އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ
ހ. މީރުބަހުރުގޭއާގެ

 އިސްލާމްދީން އުނގަންނައިދިނުމާއި، ދީނީ ރޮނގުން ހޭލުންތެރިކަން އިތުރުކުރުމާއި، ދީނީ ފޮތް ލިޔެ އެކުލަވައިލުމާއި ޝާއިޢު ކުރުމުގެ ރޮނގުން މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަކީ، މިޞުރުގެ އަލް ޖާމިޢުލްއަޒްހަރުން މަތީ ތަޢުލީމު ޙާޞިލު ކުރައްވައިގެން ވަޑައިގަތީއްސުރެ، ދިވެހިރާއްޖޭގައި އިސްލާމީ ތަޢުލީމާއި، އިސްލާމްދީނުގެ ހޭލުންތެރިކަން އިތުރުކުރެއްވުމުގެ ރޮނގުން މަސައްކަތް ކުރައްވަމުން ގެންދަވާފައިވާ އަދި މިހާރުވެސް އެ މަސައްކަތުގައި ދެމިހުންނެވި ޢިލްމުވެރި ބޭފުޅެކެވެ. 

އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ ދީނީ ޚިދުމަތްތަކުގެ ފެށުން ގުޅިފައިވަނީ، ހިޖުރީ 15 ވަނަ ޤަރުނު ފެށުމާ ހަމައިން ސަރުކާރުން އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ރާއްޖޭގައި ޢަރަބި އިސްލާމީ ތަޢުލީމު ފެތުރުއްވުމުގެ މަތިވެރި މަޤްޞަދުގައި މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާ އުފެއްދެވި ހިސާބުން ފެށިގެންނެވެ. މަޢުހަދުގެ ނިޒާމީ ތަޢުލީމުގެ މުޤައްރަރު އެކުލަވައިލައްވައި، އަލްއަޒްހަރު ޔުނިވަރސިޓީގެ ޝަހާދާ އިޢުދާދީއަށް އަދި ޝަހާދާ ޘާނަވިއްޔާއަށް މުޢާދަލާ ކުރައްވައި، އިސްލާމީ ދުނިޔޭގެ ގިނަ ޤައުމުތަކުގެ ޔުނިވަރސިޓީތަކަށް މަޢުހަދުން ޝަހާދާ ޘާނަވިއްޔާ ނިންމާ ދަރިވަރުންނަށް އިތުރު އިމްތިޙާނަކާ ނުލައި، ވަދެވޭނެގޮތަށް އެ މަންހަޖުތައް ބައްޓަން ކުރެއްވުމަށް ކުރެއްވި ޢިލްމީ ބުރަ މަސައްކަތްތަކަކީ، އޭނާ ކުރެއްވި އަގުނުކުރެވޭފަދަ ޚިދުމަތްތަކެކެވެ. 

ޤާޟީންނާއި މުޙާމީން ތަމްރީނު ކުރުމުގެ މަސައްކަތަކީވެސް، ރާއްޖޭގައި އަދި ދިވެހިންގެ މެދުގައި އިސްލާމްދީނުގެ ކަންކަން ކުރިއެރުވުމަށް އިބްރާހީމް ރަޝީދު މޫސާ ކުރެއްވި ބުރަ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ. މީގެއިތުރުން، މިސްކިތްތަކުގެ އިމާމުންނާއި ޚަޠީބުން ތަމްރީނު ކުރެއްވުމުގެ މަސައްކަތްވެސް، 1981 ވަނަ އަހަރު އޭނާ ފެށްޓެވިއެވެ. މިގޮތުން މުދިމުން ތާޒާކުރުމުގެ ކޯހުގައި [ފިޤުހު] މި މާއްދާ ކިޔަވައިދެއްވުމުގެ އިތުރުން، [އިސްލާމީ އަޚްލާޤު 1، 2، 3] މިނަމުގައި ފޮތްތަކެއް ލިޔުއްވައި، ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ތިއްބެވި އިމާމުން ތަމްރީނު ކުރެއްވުމުގެ އިތުރަށް، އެބޭފުޅުން ތާޒާކުރެއްވުމުގެ ތަމްރީނު ޕްރޮގްރާމްތައްވެސް ވަނީ ހިންގަވާފައެވެ. 

އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާވަނީ  ތަފާތު އެތައް ދީނީ ޕްރޮގްރާމުތަކެއް، އޭނާގެ އަޑުފުޅުން ތައްޔާރުކޮށްދެއްވާފައެވެ. ދިވެހިރާއްޖޭގެ އަޑާއި މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާއާ ގުޅިގެން [ޤުރްއާން ކިޔަވަން ދަސްކުރަމާތޯ!] މިނަމުގައި 365 ޕްރޮގްރާމްގެ ސިލްސިލާއެއް އުފެއްދެވިއެވެ. ހަމައެހެންމެ [ފަސޭހަ ޢަރަބި]ގެ ނަމުގައި 365 ޕްރޮގްރާމުގެ މައްޗަށް އެކުލެވޭ ސިލްސިލާއެއްގައި، އެ ޕްރޮގްރާމުތައް ހުށަހަޅުއްވައިދެއްވާ މުދައްރިސެއްގެ ގޮތުގައި ޙަރަކާތްތެރިވެވަޑައިގެންނެވި އެއްބޭފުޅަކީ، އިބްރާހީމް ރަޝީދު މޫސާއެވެ.

ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި، ކުޑަކުދިންނަށާއި، ބޮޑެތި މީހުންނަށް ނަމާދުކުރާނެގޮތް ދަސްކޮށްދެއްވުމަށް ސިލްސިލާ ޕްރޮގްރާމުތަކެއް ލިޔުއްވައިދެއްވިއެވެ. އަދި [ޤުރްއާނާއި ސައިންސް]ގެ ނަމުގައި 52 ޕްރޮގްރާމުގެ ސިލްސިލާއެއް ލިޔުއްވިއެވެ. މީގެއިތުރުން، ގިނަ އަހަރުތަކެއްގައި، ޢަރަފާތް ދުވަހުގެ ޙައްޖު ޚުޠުބާ، ވަގުތުން ތަރުޖަމާކޮށްދެއްވިއެވެ. 

ޓެލެވިޜަން މޯލްޑިވްސްއިން ފޮނުއްވަމުން ގެންދަވާ އަދި ކޮންމެ ރަމަޟާންމަހަކު އެ ޕްރޮގްރާމެއް ބެލުމަށް އަޅުގަނޑުމެން ޝައުޤުވެރިވާ [مُحَمَّـد رســول اللّـه] މި ސިލްސިލާގެ ޕްރޮގްރާމުތައް ދިވެހިބަހަށް ތަރުޖަމާކޮށްދެއްވާފައިވަނީވެސް އިބްރާހީމް ރަޝީދު މޫސާއެވެ. ހަމައެޔާއެކު، ރަމަޟާންމަސް އިޙުޔާކުރުމުގެ ޕްރޮގްރާމުތައް، އެންމެ ފުރަތަމަ ފެށިގެން އައިއިރު، އެ ޕްރޮގްރާމުގައި ބޭރުގެ ދީނީ ޢިލްމުވެރިން ޢަރަބިބަހުން ދެއްވަމުން ގެންދެވި ދީނީ ދަރުސްތައް، ވަގުތުން ދިވެހިބަހަށް ތަރުޖަމާ ކޮށްދެއްވައި، އަދި ރަމަޟާންމަހު ކޮންމެ ދުވަހަކު ހަވީރު މިސްކިތްތަކުގައި ހިންގަވާ ދަރުސް ޕްރޮގްރާމުތައް ތަރުޖަމާ ކޮށްދެއްވުމުގައިވެސް މުހިންމު ދައުރެއް ވަނީ އަދާކުރައްވާފައެވެ. 

މިހާތަނަށް އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ 10 ފޮތެއް ތަރުޖަމާ ކުރައްވައި، ޝާއިޢު ކުރައްވާފައިވެއެވެ. އޭނާ ތަޞްނީފް ކުރައްވައި ޝާއިޢު ކުރެއްވި ފޮތްތަކުގެ ޢަދަދު، 40 އަށްވުރެ ގިނައެވެ. ތަރުޖަމާ ކުރައްވާފައިވާ ފޮތްތަކުގެ ތެރޭގައި [އިސްލާމުދީނުގައި ޢާއިލާ އެކަށައެޅުން] ފާހަގަކުރެވެއެވެ. އެއީ، އާބާދީ އިތުރުވުމާއި، ދަރިމައިވުމުގެ މައްސަލަތަކާ ބެހޭގޮތުން އިސްލާމުދީނުގައިވާ ހަރުދަނާ އުޞޫލުތަކާއި، މައިގަނޑު ހަމަތައް ބަޔާންކޮށްދޭ ފޮތެކެވެ. ތަރުޖަމާ ކުރައްވާފައިވާ ފޮތްތަކުގެ ތެރޭގައި ފާހަގަކޮށްލެވޭ ދެވަނަ ފޮތަކީ [ކުޑަކުދީންނާއި އިސްލާމްދީން] އެވެ. ތަރުޖަމާ ކުރައްވާފައިވާ ފޮތްތަކުގެ ތެރެއިން  ފާހަގަކޮށްލަންޖެހޭ ފޮތްތަކުގެ ތެރޭގައި  [ދުޢާއުލްމުސްލިމް] ފޮތާއި [މުއުމިނުންގެ ކިއްލާ] ހިމެނެއެވެ. 

  އިބްރާހީމު ރަޝީދު މޫސާ ތަޞްނީފު ކުރައްވައި ޝާއިޢު ކުރައްވާފައިވާ ފޮތްތަކުގެ ތެރޭގައި ހިމެނޭ ގިނަ ފޮތްތަކަކީ، މަތީ ތަޢުލީމުގެ ދަރިވަރުންގެ ކޯސްތަކަށް އަމާޒު ކުރައްވައި ލިޔުއްވާފައިވާ ފޮތްތަކެކެވެ. އޭގެ ތެރޭގައި ތަރިކަ މުދަލާއި މީރާޘު ޢިލްމާ ބެހޭގޮތުން ލިޔުއްވި ތިން ފޮތެއް ހިމެނެއެވެ. އަދި ދީނީ ކަންތައްތަކުގައި ހައްދުފަހަނަޅައިދިޔުމާ ބެހޭގޮތުންނާއި، އިސްލާމުދީނުގައި ކަނޑައަޅުއްވާފައިވާ ޙައްދުތަކާ ބެހޭގޮތުންނާއި، ޖިނާއީ ފިޤްހާ ބެހޭގޮތުންނާއި، ޒަމާނީ ފިޤްހީ މައްސަލަތަކާ ބެހޭގޮތުންނާއި، ކީރިތި ޤުރްއާނުގެ ޢިލްމީ މުޢުޖިޒާތާ ބެހޭގޮތުންނާއި، އިސްލާމީ ޢުލޫމާއި ޙަޟާރަތާއި ރަށްވެހިކަމާ ބެހޭގޮތުން ލިޔުއްވާފައިވާ ފޮތްތައް ހިމެނެއެވެ.

ޢާންމު ރައްޔިތުންނަށް އަމާޒު ކުރައްވައި ލިޔުއްވާފައިވާ ފޮތްތަކުގެ ތެރޭގައި މަސްތުވާތަކެއްޗާ ބެހޭގޮތުން ލިޔުއްވާފައިވާ ފޮތް [ދުނިޔެއަށް ފެތުރެމުންދާ ބޮޑު ރޯގާ]  [މަސްތުވާ ތަކެތި] ރަމަޟާންމަހާ ބެހޭގޮތުން ލިޔުއްވައިފައިވާ ފޮތް [ރަމަޟާން ވެހި]، ﷲ ތަޢާލާގެ އިސްމުފުޅުތަކުގެ މާނައާއި މާތްކަމާއި އެ އިސްމުފުޅުތަކުން ދުޢާ ކުރާނެގޮތް ބަޔާންކޮށް ދެއްވައި ލިޔުއްވައިފައިވާ  [އޮނަސައްތަ އިސްމުފުޅު] ފާހަގަކުރެވެއެވެ. ފަހަކަށްއައިސް އަޅުގަނޑުމެންނަށް އިވެމުންދާ ބައެއް ހުކުރު ޚުޠުބާތަކަކީވެސް، އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ އެކުލަވައިލައްވާފައިވާ ޚުޠުބާތަކެކެވެ. 

އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަށް މީގެކުރިން ވަނީ ހިތްވަރު ދިނުމުގެ ޤައުމީ ތިން އިނާމެއް ލިބިވަޑައިގެންފައެވެ. އެއީ ނޫސްވެރިކަމުގެ ރޮނގުން 1983 ވަނަ އަހަރު، ދިވެހިބަހަށް ތަރުޖަމާ ކުރެއްވުމުގެ ރޮނގުން 1985 ވަނަ އަހަރު އަދި ދިވެހިބަހުގެ ލިޔުންތެރިކަމުގެ ރޮނގުން 2004 ވަނަ އަހަރު ލިބިވަޑައިގެންނެވި އިނާމެވެ. 

އިސްލާމްދީން އުނގަންނައިދިނުމާއި، ދީނީ ރޮނގުން ހޭލުންތެރިކަން އިތުރުކުރުމާއި، ދީނީ ފޮތް ލިޔެ އެކުލަވައިލުމާއި ޝާއިޢު ކުރުމުގެ ރޮނގުން ޤައުމަށް މި ކޮށްދެއްވާ ޚިދުމަތުން ދުރަށް ވަޑައިގަތުމުގެ އެއްވެސް ވިސްނުންފުޅެއް އިބްރާހީމް ރަޝީދު މޫސާގެ ނެތްކަން އެއީ، ދީނީ ރޮނގުން ރައްޔިތުން ބިނާކުރައްވައި ހޭލުންތެރިކުރެއްވުމަށް އޭނާގެ ހިތްޕުޅުގައި އޮތް ޝައުޤުވެރިކަމުގެ ބޮޑުކަމެވެ.