އަލްފާޟިލް މައިޒާން އަޙްމަދު މަނިކު
ހ. ގާދޫ

         މަސްވެރިކަމުގެ ދާއިރާއިން މަސްވެރިކަމާ ބެހޭގޮތުން މުޖުތަމަޢު ހޭލުންތެރިކުރުވުމާއި، ތަމްރީނު ދިނުމުގެ ރޮނގުން މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ މައިޒާން އަޙްމަދު މަނިކަކީ، ރާއްޖޭގެ މަސްވެރިކަމަށް ވަރަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރުވެސް ވަރަށް މުރާލިކަމާއެކު، އެ ޚިދުމަތް ދެއްވުމުގައި ދެމިހުންނެވި ބޭފުޅެކެވެ. 

        މަސްވެރިކަމުގެ ދާއިރާއަށް ޚިދުމަތް ކުރެއްވުން ފެށިގެން އައީ 1971 ވަނަ އަހަރު މަސްވެރިންނަށް ވޯކީޓޯކީ ޚިދުމަތް ދެއްވަން ފެށްޓެވި ހިސާބުންނެވެ. މިގޮތުން، މިވޭތުވެދިޔަ 44 އަހަރަށްވުރެ ދިގު މުއްދަތުގައި، ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ތަރައްޤީ ކުރެއްވުމަށާއި، މަސްވެރިކަމުގެ ދާއިރާއަށް ޒަމާނީ ޓެކްނޯލޮޖީ ތަޢާރުފް ކުރެއްވުމަށް އޭނާ ކުރައްވާފައިވާ މަސައްކަތްޕުޅުތަކަކީ، ތަޢުރީފް ޙައްޤު މަސައްކަތްޕުޅުތަކެކެވެ. މަސްވެރިކަމުގެ ތަފާތު ޓެކްނޯލޮޖީ އޭނާވަނީ ރާއްޖެއަށް ތަޢާރުފް ކޮށްދެއްވާފައެވެ. 1997 ވަނަ އަހަރު ގާމިން ހޭންޑް ހެލްޑް ޖީ.ޕީ.އެސް ރާއްޖެއަށް ތަޢާރުފްކޮށްދެއްވައި، ޚާއްޞަކޮށް، މަސްވެރިންނަށް މި ޚިދުމަތް ދެއްވަން ފެށްޓެވިއެވެ. އެގޮތުން، ފުރަތަމަ ޖީ.ޕީ.އެސް ތަޢާރުފުކޮށްދެއްވީ، ރ. ކަނދޮޅުދޫ އިބްރާހީމް ޢަލިކޮއިގެ ދޯނީގައެވެ. އެއަށްފަހު، ސީބީ ހޭންޑް ހެލްޑް ސެޓްގެ ބަދަލުގައި 1999 ވަނަ އަހަރު 40 ޗެނަލްގެ ސީބީ ސެޓް ތަޢާރުފް ކުރައްވައި، މަސްވެރިންނަށް ފޯރުކޮށްދެއްވަން ފެށްޓެވިއެވެ. މީގެއިތުރުން، ކަނޑުން މަސް ހޯދުމަށް އޭރު ބޭނުންކުރެވުނު އެންމެ ޒަމާނީ ވަސީލަތް ކަމުގައިވާ ފިޝް ފައިންޑަރ، 1998 ވަނަ އަހަރު މަސްވެރިންނަށް ތަޢާރުފްކޮށްދެއްވިއެވެ. ކަނޑުދަތުރުފަތުރުގެ މަސައްކަތަށް ފަހިކަން ގެނެސްދިނުމަށްޓަކައި ސީ.އާރު ޓިއުބް ޗާޓް ޕްލޮޓަރ، 1999 ވަނަ އަހަރު ތަޢާރުފް ކުރައްވާފައިވެއެވެ. 

          މަސްވެރިންނަށް ޒަމާނީ ޓެކްނޯލޮޖީއާ ގުޅޭ މަޢުލޫމާތާއި ހުނަރު ފޯރުކޮށްދެއްވުމަށް ކުރެއްވި މަސައްކަތްތަކުގެ ތެރެއިން، 2004 ވަނަ އަހަރު އެމެރިކާގެ ކުންފުންޏަކާ ގުޅިވަޑައިގެން، ސެޓެލައިޓް މެދުވެރިކޮށް މަސްވެރިކަމަށް ފަހި ސަރަޙައްދުތައް ދެނެގަތުމުގެ ޚާއްޞަ ޕްރޮގްރާމެއް މައިޒާން އަޙްމަދު މަނިކު ވަނީ ތަޢާރުފް ކުރައްވާފައެވެ. އަދި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ ކަމާގުޅޭ މުވައްޒަފުންނަށް، މި ސިސްޓަމާ ގުޅޭގޮތުން ޗައިނާގެ ޝަންހާއީގައި ހިންގުނު ޚާއްޞަ ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވެ، ތަމްރީނު ހޯދުމުގެ ފުރްޞަތު ފަހިކޮށްދެއްވިއެވެ. މި ޕްރޮގްރާމް މެދުވެރިކޮށް، 2004 ވަނަ އަހަރު ސަރުކާރާ ގުޅިވަޑައިގެން، މި މަޢުލޫމާތު މަސްވެރިންނަށް ފޯރުކޮށްދިނުމުގެ 1 އަހަރު ދުވަހުގެ ޕްރޮގްރާމެއްވެސް އަޙްމަދު މަނިކު ހިންގެވިއެވެ. އަދި މަސްއައިން ހޯދުމަށް ބޭނުންވާ މަޢުލޫމާތާއި، ސެޓަލައިޓް ސޮފްޓްވެއަރއާ ގުޅޭ މަޢުލޫމާތު، މަސްވެރިންނަށް ފޯރުކޮށްދެއްވުމަށް އެކިއެކި ޕްރޮގްރާމްތައް އޭނާވަނީ ހިންގަވާފައެވެ.

        ރާއްޖޭގެ މަސްވެރިންގެ ޖަމުޢިއްޔާ [މޯލްޑިވްސް ފިޝަރމަންސް އެސޯސިއޭޝަން] ވުޖޫދަށް ގެންނެވުމުގައި، މައިޒާން އަޙްމަދު މަނިކު ކުރައްވާފައިވާ މަސައްކަތްޕުޅުތައްވެސް ފާހަގަކޮށްލަން ޖެހެއެވެ. އޭނާއަކީ އެ ޖަމުޢިއްޔާގެ ޗެއަރމަނެވެ. އަދި ފައުންޑަރ މެންބަރެއްވެސްމެއެވެ. އެ ޖަމުޢިއްޔާގެ ފަރާތުންވެސް މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، ރާއްޖޭގެ މަސްވެރިކަމުގެ ތަރައްޤީއަށާއި، މި ދާއިރާއިން މީހުން ބިނާކުރުމުގައި ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. 

       މައިޒާން އަޙްމަދު މަނިކުގެ މަސައްކަތްޕުޅުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އަނެއް ކަމަކީ، ނިޔަމިކަމުގައި ބޭނުންކުރެވޭ އެންމެ މުހިންމު އެއް ވަސީލަތް ކަމުގައިވާ ޖީ.ޕީ.އެސް. ޗާޓާއި، އޭގެ ފަންކްޝަން މެނޫތައް، ދިވެހިންނަށް ފަސޭހައިން އެނގޭނެހެން ދިވެހިބަހުން ތައްޔާރުކުރައްވައި، ދިވެހިރާއްޖެއަށް ތަޢާރުފްކޮށްދެއްވުމެވެ. މީގެއިތުރުން، މަސްވެރިންނަށް ބޭނުންވާނެ މުހިންމު ތަފާތު ޚިދުމަތްތައް ފޯރުކޮށްދެއްވުމަށާއި، މަސްވެރިކަމާ ގުޅޭ ތަފާތު ދާއިރާތަކުން މީހުން ބިނާކުރެއްވުމަށް ހައްދުންމަތީ ގަމުގައި ފިޝަރީޒް ކޮމިއުނިޓީ އެންޑް ޓްރޭނިންގ ސެންޓަރެއް ވަނީ ފިޝަރމަންސް އެސޯސިއޭޝަނުން ޤާއިމުކުރައްވާފައެވެ. 

         މަސްވެރިންގެ ދަތުރުތައް، ރާއްޖޭގެ ދުރު ސަރަޙައްދުތަކަށް އަމާޒުކުރެވެން ފެށުމާއެކު، ސީބީ ސެޓް އަދި މޯބައިލްގެ ވަސީލަތްތައް މެދުވެރިކޮށް މުވާޞަލާތު ކުރުމުގައި ދަތިތައް ކުރިމަތިވުމާއި، އޭގެ ސަބަބުން ނުރައްކާތެރި ހާދިސާތައް މެދުވެރިވެ ގުޅޭނެގޮތެއް ނެތިގެން އުޅެންޖެހޭ މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން، 2008 ވަނަ އަހަރު ސެޓެލައިޓް ފޯނުގެ ޚިދުމަތް ތަޢާރުފްކޮށްދެއްވައި، މައިޒާން އަޙްމަދު މަނިކު ހިންގަވާ [މައިޒާން އިލެކްޓްރޯނިކްސް] މެދުވެރިކުރައްވައި ދާއިމީ ގޮތެއްގައި އެ ޚިދުމަތް ގެންދަވަނީ ފޯރުކޮށްދެއްވަމުންނެވެ. އެގޮތުން، އިމާސެޓް ކަވަރޭޖްގެ ތެރޭގައި ބޭނުންކުރާ އައިސެޓް ޕްރޯ ތަޢާރުފް ކުރެވި އަދި ފަހުން ތުރާޔާ ފޯނުގެ ޚިދުމަތް ފޯރުކޮށްދެއްވަން ފެށްޓެވިއެވެ. 

        ޒުވާން މަސްވެރި ކެޔޮޅުން ބިނާކުރައްވައި، ދުނިޔޭގައި ކުރިއަރާފައިވާ އެމެރިކާފަދަ ޤައުމަކަށް، އިތުރު ތަޖުރިބާ ހޯދުމުގެ ގޮތުން ރާއްޖޭގެ ތާރީޚުގައި ފުރަތަމަފަހަރަށް ރާއްޖޭގެ މަސްވެރިން އެމެރިކާއަށް ފޮނުއްވުމުގައި މައިޒާން އަޙްމަދު މަނިކު އިސް ދައުރެއް އަދާކުރައްވާފައިވެއެވެ. މީގެއިތުރުން، ފިޝަރީޒް މިނިސްޓްރީން މަސްވެރިންނާ ގުޅިގެން ހިންގަވާ ތަފާތު ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގެން، މަސްވެރިންނަށް ޒަމާނީ ޓެކްނޯލޮޖީގެ މަޢުލޫމާތުތައް ވަނީ ފޯރުކޮށްދެއްވާފައެވެ. އަދި މަސްވެރިންގެ ދުވަހުގެ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގެން، ކޮމިއުނިޓީ ރޭޑިއޯގެ ނަމުގައި ވަގުތީ ރޭޑިއޯ ސްޓޭޝަނެއް، އެ ރަށްރަށުގައި ހިންގަވައި މަޢުލޫމާތު ފޯރުކޮށްދެއްވާފައިވެއެވެ.

         މަސްވެރިންނަށް ޚާއްޞަ ކުރައްވައިގެން، މަޢުލޫމާތާއި މަސްވެރިކަމުގެ ޚަބަރުތައް ފޯރުކޮށްދެއްވުމަށް [އަސްދަނޑި] ގެ ނަމުގައި މޯލްޑިވްސް ފިޝަރމަންސް އެސޯސިއޭޝަނުން ނެރުއްވަން ފެށްޓެވި ނޫހަކީވެސް މައިޒާން އަޙްމަދު މަނިކުގެ އިސްނެންގެވުމުގެ މަތިން ޝާއިޢުކުރަން ފެށި ނޫހެކެވެ. މަސްވެރިކަމުގެ ދާއިރާގައި ޚިދުމަތްކުރާ ފަރާތްތަކަށް ޚާއްޞަ އެވޯޑެއް، މޯލްޑިވްސް ފިޝަރމަންސް އެސޯސިއޭޝަނުން ދެއްވަން ފަށްޓަވާފައިވަނީވެސް މައިޒާން އަޙްމަދު މަނިކުގެ ޗެއަރމަން ކަމުގެ ދަށުގައެވެ.

        މައިޒާން އަޙްމަދު މަނިކަކީ، މަސްވެރިކަމުގެ އިތުރުން ރާއްޖޭގައި މަސައްކަތްތެރިކަން ކުރިއެރުވުމުގެ ރޮނގުންވެސް ފާހަގަކުރެވޭފަދަ މަސައްކަތްތަކެއް ކުރައްވާފައިވާ ވަރަށް ތަޖުރިބާކާރު ބޭފުޅެކެވެ. މަސައްކަތްތެރިކަން ކުރިއެރުވުމުގެ ރޮނގުން 1981 ވަނަ އަހަރު އޭނާއަށް ވަނީ ހިތްވަރު ދިނުމުގެ ޤައުމީ އިނާމު އަރުވާފައެވެ. އަދި ދިވެހިރާއްޖޭގެ މިނިވަންކަމަށް 25 އަހަރު ފުރުމާ ގުޅިގެން ސަރުކާރުން ދެއްވި ޢާންމު ޚިދުމަތުގެ އިނާމުވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފައެވެ. މައިޒާން އަޙްމަދު މަނިކަކީ، ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް 48 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކޮށްދެއްވާފައިވާ އަދި އެ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ސަރުކާރުން ޝަރަފްގެ ހަނދާނީ ލިޔުންވެސް އަރުވާފައިވާ ބޭފުޅެކެވެ.