އަލްފާޟިލް ސަޢީދު ޢަލީފުޅު
ބ.ދަރަވަންދޫ/މިޔުނިކް

 

އަލްފާޟިލް ސަޢީދު ޢަލިފުޅަކީ، ރާއްޖޭގެ ޅެންވެރިންގެ ތެރޭގައި އެންމެ ކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ ކުޅަދާނަ ޝާޢިރެކެވެ. ސަޢީދު ޢަލިފުޅުގެ ޢާއިލާގެ ބޭފުޅުންނަކީ، ޅެންވެރިކަމަށް ވަރަށް ލޯބިކުރައްވާ އަދި އެރޮނގުން ޚިދްމަތްތަކެއް ކުރައްވާފައިވާ ބޭފުޅުން ކަމަށްވުމާއެކު، ސަޢީދު ޢަލިފުޅުގެ ހިތްޕުޅުގައިވެސް ވަރަށް ތުއްޕުޅުއިރު ޅެންވެރިކަމުގެ ޝައުޤުވެރިކަން އުފެދިގެންދިޔައެވެ.  އޭނާގެ ލޮބުވެތި ބައްޕަ އަލްމަރްޙޫމް ޢަލީ މުޙައްމަދު ކަލޭފާނަކީ ވަރަށް މޮޅަށް ރައިވަރު ހައްދަވައި، މިރޮނގުން މުޅި އަތޮޅަށްވެސް މަޝްހޫރު ބޭފުޅެކެވެ. ސަޢީދު ޢަލިފުޅުގެ ލޮބުވެތި ބޭބެ އަލްމަރްޙޫމް ޔޫސުފް ޢަލިފުޅަކީވެސް ގިނަ ރައިވަރުތަކަކާއި ގިނަ ޅެންތަކެއް ހަދިޔާކުރައްވާފައިވާ މަޝްހޫރު ޅެންވެރިއެކެވެ.
 
ސަޢީދު ޢަލިފުޅު ތަފާތު އެތައް މައުޟޫޢަކަށް ވަނީ ޅެން ހައްދަވާފައެވެ. އަދަބީ، ޢިލްމީ، އަޚްލާޤީ، ޢިޝްޤީ އަދި މަންޒަރު ސިފަކުރެއްވުމުގެ ރޮނގުން ހައްދަވާފައިވާ ޅެންތައް ފާހަގަކޮށްލެވެއެވެ. ހަމައެއާއެކު، ސަޢީދު ޢަލިފުޅަކީ، ތަފާތު ގޮތްގޮތަށް ޅެން ހައްދަވައި، އެކަށީގެންވާ ރަނގަޅު ފެންވަރަކަށް ޅެންވެރިކަން ކުރިއަށް ގެންދަވާފައިވާ ބޭފުޅެކެވެ. ކުއްލި މައުޟޫޢަށް ޅެން ހެދުމަކީ ކޮންމެ ކޮންމެ މީހަކަށް ފަސޭހަކަމަކަށް ނުވެއެވެ.  ނަމަވެސް ސަޢީދު ޢަލީފުޅަކީ، ވަރަށް ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެކި މައުޟޫޢުތަކަށް ޅެން ހައްދަވާ ބޭފުޅެކެވެ. މިއީ ސަޢީދު ޢަލިފުޅަށް މާތްﷲ ދެއްވާފައިވާ މުހިންމު ހުނަރެއްކަން އޭނާ އަބަދުވެސް ގަބޫލުފުޅު ކުރައްވައެވެ.
 
1986 ވަނަ އަހަރު އަދަބީ ޖަމްޢިއްޔާތަކަށް ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރްކަޒުން ހުޅުވާލި ޅެން ހެދުމުގެ މުބާރާތުން ސަޢީދު ޢަލީފުޅު 1 ވަނަ ހޯއްދެވިއެވެ. އަދި 1989 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު ފާހަގަކުރެވުނު ރާއްޖޭގެ ފުރަތަމަ ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ވަގުތުން ޅެން ހެދުމުގެ މުބާރާތުންވެސް ސަޢީދު ޢަލީފުޅު 1 ވަނަ ހޯއްދެވިއެވެ. [ފަޚުރުވެރި މާޒީ] މި މައުޟޫޢަށް 9 ބައިތުގެ ޅެމެއް ހައްދަވައި ނިންމަވާފައިވަނީ ވަރަށް ކުޑަވަގުތުކޮޅެއްގެ ތެރޭގައެވެ. އަދި ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރްކަޒުން ބާއްވަވަމުން ގެންދެވި ދިވެހިރާއްޖޭގެ ޅެން ހެދުމުގެ މުބާރާތުގެ ޅެމާއި ބަނދީގެ ބައިން އެކިއަހަރު އެކިވަނަތައް ސަޢީދު އަލިފުޅުވަނީ ޙާޞިލު ކުރައްވާފައެވެ. މީގެއިތުރުން ހިޖުރައިން 1423 ވަނަ އަހަރު ރަމަޟާންމަހު ޓީ.ވީ މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބޭއްވި ދީނީ ޅެން ހެދުމުގެ މުބާރާތުންވެސް، ސަޢީދު ޢަލިފުޅު 1 ވަނަ ހޯއްދަވާފައިވެއެވެ.
 
ސަޢީދު ޢަލިފުޅުގެ ގިނަ ޅެންތަކަކީ، އަޅުގަނޑުމެންގެ ތެރެއަށްވެސް މަޝްހޫރު ޅެންތަކެކެވެ. އޭގެތެރެއިންވެސް އަލްމަރްޙޫމާ ޖޭމު ދޮންކަމަނަ ވިދާޅުވެފައިވާ [ދަނޑަށް ދަނޑަށް ދާންދެން ހިނގާ] މި ލަވައާއި، [ބިންބި މޫސުން މިއައީ ހިތުން ނުފިލާހާ އުފަލުން] މި ލަވައަކީ، ސަޢީދު ޢަލިފުޅުގެ ޅެންވެރިކަމުގެ ހާރުގެ ތެރެއިން ދެ ހާރެކެވެ.
 
ސަޢީދު ޢަލިފުޅު މިހާތަނަށް ވަރަށްގިނަ ޅެން ފޮތްތައްވެސް ނެރުއްވާފައިވެއެވެ. މިގޮތުން، ނެރުއްވި ޅެންފޮތްތަކުގެ ތެރޭގައި [ކުރިމަގު]، [ޙަޔާތުގެ ފިކުރު] ހިމެނެއެވެ. އަދި [ޤައުމީ މަސްރަޙު 1] މި ފޮތް މިހާރުވަނީ ޗާޕަށް ދެއްވާފައެވެ. ސަޢީދު ޢަލިފުޅުގެ  ޅެންފޮތްތަކުގެ ތެރެއިން [އަދަބީ ޚަޒާނާ] އާއި، [ބައިތުބާޒީ ފޯރި] މި ދެފޮތް ނެރުއްވުމަށް ދިވެހިބަހުގެ އެކެޑެމީއާވަނީ ޙަވާލުކުރައްވާފައެވެ. އަދި [ބުރުސޫރަ 1] [ކުރިމަގު 2] އަދި [ޙަޔާތުގެ ފިކުރު 2] މި ޅެންފޮތްތައް ލިޔުއްވައި މިހާރުވަނީ، ފާސްކުރައްވަން ހުށަހަޅުއްވާފައެވެ.
 
ސަޢީދު ޢަލިފުޅުގެ ޅެންތައް އެކިއެކި ނޫސްތަކުގަޔާއި، އެކި މަޖައްލާތަކުގައިވަނީ ޝާއިޢު ކުރެވިފައެވެ. މިގޮތުން [ސަރުކާރުގެ ޚަބަރު] [މޫންލައިޓް] [ފަތްތޫރަ] [ރަސްއައިން] [އަލްމިންބަރު] [ދީނުގެ މަގުގެ އަހަރީ ނަންބަރު] [ޅެންވެރިންގެ އައްސޭރި] [ޢިލްމީ އޮއިވަރު] އަދި [ޅެންވެރިޔާ] ފަދަ މަޖައްލާތަކުގައި ޅެންތައްވަނީ ޝާއިޢު ކުރެވިފައެވެ.
 
ދިވެހި ނާދީގެ ބ.އަތޮޅު ގޮފީގެ ފަރާތުން އަތޮޅުގައި ހިންގި ޅެންހަދަން ދަސްކޮށްދޭ ކޯހުގައި ސަޢީދު ޢަލީފުޅުވަނީ ކިޔަވައިދެއްވާފައެވެ. އަދި ބ.އަތޮޅު މަދަރުސާގެ ނާޒިރަކަށް ސަޢީދު ޢަލިފުޅު ހުންނެވި ދުވަސްވަރު، އެ މަދަރުސާގެ މަތީ ކްލާސްތަކުގެ ދަރިވަރުންނަށް ޅެންހަދަން ދަސްކޮށްދެއްވާފައިވެއެވެ.  
 
ސަޢީދު ޢަލިފުޅަކީ، ސަރުކާރަށްވެސް ދިގު މުއްދަތެއްގައި ޚިދްމަތް ކުރައްވާފައިވާ، ދެވަނަ ޕެންޝަން ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ބ.ތުޅާދޫ ކަތީބުކަމާއި، ކަމަދޫ ކުޑަކަތީބުކަމާއި، ދަރަވަންދޫ ކުޑަޚަޠީބުކަމާއި، ދަރަވަންދޫ ކަތީބުކަމާއި، ރާއްޖެތެރޭގެ ޚާއްޞަ އެހީތެރިކަން ކުރައްވާފައިވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ބ.އަތޮޅު މެންބަރުކަމާއި، ބ.އަތޮޅު އަތޮޅު ކޮމިޓީގެ މެންބަރުކަންވެސް ސަޢީދު ޢަލީފުޅު ކުރައްވާފައިވެއެވެ.

         ޅެންވެރިކަމުގެ ރޮނގުން ޢާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމު، 1990 ވަނަ އަހަރު ސަޢީދު ޢަލިފުޅަށް ވަނީ ލިބިވަޑައިގެންފައެވެ.