އަލްމަރްޙޫމް މައިޒާން ޙަސަން މަނިކުގެ ހަނދާނަށް

           އަލްމަރްޙޫމް މައިޒާން ޙަސަންމަނިކަކީ، ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމުގެ ގޮތުންނާއި، މަސްވެރިކަމުގެ ތަޢުލީމު އުނގަންނައިދެއްވުމުގައްޔާއި، މަސްވެރިކަމުގެ މަޢުލޫމާތު ދެއްވުމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ފަހަކަށްއައިސް ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށް ޤައުމީ ފެންވަރުގައި  ރޭއްވެވި ގިނަ މަޝްރޫޢުތަކުގަޔާއި، މަސްވެރިކަމާބެހޭ ދިރާސާތައް ކުރެއްވުމުގަޔާއި، މަސްވެރިކަމުގެ ޙާލަތު ރަނގަޅު ކުރުމުގެ ގޮތުން ސަރުކާރުން ހިންގާފައިވާ ގިނަ މަޝްރޫޢުތަކަށް ލަފާދެއްވުމުގައި، ޢަމަލީގޮތުން ޙަސަންމަނިކު ބައިވެރިވެވަޑައިގެންފައިވެއެވެ.

       ސައިންޓިފިކް ރޮނގުތަކުން މަސްވެރިކަމާއި، ކަނޑުގެ މާޙައުލާބެހޭ ދިރާސާތައް ރާއްޖޭގައި ފެށްޓެވުމުގެ ގޮތުން 1984 ވަނަ އަހަރު ސަރުކާރުން އުފެއްދެވި މެރީން ރިސާރޗް ސެކްޝަން އުފެއްދެވުމުގަޔާއި، މިތަން ވަކި ސެންޓަރެއްގެ ގޮތުގައި ހިންގެވުމުގެ ގޮތުން މެރީން ރިސާރޗް ސެންޓަރުގެ ނަމުގައި ހިންގަވަން ފެށްޓެވުމުގައި ޚާއްޞަ މަސައްކަތްތަކެއް ޙަސަންމަނިކު ކޮށްދެއްވާފައިވެއެވެ.

      މަސްވެރިކަމުގެ ރޮނގުން ޚިދްމަތް ކޮށްދެއްވާފައިވާތީ، މިނިވަން 25ގެ ޢާންމު ޚިދްމަތުގެ އިނާމާއި، މަސްވެރިކަމުގެ މަޢުލޫމާތު ޢާންމުކުރުމުގައި ކުރައްވާފައިވާ އަގުހުރި ޚިދްމަތްތައް ފާހަގަކޮށް، މަސްވެރިންގެ ދުވަހު ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު ޙަސަން މަނިކަށް ލިބިވަޑައިގެންފައިވެއެވެ.