ޑޮކްޓަރ ޢަލީ ޝަމީމް
ހ. މެރިންވިއު

        މުޖުތަމަޢަށާއި ޒުވާނުންގެ ތަރައްޤީއަށާއި، ޒުވާނުން ބިނާކުރުމަށާއި ތަރުބިއްޔަތު ކުރުމަށް މަސައްކަތް ކުރުމުގެ ރޮނގުން ޑޮކްޓަރ ޢަލީ ޝަމީމަކީ ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އޭނާ ވަނީ މެނޭޖްމަންޓާއި ޕޮލިޓިކްސްގެ ދާއިރާއިން މަތީ ތަޢުލީމް ހާސިލު ކުރައްވައި، އިންޓަރނޭޝަނަލް އެންވަޔަރަންމަންޓް އެންޑް ޑިވެލޮޕްމަންޓް ރިލޭޝަންސްގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ ޙާޞިލު ކުރައްވާފައެވެ. 

       ޑޮކްޓަރ ޢަލީ ޝަމީމް ޢަމަލީ މަސައްކަތުގެ ދާއިރާއަށް ނުކުމެވަޑައިގަތީ، ޓީޗަރެއްގެ ގޮތުގަޔާއި، މާލޭގެ ޕްރައިމަރީ ސްކޫލެއްގެ ޕްރިންސިޕަލެއްގެ ގޮތުގައެވެ. އެނގިވަޑައިގެންފައިވާ ޢިލްމަކާއި، ލިބިވަޑައިގެންފައިވާ ތަޖުރިބާއެއް، އެހެން މީހުންނާ ޙިއްޞާ ކުރެއްވުމުގެ ވިސްނުންފުޅު އަބަދުވެސް ގެންގުޅުއްވާ ޑޮކްޓަރ ޢަލީ ޝަމީމް ޖަމާޢަތަށް ފައިދާހުރި މަސައްކަތްތައް ކުރައްވަން ފަށްޓަވާފައިވަނީ، 1983 ވަނަ އަހަރުއެވެ. އަތޮޅުތެރެއަށް މި ޚިދުމަތް ދެއްވަން ފެށްޓެވީ 1991 ވަނަ އަހަރުއެވެ. އޭނާއަކީ ހުސް ވަގުތުތަކުގައި ޖަމާޢަތަށް ފައިދާހުރި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ޚިދުމަތްތެރި ބޭފުޅެކެވެ. މިގޮތުން، ތަޢުލީމު ހާސިލުކުރާ ދަރިވަރުންނަށާއި ޒުވާނުންނަށާއި، އެކި އިދާރާތަކުގެ މުވައްޒަފުންނަށާއި އަދި ދަރިވަރުންގެ ބެލެނިވެރިންނަށާއި، ހިންގުމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް އެކި ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދެއްވައި، ހޭލުންތެރި ކުރައްވަމުން ގެންދަވައެވެ. މިގޮތުން، މަސައްކަތުގެ ހުނަރާއި ޤާބިލިއްޔަތު އިތުރުކޮށްދިނުމަށް ސެމިނާރތަކާއި ވާރކްޝޮޕްތަކާއި، ތަފާތު ޕްރޮގްރާމްތައް ހިންގަވައިދެއްވައި އިރުޝާދު ދެއްވަމުން ގެންދަވައެވެ. މިފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެކިއެކި ލިޔުންތަކާއި، ކިޔަވައިދިނުމަށް ބޭނުންވާ ވަސީލަތްތައް، އޭނާ އަމިއްލަފުޅަށް އުފައްދަވައި ތައްޔާރު ކުރައްވަމުން ގެންދަވައެވެ. އަދި މިފަދަ ޕްރޮގްރާމްތައް، މާލެއާއި އަތޮޅުތެރޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ވަނީ ހިންގަވާފައެވެ. އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ، މި މަސައްކަތްތައް ގިނަފަހަރަށް އޭނާ ކޮށްދެއްވަމުން ގެންދަވަނީ، އެއްވެސް އުޖޫރައަކާ ނުލައި ހިލޭސާބަހަށް އިޖުތިމާޢީ ޚިދްމަތެއްގެ ގޮތުގައި ދެކެވަޑައިގެން ކަމެވެ. 

      ޑޮކްޓަރ ޢަލީ ޝަމީމް ހިންގަވާ އެކިއެކި ޕްރޮގްރާމްތަކުގެ ތެރޭގައި، ހިންގުމުގެ ހުނަރު މަތިކުރާ ސެމިނާރ ވާރކްޝޮޕާއި، ތަރައްޤީއަށް އަހުލުވެރިކުރުވުމާއި، އެކިއެކި މަޝްރޫޢުތައް ހިންގުމުގެ ވާރކްޝޮޕްތަކާއި، އޮފީސް ހިންގުމާއި ކްލަބް ޖަމްޢިއްޔާތައް ހިންގުމުގެ ތަމްރީނު ވާރކްޝޮޕްތަކާއި، ޑިމޮކްރަސީއާއި އިންސާނީ ޙައްޤުތަކަށް ހޭލުންތެރިކުރުވުމުގެ ސެމިނާރާއި، ވާރކްޝޮޕްތަކާއި، ސްމާރޓް ސްޓަޑީ ސްކިލްސް ޑިވެލޮޕްމަންޓް ސެމިނާރާއި، ސްމާރޓް މެނެޖްމަންޓް ސްކިލްސް ޑިވެލޮޕްމަންޓް ވަރކްޝޮޕާއި، ސްމާރޓް ޕްރޮޖެކްޓް މެނެޖްމަންޓް ސްކިލްސް ޑިވެލޮޕްމަންޓް ވަރކްޝޮޕާއި، ސްމާރޓް ޓީޗިންގ ސްކިލްސް ޑިވެލޮޕްމަންޓް ސެމިނާރާއި، ސްމާރޓް ޕޭރަންޓަލް ސްކިލްސް ޑިވެލޮޕްމަންޓް ސެމިނާރު ހިމެނެއެވެ. އަދި ޤައުމިއްޔަތު ދިރުވުމާއި، އިޖުތިމާޢީ އަދަބުތަކަށް އަހުލުވެރިކުރުވުމާއި، ހިނިތުންވުމުގެ ޢަޖައިބުތައް އޮޅުންފިލުވައިދޭ ސެމިނާރވެސް އޭނާ ހިންގަވައެވެ.

      މި ވޭތުވެދިޔަ 18 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، މާލެ ފިޔަވައި ރާއްޖޭގެ 40 އަށްވުރެ ގިނަ ރަށްރަށުގައި ޑޮކްޓަރ ޢަލީ ޝަމީމް ވަނި މިދެންނެވި ޕްރޮގްރާމުތައް ހިންގަވައިދެއްވާފައެވެ. މާލެއާއި އަތޮޅުތެރޭގެ ސްކޫލްތަކުގައި ސެމިނާރ ވާރކްޝޮޕްތައް އޭނާ ހިންގަވައިދެއްވާފައިވަނީ، ޤައުމީ ޚިދްމަތެއްގެ ގޮތުގައި ހިލޭސާބަހަށެވެ. އަދި މާލެއާއި އަތޮޅުތަކުގައި ހިނގަމުންދާ ސަރުކާރުގެ ގިނަ އޮފީސްތަކަށާއި، ދައުލަތުގެ މުއައްސަސާތަކަށްވެސް ހިންގުމުގެ ދާއިރާގެ ތަފާތު އެތައް ސެމިނާރ ވާރކްޝޮޕްތައް ހިލޭސާބަހަށް ހިންގަވައިދެއްވާފައި ވެއެވެ. އޭނާ ތަމްރީނު ދެއްވާފައިވާ ނުވަތަ މަޢްލޫމާތު ދެއްވާފައިވާ މީހުންގެ ޢަދަދު، ފަސްހާހަށްވުރެ ގިނަވާނެ ކަމަށް އޭނާ ލަފާކުރައްވައެވެ.

      މިއަދު އޭނާ ހުންނެވީ ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ކަމުގެ މަޤާމުގައި ކަމަށްވިޔަސް، އެ މަޤާމުގައި ހުންނަވައިގެންވެސް ނުރަސްމީ ވަގުތުތަކުގައި އޭނާ ގެންދަވަނީ މި ޚިދުމަތް ވަރަށް ފުޅާ ދާއިރާއެއްގައި ދެއްވަމުންނެވެ. އޭނާގެ ޢަޒުމަކީ މި މަސައްކަތުގައި އިތުރަށް ކުރިއަށް ވަޑައިގެން، ހިންގުމުގެ އެކިއެކި ހުނަރު ލިބިފައިވާ ޒުވާން ޤާބިލު ދަރިންތަކެއް ނެރުއްވުމެވެ.