އަލްފާޟިލާ އާމިނަތު ޢައްބާސް
ގ.ޢައްބާސާ

      އާމިނަތު ޢައްބާހަކީ، ޅެން ހެއްދެވުމަށް ވަރަށް ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅެކެވެ. މިގޮތުން، ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރުކަޒުން ހިންގަވަމުން ގެންދަވާ ޅެންވެރިކަމުގެ ހުނަރުވެރިކަން ދަސްކޮށްދޭ 5 ކޯހަކާއި، ދިވެހި ނާދީއާއި، ދިވެހިނާދީގެ އަތޮޅުގޮފިތަކާ ގުޅިގެން އަތޮޅުތަކުގަޔާއި މާލޭގައި ޅެންވެރިކަމުގެ ހުނަރުވެރިކަން ދަސްކޮށްދޭ 6 ކޯހެއް ވިލަރެސްކުރައްވައި މަޢުލޫމާތު ދެއްވާފައިވެއެވެ. އަދި ޅެންހެދުމުގެ ބައެއް މުބާރާތްތަކާއި، ލަވަ މުބަރާތްތަކާއި، ފިލްމު ފެސްޓިވަލުގެ ޅެމާއި ލަވައިގެ ފެންވަރު ބެއްލެވުމާއި، އިންޞާފު ކޮށްދެއްވުމުގެ މަސައްކަތްވެސް ކޮށްދެއްވާފައިވެއެވެ. 

      އާމިނަތު ޢައްބާހަށް ލިބިވަޑައިގެންފައިވާ ކާމިޔާބީތަކުގެ ތެރޭގައި، ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރްކަޒުން 9 ވަނަ ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި، ކުޑަކުދިންގެ ޅެންފޮތް އެކުލަވައިލުމުގެ މުބާރާތުން 1 ވަނަ ލިބިވަޑައިގެންފައިވުމާއި، އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުން 1996 ވަނަ އަހަރު ބޭއްވެވި ދީނީ ޅެންހެދުމުގެ މުބާރާތުން 1 ވަނަ ލިބިވަޑައިގެންފައިވުމާއި، ޤައުމީ ޅެންހެދުމުގެ މުބާރާތްތަކުން މަތީ ވަނަތައް ހާސިލުކުރެއްވުން ހިމެނެއެވެ.