އަލްފާޟިލާ ރަމްލާ ޢަބްދުލްޣަނީ
ހ. ހަތިހާ

 ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހި ޅެންވެރިކަން ކުރިއެރުވުމުގެ ރޮނގުން މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ޙާޞިލުކުރައްވާ ރަމްލާ ޢަބްދުލްޣަނީއަކީ، ކުޅަދާނަ ޝާޢިރާއެކެވެ. ކޮންމެ މައުޟޫޢަކަށްވެސް ވަރަށް ފަރިތަކަމާއެކު ޅެން ހައްދަވާ ބޭފުޅެކެވެ. ޢުމުރުފުޅުން 17 އަހަރުގައި ޅެން ހައްދަވަން ފެށްޓެވި ރަމްލާ ޢަބްދުލްޣަނީ، މި ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 60 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. 

ރަމްލާ ޢަބްދުލްޣަނީ ހައްދަވާފައިވާ ޅެންތައް، ރާއްޖޭގައި ނުކުންނަ ވަރަށްގިނަ މަޖައްލާތަކުގަޔާއި ނޫސްތަކުގައި ވަނީ ޝާއިޢު ކުރެވިފައެވެ. އޭގެތެރޭގައި، އަދަބީ އަދި ތާރީޚީ މަޖައްލާ ފަތްތޫރައާއި، ކުރީގެ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ނެރުއްވި [ހުވަނދު] މަޖައްލާ އާއި، [އަބާރަނަ] ފަދަ މަޖައްލާތައް ހިމެނެއެވެ. އަދި ލިޔުންތެރިންގެ ގުޅުމުން ނެރުއްވާ ޅެން މަޖައްލާ [ޅެންވެރިޔާ] އަށާއި، އެ ގުޅުމުން ނެރުއްވާ އަދަބީ މަޖައްލާ [ލިޔުންތެރިޔާ]ގެ އެކި ޢަދަދުތަކަށް މިހާރުވެސް ޅެން ހައްދަވައެވެ. ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސް އިން އިންތިޒާމު ކުރައްވައިގެން ބޭއްވެވި ސްކޫލް ކުދިންގެ ލަވަ މުބާރާތުގެ ފަނޑިޔާރުކަން، ގިނަ އަހަރުތަކެއް ވަންދެން ރަމްލާ ކުރައްވާފައިވެއެވެ. 

ރަމްލާ ޢަބްދުލްޣަނީ ހައްދަވާފައިވާ ޅެންތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ޅެންތައް ވަރަށް ގިނައެވެ. އެގޮތުން، ރަމްލާ ހައްދަވައި ނެރުއްވާފައިވާ [މެލާމެލި] މި ޅެން ޚާއްޞަ ގޮތެއްގައި ހަނދާންކޮށްލަންޖެހެއެވެ. މިއީ، ދިވެހިންގެ ތެރޭގައި މާމެލާމެއްޔަށް ކިޔައި އުޅުނު ނަންތަކާއި، ބައެއް މާމެލާމެލި ފޮޅޭ ވަގުތާއި، ކުލަޔާއި ސިފަޔާއި، ހިފޭ ބޭނުންތަކަށްވެސް އަލިއަޅުއްވައިލައްވައި ހައްދަވާފައިވާ 123 ބައިތުގެ ޅެމެކެވެ. އެ ޅެމުގައި 189 މަލެއްގެ ވާހަކަ ބަޔާންކުރައްވައި، ވަރަށްގިނަ ތަފްޞީލުތައްވެސް ވަނީ ދެއްވާފައެވެ. އެ ޅެން، ފޮތެއްގެ ސިފައިގައި އެކުލަވައިލައްވައި، 2007 ވަނަ އަހަރާއި 2008 ވަނަ އަހަރު ތިމާވެށީގެ ދުވަހު ސްކޫލްތަކުގެ ދަރިވަރުންނަށާއި ޢާންމުންނަށް، އޭރުގެ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، އެނަރޖީ އެންޑް ވޯޓަރގެ ފަރާތުން އެ ފޮތް ވަނީ ހިލޭ ބައްސަވާފައެވެ. މީގެއިތުރުން، ދިވެހިރާއްޖޭގެ އަޑުން ދެ އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ފޮނުއްވި ޑްރާމާ ޅެން ވާހަކަ [މަލުގެ ހާރު] ޕްރޮގްރާމަށް ތައްޔާރުކޮށްދެއްވި [ވޭނީ ކަރުނަ] މި ވާހަކައިން ހައްދަވާފައިވާ ޅެމަކީވެސް ރަމްލާގެ މަސައްކަތްޕުޅުގެ ތެރެއިން ފާހަގަކޮށްލެވޭ މަސައްކަތްޕުޅެކެވެ. [ވޭނީ ކަރުނަ] އަކީ އަލްފާޟިލް ގައްދޫ މުޙައްމަދު ރަޝީދު އުރުދޫ ބަހުން ދިވެހިބަހަށް ތަރުޖަމާ ކުރެއްވި [ޚޫބުސޫރަތު] މި ވާހަކައެވެ. 

ދިވެހި ޅެންވެރިކަމުގެ ރޮނގުން ރަމްލާ ޢަބްދުލްޣަނީއަށް ގިނަގުނަ ކާމިޔާބީތަކެއް ވަނީ ލިބިވަޑައިގެންފައެވެ. މިގޮތުން، 1989 ވަނަ އަހަރު ދިވެހިރާއްޖޭގައި ޅެންވެރިންގެ ދުވަހެއް އެންމެ ފުރަތަމަ ފާހަގަކުރި ދުވަހުގެ މުނާސަބަތުގައި ބޭއްވި ޅެންހެދުމުގެ ޤައުމީ މުބާރާތުން ރަމްލާވަނީ 1 ވަނަ ޙާޞިލު ކުރައްވާފައެވެ. 

ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން، ދިވެހި ޅެންވެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު، 2000 ވަނަ އަހަރު ރަމްލާ ޢަބްދުލްޣަނީއަށްވަނީ ލިބިވަޑައިގެންފައެވެ. ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންނެވިފަހުން މިވޭތުވެދިޔަ ފަނަރަ އަހަރު ދުވަހުގެ ތެރޭގައިވެސް މި ފަންނު ދިރުވައި އާލާކުރެއްވުމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް އޭނާ ގެންދަވަނީ ކުރައްވަމުންނެވެ. ޅެންވެރިކަމުގެ ފަންނުގައި އެހީތެރިކަން ބޭނުންވާ މީހުންނަށް ހިތްވަރުދެއްވައި، ޅެންވެރިކަން ދަސްކޮށްދެއްވުމުގެ މަސައްކަތްވެސް ރަމްލާ ގެންދަވަނީ މެދުނުކެނޑި ކުރައްވަމުންނެވެ. އަދި ދިވެހިބަހުގެ އެކެޑަމީއަށްވެސް އޭނާ ވަނީ ޅެންވެރިކަމުގެ ރޮނގުން ޚިދުމަތް ކޮށްދެއްވާފައެވެ. އަދި ދިވެހިބަހުގެ  އެކެޑަމީން އެދިވަޑައިގެންނެވި ކޮންމެ ކަމެއްވެސް އޭނާ ކުރައްވަމުން ގެންދަވަނީ، ނުހަނު އިޚްލާޞްތެރިކަމާއެކު، ޤައުމީ ކަމެއްގެ ގޮތުގައި ދެކެވަޑައިގެން، ހިލޭ ސާބަހަށެވެ.

ދިވެހި ޅެންވެރިކަން ދިރުވައި އާލާކުރުމުގެ މަޤްޞަދުގައި، ރާއްޖެއިން ބޭރުގައިވެސް ރަމްލާ ވަނީ އާދަޔާޚިލާފު މަސައްކަތްޕުޅު ކުރައްވާފައެވެ. އެގޮތުން، މިއަހަރު ސާރކް ކަލްޗަރަލް ސެންޓަރުގެ ފަރާތުން އިންޑިއާގެ ބެންގަލޫރުގައި ބޭއްވި [ސާރކް ލިޓްރަރީ ފެސްޓިވަލް ފޮރ ސައުތު އޭޝިއާ އިން ޕޮއެޓްރީ"ގައި ބައިވެރިވެވަޑައިގަތުމަށް ދިވެހިބަހުގެ އެކެޑަމީގެ ފަރާތުން ވަޑައިގެންނެވި 7 ބޭފުޅުންގެ ތެރޭގައި ރަމްލާ ހިމެނިވަޑައިގެންފައިވެއެވެ. އެ ފެސްޓިވަލްގައި ކޮށްދެއްވީ ފާހަގަކޮށްލެވޭފަދަ މަސައްކަތްޕުޅުތަކެކެވެ. އެ ފެސްޓިވަލްގައި ސާރކްގެ އެތައް ޤައުމަކުން ޅެން ހުށަހެޅުމާއި، ޅެމަށް ފާޑުކިޔުން އޮތެވެ. އެ ފެސްޓިވަލްގައި ރަމްލާ ދިވެހިބަހުން ޅެން ވިދާޅުވެ، އަދި އޭނާ ހެއްދެވި ޅެންތަކުގެ ތަރުޖަމާ އިނގިރޭސިބަހުން ހުށަހަޅުއްވައިދެއްވާފައި ވެއެވެ. 

އަލްފާޟިލާ ރަމްލާ ޢަބްދުލްޣަނީ ހައްދަވާފައިވާ ޅެންތަކަކީ، ދިވެހި ޅެންވެރިކަމަށާއި، ދިވެހި ޤައުމަށް އޭނާ ދޫކުރައްވާފައިވާ އަގުހުރި ތަރިކަތަކެކެވެ. ވިދާ މުތްތަކެކެވެ.