އަލްފާޟިލް ޢަބްދުﷲ ރަޝީދު
ރ.އުނގޫފާރު/މުރަކަ

 

ޢަބްދުﷲ ރަޝީދަކީ، ރ.އަތޮޅަށް ޚާއްޞަކޮށް، ރ.އުނގޫފާރުގެ ތަރައްޤީއަށާއި ކުރިއެރުމަށް ވަރަށް ގިނަގުނަ ޚިދްމަތްތަކެއް ކުރައްވާފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ޢަބްދުﷲ ރަޝީދަކީ، އުނގޫފާރުގެ އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ ޖަމްޢިއްޔަތުއް ސައިފްގެ މުސްތަޝާރެވެ. އެ ޖަމްޢިއްޔާގެ ދިގު ތާރީޚުގައި، އެ ޖަމްޢިއްޔާއިން އުނގޫފާރުގެ ރައްޔިތުންނަށް ފޯރުވައިދިން ގިނަ ޚިދްމަތްތައް ފޯރުވައިދިނުމުގަޔާއި، އެ ޖަމްޢިއްޔާއިން ހިންގި ގިނަ މަޝްރޫޢުތައް ހިންގުމުގައި، އެންމެ އިސް ދައުރެއް އަދާކުރެއްވި ބޭފުޅަކީ، ޢަބްދުﷲ ރަޝީދެވެ.
 
ރައްޔިތުން ކުރާ މަސައްކަތްތަކުގައި ފަރުދީގޮތުން ޢަބްދުﷲ ރަޝީދު ގެންދަވަނީ އެހީތެރިވެވަޑައިގަންނަވަމުންނެވެ. އަދި އިޖުތިމާޢީ އެކިއެކި ޙަރަކާތްތަކުގެ ތެރެއިންވެސް ރަށުގެ ތަރައްޤީއަށާއި، އަތޮޅުގެ ތަރައްޤީއަށް ކުރެވޭ ކޮންމެ ކަމެއްގައި، ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވަމުން ގެންދަވައެވެ. އުނގޫފާރު ރަށު އޮފީހުންނާއި، ރ.އަތޮޅު އަތޮޅުއޮފީހުން އެކިދުވަސްވަރު ކުރައްވާފައިވާ އެކި މަސައްކަތުގައި، މުވައްޒަފެއްގެ ހައިސިއްޔަތުންނާއި، އުނގޫފާރުގައި ހުރި ސަރުކާރުގެ އެހެނިހެން މުއައްސަސާތަކުން ކުރައްވަމުން ގެންދަވާ އެކިއެކި މަސައްކަތްތަކުގައި، ފަރުދީ ހައިސިއްޔަތުންނާއި، ޖަމްޢިއްޔާގެ މެންބަރެއްގެ ހައިސިއްޔަތުން ޢަމަލީގޮތުން މަސައްކަތް ކުރައްވަމުން ގެންދަވާފައިވެއެވެ. މިގޮތުން، ޖަމްޢިއްޔަތުއް ސައިފް އުފެދުނުފަހުން މިވީ 51 އަހަރު ދުވަހުގެ ތެރެއިން 23 އަހަރު ދުވަހު އެ ޖަމްޢިއްޔާއިން ކުރި ގިނަ މަސައްކަތްތަކުގައި، އެންމެ އިސް ބޭފުޅެއްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވައި، އެ މަސައްކަތްތަކުގައި ޢަބްދުﷲ ރަޝީދު ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައިވެއެވެ.
 
ޢަބްދުﷲ ރަޝީދަކީ، އުނގޫފާރު ރައްޔިތުންނާއި، އެއަތޮޅުގެ ގިނަ ރައްޔިތުންގެ އިޙްތިރާމާއި ލޯބި ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ރަށުގައި ހިންގޭ ތަރައްޤީގެ އެކިކަންކަމުގައި އެންމެ އިސްކޮށް ޢަބްދުﷲ ރަޝީދު ހުންނަވަނީ، ރައްޔިތުން އެ މަސްއޫލިއްޔަތު ޢަބްދުﷲ ރަޝީދާ ޙަވާލުކުރައްވާތީއެވެ. އަދި އެކަމެއްގައި އެންމެ އިސްކޮށް އުޅެންވީ މީހަކީ ޢަބްދުﷲ ރަޝީދުކަމަށް ރައްޔިތުން ގަބޫލުކުރާތީއެވެ. މިކަމުން ދޭހަވަނީ، ރައްޔިތުން ޢަބްދުﷲ ރަޝީދަށް ކުރައްވާ އިތުބާރުގެ ބޮޑުކަމެވެ.
 
ޢަބްދުﷲ ރަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި، ވަކިމީހަކަށް ބަރޯސާވެގެން އެއްވެސް މަސައްކަތެއް ކުރިއަކަށް ނުގެންދެވޭނެއެވެ. އަދި ވަކިފަރާތަކުން އެއްޗެއްދޭނެކަމަށް ބަލައިގެންވެސް ނުތިބެވޭނެއެވެ. މަސައްކަތެއް ކުރިއަށް ގެންދިޔުމަށް ބޭނުންވަނީ، ހިތްވަރާއި ކެރުމެވެ. އެމަސައްކަތެއް ކުރުމަށް ފަސްނުޖެހި، ކުރިއަށްދާކަމަށްވާނަމަ، އިރާދަކުރެއްވިއްޔާ، އެކަމުގެ އަލިމަގު ފެންނާނެކަމީ، ޝައްކެއްއޮތް ކަމެއްނޫންކަން ޢަބްދުﷲ ރަޝީދު ގަބޫލު ކުރައްވައެވެ. އެކަންވަނީ ޢަމަލީގޮތުންވެސް ތަޖުރިބާ ކުރައްވާފައެވެ.