ސްކޫލް ކަމަށްވާ [ގައިޑެންސް ދަ ޑްރައިވިންގ ސްކޫލް] މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި 1996 މޭ 22 ގައި ރަޖިސްޓަރީ ކުރެއްވިއެވެ. އިލްޔާސް މުޙައްމަދުގެ މި އިސްނެންގެވުމުގެ ސަބަބުން އެއްގަމުއުޅަނދުފަހަރު ދުއްވަން ދަސްކޮށްދެއްވުމާއި، އެއްގަމުއުޅަނދު ދުއްވުމުގެ ލައިސަންސް ނަންގަވައިދެއްވުމުގެ ޚިދުމަތް ފޯރުކޮށްދެއްވުމުގެ މަސައްކަތް، އިތުރަށް ފުޅާވެ، ގިނަ ޢަދަދެއްގެ ބޭފުޅުންނަށް، ފަސޭހަކަމާއެކު ޚިދުމަތް ލިބުމުގެ މަގު ތަނަވަސްވެގެންދިޔައެވެ. 

      މިވޭތުވެދިޔަ 23 އަހަރު ދުވަހުގެ ތެރޭގައި، ޑްރައިވިންގ އިންސްޓްރަކްޓަރެއްގެ ގޮތުން، އަށްހާހަށްވުރެ ގިނަ ފަރާތްތަކަށް އެއްގަމު އުޅަނދުފަހަރު ދުއްވަން ދަސްކޮށްދެއްވައި، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނަންގަވައިދެއްވާފައިވެއެވެ. އަދި އިލްޔާސް މުޙައްމަދަކީ، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނަންގަވައިދެއްވުމުގައި ޙަރަކާތްތެރިވުމަށްޓަކައި ދުއިސައްތަ ފަންސާހަށްވުރެ ގިނަ ފަރާތްތައް ތަމްރީނުކޮށްދެއްވައި، ޑްރައިވިންގ އިންސްޓްރަކްޓަރުންގެ ގޮތުގައި ނެރެދެއްވާފައިވާ ކުޅަދާނަ މާހިރެކެވެ. 

      އިލްޔާސް މުޙައްމަދަކީ، އެއްގަމުދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމާބެހޭ ސާރވޭ އަމިއްލަފުޅަށް ކުރައްވައިގެން، އެއްގަމުއުޅަނދުފަހަރު ދުއްވުމުގެ ތަމްރީނު ދެއްވުމުގައި ދެމިހުންނެވި އެންމެ ގިނަދުވަސްވީ އެއް ޑްރައިވިންގ އިންސްޓްރަކްޓަރުވެސް މެއެވެ. އަދި ރާއްޖޭގައި ހިނގަމުންދާ އެހެނިހެން ޑްރައިވިންގ ސްކޫލްތަކުގައި މަސައްކަތް ކުރައްވާ ގިނަ ޑްރައިވިންގ އިންސްޓްރަކްޓުންނަކީ، ޚުދު އިލްޔާސް ތަމްރީނުކޮށްދެއްވާފައިވާ އިންސްޓްރަކްޓަރުންނެވެ. 

      ދަތުރުފަތުރުގެ ދާއިރާއިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމެއް އިލްޔާސް މުޙައްމަދަށް މިއަދު ލިބިވަޑައިގަންނަވާއިރު، މިކަން އޭނާ ދެކެވަޑައިގަންނަވަނީ، ވަރަށް މުހިންމު ޤައުމީ ޚިދްމަތެއްގެ ގޮތުގައެވެ. އޭނާގެ އުންމީދަކީ ކުރިއަށް އޮތް ތާނގައި މި މަސައްކަތް މިހާރަށްވުރެ ބޮޑަށް ފުޅާކުރައްވައި، ގިނަ ބަޔަކަށް ފަސޭހަކަމާއެކު މި ޚިދުމަތް ދެވޭނެ މަގު އިތުރަށް ތަނަވަސްވެގެންދިޔުމެވެ.